[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރުޤްޔާކުރުމުގައި އާޔަތްތައް ޚާއްޞަކުރުމާބެހޭ މަސްއަލައަށް އަލުން ބަލާލުމެއް

އަޅުގަނޑުމެންނަށް އިންޓަނެޓުންނާއި، އެނޫންވެސް ތަފާތު މަޢުލޫމާތު ފެތުރުމުގެ ވަސީލަތްތަކުން، ތަފާތު އެކިބައްޔަށް ރުޤްޔާކުރުމުގައި ތަފާތު ޤުރުއާނުގެ އާޔަތްތައް، ތަފާތު ޢަދަދުތަކަށް ކިޔުމަށް ބުނެފައިވާތަން ފެންނަނީ މަދެއްކޮށެއްނޫނެވެ. ކިޑުނީގެ މަސްއަލަތަކަށް، ހިތުގެ މަސްއަލަތަކަށް، ބޮލުގެ މަސްއަލަތަކަށް، ދަރިމައިނުވުމުން، ޖިންނިމޮޔަވުން މިގޮތަށް ގޮސް އެތައް ބަލިތަކަކަށް ކަނޑައެޅި ޚާއްޞަކޮށްގެން އެވެނި މިވެނި އާޔަތެއް އެވެނި މިވެނި ފަހަރު ކިޔުމަށް ބުނެފައިވާތަން ފެނެއެވެ. މި މަސްއަލަ ޢާއްމުންނަށް އޮޅި، އަމިއްލައަށް ރުޤްޔާކުރަމުންގޮސް ކިރިޔާ ބަލިމީހާއަށް ގޮތެއްވާއިރަށް މިވެނިހެންވީމަ ކޮންއާޔަތެއްތަ ކިޔަންޖެހެނީ ބުނެ މީހުންނަށް މެސެޖުކޮށް، ފޭސްބުކްފަދަ ތަކެތީގައި ޖަހާފައި ހުންނަތަން ފެންނަނީ މަދެއްކޮށެއްނޫނެވެ. ޙަޤީޤަތަށް ވިސްނާލާއިރު މިކަމަކީ މީސްތަކުން ފިތުނަވެރިވެ، އިސްލާމްދީނުގައި ވަކިކަމަކަށް ޚާއްޞަކުރައްވާފައިނުވާ އާޔަތްތައް އަމިއްލައަށް ޚާއްޞަކޮށްގެން ދީނުގެ ތެރެއަށް ވެއްދުންނޫން ފަހެ ކޮންކަމެއްތޯއެވެ؟ ވަކިކަމަކާގުޅޭގޮތުން ޝަރުޢުގައި ޚާއްޞަކުރައްވާފައިނުވާ ވަކިވަކި އާޔަތްތައް ޚާއްޞަކޮށް، ވަކި އެވެނި ޢަދަދަކަށް ކިޔަން އެންގުމަކީ ބިދުޢައަށް ހުޅުވާލެވޭ ދޮރެއްނޫންތޯއެވެ؟

މީގެ ކުރިން އަޅުގަނޑު ލިޔެފައިވާ “ރުޤްޔާހެދުމުގައި ޤުރުއާނުގެ ބައެއް އާޔަތްތައް ޚާއްޞަކުރުން” މިމަޢުޟޫއަށް ލިޔެފައިވާ ލިޔުމުގައާއި، “ރުޤްޔާ ހެދުމުގައި ތަޖުރިބާއަށް ބަރޯސާވުން” މިމަޢުޟޫއަށް ލިޔެފައިވާ ލިޔުމުގައި މިމަސްއަލައަށް އަޅުގަނޑަށް ކުރެވިފައިވާ ދިރާސާގެ އަލީގައި އަލިއަޅުވާލައިފައިވާނެއެވެ. މިދެމަޒުމޫނުގެ ކުރުޚުލާޞާއަކީ:

