[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ދިފާޢުގައި އަޅުގަނޑުމެންގެ ޢަމަލުތައް ބަހައްޓަންވީ ގޮތަކީ ކޮބާ؟

ޢާލަމްތަކަށް ރަޙްމަތެއްކަމުގައި މާތް ﷲ ފޮނުއްވެވި އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ محمد صلى الله عليه وسلم ގެ އަބުރުފުޅަށް ބަދުބަސް ރައްދުކޮށް ކާފަރުން ފިލްމެއް އުފެއްދުން އަޅުގަނޑަށް ސިފަވެގެންދަނީ އިރުގެ އަލިކަން ގަދަވެ ދުނިޔެއަށް ފެތުރި  އޭގެ ހޫނުކަން ގަދަވެގަތުމުން ބިމުގައި އޮންނަ ކުއްތާ  ރުޅިއައިސް ވައްވައްޖަހާ ފަދައިންނެވެ. އެ ކުއްތާ ކިތަންމެ ގިނައިން ވައްވައް ޖެހިޔަސް އިރުގެ އަލި ކަމަށާއި އޭގެ ހޫނަށް އެއްވެސް އަސަރެއް ނުކުރާނެއެވެ. ހަމައެފަދައިން ކާފަރުން ކިތަންމެ ރުޅިއައިސްފައި ކިތަންމެ ހަޑި ޢިބާރާތުން ލޮބުވެތި ނަބިއްޔާ صلى الله عليه وسلم އަށް މަލާމާތްކުރިޔަސް އެކަލޭގެފާނުގެ އަބުރުފުޅާއި ޝަޚްޞިއްޔަތާއި ހައިބަތަށް ކުޑަވެސް އުނިކަމެއް ނާންނާނެއެވެ. ސަބަބަކީ އެކަލޭގެފާނަށް ހިމާޔަތް ދެއްވާ ފަރާތަކީ ޢާލަމްތަކުގެ ވެރި އިލާހެވެ. ޢާލަމްތަކުގެ ވެރި ރައްބެވެ. ޖައްބާރުވަންތަ ޤައްހާރުވަންތަ އިލާހެވެ. އެއިލާހު ވަޙީކުރައްވާފައިވެއެވެ.

إِنَّا كَفَيْنَاكَ الْمُسْتَهْزِئِينَ ﴿٩٥﴾

މާނައީ: “ހަމަކަށަވަރުން، ކަލޭގެފާނަށް ފުރައްސާރަކުރާމީހުންގެ ނުބައިކަމުން ތިމަންރަސްކަލާނގެ ކަލޭގެފާނު ރައްކާތެރިކުރައްވާހުށީމެވެ!”

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

( وَالَّذِينَ يُؤْذُونَ رَسُولَ اللَّـهِ لَهُمْ عَذَابٌ أَلِيمٌ )

މާނައީ: “އަދި ﷲ ގެ ރަސޫލާއަށް އުނދަގޫކުރާ މީހުންނަށް ވޭންދެނިވި ޢަޒާބު ހުއްޓެވެ.”

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.

( إِنَّ الَّذِينَ يُؤْذُونَ اللَّـهَ وَرَسُولَهُ لَعَنَهُمُ اللَّـهُ فِي الدُّنْيَا وَالْآخِرَةِ وَأَعَدَّ لَهُمْ عَذَابًا مُّهِينًا )

މާނައީ: “ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ ރަސޫލާއަށް އުނދަގޫކުރާމީހުން (ދަންނާށެވެ!) ﷲ، އެއުރެންނަށް ދުނިޔެއާއި، آخرة ގައި لعنة ލެއްވިއެވެ. އަދި އެކަލާނގެ އިހާނަތްތެރި عذاب އެއުރެންނަށްޓަކައި ތައްޔާރުކުރެއްވިއެވެ.”

