[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޢަޤީދާގެ ފިލާވަޅު 17 (ޢަޤީދަތުއް ޠަޙާވިއްޔާގެ ޝަރަޙަ)

قَالَ الطَّحَاوِيُّ رحمه الله: “ذَلِكَ بِأَنَّهُ عَلَى كُلِّ شَيْءٍ قَدِيرٌ، وَكُلُّ شَيْءٍ إِلَيْهِ فَقِيرٌ، وَكُلُّ أَمْرٍ عَلَيْهِ يَسِيرٌ، لَا يَحْتَاجُ إِلَى شَيْءٍ: ((لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ))[الشورى:11].”
 ޠަޙާވީ ރަޙިމަހުﷲ ވިދާޅުވިއެވެ.
“އެހެނީ، ހަމަކަށަވަރުން އެއިލާހީ ކޮންމެކަމަކަށް ކުޅަދުންވަންތަ އިލާހެވެ. އަދި އެންމެހާ ތަކެއްޗެއްވަނީ އެއިލާހަށް ބޭނުންތެރިވެގެންނެވެ. އަދި އެންމެހާ ކަންތައްތައް ވަނީ އެއިލާހަށް ލުއިފަސޭހަވެގެންނެވެ. އެއްވެސް އެއްޗަކަށް އެއިލާހު ބޭނުންތެރިވެވޮޑިގެންނުވެއެވެ. ((لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ))[الشورى:11] “އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.”

_______________________________________

ޝަރަޙަ:

* އިމާމް އައްޠަޙާވީ ރަޙިމަހުﷲގެ ” بِأَنَّهُ عَلَى كُلِّ شَيْءٍ قَدِيرٌ” (ހަމަކަށަވަރުން އެއިލާހީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ.) މިބަސްފުޅުން، ބާޠިލު ބައެއް ފިރުޤާތަކާ ޚިލާފަށް، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ ވަރަށް މުހިއްމު ޢަޤީދާއެއް ބަޔާންކޮށްދެއެވެ. އެގޮތުން، އެއްކަމަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމަކީ އަޒަލީ ސިފަފުޅެއްކަން ބަޔާންކޮށްދެއެވެ. އެހެނީ، ޚަލްޤުތައް އުފައްދަވައި، އެމަޚްލޫޤުން މަރުއްވައި، ރިޒްޤުދެއްވައި، މިހުރިހާކަމެއް ކުރެއްވުމުގެ ކުރިންވެސް އެއިލާހަށް ކުޅަދުންވަންތަކަމުގެ ޞިފަފުޅު ލިބިގެންވެއެވެ. މީގެ ކުރީގެ ފިލާވަޅުގައި ބަޔާންވެދިޔަފަދައިން، އެއިލާހުގެ ހުރިހާ ޞިފަފުޅުތަކަކީ އަޒަލީ ޞިފަފުޅުތަކެކެވެ. އެބަހީ، އެއިލާހަށް ފެށުމެއްނުވާފަދައިން އެއިލާހުގެ ޞިފަފުޅުތަކަށްވެސް ފެށުމެއްނުވެއެވެ. އަދި އެއިލާހަށް ނިމުމެއްނުވާފަދައިން އެއިލާހުގެ ޞިފަފުޅުތަކަށްވެސް ނިމުމެއްނުވެއެވެ.

