[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަރްޘަދު ބުން އަބީ މަރްޘަދު رضي الله عنه

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

މަރްޘަދު ބުން އަބީ މަރްޘަދު އަލްޣަނަވީއާއި އެކަލޭގެފާނުގެ ބައްޕާފުޅު – رضي الله عنهما – އަކީ ދެ ޞަޙާބީބޭކަލުންނެވެ. [1]

އެކަލޭގެފާނުގެ ވާހަކައަކީ އަދުގެ ޒުވާނުންނަށް ޢިބުރަތުން ފުރިގެންވާ ވާހަކައެކެވެ.

 

މައްކާގެ މުޝްރިކުން އަސީރުކޮށް އަނިޔާކުރަމުންދާ މުސްލިމުން އެބައިމީހުންގެ ކިބައިން މިނިވަންކޮށް މަދީނާއަށް ގެންގޮސްދިނުމުގައި މަރްޘަދު رضي الله عنه އުޅުއްވިއެވެ. އެގޮތުން ހަނދުވަރުދޭ ރެއަކު އަސީރަކު މިނިވަންކުރުމަށްޓަކައި، އެކަލޭގެފާނު ސިއްރިއްޔާތުގައި މައްކާއަށް ވަދެވަޑައިގަތެވެ. އަދި މައްކާގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއްގެ ކައިރިން ޢަނާޤު ކިޔާ އަންހެނަކާ ބައްދަލުވިއެވެ. އެއީ ޒިނޭކޮށްއުޅޭ އަންހެނެކެވެ. ނަމަވެސް އެއީ މަރްޘަދު رضي الله عنه އިސްލާމުވެވަޑައިގެންނެވުމުގެ ކުރިން ދެނެވަޑައިގަންނަވާ ރައްޓެއްސެކެވެ.

ޢަނާޤަށް އެކަލޭގެފާނު ފެނުމުން އެއީ އެކަލޭގެފާނުކަން އެނގިގެން ސުވާލުކުރިއެވެ. “ތިޔައީ މަރްޘަދު ހެއްޔެވެ؟” އެކަލޭގެފާނު ވިދާޅުވިއެވެ. “މިއީ މަރްޘަދެވެ.” ދެން އޭނާ އެކަލޭގެފާނަށް މަރުހަބާ ކިޔާ އެބައިމީހުންނާއެކު އެރޭ ހޭދަކުރުމަށް ދަޢުވަތުދިނެވެ. ނަމަވެސް މަރްޘަދު ވިދާޅުވިއެވެ. “އޭ ޢަނާޤެވެ! ﷲ ތަޢާލާވަނީ ޒިނޭކުރުން ޙަރާމްކުރައްވާފައެވެ!” ދެން އެކަމާ ހިތްހަމަނުޖެހި އޭނާ ހަރުއަޑުން ގޮވަން ފެށިއެވެ. “އޭ ފޭލިގެތަކުގެ އަހުލުވެރީންނެވެ! މިހިރަ މީހާ ތިޔަބައިމީހުންގެ އަސީރުން ގެންދަނީއެވެ!”

ދެން އެތަނުގައި ތިބި މީހުންގެ ތެރެއިން އަށް މީހުން މަރްޘަދު رضي الله عنه ގެ ފަހަތުން އެކަލޭގެފާނު އަތުލައިގަތުމަށް ދިޔައެވެ. އެކަލޭގެފާނު ދުވެވަޑައިގެން އެތަނުގެ ކައިރީގައި ހުރި “އަލްޚަންދަމާ”އޭ ކިޔާ ފަރުބަދައިގެ ހޮހޮޅައަކަށް ވެދެވަޑައިގެންނެވިއެވެ. އެބައިމީހުން އެކަލޭގެފާނު ހޯދަމުން އައިސް އެކަލޭގެފާނުގެ ބޮލާހަމައިގައި ހުއްޓި ތިއްބެވެ. ނަމަވެސް އެބައިމީހުންނަށް އެކަލޭގެފާނެއް ނުފެނުނެވެ. ފަހެ ﷲ ތަޢާލާ އެބައިމީހުންގެ ލޯތަކަށް އެކަލޭގެފާނު ވަންހަނާކުރެއްވީއެވެ. އަދި އެއިލާހު އެބައިމީހުންގެ ކިބައިން އެކަލޭގެފާނު ރައްކާތެރިކޮށްދެއްވިއެވެ.

