[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖަޒާލިބުންވަނީ ނިޔަތްގަތް ގޮތުގެ މައްޗަށެވެ 2

(…ކުރީގެބަޔާއި ގުޅޭ…)

މިހިސާބުން ސުވާލެއް އެބަ އުފެދެއެވެ. އެއީ (ހަމަކަށަވަރުން ޢަމަލުތައް ބިނާވެގެންވަނީ ނިޔަތުގެ މައްޗަށެވެ.) އަދި (ކޮންމެމީހަކަށް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ.) މި ދެ ޖުމުލައަކީ އެއް މާނައެއް ދޭހަވާ ދެޖުމުލަތޯ ނޫނީ މި ދެ ޖުމުލައިގައި މާނަ ތަފާތުތޯއެވެ؟

ޖަވާބު: ޖުމުލައެއްގެ އަސްލަކީ އާ މާނައެއް އޮތުމެވެ. ދެވަނަ ޖުމުލައިގައި ކުރީ ޖުމުލައިގެ މާނަ އޮތުމަކީ އެއީ ތައުކީދު ކުރުމެވެ. ނުވަތަ އިތުރަށް ޔަޤީން ކޮށްދިނުމެވެ. ޢިލްމުވެރިންގެ މެދުގައި މި ދެ ޖުމުލައާއިމެދު ދެ ރައުޔެއްވެއެވެ. ފުރަތަމަ ރައުޔަކީ އެއީ މިދެޖުމުލަ އެއްމާނައެއްގައި ވުމެވެ. އެއީ ދެވަނަ ޖުމުލަ ފުރަތަމަ ޖުމުލައަށް ބާރުދޭ އަދި އިތުރަށް ޔަޤީންކަން ގެނުވާ ޖުމުލައެއްގެ ގޮތުގައި އޮތުމެވެ.

ދެވަނަ ރައުޔަކީ މި ދެޖުމުލައިގެ މާނަ ތަފާތުވުމެވެ.

ޤާއިދާ: މިގޮތަށް ދެޖުމުލައިގެ މާނައާއިމެދު ހިޔާލުތަފާތުވެއްޖެނަމަ އޮތްގޮތަކީ ދެ ޖުމުލައިގެމާނަ ތަފާތުވެގެންވާކަމަށް ނިންމުމެވެ. އެއީ ފުރަތަމަ ޖުމުލަޔާއި ދެވަނަ ޖުމުލައިގެމާނަ ތަފާތުވެގެންވާކަމަށް ނިންމުމެވެ. އެހެނީ އެ ދެޖުމުލަ އެއްމާނައެއް ކަމުގައި ހަދައިފިނަމަ ދެވަނަ ޖުމުލަވާނީ ތަކުރާރަކަށެވެ. އެހެންވެއްޖެނަމަ އެ ތަކުރާރުގެ ސަބަބު އެގެންޖެހެއެވެ.

އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ދެ ޖުމުލައިގެ މާނަ ތަފާތުކަމަށް ވާ ރައުޔެވެ. ފުރަތަމަ ޖުމުލައިގައިއެވަނީ ނިޔަތްގަންނަ ކަމެވެ. އެއީ އަމަލެވެ. ދެވަނަ ޖުމުލައިގައި އެވަނީ އެ ނިޔަތްގަތް ފަރާތެވެ. ނުވަތަ އެ ކަމެއް އަދާކުރި ފަރާތެވެ. ތިބާ އެކަންކުރީ ﷲ އަށްޓަކައިތޯއެވެ ނުވަތަ ދުނިޔެއަށްޓަކައިތޯއެވެ.

ދަންނާށެވެ! މި ނިޔަތުގެ މަޤުސަދަކީ ޢަޅުކަމާއި ޢާދަތައްވަކި ކުރުމެވެ. އަދި އަޅުކަން އެއް އަޅުކަމާއި އަނެއް އަޅުކަމާއިވަކި ކުރުމެވެ.

