[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އާޙާދު ޙަދީޘަކީ ޢަޤީދާއާއި އަޙްކާމުގައި ޙުއްޖަތެއް

އާޙާދު ޙަދީޘަކީ މުތަވާތިރުގެ ދަރަޖައަށް ނުފޯރާ ނުވަތަ މުތަވާތިރުގެ ޝަރުޠުތައް ފުރިހަމަނުވާ ކޮންމެ ޙަދީޘެކެވެ. ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިންގެ އަރިހުގައި ޙުކުމުގައި މުތަވާތިރު ޙަދީޘާއި އާޙާދު ޙަދީޘަކީ ޙުއްޖަތެކެވެ. އަދި އެދެވައްތަރު ޙަދީޘް ޢަޤީދާގެ މަސްއަލަތަކުގައާއި އަޙްކާމުގެ މަސްއަލަތަކުގައި ފަރަޤުނުކުރައްވައެވެ. މުތަވާތިރު ޙަދީޘަކީ ޙަދީޘެއްގެ ސަނަދުގެ ކޮންމެ ގިންތިއަކުން އެތައް ރާވީންނެއް ރިވާކުރައްވާފައިވާ، އަދި އެޙަދީޘެއްގައި ދޮގެއް އެކުލެވިގެންވުން މުސްތަޙީލު ޙަދީޘެވެ. އާޙާދު ޙަދީޘަކީ މުތަވާތިރުގެ ދަރަޖައަށް ނުފޯރާ ހަދީޘެވެ. ބައެއް ފިރުޤާތަކުގެ މީހުން އާޙާދުޙަދީޘްތައް ރައްދުކުރެއެވެ. ނުވަތަ ޢަޤީދާގެ މަސްއަލަތަކުގައި މިފަދަ ޙަދީޘްތައް ނުނަގައި ފިޤުހުގައި މިހަދީޘްތައް ނަގައެވެ. މިފަދަ ފިރުޤާތަކުގެ މީހުންގެ މިމަގުއޮޅުމުގެ ސަބަބުން ދީނުގެ މުހިއްމު މަސްއަލަތަކާގުޅޭ ވަރަށް ގިނަ ޙަދީޘްތައް ޤަބޫލުނުކޮށް ރައްދުކުރެއެވެ. ނަތީޖާއަކަށްވީ ދީނުގެ ތެރެއަށް އަމިއްލަ ގޮތްތައް ވަދެ މަގުއޮޅިގެން ދިޔުމެވެ.

ސުންނަތާއި ޖަމާޢަތުގެ އަހުލުވެރިން މުތަވާތިރުކޮށް ނުވަތަ އާޙާދުކޮށްނަމަވެސް ޞައްޙަ ޙަދީޘެއް ނަމަ އެއީ އެބައިމީހުންގެ އަރިހުގައި ޙުއްޖަތެކެވެ. އަދި ޢަޤީދާގެ މަސްއަލަތަކުގައިވެސް އަދި ފިޤުހީ މަސްއަލަތަކުގައިވެސް އެއީ ޙުއްޖަތެކެވެ.

ޤުރުއާނާއި ސުންނަތުންނާއި ޞަޙާބީންގެ ޢަމަލުފުޅުތަކުންނާއި ޢިލްމުވެރިންގެ އިޖުމާޢުން ދަލީލު ލިބޭގޮތުގައި އާޙާދު ޚަބަރު ޤަބޫލުކުރުމާއި އެއަށް ޢަމަލުކުރުން ވާޖިބުވެގެންވެއެވެ.

ޤުރުއާނުގެ ދަލީލުތައް:

1. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((وَمَا كَانَ الْمُؤْمِنُونَ لِيَنفِرُوا كَافَّةً فَلَوْلا نَفَرَ مِنْ كُلِّ فِرْقَةٍ مِنْهُمْ طَائِفَةٌ لِيَتَفَقَّهُوا فِي الدِّينِ وَلِيُنذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ)) التوبة: 122 މާނައީ: “އަދި އެންމެން އެކުގައި ހަނގުރާމަޔަށް ނުކުތުމެއް، މުއުމިނުންނަކަށް ނެތެވެ. ފަހެ، އެބައިމީހުންގެ ތެރެއިން ކޮންމެ ބައިގަނޑަކުން ބަޔަކު ހަނގުރާމަޔަށް ނުކުތްނަމަ ކިހާރަނގަޅުހޭ؟ (އެއީ) އެބައިމީހުން (އެބަހީ: ނުގޮސްތިބި މީހުން) ދީން އުނގެނި ދަސްކުރުމަށެވެ. އަދި އެބައިމީހުންގެ ޤައުމުގެމީހުން (އެބަހީ: ހަނގުރާމަޔަށް ނުކުތް މީހުން) އެބައިމީހުންގެ ގާތަށް އެނބުރި އަތުވެއްޖެހިނދު، އެބައިމީހުންނަށް އިންޒާރުކުރުމަށްޓަކައެވެ. (އެއީ) އެބައިމީހުން ބިރުވެތިވެ، ރައްކާތެރިވުމަށްޓަކައެވެ.”

މިއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ މުއުމިނުންނަށް ދީން އުނގެނުމަށް ބާރުއަޅުއްވާފައެވެ. އަދި އެކަމުގެ އަހައްމިއްޔަތުކަން ބަޔާންކުރައްވާފައެވެ. ޢަރަބިބަހުގައި “طَائِفَةٌ” އެކަކުންފެށިގެންގޮސް އެއަށްވުރެ ގިނަމީހުންނަށް ބޭނުންކޮށް އުޅެއެވެ. އިމާމް އަލްބުޚާރީ ވިދާޅުވެފައިވެއެވެ. “ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ((وَإِنْ طَائِفَتَانِ مِنْ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا)) މިއާޔަތުގައި طَائِفَةٌ އެންމެ މީހަކަށްވެސް ނިސްބަތްކުރައްވާފައެވެ.” (އާޔަތުގެ މާނައީ: “މުއުމިނުންގެ ދެބަޔަކު ތަޅައިފޮޅައިގެންފިނަމަ، ފަހެ، އެ ދެބައިމީހުންގެ ދެމެދު ތިޔަބައިމީހުން ޞުލްޙަކުރާށެވެ!” الحجرات: 9) (صحيح البخاري: كتاب أخبار الآحاد: 8/132)

އެހެންކަމުން، މަތީގައިވާ އާޔަތުން ދޭހަކޮށްދެނީ އެކަކު އައިސް ޤައުމަށް އިންޒާރުދިނަސް، އެމީހާގެ ބަސްއަހައި ޢަމަލުކުރަންޖެހޭނެކަމެވެ.

2. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا الَّذِينَ آمَنُوا إِنْ جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا)) الحجرات: 6 މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އޭގެ ދޮގުތެދުބަލައި، ޙަޤީޤަތް ހޯދާށެވެ!”

މިއާޔަތުން އެނގޭގޮތުގައި ޢަދުލުވެރިއަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ، އެޚަބަރު ޤަބޫލުކުރަން އަންގަވާފައިއެވަނީއެވެ. އިބްނުލް ޤައްޔިމު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “މިކަމުން ދަލީލުކުރަނީ (ޢަދުލުވެރި) އެކަކުގެ ޚަބަރު ކަނޑައެޅިގެން ޤަބޫލުކުރަންޖެހޭނެކަމެވެ. އަދި އެމީހާގެ އެވާހަކައިގެ ދޮގުތެދު ބަލަންނުޖެހޭނެކަމެވެ…” (مختصر الصوائق المرسلة: 2/394).

ސުންނަތުގެ ދަލީލުތައް:    

1. އަބްދުﷲ ބުން މަސްޢޫދު ރަޟިޔަﷲ ޢަންހު ކިބައިން ރިވާވެފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((نَضَّرَ اللَّهُ امْرَأً سَمِعَ مِنَّا حَدِيثًا فَحَفِظَهُ حَتَّى يُبَلِّغَهُ)) (رواه أحمد: 4157) މާނައީ: “ތިމަންމެން ކިބައިން ޙަދީޘެއް އަޑުއަހައި، އެ ޙަދީޘް އެހެންމީހަކަށް ފޯރުކޮށްދީފުމަށްދާންދެން އެޙަދީޘް ހިތުދަސްކުރާމީހާ ﷲ އަލިކުރައްވާށިއެވެ.”

މިޙަދީޘަކީ ޢަޤީދާއާއި އަޙްކާމް ޝާމިލުވެގެންވާ ޙަދީޘެކެވެ.

2. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޤައުމުތަކަށް އިސްލާމްދީން ބަޔާންކޮށްދެއްވުމަށްޓަކައި އެއްބޭކަލަކު ފޮނުއްވާފައިވުމާއި، ޙުކުމްތައް އަންގަވާދެއްވުމަށް އެންމެ ބޭކަލަކު އެކި ޤަބީލަތަކަށާއި ރަށްރަށަށް ފޮނުވާފައިވުމެވެ. މިގޮތުން ޙައްޖުގެ އަމީރެއްގޮތުގައި އަބޫބަކުރުގެފާނު ފޮނުއްވުމާއި، ޤާޟީއެއްގެ ގޮތުގައި ޢަލީގެފާނު ޔަމަނަށް ފޮނުއްވުމާއި، ދާޢީއެއްގެގޮތުގައާއި ޞަދަޤާތްނަންގަވާ ބޭކަލެއްގެގޮތުގައި މުޢާޛުގެފާނު ޔަމަނަށް ފޮނުއްވުމާއި، މުޞްޢަބު ބުން ޢުމައިރު މަދީނާއަށް ފޮނުއްވުމާއި، ރާ ޙަރާމްކުރެވުނުކަން އިޢުލާންކުރެއްވުމަށް އެންގެވުން ހިމެނެއެވެ. މިއިން ކޮންމެ ކަމެއްގައި ރަސޫލާ އައްޔަނުކުރައްވާފައިވަނީ އެންމެ ބޭކަލެކެވެ.

