ކުޑަކުދިންގެ ވާހަކަ: ދަތް އުނގުޅަން އާދަކުރުން

ރޭގަނޑު 8 ޖެހުމާއެކު އަމާން ނިދަން އޮށޯތެވެ. އެވަގުތު މަންމަ ގޮވާލާފައި އަހާލިއެވެ. “ދަރިފުޅާ! ދަތް އުނގުޅައިފިންތަ؟”  އަމާން މޯޅިއަކަށް ދެމިލާފައި ބުނެލިއެވެ “ނޫން މަންމާ! ހަވީރު ދަތް އުނގުޅީމޭ!”. އަމާންގެ މަންމަ އެހާ ހިތް ހަމައެއް ނުޖެހުނެވެ. އަދި އަމާން ގާތަށް ގޮސް ބޮލުގައި ފިރުމާލާފައި ބުންޏެވެ. “ދަރިފުޅާ! ދަރިފުޅަށް ވެސް އިނގެއެއްނު ދޯ… ދަތް އުނގުޅުމަކީ ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމެއްކަން. މުސްލިމްކުދިން އުޅެންވާނީ ﷲ އާއި ރަސޫލާ އަންގަވާފައިވާ ގޮތަށެއްނު؟ ދަރިފުޅަށް އިނގޭތަ؟ ދަތް ނުއުނގުޅާނަމަ ދަތްފަނިކާނެ… އަދި ދަތުގައި ރިއްސާނެ. ފަހަރެއްގައި ދަތް އުފުރާލަންވެސް ޖެހިދާނެ. އެހެންވީމަ ދަތް އުނގުޅަން ވާނެއެއްނު ދޯ؟” “ލައްބަ މަންމާ!” އަމާން ޖަވާބު ދިނެވެ. އަދި ވަރަށް ނިދިއައިސްފައި ހުރެގެން ގޮސް ދަތް އުނގުޅާ ވުޟޫކޮށް ދުޢާ ކިޔައިގެން ނިދާލިއެވެ.

މަންމަ ނަޞޭޙަތް ދިނުމުން އަމާން ދަތް އުނގުޅައެވެ. އެކަމަކު ބައެއް ރޭރޭ މާ ބޮޑަށް ނިދިއައީމާ ފަރުވާ ކުޑަކޮށްލާފައި ނިދަނީއެވެ. އެއްރެއަކު އަމާން ވަރަށް ގިނައިން ޗޮކްލެޓް ކައިގެން ދަތް ނޫގުޅާ ނިދަން އޮށޯތެވެ.އެރޭ ދަންވަރު އަމާންއަށް ހޭލެވުނީ ވަރަށް ބޮޑަށް ދަތުގައި ރިއްސާތީއެވެ. އަމާންއަށް ރޮވެން ފެށުނެވެ. އަދި މަންމައަށް ގޮވިއެވެ. ” އާހް… އާހް މަންމާ…. މަންމާ…” އަމާން ގޮވާ އަޑަށް މަންމަ އަށް ހޭލެވުނެވެ. އަދި އަވަހަށް އަމާން ގާތަށް ގޮސް ސުވާލު ކުރިއެވެ. “ދަރިފުޅާ! ކިހިނެތްވީ؟ ކީއްވެ ރޮނީ؟؟؟” އަމާން ވަރަށް އުނދަގުލުން ޖަވާބު ދިނެވެ.  “މަންމާ! ދަތަށް ތަދުވަނީ… ރިއްސަނީ… އާހް މަންމާ!!!” އަމާންގެ މަންމަ އަވަހަށް ބޭސްގުޅައެއް ދިނެވެ. އަދި ހެނދުނު ހޮސްޕިޓަލަށް ދާނެވާހަކަވެސް ބުންޏެވެ. ބޭސް ކެއީމަ އަމާންއަށް ކުޑަކޮށް ފަސޭހަވިއެވެ.

ހެނދުނު ނުވައެއް ޖެހިއިރު އަމާން އާއި މަންމަ ތިބީ ހޮސްޕިޓަލުގައެވެ. އޭރުވެސް އަމާންގެ ދަތުގައި ރިއްސައެވެ. އަމާން އޭނާގެ ވަށައިގެން ބަލައިލިއެވެ. އެވަގުތު ފާރުގައި ހުރި ޕޯސްޓަރުތަކެއް އަމާންއަށް ފެނުނެވެ.  ދަތް ނުއުނގުޅީމަ ދަތަށާއި ހިރުގަނޑަށް ލިބޭ ގެއްލުން ތަކުގެ ވާހަކަ އެޕޯސްޓަރު ތަކުގައި ލިޔެފައި ހުއްޓެވެ. އަދި ފަނިކައިފަ ހުރި ދަތް ތަކެއްގެ ފޮޓޯވެސް ހުއްޓެވެ. އަމާން ހިތަށް އެރިއެވެ. “އަހަރެންގެ ދަތްތަށް ވެސް ހަމަ މިހާ ހަޑިވާނެބާއެވެ.!!” އަމާން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ބޭސް ދިނެވެ. އަމާން ހުރީ ދަތް އުފުރަން ނުޖެހުނީމަ ވަރަށް އުފާވެފައެވެ. އަމާން ގެއަށް ދަމުން މަންމަގާތު ބުންޏެވެ. ” މަންމާ އަޅުގަނޑު ދެން ކޮންމެ ރެއަކުވެސް ދަތް އުނގުޅާނަން… އަދި އަބަދުވެސް ދަތްތައް ސާފުކޮށް ބަހައްޓާނަން… އިންޝާﷲ.”

އަމާންގެ މަންމަ ވަރަށް އުފާވެފައި ބުންޏެވެ. “ވަރަށް ރަނގަޅު… ދަރިފުޅު ގާތުގައި މަންމަ އަބަދުވެސް ބުނަމެއްނު ﷲއާއި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އަންގަވާ ގޮތަށް އުޅެންޏާ އަބަދުވެސް ސަލާމަތްކަން ލިބޭނެޔޭ!!! ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވޭ ((السِّوَاكُ مَطْهَرَةٌ لِلْفَمِ مَرْضَاةٌ لِلرَّبِّ))(1) “ދަތްއުނގުޅުމަކީ އަނގަ ޠާހިރުކޮށްދީ، ރައްބުގެ ރުއްސެވުން ލިބޭނޭކަމެކެވެ.”

______________________________

(1) ابن ماجه عن أبي أمامة رضي الله عنه. وأحمد عن أبي بكر الصديق و عن عائشة رضي الله عنهما. وصححه شيخ الألباني في الإرواء (رقم الحديث: 66).