އެބައިމީހުންނަށް އެކަލޭގެފާނު ނުފެނުމުން އެނބުރި ދިޔައެވެ. ދެން އަނެއްކާވެސް މަރްޘަދު رضي الله عنه މައްކާއަށް ވަދެވަޑައިގެން އެކަލޭގެފާނު މިނިވަންކުރައްވަން އުޅުއްވި އަސީރުގެ ގާތަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު އެ އަސީރު އުފުލައިގެން “އަލްއިޛްޚިރު”އޭ ކިޔާ ހިސާބަށް ވަޑައިގެންނެވިއެވެ. އެއީ ބަރު މީހެކެވެ. ދެން އެތަނުގައި މަޑުކުރައްވާ އޭނާ ބަނދެފައިވާ ކަސްތޮޅުތައް ނައްޓައިލެއްވިއެވެ. އަދި މަދީނާއާ ހަމައަށް ވަޑައިގެންނެވެންދެން އޭނާ އުފުލިއެވެ. އެކަންވީ އެކަލޭގެފާނަށް ނުހަނު ބުރަ، އުނދަގޫ ކަމަކަށެވެ. ދަތުރުގެ ބުރަކަމާއެކުވެސް، މައްކާގައި އެކަލޭގެފާނާ ބައްދަލުވި ޢަނާޤުގެ މަތިން އެކަލޭގެފާނު ހަނދާނެއް ނުނެތެއެވެ.

އެހެންކަމުން އެކަލޭގެފާނު ރަސޫލުﷲ صلى الله عليه وسلم ގެ އަރިހަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. ތިމަންކަލޭގެފާނު ޢަނާޤުއާ ކައިވެނި ކުރަން ހެއްޔެވެ؟” ނަމަވެސް އެކަލޭގެފާނު އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ. އަނެއްކާވެސް ދެވަނަ ފަހަރު އެ ސުވާލު ތަކުރާރުކުރެއްވުމުންވެސް ރަސޫލުﷲ صلى الله عليه وسلم އެއްވެސް އެއްޗެއް ވިދާޅުނުވެއެވެ.

ދެން ފަހެ، ﷲ ތަޢާލާ އަންނަނިވި އާޔަތް ބާވައިލެއްވިއެވެ. [2]

﴿الزَّانِي لَا يَنكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ ۚ وَحُرِّمَ ذَٰلِكَ عَلَى الْمُؤْمِنِينَ﴾ [سورة النور: ٣]

މާނައީ: “ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ ނުވަތަ ޝިރުކުކުރާ އަންހެނަކާ ނޫނީ ކައިވެނި ނުކުރާނެއެވެ.  އަދި ޒިނޭކުރާ އަންހެނާ (ދަންނައެވެ!) ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝިރުކުކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ކައިވެނި ނުކުރާނެއެވެ. އަދި މުއުމިނުންގެ މައްޗަށް އެކަން ޙަރާމްކުރައްވާފައި ވެއެވެ.”

ދެން ފަހެ، ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

«يَا مَرْثَدُ الزَّانِي لَا يَنْكِحُ إِلَّا زَانِيَةً أَوْ مُشْرِكَةً وَالزَّانِيَةُ لَا يَنْكِحُهَا إِلَّا زَانٍ أَوْ مُشْرِكٌ، فَلَا تَنْكِحْهَا» [رواه الترمذي (3177) و صححه الألباني في إرواء الغليل (1886)]

މާނައީ: “އޭ މަރްޘަދުއެވެ. ޒިނޭކުރާ ފިރިހެނާ، ޒިނޭކުރާ އަންހެނަކާ ނުވަތަ ޝިރުކުކުރާ އަންހެނަކާ ނޫނީ ކައިވެނި ނުކުރާނެއެވެ. އަދި ޒިނޭކުރާ އަންހެނާ (ދަންނައެވެ!) ޒިނޭކުރާ ފިރިހެނަކު ނުވަތަ ޝިރުކުކުރާ ފިރިހެނަކު ނޫނީ އެކަނބުލޭގެއަކާ ކައިވެނި ނުކުރާނެއެވެ. ފަހެ އޭނާއާއި ކައިވެނި ނުކުރާށެވެ.” 

