[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

سورة الفلق ގެ ތަފްސީރު (2)

ތިންވަނައީ: ގޮށްތަކަށްފުމޭ މީހުންގެ ނުބައިކަމުންނެވެ.

މި ނުބައިކަމަކީ ސިޙުރުގެ ނުބައިކަމެވެ. ފަހެ، އެހެނީ ( النفاثات ) އަކީ ސިޙުރުހަދާ އަންހެނުންނެވެ. އެ އަންހެނުންނަކީ ރޮދިފަށްފަށުގައި ގޮށްޖަހަމުން، އެ ގޮށްތަކަށް ފުމެމުންދާ އަންހެނުންތަކެކެވެ. އެމީހުން އެސިޙުރަކަށް ބޭނުންވާ މިންވަރަކަށް މިކަންކުރަމުން ގެންދާނެއެވެ.

النفث އަކީ ތެތްކަމާއެކު ފުމުމެވެ. އެއީ ކުޅުޖެހުމަށް ނުވާ ގޮތަށެވެ. النفث އަކީ ކުޅުޖެހުމާއި ފުމުމާ ދެމެދުގައިވާ ގޮތެކެވެ. (އެބަހީ؛ ވައި އަނގައިން ނުކުތުމުގައި އެކި ވައްތަރުވެއެވެ. ފުރަތަމައީ النفخ އެވެ. އެއީ ފުމުމެވެ. މި ޙާލަތުގައި ތެތްކަމެއް ނުހުންނާނެއެވެ. ދެވަނައީ النفث އެވެ. އެއީ ތެތްކަމާއެކު  ފުމުމެވެ. ތިންވަނައީ التفل އެވެ. އެއީ ކުޅުޖެހުމެވެ. ހަތަރުވަނައީ البزق އެވެ. އެއީ ކަރުތެރެއިން އަންނަ އެނިގަނޑާއެކު ފުމެލުމެވެ.)

(ގޮށްގޮށަށް) ފުމުމަކީ ސިޙުރުވެރިން ކޮށްއުޅޭ ކަމެކެވެ. ސިޙުރުވެރިން ސިޙުރުހެދުމަށްޓަކައި ހަޑިމުޑުދާރުތަކެއްޗާއި ނުބައިތަކެތި އެއްކުރުމަށްފަހު، ނުބައިވެގެންވާ ރޫޙުތަކުން ވާގިހޯދުމަށްޓަކައި އެޖަހާގޮށްތަކަށް ތެތްކަންހުންނަގޮތަށް ފުމެހަދައެވެ. އެއާއެކު، އެމީހާގެ ނަފްސުގައިވާ ނުބައިކަން އެއާއެކުވެގެން ނުކުމެގެން އާދެއެވެ. މިކަމަކީ އެމީހާއަށާއި ޝައިޠާނާއަށް ސިޙުރުގެ ބަލިޖެހޭމީހާއަށް އުނދަގޫކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ. މިކަމުގެ ސަބަބުން، ﷲ ކައުނުގައި މިންވަރުކުރައްވާފައިވާ މިންވަރުފުޅުގެ ދަށުން އެމީހަކަށް ސިޙުރުޖެހެއެވެ.

ސިޙުރުގެ އަޘަރު ކުރަނީ މުޑުދާރުވެގެންވާ ނަފްސުތަކާއި ނުބައިވެގެންވާ ރޫޙުތަކުގެ ސަބަބުންކަމަށްވުމާއެކު ﷲ ސުބުޙާނަހޫ (ވަތަޢާލާ) ވަޙީ ކުރައްވާފައިވަނީ ((وَمِنْ شَرِّ النَّفَّاثَاتِ)) އެވެ. މުޛައްކަރު (އެބަހީ؛ ފިރިހެން) ޞީޣާގެ ބަދަލުގައި މުއައްނަޘް (އެބަހީ؛ އަންހެން) ޞީޣާއިންނެވެ.

ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ((وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ)) މި ބަސްފުޅުން ސިޙުރުން އަސަރުކުރުވާކަމަށް ދަލީލުކޮށްދެއެވެ. އަދި އޭގައި ޙަޤީޤަތް އެކުލެވިގެންވާކަމަށްވެސް ދަލީލުކުރެއެވެ. ސިޙުރުގައި ޙަޤީޤަތެއް ވާކަމާމެދު އަހުލުލްކަލާމްގެ ބައެއްމީހުން އިންކާރުކުރެއެވެ. އެބައިމީހުން ބުނެއެވެ. “ސިޙުރަކީ ބަލިވުމަށާއި، މަރާލުމަށާއި، ވަރިތޮޅިއަށާއި، (ދެމީހަކު ލޯބީގެގޮތުން ގުޅުވުމަށް ހަދާ) އިސްތިރިއަށް އަސަރުކުރުވާ އެއްޗެއް ނޫނެވެ.” އެބައިމީހުން ބުނެއެވެ. “ސިޙުރަކީ ހަމައެކަނި ސިޙުރަށް ބަލާމީހުންގެ ލޯތަކަށް ފެންނަ ޚިޔާލީކަމެކެވެ. އެނޫން އިތުރު އެއްވެސް ޙަޤީޤަތެއް އެކަމުގައި ނުވެއެވެ.” މިބަހަކީ ޞަޙާބީންނާއި، ސަލަފުން ކިބައިން ތަވާތުރުކޮށް އައިސްފައިވާ އަޘަރުތަކާއި، ފިޤުހުވެރީން އިއްތިފާޤުވެވަޑައިގެންފައިވާގޮތާ ޚިލާފު ބަހެކެވެ. ސިޙުރަކީ، އޭގެ ސަބަބުން (ސިޙުރުޖެހޭ މީހާ) ބަލިކޮށްލުމަށާއި، މަރާލުމަށާއި، ވަރިކޮށްލުމަށާއި، (ލޯބީގެގޮތުން) ގުޅުވުމަށާއި، ލޯބިވުމަށާއި، ރުޅިކުރުވުން ފަދަ ކަންކަމަށް އަޘަރުކުރުވާ އެއްޗެކެވެ. މިކަންކަމަކީ މީސްތަކުންނަށް އެނގިގެންވާ، އަދި މީސްތަކުންކުރެ ގިނަ ބަޔަކަށް ސިޙުރުގެ މުޞީބާތް ތަޖުރިބާކުރަންޖެހުމުގެ ސަބަބުން އެކަންކަން އިޙްސާސްކުރެވިފައިވެއެވެ.

ﷲ ތަޢާލާގެ ވަޙީ ބަސްފުޅު ((وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ)) ، މިއާޔަތުން (ގޮށްގޮށަށް) ތެތްކޮށް ފުމުމަކީ ސިޙުރުޖެހޭ ބަލިމީހާއަށް، އެމީހާ ނެތްތަނުގައި އަސަރުކުރުވާކަމެއްކަމަށް ދަލީލުކުރެއެވެ. ސިޙުރަކީ ޚިޔާލެއްކަމަށް ބުނާމީހުން ބުނާގޮތުން ހަށިގަނޑުގެ ބޭރުފުށުން ބީހިގެންމެނުވީ ގެއްލުމެއް ނުދެވޭނެއެވެ. އެހެންކަމުން އެގޮތަށް ފުމުމަކީ، އެކަމުން ސަލާމަތްކަމަށް އެދޭފަދަ ގެއްލުމެއް އޮތްކަމެއް ނޫނެވެ. ހަމައެފަދައިން ސިޙުރުގެ ކަންކަން ބަލަންތިބޭ އެތައް ބައެއްގެ ލޯތަކަށް ސިޙުރުވެރިން ސިޙުރު ހަދާއިރު، އެބައިމީހުންނަށް އަޞްލުގޮތާ ޚިލާފަށް ފެނިގެންދިޔުމާއެކު، އެބައިމީހުންގެ އިޙްސާސްތަކާ ކުޅެލައެވެ. އެހެންވީއިރު، އެބައިމީހުންގެ އެކަންކަމަށާއި ޠަބީޢަތްފަދަ ކަންކަމަށް އެ އަސަރު ކުރުވަނީ ސިޙުރުފިޔަވައި ކޮން އެއްޗެއް ހެއްޔެވެ؟ ހުއްޓި އޮންނައެއްޗެއް ޙަރަކާތްކުރާހެން ފެނުމަށް ދާންދެން، އަދި ގުޅިފައިވާ އެއްޗެއް ވަކިއެއްޗެއްގެ ގޮތުގައި ފެނުމަށް ދާންދެން އެސިޙުރުޖެހޭމީހާގެ އިޙްސާސްތަކާ ކުޅެލައެވެ. އަދި އެމީހާގެ ކައިރީ ލޮބިވެތިމީހާއާމެދު ރުޅިއައިސްފުމަށް ދާންދެން، އަދި އެމީހާ އެންމެ ރުޅިއަންނަމީހާ ލޮބުވެތިމީހަކަށްވެއްޖެއުމަށް ދާންދެން އެސިޙުރުޖެހޭމީހާގެ ނަފްސުގެ ޞިފަތަކާ އެކުޅެލަނީ ކޮން އެއްޗެއް ހެއްޔެވެ؟ މިފަދަ އެތައް އަޘަރުތަކެއް (ސިޙުރުގެ ސަބަބުން) ކުރުވައެވެ. ފިރުޢައުނުގެ ސަޙުރުވެރިންނާ ބެހޭގޮތުން ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((سَحَرُوا أَعْيُنَ النَّاسِ)) މާނައީ: “އެއުރެން މީސްތަކުންގެ ލޯތަކަށް ސިޙުރުހެދިއެވެ.” ފަހެ، ﷲ ސުބުޙާނަހޫ ވަތަޢާލާ (މިއާޔަތުގައި) ބަޔާންކުރައްވާފައި އެވަނީ މީސްތަކުންގެ ލޯތަކަށް ސިޙުރުޖެހުނުކަމެވެ. އެއިގެ އެއްގޮތަކީ؛ އެފެންނަ އެއްޗަށް އަންނަ ބަދަލެވެ. އެފެންނަ އެއްޗަކީ ވާތަކާއި ޢަޞާތަކެކެވެ. (އެކަން އެގޮތަށް ހިނގައިގެންދާގޮތުގެ) މިސާލަކީ އެތަކެތި ޙަރަކާތްކުރުވުމަށްޓަކައި ސިޙުރުވެރިޔާ ރޫޙުތަކުގެ ކިބައިން ވާތްގަށް އެދެއެވެ. އެކަންކުރުވައިދޭ ފަރާތަކީ ޝައިޠާނުންނެވެ. މީސްތަކުންނަށް ހީކުރެވެނީ އެތަކެތި އަމިއްލައަށް ޙަރަކާތްކުރާކަމަށެވެ. މީގެ މިސާލަކީ ފެންނަން ނެތް މީހަކު ކުނަލެއް ނުވަތަ ކާޕެޓެއް ދުއްވުމުގެ މިސާލެވެ. ފަހެ، އެމީހާއަށް ފެންނަނީ އެ ކުނާ ނުވަތަ ކާޕެޓް ދުވާތަނެވެ. އެދުއްވާމީހެއް ނުފެނެއެވެ. މިފަދައިން ވާތަކާއި ޢަޞާތައް ޝައިޠާނުން ޙަރަކާތްކޮށް ހެދުމުގެ ސަބަބުން، ފެންނަމީހާއަށް ހީވަނީ އެތަކެތި އަމިއްލައަށް ޙަރަކާތްކުރަނީކަމަށެވެ. އެހެނެއްކަމަކު، އެ ޙަރަކާތްކުރުވާ ބަޔަކީ ޝައިޠާނުންނެވެ.