ރަސޫލުﷲ صلى الله عليه وسلم ގެ އަބުރުފުޅަށް ހަޑިބަސް ރައްދުކޮށް ފިލްމުކުޅުމަކީ ބޮޑުވެގެންވާ ޖަރީމާއެކެވެ. މި ޖަރީމާ ހިންގި ކާފަރުންނަށް ﷲ ތަޢާލާ ލަޢުނަތް ލައްވާށިއެވެ! އެކަލޭގެފާނަކީ ކޮންފަދަ ބޭކަލެއްކަން އެބައިމީހުންގެ ހޭވެރިކަމަށް ނާންނަނީއެއް ނޫނެވެ! އެބައިމީހުންނަށް ރަނގަޅަށް އެނގެއެވެ! އިރުގެ އަލިކަން ލޯތަކަށް ވަންހަނާވެގެން ނުވާފަދައިން އެކަލޭގެފާނަކީ ޙައްޤު ރަސޫލާކަން މުޅި ޢާލަމް ޤަބޫލް ކުރެއެވެ. ދެކޮޅުވެރިވެ ޢަދާވާތްތެރި ވެގަންނަ ބަޔަކު ޢަދާވާތްތެރި ވަނީ އެބައިމީހުންގެ ކިބައިގައިވާ ނޭއްގާނިކަމާއ ބޮޑާކާމައި ކިބުރުވެރުކަމުގެ ސަބަބުންނެވެ. ޙައްޤު ނޭގޭތީއެއްނޫނެވެ.

އަޅުގަނޑުމެންނަށް ފާއިތުވެދިޔަ ދުވަސްކޮޅުގެ ތެރޭގައި ފެނިގެން މިދިޔައީ އާކަމެއް ނޫނެވެ. އެހެންނަމަވެސް މުސްލިމުންގެ މޭތަކަށް ހަންޖަރު ހެރުމުން އެބައިމީހުންނަށް ކެތްނުވަނީއެވެ. އެބައިމީހުންގެ އެ ޖަޒުބާތަކީ ޙައްޤު ޖަޒުބާތެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم އަވަހާރަވީ ދުވަހު ޢުމަރު ރަޟިޔަﷲޢަންހު ފަދަ ވަރުގަދަ ބޭކަލުންގެ ހިތްތައްވެސް ކުދިކުދިވެގެން ދިޔައެވެ. ސަބަބެއް ނެތިޔެއްނޫނެވެ. އެކަލޭގެފާނަކީ އެބޭކަލެއް މެދުވެރި ކުރައްވައި މުޅި އިންސާނިއްޔަތު ނަރަކައިގެ ތުނަފަތްމަތިން ސަލާމަތްކުރެއްވި މާތް ސާހިބާއެވެ. އެކަލޭގެފާނަށް ލޯބިނުކުރާ މީހަކު މުއުމިނަކަށް ނުވާނެއެވެ. އެކަލޭގެފާނަށް ލޯބިވާން ޖެހެނީ ކިހިނެއްތޯއެވެ؟ އެކަލާގެފާނަށް ލޯބިވާންޖެހެނީ އަޅުގަނޑުމެންގެ މައިންބަފައިންނަށް ވުރެވެސް ބޮޑަށެވެ. އަޅުގަނޑުމެންގެ ދަރިންނަށްވުރެވެސް ބޮޑަށެވެ. އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކަށްވުރެވެސް ބޮޑަށެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ.

(لا يؤمن أحدكم حتى أكون أحب إليه من والده وولده والناس أجمعين)

މާނައީ: “އެމީހެއްގެ މައިންބަފައިންނާއި ދަރިންނާއި އެންމެހާ މީސްތަކުންނަށްވުރެ ބޮޑަށް ތިމަންކަލޭގެފާނުދެކެ ލޯބިވެއްޖެއުމަށްދާންދެން ތިޔަބައިމީހުންގެ ތެރެއިން އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ.”

ލޮބުވެތި ނަބިއްޔާ صلى الله عليه وسلم އަށް މެދުވެރިވާ ކޮންމެ މުޞީބާތަކީ މުސްލިމުންނަށް އެކަލޭގެފާނު ދެކެ އެބައިމީހުން ވާ ލޯބި އެންގުމަށް ލިބޭ ބޮޑުވެގެންވާ ފުރުޞަތެކެވެ. މިއަދު ދުނިޔޭގެ ކަންކޮޅުތަކުގައި މިފެންނަމުންދާ މުޡާހަރާތަކަކީ އެކަމަށްޓަކައި ފެންނަމުންދާ ކަންކަންކަމުގައި އަޅުގަނޑު ޤަބޫލްކުރަމެވެ.