އަޅުކަމާއި އާދަތައް ވަކިކުރުމުގެ މިސާލަކީ:

  1. އެކަކީ އޭނާގެ ބަނޑުގެ ޝަހުވަތަށްޓަކައި ކާމީހެކެވެ. ދެވަނަ މީހަކީ ﷲ ތަޢާލާގެ އަމުރުފުޅުކަމަށްވާ “وَكُلُوا وَاشْرَبُوا” (އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ!) މިއާޔަތަށް ބޯލެނބުމުގެ ގޮތުން ކާމީހެކެވެ. ދެވަނަ މީހާގެ ކެއުމަކީ އަޅުކަމެކެވެ. އެހެނަސް ފުރަތަމަ މީހާ ކާ ކެއުމަކީ އެއީ ޢާދައެކެވެ.
  2. އެކަކު ފިނިވުމަށްޓަކައި ފެންވެރީއެވެ. ދެވަނަ މީހަކު ޖުނުބުވެރިކަމުން އެރިގަތުމަށް ފެންވެރީއެވެ. ފުރަތަމަ މީހާގެ އަމަލަކީ އެއީ އާދަތުގެ ތެރެއިންވާކަމަކެވެ. ދެވަނަ މީހާގެ އަމަލަކީ އެއީ އަޅުކަމެކެވެ. އެހެންކަމުން ޖުނުބުވެރިވެފައިވާ މީހަކު ފިނިވުމަށްޓަކައި މޫދަށް އެރި އުޅުމަށްފަހު އައިސް ނަމާދުކުރަން ބޭނުންވިނަމަވެސް އެކަން އޭނާއަށް ހުއްދައެއް ނުވާނެއެވެ. އެހެނީ އޭނާ ނިޔަތްގަތީ އަޅުކަމަކަށް ނޫނެވެ. އޭނާ ނިޔަތްގަތީ ފިނިކޮށްލުމެވެ.

އެހެންކަމުން ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ: އަޅުކަންކަމަކީވެސް ޣާފިލުވެގެންވާ މީހުންކައިރީ އާދައެވެ. އަދި ތަންދޮރުދަންނަ ހޭއަރާ ތިބޭ މީހުންކައިރީ އާދަތަކަކީވެސް އަޅުކަމެވެ. ފުރަތަމަ މީހުންގެ މިސާލަކީ: ވުޟޫކޮށް ނަމާދުކުރާމީހާއެވެ. އޭނާ އެކަން ކުރަނީ އާދަކޮށްކުރާ ކަމެއްގެ ގޮތުންނެވެ. ދެވަނަބައިގެ ތެރެއިންވާ މީހުންގެ މިސާލަކީ: ﷲ ތަޢާލާގެ އަމުރުފުޅަށް ބޯލެނބުމުގެ ގޮތުން ކާމީހާއެވެ.

އަޅުކަން އެއް އަޅުކަމާއި އަނެއް އަޅުކަން ވަކިކުރުމުގެ މިސާލަކީ:

  1. މީހަކު ސުންނަތެއް އަދާކުރުމުގެ ގޮތުން ދެރަކުއަތް ނަމާދެއްކުރަނީއެވެ. އެހެންމީހަކު ފަރުޟެއް އަދާކުރުމަށްޓަކައި ދެރަކުއަތް ނަމާދެއް ކުރަނީއެވެ. މި ދެޢަމަލު ވަކިވަނީ ނިޔަތުންނެވެ. އެއް ނަމާދަކީ ސުންނަތެކެވެ. އަނެއް ނަމާދަކީ ވާޖިބެކެވެ.

އެހެންކަމުން ނިޔަތުގެ މަޤްސަދަކީ އަޅުކަން އެއް އަޅުކަމުން އަނެއް އަޅުކަން ވަކިކުރުމާއި އަޅުކަމާއި އާދަތަށް ވަކިކުރުމެވެ.

