[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަމަޟާން މަހުގައި ޝައިޠާނުން ކަސްތޮޅު އެޅުވުން

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

 

ރަމަޟާން މަހަކީ ވަރަށް ޚާއްޞަ މައްސަރެކެވެ. ﷲ ތަޢާލާވަނީ ވަރަށް ގިނަ ގޮތް ގޮތުން އެ މަސް މާތްކުރައްވައި މަތިވެރިކުރައްވާފައެވެ. އެ މަހަށް ލިބިގެންވާ ޚާއްޞަ ކަންކަމުގެ ތެރޭގައި އެ މަހުގައި ޝައިޠާނުން ކަސްތޮޅު އެޅުވުން ހިމެނެއެވެ.

ޖިންނި ޝައިޠާނުންގެ ޢާލަމަކީ ޣައިބުގެ ޢާލަމެކެވެ. އެފަދަ ޢާލަމްތަކުގެ ކަންތައްތައް ދެނެގަނެވޭނެ އެންމެ ކަށަވަރު މަގަކީ ކީރިތި ޤުރުއާނާއި ރަސޫލާ صلى الله عليه وسلم ގެ ސުންނަތެވެ. އެހެނީ ސިއްރާއި ފާޅުގައި ހިނގާ ހުރިހާ ކަމެއް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އަދި ބިމުގައިވިޔަސް އުޑުގައިވިޔަސް އެއްވެސް ކަމެއް އެއިލާހަށް ވަންހަނާވެގެން ނުވެއެވެ. ނަބިއްޔާ صلى الله عليه وسلم ވަނީ ޖިންނީންނާ ބެހޭ ބައެއް ޚަބަރުތައް އަޅުގަނޑުމެންނަށް ދެއްވާފައެވެ. އެގޮތުން ރަމަޟާން މަހު ޝައިޠާނުން ކަސްތޮޅު އެޅުވޭނެކަމުގެ ޚަބަރު އެކަލޭގެފާނުވަނީ ދެއްވާފައެވެ.

 

މިކަމާ ބެހޭގޮތުން އައިސްފައިވާ ބައެއް ޙަދީޘްތައް މިތަނުގައި ޛިކުރުކޮށްލާނަމެވެ.

* އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ހަމަކަށަވަރުން ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

((إِذَا جَاءَ رَمَضَانُ فُتِحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ النَّارِ، وَصُفِّدَتِ الشَّيَاطِينُ)) [رواه مسلم (1 – (1079))]

މާނައީ: “ރަމަޟާން މަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވެއެވެ. އަދި ޝައިޠާނުން ކަސްތޮޅު އެޅުވެއެވެ.”

 

* އަދިވެސް ﷲ ގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރެއްވި އެހެން ރިވާޔަތެއްގައިވެއެވެ.

((إِذَا كَانَ أَوَّلُ لَيْلَةٍ مِنْ رَمَضَانَ صُفِّدَتِ الشَّيَاطِينُ مَرَدَةُ الْجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِّحَتْ أَبْوَابُ الْجِنَانِ، فَلَمْ يُغْلَقْ مِنْهَا بَابٌ، وَنَادَى مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ، وَلِلَّهِ عُتَقَاءُ مِنَ النَّارِ)). [رواه الترمذي (682) وابن ماجة (1642) وابن خزيمة (1883) وابن حبان (3435) والحاكم (1532)، وإسناده حسن، من أجل أبو بكر بن عياش وهو ثقة عابد إلا أنه لما كبر ساء حفظه (انظر: التقريب لابن حجر (1/624) برقم: (7985) وصحيح ابن خزيمة مع تحقيق الأعظمي (2/907) برقم: (1883))]