އަނެއް ގޮތަކީ؛ އެ ސިޙުރު ބަލާމީހުންނަށް (އެ ސިޙުރުގެ ސަބަބުން) އަންނަ ބަދަލުއައުމެއްގެ ސަބަބުން، އެމީހާއަށް ފެންނަނީ އެ ވާތަކާއި ޢަޞާތައް ޙަރަކާތްކުރާ ހެންނެވެ. ޙަޤީޤަތުގައި އެތަކެތި ހުންނަތަނުގައި ހުންނަނީއެވެ. ޝައްކެއްނެތްގޮތުގައި ސިޙުރުވެރިން މިދެގޮތަށްވެސް ކަންތައްކުރެއެވެ.

ސިޙުރުގައި ޙަޤީޤަތް އެކުލެވިގެންވާކަމަށް އިންކާރުކުރާމީހުން ބުނާގޮތުން، އެ ސިޙުރުވެރިން ޖާދުލެކޭ އެއްގޮތަށް ދެއްކި ޙަރަކާތްތަކެއްގެ ސަބަބުން އެތަކެތި ޙަރަކާތްކުރުވީއެވެ. މިއީ ވަރަށް ގިނަ ގޮތްގޮތުން ބާޠިލުބުނުމެކެވެ. (ޖާދޫތަކުގައި ގިނަ ފަހަރަށް ހުންނަނީ އެބަލަންތިބޭ މީހުންނަށް އޮޅުވާލުމެވެ. މިކަންކަން ޝައިޠާނުން ބޭނުންނުކޮށްވެސް އަދި ސިޙުރު ހެދުމެއްނެތިވެސް މިފަދަ ޖާދޫ ހެދޭނެއެވެ.) (ނުނިމޭ)

_______________________

* މިއީ މުޙައްމަދު ބިން ޢަބްދުލްވައްހާބު ރަޙިމަހުﷲ ލިޔުއްވާފައިވާ الفلق ސޫރަތުގެ ކުރުތަފްސީރެއްގެ ތަރުޖަމާއެވެ.

މީގެ ޢަރަބި ފޮތް ހޯއްދެވުމަށް މި ލިންކަށް ފިއްތަވާ ލައްވާށެވެ.

_______________________

سورة الفلق ގެ ތަފްސީރު