އެހެންނަމަވެސް އެކަލޭގެފާނުދެކެ އަޅުގަނޑުމެން ވާންޖެހޭ ލޯތްބަކީވެސް ހަމަ އިސްލާންދީނުގެ ތެރެއިންވާ ލޯތްބެކެވެ. އެކަލޭގެފާނުދެކެ ލޯބިވާން ޖެހެނީ އެކަލޭގެފާނު ދަސްކޮށްދެއްވި ގޮތަށެވެ. ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދޭގޮތަށް އެ ރަސޫލާއަށް ލޯބިކުރުމެއް ނެތެއެވެ. އަދި އެއީ ލޯބިކަމުގައި ނުވެސް ބެލޭވޭނެއެވެ. ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކުގައި އެކަލޭގެފާނަށް ކުރާ ލޯތްބެއްގެ ބޮޑުކަމުން އެކަލޭގެފާނަށް އަޅުކަންކުރަމުންދާ ބަޔަކުވެސް އަޅުގަނޑުމެންނަށް ފެނިގެންދެއެވެ. ނަމަވެސް މިއީ ހައްދުފަހަނަ އަޅައި ދިޔުމެވެ. ﷲ އެކަލޭގެފާނަށް ދެއްވީ ﷲ ގެ ރަސޫލާ އަދި އަޅާ ގެ ދަރަޖައެވެ. އެއަށްވުރެ މަތީދަރަޖައަކަށް އެކަލޭގެފާނު ގެންދިޔުމަކީ ﷲ އަށާއި އެކަލޭގެފާނަށް ވެވޭ އުރެދުމެކެވެ. އެފަދަމީހުން އެކަލޭގެފާނުދެކެ ލޯބިވާކަމަށް ދަޢުވާކުރާ ދަޢުވާއަކީ ބާޠިލް ދަޢުވާއެކެވެ. ހަމަ މިގޮތަށް ﷲ އާއި ރަސޫލާ صلى الله عليه وسلم  ދެކެވާ ލޯތްބެއްގެ ބޮޑުކަމުން ޝަރީޢަތް އަމިއްލަ އަތަށްލައިގެން ބޭނުންމީހަކު ޤަތުލުކުރަމުން ބޭނުންމީހަކު ތާޢޫތަކަށް ހަދާ ތިމަންމެނަށް ކަމުދާ މީހާ ތާޢޫތަކަށް ނަހަދާ އުޅޭބައިގަނޑެއްވެސް އެބަފެނެއެވެ. އެބައިމީހުންގެ ގާތުގައި އެބައިމީހުންނާއި ހިޔާލު ތަފާތުވާ ކޮންމެ މީހަކީ އެއީ ތާޢޫތެކެވެ.

ޙައްޤަށް  ގޮވާލަ ދީނީ ޢިލްމުވެރިންވެސް އެބައިމީހުންގެ އެބާޠިލް ގޮވާލުންތަކާ ދެކޮށްޅަށް އެއްޗެކޭ ބުނެފިނަމަ އެބޭފުޅުންވަނީ ތާޢޫތުންނަށެވެ، މުނާފިޤުންނަށެވެ. އެބައިމީހުން މިގެންގުޅޭ މިންގަނޑަކީ މީ ކޮންފޮތަކުން ގެނެސްގެން އުޅޭ މިންގަނޑެއްކަމެއް އެކަކަށްވެސް ނޭނގެއެވެ. ހަމަގައިމުވެސް ޝަރީޢަތުގައި ތާޢޫތު މާނަކުރާ މިންގަނޑާއި މިބައިމީހުން މިގެންގުޅޭ މިންގަނޑާއި ވަރަށްތަފާތެވެ. އެހެންކަމުން ޤުރްއާނާއި ސުންނަތުގެ ޢިލްމަށް އެނބުރިއައިސް އެޢިލްމު އެނގިގެންތިބެ ދީނުގައި އޮންނަ ކޮންމެކަމެއްވެސް ކުރުމަށް އެބައިމީހުންނަށް ގޮވާލަމެވެ. މިގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ނަޞްރު ދިނުމަކީވެސް ދީނުގެ ތެރެއިންވާ ކަމެކެވެ. އެކަމަކީވެސް އެކަމުގެ ޢިލްމު ހުރެގެން ކުރެވޭނެކަމެކެވެ. އަންނަ ޖަޒުބާތާއެކީ ތަންތަން ރޯކުރަމުން ހުޅުޖަހަމުން ދިޔުމަކީ މަގުމަތީގައި އުޅޭ ލަޓޯފަޓޯމީހުންގެ އާދައެކެވެ. އޭގެބަދަލުގައި ރަސޫލާ صلى الله عليه وسلم އަށް ނަޞްރު ދިނުމަކީ މިއުއްމަތުގެ ޢިލްމުވެރިންގެ ބޮލުގައި އެޅިފައިވާ ޒިންމާއެކެވެ. ޢާއްމުން އެ ޒިންމާ އަދާކުރާނީ ޤުރްއާނާއި ސުންނަތުގެ އަލީގައި އެޢިލްމުވެރިން ބަޔާންކުރައްވާ ގޮތެއްގެ މަތިންނެވެ.