މާނައީ: “ރަމަޟާން މަހުގެ އެންމެ ފުރަތަމަ ރޭގައި ޝައިޠާނުން ކުރެ މާރިދު ޖިންނީން ކަސްތޮޅު އެޅުވެއެވެ. އަދި ނަރަކައިގެ ދޮރުކޮޅުތައް ބަންދު ކުރެވެއެވެ. އަދި އެއިން އެއްވެސް ދޮރެއް ނުހުޅުވޭނެއެވެ. އަދި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވެއެވެ. އަދި އެއިން އެއްވެސް ދޮރެއް ބަންދެއް ނުކުރެވޭނެއެވެ. އަދި ގޮވާލާ ފަރާތެއް ގޮވާލާނެއެވެ. އޭ ހެޔޮކަމަށް އެދޭ މީހާއެވެ. އަންނާށެވެ. އޭ ނުބައިކަމަށް އެދޭ މީހާއެވެ. ހުއްޓާލާށެވެ. އަދި ﷲ ތަޢާލާ، (އެ މައްސަރުގައި) ބަޔަކު ނަރަކައިން މުއްތި ކުރައްވާނެއެވެ.”

 

– ފުރަތަމަ ޙަދީޘްގައި އައިސްފައި އެވަނީ الشَّيَاطِينُ (ޝައިޠާނުން) ކަސްތޮޅު އެޅުވޭނެކަމެވެ.

– ދެވަނަ ޙަދީޘްގައިވަނީ ޝައިޠާނުން ކުރެ ކަސްތޮޅު އެޅުވޭނީ مَرَدَةُ الْجِنِّ (މާރިދު ޖިންނީން) ކަމެވެ.

މި ދެ ޙަދީޘުން އެނގޭ ގޮތުގައި ޝައިޠާނުން ކުރެ ކަސްތޮޅު އެޅުވެނީ ވަކި ބައެކެވެ. އެއީ އެސޮރުމެންގެ ތެރެއިން މާރިދުންނެވެ.

 

މިކަމާ ބެހޭގޮތުން އިބްނު ޚުޒައިމާ رحمه الله އެކަލޭގެފާނުގެ ޞަޙީޙުގައި ވިދާޅުވިއެވެ.

“ނަބިއްޔާ صلى الله عليه وسلم ގެ ޙަދީޘްގައި ޝައިޠާނުން ކަސްތޮޅު އެޅުވޭ ވާހަކަ އެކަލޭގެފާނު ބަޔާންކުރެއްވިއިރު، އޭގެ މުރާދަކީ ޖިންނީންކުރެ މާރިދުންކަން ބަޔާންކޮށްދިނުން: އެއީ ހުރިހާ ޝައިޠާނުންނެއް ނޫނެވެ.” [1]

 

މާރިދުންނަކީ ނުބައިކަމުގައިވެސް ހައްދު ފަހަނައަޅާދާ ޝައިޠާނުންނެވެ. [2]

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

إِنَّا زَيَّنَّا السَّمَاءَ الدُّنْيَا بِزِينَةٍ الْكَوَاكِبِ ﴿٦﴾ وَحِفْظًا مِّن كُلِّ شَيْطَانٍ مَّارِدٍ ﴿٧﴾ [سورة الصافات: ٦ – ٧]

މާނައީ: “ހަމަކަށަވަރުން ތިމަންއިލާހު، އަލިގަދަ ތަރިތަކުގެ ޒީނަތްތެރިކަމުން އެންމެ ކައިރި އުޑު ޒީނަތްތެރި ކުރެއްވީމެވެ. [6] އަދި ކޮންމެ މާރިދު ޝައިޠާނެއްގެ ކިބައިން އެ އުޑު ރައްކާތެރިކުރެއްވީމެވެ. [7]”

މިއާޔަތްތަކުގައި މިވަނީ އެސޮރުމެން ކުރެ މާރިދުން އުޑުން ޚަބަރު ހޯދަން މަސައްކަތް ކުރުމުން ގިނި ހިލަ ފޮނުއްވާ އެސޮރުމެން ހަލާކުރައްވާ ވާހަކައެވެ. [3]

ރަމަޟާން މަހުގައި އެފަދަ ޝައިޠާނުން ކަސްތޮޅު އެޅުވުމުގެ ޙިކުމަތަކީ އެމައްސަރުގައި ޝައިޠާނުންގެ ނުބައިކަން ކުޑަކުރެއްވުމެވެ.