ދަންނާށެވެ! ނިޔަތުގެ މަހައްލަކީ ހިތެވެ. އެއްވެސް ހާލެއްގައި ދުލުން އެ ކިޔާކަށް ނުޖެހޭނެއެވެ. އެހެނީ ތިބާ އަޅުކަންކުރަނީ ލޯތަކުގައި ނުބައިކަމާއި ހިތުގައި ފޮރުވިފައިވާ ކަންކަން މޮޅަށް ދެނެވޮޑިގެންވާ އިލާހަށެވެ. ﷲ ތަޢާލާއީ އަޅުތަކުންގެ ހިތްތަކުގައިވާ ތަކެތި ދެނެވޮޑިގެންވާ އިލާހެވެ. ތިބާ ނިޔަތްގަތްކަމެއް ދުލުންކިޔަނީ، ތިބާ ހުއްޓެނީ ހިތުގައިވާ އެއްޗެއްނޭނގޭ ފަރާތެއްގެ ކުރިމަތީގައެއްނޫނެވެ. އެހެނެއްކަމަކު ތިބާއަށް ހުއްޓެން ޖެހެނީ ތިބާގެ ހިތް ވަސްވާސްދޭ ކަންކަމާއި ތިބާގެ ކުރިމަގާއި ފަސްމަގާއި ތިބާގެ މިއަދުގެ ހާލުވެސް މޮޅަށް ދެނެވޮޑިގެންވާ އިލާހު ކުރިމަތީއެވެ. އެހެންކަމުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުންވެސް އަދި ޞަޙާބީންގެ ފަރާތުންވެސް، އެބޭކަލުން ނިޔަތް ދުލުން ކިޔުއްވިކަމަކަށް ވާރިދުވެގެން އައިސްފައެއްނުވެއެވެ. އެހެންކަމުން މަޑުންވެސް އަދި ބާރަށްވެސް ދުލުން ނިޔަތްކިޔުމަކީ ނަހީކުރެވިގެންވާ ބިދުޢައެކެވެ.

ބައެއް ޢިލްމުވެރިން ނިޔަތް ބާރަށް ދުލުން ކިޔަންޖެހޭނެޔޭ ވިދާޅުވެއެވެ. ހަމަ އެފަދައިން ބައެއް ޢިލްމުވެރިން ނިޔަތް ސިއްރުން (ދުލުން) ކިޔަންޖެހޭނެޔޭ ވިދާޅުވެއެވެ. މިހެން ވިދާޅުވާ ޢިލްމުވެރިން ދެކެލައްވަނީ ހިތާ ދުލާއި ހަމަހަމަ ކަމަށެވެ.

ސުބުޙާނަﷲ އެވެ! މިކަމުގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކޮބައިހެއްޔެވެ؟ އެއީ (ނިޔަތް ދުލުން ކިޔުމަކީ) ޝަރުޢުގެ ތެރެއިންވާ ކަމެއް ކަމުގައިވަނީނަމަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަން ކުރެއްވީހެވެ. އަދި މީސްތަކުންނަށް ބަޔާންވެސް ކޮށްދެއްވީހެވެ.

މިހިސާބުން އެހެން މައްސަލައެއް އެބަ އާދެއެވެ. އެއީ ޢުމުރާވެރިންނާއި ޙައްޖުވެރިން “لبيك اللهم عمرة” ނުވަތަ “”لبيك حجا” ނުވަތަ “لبيك اللهم عمرة وحجا” މިހެން ކިޔާ ކިޔުމަކީ ނިޔަތް ދުލުން ކިޔުމެއް ނޫންހެއްޔެވެ؟