މިއަދު މިއުއްމަތުގެ ޙާލަތު ހުރީ ކިހިނަކުންތޯއެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅު ތަކެއްގައި މިވަނީ ޝިރުކާއި ބިދުޢަ ފެތުރިފައެވެ. ﷲ ގެޙުކުމްތަކަށް އިންކާރު ކުރުމާއި މާތް ނަބިއްޔާ صلى الله عليه وسلم އަށް މާލާމާތް ކޮށް ފުރައްސާރަކުރުން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އެބައޮތެވެ. މިފަދަ ޢަމަލު ކުރާމީހުން މިފަދަޢަމަލުތައް ކުރަނީ މިދީނުގެ ހައިބަތަށް ކުޑަވެސް އުނިކަމެއް އަންނާނޭ ކަމަށް ހީކޮށެވެ. އެހެންނަމަވެސް އާޚިރުގައި ދެރަވެ ނިކަމެތިވެ ބިކަވެގެންދަނީ އެފަދަމީހުންނެވެ. މިއީ ދުނިޔެއާއި މިދިވެހި ރާއްޖޭގެ ތާރީޚު ވަރަށް ގާތުން ދެކެފައިވާ މަންޒަރެކެވެ.

ދިވެހިރާއްޖޭގެ ދީނީ ދަޢުވަތުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާ ޢިލްމުވެރިންކޮޅެއް އުޅުއްވާކަން ފާހަގަކޮށްލަމެވެ. އެބޭފުޅުން މަސައްކަތް ކުރައްވަން ޖެހިފައިވަނީ ވަރަށް ނުބައި ފައްތަރެއްގައި މި ރާއްޖެ އޮތް ވަގުތެއްގައެވެ. ސިޔާސީ ޕާޓީ ތަކަކީ އެބައިމީހުންގެ ދީންކަމުގައި ބައެއް މީހުންބަލާފައިވާ ދުވަސްވަރެއްގައެވެ. ރާއްޖެޔަށް ވެއްދުމަށް މަސައްކަތްނުކުރާ އެންމެ ފިކުރެއްވެސް ނެތް ދުވަސްވަރެއްގައެވެ. ޝިރުކާއި ބިދުޢައިން ފުރިގެންވާ ޤައުމެއް ކަމުގައިވާ އިރާނުގެ “ދީލަތި” އެހީތައް އަޅުގަނޑުމެންނާއި ހަމަޔަށް އަންނަނީއެވެ. ރާފިޟާއިންނަކީ ޔަހޫދީންގެ ދަރިންތަކެކެވެ. ބޭރުފުށުން ހަތުރުން ކަމުގައި ދެއްކިޔަސް އެތެރެފުށުން އެބައިމީހުންނަކީ މިތުރުންނެވެ. ރާއްޖޭގައި ވަރަށް ބާރަށް ރަސޫލާގެ صلى الله عليه وسلم ގެ ސުންނަތް ޤަބޫލްނުކުރާ ފިރުޤާއެއް ފެތުރެމުންއާދެއެވެ. ރާއްޖެގައި ދީން ޤަބޫލުނުކުރާމީހުން އެބަތިއްބެވެ. ރާއްޖޭގައި ސުންނަތާއި ދެކޮޅަށް ރެއާއި ދުވާލު މަސައްކަތްކުރާ ބަޔަކު އުޅެއެވެ. މި އެންމެންނާއި މުޢާމަލާތް ކުރަން ޖެހިފައިވަނީ ހަމަ އެ ޢިލްމުވެރިންނަށެވެ. މިފަދަ ޙާލަތެއްގައި ރާއްޖެއޮތްވާ ރަސޫލާ صلى الله عليه وسلم އަށް ނަޞްރުދިނުމުގެ ނަމުގައި ބަޔަކު މަރައި ތަންތަނުގައި ހުޅުޖެހުމުން އެކަލޭގެފާނަށް ދެވޭނީ ކޮން ނަޞްރެއްތޯއެވެ؟ އެއަށްވުރެ ރަނގަޅުގޮތަކީ ޙިކުމަތްތެރިކަމާއެކު ޢިލްމީގޮތުން އަޅުގަނޑުމެންނަށް ދެވެންއޮތް ރައްދުތައް ދިނުމެވެ. އެކަލޭގެފާނާއި ބެހޭގޮތުން ކާފަރުން އުފައްދާފައިވާ ޝުބުހަތައް ނުވަތަ ޝައްކުތައް މީސްތަކުންނަށް ބަޔާންކޮށްދީ އޭގެ ރަނގަޅުގޮތް އަންގައިދީގެންނެވެ. އޭރުން ހިތުގައި އީމާންކަން ބަލިކަށިވެފައިވާ މީހުންނަށް ﷲގެ އިރާދައާއެކީ ހިދާޔަތް ލިބިގެންދާނެއެވެ. ބަޔަކު ކަނޑީގެ ބިރަށް ޢިޞްލާޙެއްނުވާނެއެވެ. އިޞްލާހުވާނީ އެބައިމީހުންގެ ހިތްތަކަށް އަސަރުކުރަނިވި ވަޢުޞާއި ނަޞޭޙާތް އެބައިމީޙުންނަށް ދީގެންނެވެ.