1. އިސްލާމްދީނުގެ ޤަވާޢިދުތަކުގެ ތެރެއިން އެންމެ މުހިއްމު އެއްޤަވާޢިދަކީ ޝަރުޢީކަމެއް ޚާއްޞަކުރުމަށް ޤުރުއާނާއި ސުންނަތުން ދަލީލުބޭނުންވާނެއެވެ. މިގޮތުން މިސާލަކަށް: ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ކަމެއް ޚާއްޞަކުރުމަށްޓަކައި ޞައްޙަ ޝަރުޢީ ދަލީލެއް ބޭނުންވާނެއެވެ. ހަމައެފަދައިން، ތަނެއްގެ ނުވަތަ ވަޤުތެއްގެ ބަރަކާތްތެރިކަމަށް ދަލީލުކުރުމަށްޓަކައި ދަލީލު ބޭނުންވާނެއެވެ. މިގޮތުން ޝަރުޢީ ދަލީލުތަކުގައި ސާބިތުވެފައިވާތީވެ ހަފްތާގެ އެހެންދުވަސްތަކަށްވުރެ ހުކުރުދުވަސް ޚާއްޞަވެއެވެ. އެހެން މަސްތަކަށްވުރެ ރަމަޟާންމަސް ޚާއްޞަވެއެވެ. އެހެންތަންތަނަށްވުރެ މިސްކިތްތައް ޚާއްޞަވެއެވެ. އަދި އެހެން ހުރިހާ މިސްކިތްތަކަށްވުރެ މަސްޖިދުލްޙަރާމާއި މަސްޖިދުއްނަބަވީއާއި މަސްޖިދުލްޢަޤްޞާއާއި ޤުބާ މިސްކިތް ޚާއްޞަވެއެވެ. އާޔަތުލް ކުރުސި، ބަޤަރާ ސޫރަތް، އާލްޢިމްރާން ސޫރަތް ފަދަ ސޫރަތްތަކާއި އާޔަތްތައް ޚާއްޞަވެއެވެ. މިފަދަ ކޮންމެ ޚާއްޞަކުރުމެއް ބިނާވެގެންވާންވާނީ ޤުރުއާނާއި ނަބިއްޔާގެ ސުންނަތަށެވެ.

2. ދީނުގައި ޚާއްޞަކަމެއް ދެއްވާފައިވާނުވާ ކަމެއް، ދީނުގެ ނަމުގައި ޚާއްޞަކުރުން ހުއްދަވެގެންނުވެއެވެ. މިޤާޢިދާ ފަހަނައަޅައި ދިޔުމުގެ ސަބަބުން އެތައްބަޔަކަށް ވަނީ ޙައްޤުމަގުން އެއްކިބާވެވި، ބައެއް ފަހަރަށް ޝިރުކުގެ ތެރެއަށް ވަދެވިފައެވެ. މިގޮތުން ޞޫފީންގެ ހައްދުފަހަނައަޅާފައިވާ މީހުންނާއި، އެހެންވެސް ބާޠިލު ފިރުޤާތަކުގެ މީހުންވަނީ މިސްކިތްތަކަށްވުރެ އެބައިމީހުން ވަލީވެރިންކަމަށް ދަޢުވާކުރާ މީހުންގެ ޤަބުރުތައްކައިރިއަކީ ޚާއްޞަކަމެއް އެކުލެވިގެންވާ މަތިވެރި ތަނެއްކަމުގައި ހަދާފައެވެ. އެފަދަ ޤަބުރުތައް ކައިރީ ދުޢާކުރުމަކީ ދުޢާ އިޖާބަވެ، ކަންކަން ކާމިޔާބުވާނެކަމެއްކަމުގެ ޢަޤީދާ ބިންވަޅުނެގިފައެވެ.

3. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ މުޅި ޤުރުއާނަކީ ޝިފާއެއްކަމުގައި ބަޔާންކުރައްވާފައެވެ. އެއިލާހު ވަޙީ ކުރައްވާފައިވެއެވެ. ((وَنُنَزِّلُ مِنْ الْقُرْآنِ مَا هُوَ شِفَاءٌ وَرَحْمَةٌ لِلْمُؤْمِنِينَ)) الإسراء: 82 މާނައީ: “އަދި މި ޤުރުއާނުގައި މުއުމިނުންނަށްޓަކައިވާ ޝިފާއާއި ރަޙްމަތްވެއެވެ.” އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا النَّاسُ قَدْ جَاءَتْكُمْ مَوْعِظَةٌ مِنْ رَبِّكُمْ وَشِفَاءٌ لِمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِلْمُؤْمِنِينَ)) يونس: 57 މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުތަކުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ.” މިދެއާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އެވަނީ މުޅި ޤުރުއާނަކީ ޝިފާއެއްކަމުގައި ބަޔާންކުރައްވާފައެވެ. ވަކި އާޔަތެއް ވަކި ސޫރަތެއް ޚާއްޞަނުކުރައްވައެވެ. އެހެންކަމުން، ޤުރުއާނުގެ ކޮންމެ ސޫރަތަކާއި ކޮންމެ އާޔަތަކީ ބަލިތަކަށްވާ ޝިފާއެކެވެ. ކޮންމެ ސޫރަތަކާއި އާޔަތެއް ރުޤްޔާގެ ގޮތުގައި ކިޔެވޭނެއެވެ.