ދެވަނަކަމަކީ، ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން ޤަބޫލުކުރާގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއީ ކޮންމެކަމަކަށް ކުޅަދުންވަންތަ އިލާހެވެ. އެއިލާހަށް ނުކުޅައްދާނަ އެއްވެސް އެއްޗެއް އަދި އެއްވެސް ކަމެއް ނުވެއެވެ. އެއިލާހުގެ ކުޅަދުންވަންތަކަމަކީ ހުރިހާ އެއްޗަކާއި، ކަމަކާއި، އެންމެހާ މަޤާމަކަށް ޝާމިލުވެގެންވާ ކުޅަދުންވަންތަކަމެކެވެ. މިއީ ޙައްޤުމަގުގައިވާ ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ މަގެވެ. ޤުރުއާނާއި ސުންނަތް އެގޮތަކަށް މަގުދައްކާ ގޮތެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((وَاللَّهُ عَلَى كُلِّ شَيْءٍ قَدِيرٌ)) آل عمران:29 މާނައީ: “އަދި ﷲއީ ކޮންމެކަމަކަށް ކުޅަދުންވަންތަ އިލާހެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((وَكَانَ اللَّهُ عَلَى كُلِّ شَيْءٍ مُقْتَدِرًا)) الكهف:45 މާނައީ: “ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.” އަދިވެސް ވަޙީކުރައްވާފައިވެއެވެ. ((وَكَانَ اللَّهُ عَلَى ذَلِكَ قَدِيرًا)) النساء:133 މާނައީ: “އެކަމުގެ މައްޗަށް (އެބަހީ: ﷲ އިރާދަކުރައްވައިފިނަމަ ތިޔަބައިމީހުން ނެތިކުރައްވައި، އެހެން ބަޔަކު ނެރުއްވުމަށް) ކުޅަދުންވަންތަ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ.” މިފަދަ، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ކުޅަދުންވަންތަކަމަށް ދަލީލުކޮށްދޭ ކޮންމެ އާޔަތަކުން ދަލީލުކޮށްދެނީ އެއިލާހީ ކޮންމެކަމަކަށް ކުޅަދުންވަންތަ އިލާހުކަމެވެ.

މިމަސްއަލާގައި، ބާޠިލު ފިރުޤާއެއްކަމުގައިވާ މުޢުތަޒިލާއިން ޤަބޫލުކުރާގޮތުގައި ﷲގެ ކުޅަދުންވަންތަކަން ގުޅިފައިވަނީ އެއިލާހުގެ އެދިވޮޑިގަތުމާއެވެ. އެއިލާހަށް ކުޅަދުންވަންތަވެވޮޑިގެންވަނީ އެއިލާހު އެދިވޮޑިގަންނަވާ ކަންތައްތަކަށް އެކަންޏެވެ. އެހެންކަމުން މުޢުތަޒިލާއިންގެ މީހެއްކައިރީ، “އިބްލީސް ޚަލްޤުނުކުރެއްވުމަށް ﷲ ކުޅަދުންވަންތަހޭ” ބުނެވިއްޖެނަމަ އެފަދަމީހަކު ޖަވާބުދޭނީ “ނޫނެކެވެ. އެކަމަށް ކުޅަދުންވަންތަވެވޮޑިގެންނުވާނެވެ.” ހަމައެފަދައިން، “އުޑުތައް ނުހެއްދެވުމަށް ﷲ ކުޅަދުންވަންތަހޭ” ބުނެވިއްޖެނަމަވެސް، އެފަދަމީހެއްގެ ޖަވާބަކީ ހަމައެޖަވާބެވެ. އަދި މިފިރުޤާގެ މީހުން ޤަބޫލުކުރާގޮތުގައި، އިންސާނުންގެ ޢަމަލުތަކުގެ މައްޗަށް ﷲ ކުޅަދުންވަންތަވޮޑިގެންނުވެއެވެ. މިއީ ކަނޑައެޅިގެން ޤުރުއާނާއި ސުންނަތުގެ ދަލީލުތަކާ އިދިކޮޅު ބަހެކެވެ. މިބައިމީހުންގެ މިބަސް ދެގޮތަކުން ބާޠިލުވެއެވެ.

ފުރަތަމައީ: ބަޔާންވެދިޔަ އާޔަތްތަކާއި، އެމާނައިގެ އެހެން އާޔަތްތަކުން ދަލީލުކޮށްދޭ ގޮތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާއީ ކޮންމެ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ.