މިއަދު މިއުއްމަތުގެ ބާރު މިވަނީ ނިކަމެތިވެފައެވެ. ނިކަމެތިވެފައި ވަނީ ހަތިޔާރު މަދުވެގެނެއް ނޫނެވެ. ބާރުގަދަ ފިރިހެނުން މަދުވެގެނެއް ނޫނެވެ. މުސްލިމުން އެބަމީހުންގެ ދީނުގައި އަންގާފައިވާ ގޮތަށް ޢަމަލު ނުކުރާތީއެވެ. ނަމާދު ކުރަން އެންގެވުމުން ނަމާދު ނުކުރާތީއެވެ. އަދި ކުރާއިރުވެސް އެ ކުރަންޖެހޭގޮތަށް އެކަން ނުކުރާތީއެވެ. ޖިހާދު ކުރަން އެންގެވުމުން ޖިހާދު ނުކުރާތީއެވެ. އަދި އެކަން ކުރާއިރުވެސް އެކަން ކުރަން އެނގެވި ގޮތަށް އެކަންނުކުރާތީއެވެ. މިއުއްމަތް ވަރުގަދަ އުއްމަތަކަށް ވާނީ ކޮންމެ މުސްލިމަކުވެސް އެމީހެއްގެ އަމިއްލަ ނަފްސުގައި އިސްލާމީ ޝަރީޢަތް ޤާއިމްކޮށްގެންނެވެ. އަހަރެމެންނަށް ޚިލާފަތެއްވެސް ޤާއިމްކުރެވޭނީ އޭރުންނެވެ. އޭރުން އަހަރެމެންނަށް ރަސޫލާއަށް ނޞްރު ދިނުމަށްޓަކައި އެކަންކުރި ޤައުމާއި އެކަމަށް ހިއްވަރު ދިންމީހުންނާ ދެކޮޅަށް ފިޔަވަޅުއެޅުމަށްޓަކއި ބާރުވެސް ލިބޭނެއެވެ.

މިއަދު ގިނަ މުސްލިމުންނަށް އެބައިމީހުންގެ ދީނުގައި އެނގެން ލާޒިމްކުރާ ކަންތައްތައް ނޭގެއެވެ.  އެކަކު އަނެއްކަކަށް ކާފަރުކޮށްކޮށް އަހަރެމެން ތިބުމަކީ ކާފަރުން އެންމެ ލޯބކުރާނެކަމެވެ. އަހަރެމެންގެ ތެރޭގައި ހަމަނުޖެހުމާއި ބައިބައިވުން އުފެއްދުމަކީ ކާފަރުން އެންމެ ލޯބިކުރާކަމެވެ. ޑިވައިޑް އެން ރޫލް އަކީ ދީނީ ގޮތުންވެސް އަދި ދުނިޔެވީ ގޮތުންވެސް އަޅުގަނޑުމެން ނިކަމެތިކޮށްލުމަށްޓަކައި ކާފަރުން ގެންގުޅޭއް ޤާއިދާއެއްކަން ހަނދާންކުރަންވާނެއެވެ.

އަޅުގަނޑުމެންނަށް ﷲ އާއި ރަސޫލާ صلى الله عليه وسلم އަށް ނަޞްރުދެވެންއޮތީ އެންމެ ގޮތަކަށެވެ. އެއީ މިދީނުގައި ވާގޮތަށް ޢަމަލުކޮށްގެންނެވެ. ދީނުގައި ވާގޮތުގެ މައްޗަށް އަޅުގަނޑުމެންގެ ހަވާ ނަފްސާއި ޖަޒުބާތުގެ ގޮވުންތައް އިސްކޮށްގެން މިއުއްމަތަށް މަންފާއެއް ނުކުރާނެއެވެ. އޭގެބަދަލުގައި ލިބޭނީ ގެއްލުމެވެ.