4. ރުޤްޔާ ހަދައިދޭ ބައެއް މީހުންނަށް ވަކި ސޫރަތްތަކަކުން ނުވަތަ އާޔަތްތަކަކުން ރަނގަޅު ނަތީޖާއެއް ފެނުމަކީ އެއްވެސް ޙާލެއްގައި ސޫރަތެއްގެ ނުވަތަ އާޔަތެއްގެ މަތިވެރިކަމަށް ދަލީލުކުރުން ޞައްޙަވެގެންވާ ކަމެއްނޫނެވެ. އަދި ޝަރުޢީ ދަލީލެއް ވާރިދުވެފައިނުވާ، ޚާއްޞަ ސޫރަތްތަކަކާއި، އާޔަތްތަކެއް އެހެން މީހުންގެ މައްޗަށް ޝަރުޢުކޮށްގަތުމަކީ އެފަދަމީހަކަށް ޙައްޤުވެގެންވާކަމެއް ނޫނެވެ. އެހެނީ، އެރަނގަޅު ނަތީޖާ ފެނުމަކީ، ރުޤްޔާ ހަދާމީހާއާއި ހަދައިދެވޭމީހާގެ ޔަޤީންކަމަށާއި، އެދެމީހުންގެ އީމާންކަންފަދަ އެހެން ސަބަބުތަކަށް ބިނާވެފައިވާކަމެކެވެ. ރުޤްޔާހެދުމުގައި އެދެމީހުންގެ ޔަޤީންކަމާއި، އީމާންކަމާއި، ތަޤްވާވެރިކަމަކީ މުހިއްމު ދައުރެއް އަދާކުރާ ކަންކަމެވެ. އެހެންކަމުން، އެކަކަށް ރަނގަޅު ނަތީޖާ ފެންނަ ފަދައިން އެހެން މީހާއަށް ނަތީޖާނުފެނުން އެކަށީގެންވެއެވެ. އެހެނީ ދުޢާއަކީ ތޫނުކަނޑިއެކެވެ. ތޫނުކަނޑިއަކުން އެއްޗެއް ބުރިކުރުމަށް ބުރިކުރާމީހާގެ ހުނަރުވެރިކަމަކީ މުހިއްމުކަމެކެވެ. ހަމައެފަދައިން ކިޔަވައިގެން ރަނގަޅު ނަތީޖާއެއް ނުފެނުނު ސޫރަތްތަކާއި އާޔަތްތަކަކީ ރުޤްޔާއަށް ކިޔެވުމުގައި މުހިއްމު ނޫން އާޔަތްތަކެއްކަމުގައި ދެކުމަކީވެސް ގޯހެކެވެ.

5. ކުރެވޭ ކޮންމެ ތަޖުރިބާއަކީ ތިމާއެކަމަށް ބުރަވެ، އެހެންމީހުންނަށް އެކަންކުރުމަށް ބުނެ ލާޒިމުކުރެވޭނެކަމެއް ނޫނެވެ. މިފަދަ ކަންކަމަކީ ހަމައެކަނި ކިޔާލުމަށްވުރެ، މީހާގެ އީމާންކަމާއި، ތަޤްވާވެރިކަމާއި، ޞާލިޙުކަން ފަދަ ގިނަ ސަބަބުތަކާ ގުޅިފައިވާ ކަންކަމެވެ. އެކަކަށް ކުރެވޭ ތަޖުރިބާ އަނެކަކުގެ ކައިރީގައި މަންފާނުކޮށްފާނެއެވެ.

6. ތަޖުރިބާއަށް ބުރަވުމަކީ ބިދުޢައިގެ ފެށުންކަމުގައިވުމަކީވެސް އެކަށީގެންވާކަމެކެވެ. އަދިހަމައެހެންމެ، ތަޖުރިބާއަށް ބުރަވެ ރުޤްޔާގެގޮތުގައި ކިޔެވޭ ވަކި އާޔަތްތަކެއް ކިޔެވުމަކީ މުޅި ޤުރުއާން ޝިފާއެއްކަމުގައި ވުމާމެދު މީސްތަކުންގެ ހިތްތަކުގައި ޝައްކުއުފެދިދާނެކަމެކެވެ.

7. ރުޤްޔާހެދުމުގައި ޝަރުޢުގައި ބަޔާންކުރައްވާފައިވާގޮތަށް ތަބާވުމަކީ ލާޒިމުކަމެކެވެ. އެހެންކަމުން، ރުޤްޔާ ހަދާއިރު ތަޖުރިބާގެ އެހީ ހޯއްދަވާއިރު އެކަމަށް އެހާބޮޑަށް ބުރަވުމަކީ އޭގެ ގެއްލުން ބޮޑުވާނެކަމެކަމުގައި ދެކެމެވެ. އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވާފަދައިން އެފަދަ ކަންކަމުން ފައިދާކޮށްފާނެއެވެ. ނަމަވެސް އޭގެ ފަސާދަބޮޑުވާނެއެވެ.