 

ބައެއް މީހުންނަށް މިޙަދީޘުން ދެ ކަމެއް އޮޅުން އަރައެވެ.

ފުރަތަމައީ: މިޙަދީޘްތަކުގައި ޝައިޠާނުން ކަސްތޮޅު އެޅުވޭ ވާހަކަ އައިސްފައިވާއިރު ރަމަޟާން މަހުގައި ބައެއް މީހުން ޖިންނި މޮޔަވަނީ ކީއްވެ ހެއްޔެވެ؟

ޖަވާބު: ކުރިން ދެންނެވުނު ފަދައިން ރަމަޟާން މަހު ކަސްތޮޅު އެޅުވެނީ ހުރިހާ ޝައިޠާނުންނެއް ނޫނެވެ. ކަސްތޮޅު އެޅުވެނީ މާރިދު ޖިންނީން އެކަންޏެވެ. އެހެންކަމުން ރަމަޟާން މަހުގައިވެސް ޝައިޠާނުން އުޅޭނެއެވެ. [4]

 

ދެވަނައީ: ރަމަޟާން މަހުގައި ޝައިޠާނުން ކަސްތޮޅު އެޅުވުމުންވެސް މީސްތަކުން ފާފަކުރަނީ ކީއްވެ ހެއްޔެވެ؟

ޖަވާބު: މިސުވާލުގެ ޖަވާބުގައި ޢިލްމުވެރިން މައިގަނޑު ތިން ޖަވާބެއް ދެއްވައެވެ. އެއީ:

1- ރަމަޟާން މަހު ޝައިޠާނުންގެ ކިބައިން ރައްކާތެރިވަނީ ރޯދަ ހިފަން އަންގަވާފައިވާ ގޮތުގައި ރޯދަ ހިފާ މީހުންނެވެ.  [5]

2- މީސްތަކުން ފާފަތައް ކުރަނީ ހަމައެކަނި ޝައިޠާނުންގެ ސަބަބުންނެއް ނޫނެވެ. އެކަމުގައި އެހެން ސަބަބުތައްވެސް ހިމެނެއެވެ. އޭގެ ތެރޭގައި: އަމިއްލަ ނަފްސުގެ ނުބައިކަމާއި ނުބައި އާދަކާދަ އަދި އިންސީންގެ ތެރެއިންވާ ޝައިޠާނުންވެސް ހިމެނެއެވެ.

3- ކަސްތޮޅު އެޅުވެނީ ކުރިންވެސް ބަޔާންކޮށްފައިވާ ފަދައިން ހަމައެކަނި މާރިދު ޖިންނީންނެވެ. ހުރިހާ ޝައިޠާނުންނެއް ނޫނެވެ.

 

ޚުލާޞާއަކީ ރަމަޟާން މަހުގައި އެސޮރުމެންގެ ނުބައިކަން ކުޑަވެގެންދާނެއެވެ. [6]

 


 

[1] صحيح ابن خزيمة مع تحقيق الأعظمي (2 / 907).

[2] ބައްލަވާ: تفسير الطبري (14 / 440).

[3] ބައްލަވާ: تفسير ابن كثير (7 / 6).

[4] ބައްލަވާ: فتح الباري (4 / 114).

[5] ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވަނީ މި މާނައަށް އިޝާރާތްކުރައްވާފައެވެ. [ބައްލަވާ: مجموع فتاوى لشيخ الإسلام ابن تيمية (25 / 246)]

[6] ބައްލަވާ: المفهم للقرطبي (3 / 136).