ދެވަނައީ: އަންޢާމް ސޫރަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((قُلْ هُوَ الْقَادِرُ عَلَى أَنْ يَبْعَثَ عَلَيْكُمْ عَذَابًا مِنْ فَوْقِكُمْ أَوْ مِنْ تَحْتِ أَرْجُلِكُمْ أَوْ يَلْبِسَكُمْ شِيَعًا وَيُذِيقَ بَعْضَكُمْ بَأْسَ بَعْضٍ)) الأنعام:65 މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއީ، ތިޔަބައިމީހުންގެ މަތިން ނުވަތަ ތިޔަބައިމީހުންގެ ފައިތަކުގެ ދަށުން، ތިޔަބައިމީހުންގެ މައްޗަށް ޢަޛާބެއް ފޮނުއްވުމަށް ނުވަތަ ތިޔަބައިމީހުން ބައިބަޔަށް ބައިކުރައްވައި، ތިޔަބައިމީހުންގެ ތެރެއިން އެއްބަޔެއްގެ ބާރުގެ ރަހަ، އަނެއްބަޔަކަށް ދެއްކެވުމަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.” ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ކޯފާއެއްގެ ސަބަބުން މިއުއްމަތް އެކީއެކަށް ހަލާކުނުކުރައްވާނެކަން އެއިލާހުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޚަބަރު ދެއްވާފައެވެ. އެކަލޭގެފާނު އެއްދުވަހެއްގައި ވަރަށް ދިގުކޮށް މުނާޖާދެންނެވުމަށްފަހު އަވަދިވެވަޑައިގެން ހަދީޘްކުރެއްވިއެވެ. ((سَأَلْتُ رَبِّي ثَلَاثًا فَأَعْطَانِي اثْنَتَيْنِ وَمَنَعَنِي وَاحِدَةً سَأَلْتُ رَبِّي أَنْ لَا يُهْلِكَ أُمَّتِي بِسَنَةٍ فَأَعْطَانِيهَا وَسَأَلْتُهُ أَنْ لَا يُهْلِكَ أُمَّتِي بِالْغَرَقِ فَأَعْطَانِيهَا وَسَأَلْتُهُ أَنْ لَا يَجْعَلَ بَأْسَهُمْ بَيْنَهُمْ فَمَنَعَنِيهَا)) މާނައީ: “ތިމަންކަލޭގެފާނު، ތިމަންކަލޭގެފާނުގެ ރައްބަށް ތިންކަމަކަށް ދެންނެވީމެވެ. ފަހެ، ތިމަންކަލޭގެފާނަށް (އެއިގެ ތެރެއިން) ދެކަމެއް ދެއްވިއެވެ. އަދި އެއްކަން ނުދެއްވިއެވެ. ތިމަންކަލެގެފާނުގެ އުއްމަތް އަހަރެއްގެ ތެރޭގައި ހަލާކުނުކުރެއްވުމަށް ތިމަންކަލޭގެފާނު، ތިމަންކަލޭގެފާނުގެ ރައްބަށް ދެންނެވީމެވެ. އެކަން ދެއްވިއެވެ. (އެބަހީ: އެދުޢާ އިޖާބަކުރެއްވިއެވެ.) އަދި ތިމަންކަލޭގެފާނުގެ އުއްމަތް ޣަރަޤުކުރައްވައި ހަލާކުނުކުރެއްވުމަށް ތިމަންކަލޭގެފާނު، ތިމަންކަލޭގެފާނުގެ ރައްބަށް ދެންނެވީމެވެ. އެކަން ދެއްވިއެވެ. (އެބަހީ: އެދުޢާ އިޖާބަކުރެއްވިއެވެ.) އަދި އެބައިމީހުންގެ (އެބަހީ: އެކަލޭގެފާނުގެ އުއްމަތުގެ މީހުންގެ) މެދުގައި (އެއްބަޔަކު އަނެއްބަޔަކަށް) ބާރުދެއްކުން ނުލެއްވުމަށް ދެންނެވީމެވެ. ފަހެ، އެކަން ތިމަންކަލޭގެފާނަށް މަނާކުރެއްވިއެވެ. (އެބަހީ: އެދުޢާ އިޖާބަނުކުރައްވައި ރައްދުކުރެއްވިއެވެ.)” (މުސްލިމް: 2890، އަޙްމަދު: 1574)

އެހެންކަމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ އެދިވޮޑިގެންނުވާކަންކަމުގެ މައްޗަށްވެސް އެކަލާނގެ ކުޅަދުންވަންތަކަން މިއާޔަތާއި ޙަދީޘަށް ވިސްނާލުމުން އެނގެއެވެ. ޙަދީޘުން އަޅުގަނޑުމެންނަށް އެނގޭގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާ ޢާއްމު ކޯފާއަކުން އެއިލާހު މިއުއްމަތް ހަލާކުނުކުރައްވާނެކަން އެނގެއެވެ. ހަމައެއާއެކު، އާޔަތުން ދަލީލުކޮށްދެނީ އެކަމަށް އެއިލާހު ކުޅަދުންވަންތަކަމެވެ. އެހެންކަމުން، އެއިލާހު އެދިވޮޑިގަތުމާއި އެއިލާހުގެ ކުޅަދުންވަންތަކަމަކީ ދެކަމެކެވެ. އެއްވެސް ޙާލެއްގައި އެއިލާހުގެ ކުޅަދުންވަންތަކަން ބިނާވެފައިވަނީ އެއިލާހުގެ އެދިވޮޑިގަތުމަކާނޫނެވެ. އަދި އެއިލާހު އެދިވޮޑިގަންނަވާކަމަކަށް ކުޅަދުންވަންތަވެވޮޑިގެންވާކަމަށް ބުނެވުމަކީ، އޭގެ އިދިކޮޅުކަމުގައިވާ އެއިލާހު އެދިވޮޑިނުގަންނަވާކަމަކަށް ކުޅަދުންވަންތަވެވޮޑިގެންނުވުމަށް ދަލީލުކޮށްދޭ ކަމެއްނޫނެވެ.

* އިމާމް ޠަޙާވީގެ ދެވަނަ ކަލިމަ ” وَكُلُّ شَيْءٍ إِلَيْهِ فَقِيرٌ” (އަދި އެންމެހާ ތަކެއްޗެއްވަނީ އެއިލާހަށް ބޭނުންތެރިވެގެންނެވެ.) ދަންނައެވެ. އެއިލާހުގެ އެންމެހާ މަޚްލޫޤުން ވަނީ އެއިލާހަށް ބޭނުންޖެހިފައެވެ. ހިނދުކޮޅަކަށްވެސް އެއިލާހުގެ ރަޙްމަތާއި މަދަދުން އެބައިމީހުންނަށް އެއްކިބާނުވެވޭނެއެވެ. އެބައިމީހުން އެއިލާހުގެ އޯގާވަންތަކަމަށް ބޭނުންވެއެވެ. އެއިލާހުގެ ރިޒްޤަށް ބޭނުންވެއެވެ. އެއިލާހުގެ ރަޙްމަތަށް ބޭނުންވެއެވެ. އެއިލާހުގެ މަދަދަށް ބޭނުންވެއެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا النَّاسُ أَنْتُمُ الْفُقَرَاءُ إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ * إِنْ يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ * وَمَا ذَلِكَ عَلَى اللَّهِ بِعَزِيزٍ *)) މާނައީ: “އޭ މީސްތަކުންނޭވެ! ﷲއަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި ﷲއީ، ފުދިވޮޑިގެންވާ، ގިނަގިނައިން ޙަމްދުލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ އިރާދަކުރައްވާނަމަ، ތިޔަބައިމީހުން ނެތިކޮށްލައްވައި އާ މަޚްލޫޤުންތަކެއް ގެންނަވައިފާހުށްޓެވެ. އަދި އެކަންތައް ﷲއަށް އުނދަގޫ ކަމަކަށް ނުވެތެވެ.” އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ((وَاللَّهُ الْغَنِيُّ وَأَنْتُمُ الْفُقَرَاءُ)) محمد: 38 މާނައީ: “އަދި ﷲއީ ފުދިވޮޑިގެންވާ އިލާހެވެ. އަދި ބޭނުންޖެހިގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ.”