ކޮންމެއަކަސް، އަނެއްކާވެސް މިމަސްއަލައިގެ ނާޒުކުކަމާހުރެ އަލުން ދެވަނަފަހަރަށް މިމަސްއަލައަށް އަލިއަޅުވާލުމަށް ޤަޞްދުކުރަމެވެ. މިގޮތުން މިމަސްއަލައާގުޅޭ ބައެއް އިތުރު މަޢުލޫމާތު ޛިކުރުކޮށްލަމެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ހިދާޔަތް ދައްކަވާށި!

1. ސުޢޫދީ ޢަރަބިއްޔާގެ “އަލްލަޖުނަތުއް ދާއިމާ” ގެ ފަތުވާއެއްގައިވެއެވެ. “ބައެއް ބަލިތަކަށް ރުޤްޔާކުރުމުގައި ވަކި އާޔަތްތައް ދަލީލަކާނުލައި ޚާއްޞަކުރުން ހުއްދަވެގެންނުވެއެވެ. ފަހެ، މުޅި ޤުރުއާނަކީ ހެވެކެވެ. އަދި މުއުމިނުންނަށްވާ ޝިފާއެކެވެ…” {فتاوى اللجنة الدائمة 1/ 76: الرئيس: عبد العزيز بن عبد الله بن باز، نائب الرئيس: عبد العزيز آل الشيخ، عضو: بكر أبو زيد، صالح الفوزان}

2. ބަކުރު އަބޫ ޒައިދު ރަޙިމަހުﷲ ” بدع القراءة “އޭ ކިޔުނުފޮތުގައި ވިދާޅުވެފައިވެއެވެ. ((ومن البدع: التخصيص بلا دليل، بقراءة آية، أو سورة في زمان، أو مكان، أو لحاجة من الحاجات، وهكذا قصد التخصيص بلا دليل)). މާނައީ: “ދަލީލެއް ނެތި ޚާއްޞަކުރުމަކީ ބިދުޢައިގެ ތެރެއިންވާކަމެކެވެ. އެއީ (ދަލީލެއްނެތި ޚާއްޞަކޮށްގެން) އާޔަތެއް ކިޔެވުން، ނުވަތަ ވަކި ޒަމާނަކަށް ނުވަތަ ވަކި ތަނަކަށް (ޚާއްޞަކޮށްގެން) ސޫރަތެއް ކިޔެވުން، ނުވަތަ ޙާޖަތްތަކުގެ ތެރެއިން ޙާޖަތަކަށް ކިޔެވުމެވެ. މިފަދައިން ދަލީލެއްނެތި ޚާއްޞަކުރުމުގެ ޤަޞްދުގައި ކިޔެވުމެވެ.”

ޝެއިޚު ބަކުރު އަބޫ ޒައިދުގެ މިބަސްފުޅުން ދޭހަވާގޮތުގައި، ޤުރުއާނުގެ ވަކިވަކި އާޔަތްތައް ދަލީލެއްނެތި ޚާއްޞަކޮށްގެން ޙާޖަތްތަކަށް ކިޔެވުމަކީ ބިދުޢައެއްކަމެވެ. ޖިންނި މޮޔަވުން، އެސްފީނާފަދަ ކަންކަމަކީ ޙާޖަތުގެ ތެރެއަށް ވަންނާނެކަންކަމެވެ.

3. އިސްލާމްކިޔުއޭ ގައި މިމަސްއަލާގައިކޮށްފައިވާ ސުވާލެއްގެ ޖަވާބުގައިވެއެވެ. (އެސުވާލުގައި ސުވާލުކުރިފަރާތުން ސުވާލުކޮށްފައިވަނީ ބަލިތަކަށް ވަކިވަކި އާޔަތްތައް ވަކި ޚާއްޞަ ޢަދަދަކަށް ކިޔުމަށް އިން ލިޔުމެއް ކިޔާފައިވާތީ އެކަމުގެ ޞައްޙަކަމާބެހޭ ގޮތުންނެވެ.) ” الحمد لله. ޝަރުއީ ޚާއްޞަ ދަލީލެއްނެތި، ވަކި ބައްޔަކަށް ފަރުވާކުރުމުގެގޮތުން ކީރިތި ޤުރުއާނުގެ ވަކި އާޔަތެއް ޚާއްޞަކޮށްގެން، ވަކި ޢަދަދަކަށް ޚާއްޞަކުރުމަކީ ޝަރުޢުވެގެންވާކަމެއްކަމަށް އަހަރެމެން ނުދެކެމެވެ. މިގޮތުން މިސާލަކަށް، ހުމުން ފަރުވާކުރުމަށް ރުޤްޔާހަދާއިރު މުޢައްވިޛަތައެނި ކިޔެވުމާއި، ވާހަކަދެއްކުމުގެ އުނދަގޫކަމަށް ރުޤްޔާހެދުމުގައި ސޫރަތުލް ފާތިޙާ (ޚާއްޞަކޮށްގެން) ކިޔެވުންފަދަ ކަންކަމެވެ. (މުޢައްވިޛަތައެނި ސޫރަތުލް ފަލަޤުއާއި ސޫރަތުއް ނާސިއެވެ.)

