[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަޙުމަތުގެ ނަބިއްޔާއަށް އެކަލޭގެފާނުގެ ޞަޙާބީން ލޯބިކޮށް ތަބާވި ގޮތް – 1

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އެންމެ ބޮޑަށް ލޯބިކުރި އެއް ޞަޙާބީ އަކީ އަބޫބަކުރު ރަޟިޔަﷲ ޢަންހު އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި މެދު އެންމެ އީމާންކަން ވަރުގަދަ ބޭކަލަކީވެސް އަބޫބަކުރުގެފާނެވެ. އަބޫބަކުރުގެފާނުގެ އީމާންކަމުގެ މަތިވެރި ކަމާއި، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އޮންނަ ލޯބީގެ ވަރުގަދަކަން ތަފާތު އެކި ހާދިޘާ ތަކުން ހާމަވެގެން ގޮސްފައި ވެއެވެ.

އޭގެތެރޭގައި: އަބޫ ޖަޢުފަރު އަޙުމަދު ބިން ޢަބްދުﷲ ބިން މުޙައްމަދު އައްޠަބަރީ ގެ [ އައްރިޔާޟުއްނަޟްރަތު ފީ މަނާޤިބިލް ޢަޝަރަތު ] ގައި ގެންނަވާފައި ވެއެވެ. ( އުއްމު ސަލަމާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ގާތް އެކުވެރިއެއް ކަމުގައި އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލުކަމާއިގެން ފޮނުއްވުނު ޚަބަރު ލިބުމުން، ޤުރައިޝުންގެ ފިރިހެނުންތައް، އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ އަރިހަށް ދިޔައެވެ. އަދި ބުންޏެވެ. އޭ އަބޫބަކުރެވެ. ކަލޭގެފާނުގެ އެކުވެރިޔާ މޮޔަވެއްޖެއެވެ. އަބޫބަކުރު ގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނުގެ ކަންތައް ކިހިނެއްވީހެއްޔެވެ. އެމީހުން ބުންޏެވެ. އެކަލޭގެފާނު ނަބީކަމަށް ދަޢުވާކޮށް، ހަމައެކަނި އެއްމެ އިލާހަކަށް އަޅުކަން ކުރުމަށް ގޮވާލަނީއެވެ. އަބޫބަކުރުގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ހަމަ އެހެން އެބަ ވިދާޅުވޭތޯއެވެ. އެމީހުން ބުންޏެވެ. އާނއެކެވެ. އެކަލޭގެފާނު އެތާ މިސްކިތުގައި އެބަ އިންނެވިއެވެ. ދެން އަބޫބަކުރުގެފާނު ވަޑައިގެން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި ބައްދަލުކޮށް ވިދާޅުވިއެވެ. އޭ އަބުލް ޤާސިމް އެވެ. (އަބްލް ޤާސިމް އަކީ ރަސޫލުﷲ ގެފާނުގެ ކުންޔާއެވެ.) ކަލޭގެފާނާއި ބެހޭގޮތުން ތިމަންނައާއި ހަމައަށް މިއައީ ކޮންވާހަކައެއްތޯއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ.( ތިމަންކަލޭގެފާނާއި ބެހޭގޮތުން ކަލޭގެފާނަށް އިވުނީ ކޮންވާހަކައެއްތޯއެވެ.) އަބޫބަކުރުގެފާނު ވިދާޅުވިއެވެ. ކަލޭގެފާނު ﷲ ގެ އެއްކައުވަންތަކަމަށް ގޮވާލައި، ކަލޭގެފާނަކީ ނަބީބޭކަލެއް ކަމަށް ބުނެވޭ ވާހަކައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެ. (އޭ އަބޫބަކުރެވެ. ތިއީ ތެދެކެވެ. ތިމަންކަލޭގެފާނަކީ އުފާވެރިކަމުގެ ޚަބަރުދެއްވާ އަދި ބިރުވެރިކަމުގެ ޚަބަރުން އިންޒާރުދެއްވާ ބޭކަލެއްކަމުގައި އަދި އިބްރާހީޢަލައިހިއްސަލާމްގެ ދަޢުވަތަޢް ގޮވާލާ ބޭކަލެއްކަމުގައި ﷲ ތަޢާލާ ތިމަންކަލޭގެފާނު ލައްވައިފިއެވެ. އަދި މުޅި އެންމެހައި މީސްތަކުންގެ ގާތަށް ރަސޫލެއްކަމުގައި ތިމަންކަލޭގެފާނު ފޮނުއްވައިފިއެވެ.) އަބޫބަކުރުގެފާނު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ވިދާޅުވިއެވެ. ﷲ ގަންދީ ބުނަމެވެ. ކަލޭގެފާނުގެ ކިބައިން، ތިމަން ދުވަހަކުވެސް ދޮގެއް ތަޖުރިބާ ނުކުރަމެވެ. ކަލޭގެފާނުގެ އަމާނާތްތެރިކަމުގެ މަތިވެރިކަމާއި، ކަލޭގެފާނަކީ ރަޙިމުގެ ގުޅުން ކަނޑާލާ ބޭކަލެއްކަމުގައި ނުވުމާއި، ކަލޭގެފާނުގެ އަޚުލާޤުގެ މަތިވެރިކަމުން، ﷲ ގެ ރިސާލަތާއިގެން ފޮނުއްވުމަށް އެންމެ އެކަށީގެންވަނީ ކަލޭގެފާނުކަން ކަށަވަރެވެ. ދެން ހަމަ އެވަގުތު އަބޫބަކުރުގެފާނު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބައިޢަތު ހިއްޕެވިއެވެ. އަދި އެކަލޭގެފާނު ވަޑައިގެންނެވީ ހައްޤާއިގެންކަމަށް އިޤުރާރު ވިއެވެ. އަދި އެކަލޭގެފާނުގެ ރިސާލަތު ތެދުކުރިއެވެ. ﷲ ގަންދީ ބުނަމެވެ. ރަސޫލﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ، އަބޫބަކުރުގެފާނަށް އިސްލާމްދީނަށް ދަޢުވަތު ދިން ހިނދު ، ފަސްޖެހުމެއްނެތި އެކަލޭގެފާނުގެ ރިސާލަތު ތެދުކޮށް އީމާން ވިއެވެ.)

-ނުނިމޭ-

މަޞްދަރު: رسالة ” حقيقة شهادة أن محمدا رسول الله ”  للشيخ عبدالعزيز بن عبدالله بن محمد