* “وَكُلُّ أَمْرٍ عَلَيْهِ يَسِيرٌ، لَا يَحْتَاجُ إِلَى شَيْءٍ”(އަދި އެންމެހާ ކަންތައްތައް ވަނީ އެއިލާހަށް ލުއިފަސޭހަވެގެންނެވެ. އެއްވެސް އެއްޗަކަށް އެއިލާހު ބޭނުންތެރިވެވޮޑިގެންނުވެއެވެ.) މިބަސްފުޅު ދަންނައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޢިލްމުފުޅާއި، ކުޅަދުންވަންތަކަމުގެ ފުރިހަމަކަމާހުރެ، އެންމެހާ ކަމެއް އެއިލާހަށް ލުއި ފަސޭހަވެގެންވެއެވެ. އެއްވެސް ފަރާތެއްގެ އެހީތެރިކަމަކަށް، ވާތްގަކަށް އެއިލާހު ބޭނުންވެވޮޑިގެންނުވެއެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((إِنَّمَا أَمْرُهُ إِذَا أَرَادَ شَيْئاً أَنْ يَقُولَ لَهُ كُنْ فَيَكُونُ)) يس: 82 މާނައީ: “އެކަލާނގެ ކަމަކަށް އިރާދަކުރައްވައިފިނަމަ، އެކަލާނގެ އަމުރުފުޅުވާކަން ކަށަވަރީ އެކަމަކަށް، “ވާށޭ” ވަޙީކުރެއްވުމެވެ. ދެން އެކަމެއް ވެދެތެވެ.” މަލާކަތްބޭކަލުން ހައްދަވައި ކަންކަން އެއިލާހު ޙަވާލުކުރައްވާފައިވަނީ އެއިލާހުގެ ޙިކުމަތުގެ މަތިވެރިކަމުގެ ސަބަބުންނެވެ. އަދި އެއިލާހުގެ ކުޅަދުންވަންތަކަން ބަޔާންކޮށްދެއްވުމަށެވެ.

* ((لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ البَصِيرُ))[الشورى:11] (އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.) މިއާޔަތް ދަންނައެވެ. މިއާޔަތަކީ ﷲގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކާމެދު ޤަބޫލުކުރަންޖެހޭ ޤަބޫލުކުރުން ބަޔާންކޮށްދޭ އާޔަތެކެވެ. މިއާޔަތުގައި ﷲ އަންގަވާފައިވަނީ އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވާކަމުގައެވެ. އޭގެފަހުގައި އެއަންގަވަނީ އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހުކަމެވެ. މިއާޔަތުން، ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކުގައި މަގުފުރެދިފައިވާ ބައިގަނޑުތަކަށް ރައްދުތަކެއްވެއެވެ. އެގޮތުން، އެއިލާހުގެ ޞިފަފުޅުތައް މަޚްލޫޤުންގެ ޞިފަތަކާ ވައްތަރުކުރާމީހުންނަށް އާޔަތުގެ ((لَيْسَ كَمِثْلِهِ شَيْءٌ)) (އެއިލާހާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ.) މިބަސްފުޅުން ރައްދުދެވެއެވެ. އަދި އެއިލާހުގެ ޞިފަފުޅުތައް ނަފީކޮށް، އެޞިފަފުޅުތަކަކީ ނުވާ ޞިފަފުޅުތަކެއްކަމުގައި ބުނާމީހުންނަށް އާޔަތުގެ ((وَهُوَ السَّمِيعُ البَصِيرُ)) (އަދި އެއިލާހީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ އިލާހެވެ.) މިބަސްފުޅުން ރައްދުދެވެއެވެ.

(ނުނިމޭ)

 ޢަޤީދާގެ ފިލާވަޅުގެ ކުރީގެ ފިލާވަޅުތައް