(މިއާޚިލާފަށް) ބައެއްމީހުން ކީރިތި ޤުރުއާނުގެ ވަކިވަކި އާޔަތްތައް ނަގައި، އަމިއްލައަށް ޚާއްޞަކޮށްގެން، އެއާޔަތްތަކަށް ވަކި ބައްޔެއްގެ ފަރުވާ ނިސްބަތްކޮށްހަދައެވެ. (އެފަދަ އާޔަތްތައް) އެއީ ޚާއްޞަ ޝަރުޢީ ބޭސްވެރިކަމެއް ފަދައެވެ. އަދި މިއާޔަތްތައް މީސްތަކުންގެ މެދުގައި ފަތުރުމުގެ ސަބަބުން މީސްތަކުންނަށް ހީކުރެވެނީ އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުގެ ތެރެއިންވާކަމެއްކަމަށެވެ. އެހެންކަމުން މިކަމަކީ (ޤުރުއާނާއި ރަސޫލާގެ ސުންނަތަށް) ތަބާވުމަށްވުރެ ބިދުޢައާ ކައިރިވެގެންވާކަމެކެވެ. މުސްލިމެއްގެ މައްޗަށްވަނީ މިކަމުން ދުރުވެ، އެކަމުން މިސާލުލިބިނުގަތުމެވެ.

މުޅި ޤުރުއާނަކީ ބަރަކާތެކެވެ. އަޖުރެކެވެ. ހެވެކެވެ. އަދި ޝިފާއެކެވެ. ވަކި އާޔަތަކުން ވަކި އަސަރެއްކުރުވާކަމަށް ކުރާ ދަޢުވާއަށް ދަލީލެއް ގެންނަންޖެހޭނެއެވެ….” (ފަތުވާ ބައްލަވާ ލައްވާ)

އިސްލާމްކިޔުއޭގައިވާ މިމަޢުޟޫޢާގުޅޭ އިތުރު ފަތުވާތައް ބައްލަވާލެއްވުމަށް:

* ފަތުވާ 1

* ފަތުވާ 2

ނިންމާލަމުން ބުނެލަންއޮތީ، ﷲގެ ފޮތް ކީރިތި ޤުރުއާނަކީ އެންމެހާ ބަލިތަކަށްވާ ޝިފާއެކެވެ. ބަލިތަކުން ފަސޭހަވުމަށް ރުޤްޔާގެ ގޮތުގައި ކޮންމެ ސޫރަތަކާއި އާޔަތެއް ކިޔެވިދާނެއެވެ. ޚާއްޞަކުރެވޭހުށީ ޝަރުޢުގައި ޘާބިތުވެގެންވާ ސޫރަތްތަކާއި އާޔަތްތަކެވެ. އެއްވެސް މީހަކަށް ޝަރުޢުގައި ޘާބިތުނުވާ ސޫރަތެއް ނުވަތަ އާޔަތެއް އެހެންމީހުން ކިޔުމަށް ނުވަތަ ވަކި ޢަދަދަކަށް ކިޔުމަށް ލާޒިމުނުކުރެވޭނެއެވެ. ރުޤްޔާއިން ކުރާ އަސަރު ހަމައެކަނި ބިނާވެގެންވަނީ ކިޔަވާކިޔަވާލުމަކަށް އެކަންޏެއްނޫންކަން ދަންނަންވާނެއެވެ. އޭގެން ކުރާ އަސަރު ބިނާވެގެންވާ ވަރަށް ގިނަކަންކަންވެއެވެ. އެގޮތުން ﷲގެ ފޮތަށާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ވީހާ ބޮޑެއްކޮށް ތަބަޢަވީވަރަކަށް ރުޤްޔާގެ ފައިދާ ކުރާނެއެވެ. والله أعلم.