 

މަރްޘަދު رضي الله عنه އީމާންކަމުގެ ވަރުގަދަކަމާއި އެކަލޭގެފާނުގެ ޘާބިތުކަން މިވާހަކައިން އެނގި ހާމަވެގެން ދެއެވެ. އިސްލާމުވެވަޑައިގެންނެވުމުގެ ކުރިން އެކަލޭގެފާނު ދެނިވަޑައިގަންނަވާ އަދި އެކުވެރިކަން އޮތް އަންހެނަކު، ﷲ ތަޢާލާ ޙަރާމުކުރައްވާފައިވާ ފާޙިޝް ޢަމަލަކަށް ދަޢުވަތު ދިނުމުން އެކަމަށް އިންކާރުކުރެއްވީ އެއްވެސް ޖެހިލުމެއް ނެތިއެވެ. މައްކާގެ މުޝްރިކުން، މުސްލިމުންނަށް ކުރަމުންދާ ގޯނާތައް ގާތުން ފެނިވަޑައިގެންފައިވާ ޙާލުވެސް ޘާބިތުކަމާއެކު އެކަލޭގެފާނުގެ ހިތުގައި ބިންވަޅުނެގިފައިވާ އީމާންކަން ފާޅުކުރެއްވިއެވެ. އޭގެ ސަބަބުން މައްކާގެ މުޝްރިކުންގެ ކިބައިން ﷲ ތަޢާލާ އެކަލޭގެފާނު ހިމާޔަތްކުރައްވައި ރައްކާތެރިކޮށްދެއްވިއެވެ.

އެ އަންހެންމީހާގެ ދަޢުވަތަށް އިޖާބަ ނުދިނުމުން، އަސީރުން މިނިވަންކޮށްދޭ މީހަކީ އެކަލޭގެފާނުކަން އޭނާ ވަގުތުން މައްކާގެ މުޝްރިކުންނަށް އިޢުލާނުކުރިއެވެ. އެކަމުން އެނގިގެންދަނީ އެ އަންހެންމީހާގެ ހިތުގައި އިސްލާމްދީނާމެދު އޮތް ނަފުރަތާއި ރުޅިވެރިކަމެވެ. އެއާއެކުގައިވެސް މަރްޘަދު رضي الله عنه އެދިވަޑައިގެންނެވީ އެ އަންހެންމީހާއާ ކައިވެނި ބައްލަވައިގަންނަވާށެވެ. ނަމަވެސް އެކަލޭގެފާނުގެ ނަފްސުގެ އެދުމަށް ގޮތެއް ނިންމެވުމުގެ ކުރިން ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުން އިޛުނަ ހޯއްދެވުމަށް ބޭނުންފުޅުވެވަޑައިގެންނެވިއެވެ. އަދި ރަސޫލުﷲ صلى الله عليه وسلم ﷲ ތަޢާލާގެ ވަޙީބަސްފުޅު ކިޔައިދެއްވުމުން، މަރްޘަދު رضي الله عنه އެ ބަސްފުޅު އަޑުއަހާ އެއަށް ކިޔަމަންވެވަޑައިގެންނެވިއެވެ. އެކަމާމެދު އެކަލޭގެފާނު ޝަކުވާކޮށް، ބަހަނާ ނުދައްކަވައެވެ. ހަވާނަފްސުގެ މައްޗަށް އެކަލޭގެފާނު އިސްކުރެއްވީ ﷲ ތަޢާލާގެ އަމުރުފުޅެވެ.

އެއަށްފަހުގައި އެކަލޭގެފާނު ވެވަޑައިގެންނެވީ ﷲ ތަޢާލާގެ ދީނަށް ނަޞްރުދީ، އެ ދީނުގެ ދިފާޢުގައި ޖިހާދުކުރެއްވި ހިތްވަރުގަދަ މުޖާހިދަކަށެވެ. އެގޮތުން އެކަލޭގެފާނު ބަދުރު ހަނގުރާމައާއި އުޙުދު ހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ޝަހީދުވީ ހިޖުރައިން 4 ވަނަ އަހަރު ހިނގާދިޔަ ރަޖީޢުގެ ޙާދިޘާގައެވެ. [3]

_______________________________________

[1]  ބައްލަވާ: الاستيعاب في معرفة الأصحاب لابن عبد البر (3 / 1383).

[2] ބައްލަވާ: سنن الترمذي (3177)

[3]  ބައްލަވާ: الاستيعاب في معرفة الأصحاب لابن عبد البر (3 / 1383).