ޞަޙާބީ ބޭކަލުންގެ ޢަމަލުފުޅުތައް:

ޞަޙާބީބޭކަލުންގެ ޢަމަލުފުޅުތަކަށް ބަލާލައިފިކަމުގައިވާނަމަ، އެތައް ޙާދިޘާތަކަކުން ދަލީލު ލިބެނީ އެބޭކަލުން އެންމެ ބޭކަލެއްގެ ބަސްފުޅަށް ޢަމަލުކުރައްވާފައިވާތަނެވެ. މިގޮތުން، ޢަބްދުﷲ ބުން ޢުމަރުގެ ކިބައިން ރިވާވެފައިވާ ޙަދީޘެއްގައިވެއެވެ. މީސްތަކުން ޤުބާގައި ފަތިސްނަމާދުކުރަނިކޮށް، އައިމީހަކު އައިސް ޤިބުލަ ކަޢުބަތުﷲ ގެފުޅަށް ބަދަލުކުރެވުނުވާހަކަ ބުނުމާއެކު، ކަޢުބަތުﷲ ގެފުޅަށް ކުރިމަތިލިޔެވެ. އެހިނދު މީސްތަކުން ތިބީ ޝާމްކަރައަށް ކުރިމަތިލައިގެންނެވެ.

ހަމައެފަދައިން، ވާރުތަމުދަލުން މާމައަށް ލިބެންޖެހޭ މިންވަރުގައި މުޣީރަތު ބުން ޝުޢުބާއާއި މުޙައްމަދު ބުން މަސްލަމާ ރަޟިޔަﷲ ޢަންހުމާގެ ބަސްފުޅަށް އަބޫބަކުރުގެފާނު ޢަމަލުކުރެއްވިއެވެ. އަދި މަޖޫސީންއަތުން ޖިޒުޔަނެގުމުގައި ޢަބްދުއްރަޙްމާން ބުން ޢައުފް ރަޟިޔަﷲ ޢަންހުގެ ބަސްފުޅަށް ޢުމަރުގެފާނު ޢަމަލުފުޅުކުރެއްވިއެވެ.

ޢިލްމުވެރިންގެ އިޖުމާޢު:

ޢަދުލުވެރި އެކެއްގެ ޚަބަރަށް ޢަމަލުކުރުމާމެދު ޞަޙާބީން އިޖުމާޢުވެވޑައިގެންފައިވާކަމަށް އަލްޤާޟީ އަބޫ ޔަޢުލާ ނަޤުލުކުރައްވާފައިވެއެވެ. (انظر: العدة: 3/865)

އައްޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “(ޢަދުލުވެރި) އެކެއްގެ ޚަބަރުގެ ތެދުދޮގު ބެލުމާމެދު އިޚްތިލާފުވެފައިވާކަމެއް މުސްލިމުންގެ ފިޤުހުވެރިންގެ އަރިހުން އައިސްފައެއްނުވެއެވެ.” (الرسالة: ص. 197)

އިބްނު ޢަބްދުލްބައްރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. “ތިމަންނައަށް އެނގިފައިވާގޮތުން، ހުރިހާ ކަންކޮޅެއްގައިވާ ފިޤުހާއި އަޘަރުގެ އަހުލުވެރިން އިޖުމާޢުވެވަޑައިގެންފައިވާގޮތުގައި ޢަދުލުވެރި އެކެއްގެ ޚަބަރު ޤަބޫލުވެވިގެންވެއެވެ. އަދި އެޚަބަރަށް ޢަމަލުކުރުމަކީ ވާޖިބެކެވެ.” (التمهيد: 1/2)

މިދަލީލުތަކަށް ބިނާކޮށް، ޢަޤީދާގެ މަސްއަލައަކުގައި އާޙާދު ޙަދީޘް ޤަބޫލުނުކުރެވޭނޭ ބުނުމަކީ އަލަށް އުފައްދަފައިވާ ބިދުޢަ ބަހެކެވެ. ދީނުގައި އެބަހަށް އެއްވެސް އަޞްލެއްނުވެއެވެ. ސަލަފުއްޞާލިޙުންގެ ތެރެއިން އެއްވެސް ބޭކަލަކު އެފަދައިން ވިދާޅުވެފައެއްނުވެއެވެ. އަދި އެއިގެ ތެރެއިން އެއްވެސް ބޭކަލެއްގެ ކިބައިން އެފަދަ ބަސްފުޅެއް ނަޤުލުވެގެންވެސްނުވެއެވެ.