ޖަވާބު: ނޫނެކެވެ. އެއީ މަނާސިކުތަކުގެ ތެރެއިންވާކަމަކެވެ. އެހެން ކަމުން ބައެއް ޢިލްމުވެރިން ވިދާޅުވެއެވެ. ނުސުކުގައި ތަލްބިޔާކިޔުމަކީ (ހައްޖު ނުވަތަ ޢުމްރާވެރިޔާ ދުލުން މިކިޔާ ކިޔުމަކީ) އެއީ ނަމާދުގައި ތަކުބީރަތުލް އިހްރާމް ( ހަށަންބަތް ތަކުބީރު) ކިޔުންފަދަ ކަމެކެވެ. ތަލްބިޔާ ނުކިޔައިފިނަމަ ޢިހްރާމް އެޅިކަމަކަށް ނުވާނެއެވެ. އެއީ ނަމާދުގައި ހަށަންބަތް ތަކުބީރު ނުކިޔާނަމަ ނަމާދު ފެށުނުކަމުގައި ނުވާ ފަދައިންނެވެ. އެހެންކަމުން ސުންނަތުން ސާބިތު ނުވާ ލަފްޒެއް މިފަދަ ހާލަތުގައި ކިޔައިފިނަމަ އެއީ ޤަބޫލުކުރެވިގެންވާ ކަމެއް ނޫނެވެ. އަދި އެކަމަށް އިންކާރުވެސް ކުރަންވާނެއެވެ. އެހެނެއްކަމަކު ރިވެތި ބަހުންނެވެ.

މިފަދައިން އިންކާރުކުރުމުން ރައްދުގައި މިވެނި ޢިލްމުވެރިއަކު ނުވަތަ މީހަކު މިވެނި ފޮތެއްގައި ލިޔެފައިވެޔޭ ބުނެއްޖެ ކަމުގައިވާނަމަ ބުނާށެވެ: “ބަހަކީ ﷲ ތަޢާލާއާއި އެކަލާނގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަހެވެ.”

وَإِنَّمَا لِكُلِّ امْرِءٍ مَا نَوَى” (އަދި ކޮންމެމީހަކަށް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ.) މިއީ އަޅުކަން އަދާކުރެވޭ ފަރާތެވެ. މިކަމުގައި މީސްތަކުން އެއްބަޔަކު އަނެއް ބަޔަކާ ވަރަށް ބޮޑަށް ތަފާތުވެގެންވެއެވެ.  އެހެނީ ދެމީހަކު ނަމާދުކުރާތަން ތިބާ ދެކެފާނެއެވެ. އެހެނެއްކަމަކު އެދެމީހުންގެ ޘަވާބުގައި އެކަކު އަނެކަކާ އިރާއި ހުޅަނގުގެ ތަފާތުހުރެދާނެއެވެ. އެއީ އެކަކު އިޚްލާސްތެރިއެއްކަމުގައިވެ އަނެކަކު އިޚްލާސްތެރިއެއްކަމުގައި ނުވާތީއެވެ.

ހަމަ އެފަދައިން ތައުހީދުގެ ޢިލްމު ނުވަތަ ތަފްސީރު ނުވަތަ ފިޤުހު ނުވަތަ ޙަދީޘް ޢިލްމު ހޯދާ ދެމީހުންނެވެ. އެކަކު ސުވަރުގެޔާ ދުރުގައިވާ މީހެއްކަމުގައިވާއިރު އަނެކަކު ސުވަރުގެޔާއި ކައިރީގައިވާ މީހެއްކަމުގައިވެދެއެވެ. އެދެމީހުން ކިޔަވަނީ އެއްފޮތަކުން އެއް މުދައްރިސެއްގެ ކައިރިންނެވެ. އެހެނަސް އެކަކު ކިޔަވަނީ ދުނިޔޭގެ އެދުމަށްޓަކައެވެ. އެކިޔަވައިގެން ލިބޭ މަޤާމަކާއި އެ މަޤާމުގެ މަތިވެރިކަމަށްޓަކައެވެ. އަނެކަކު ކިޔަވަނީ ޢިލްމުވެރިއަކަށްވެ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އުއްމަތުގެމީހުންނަށް ޢިލްމު އުނގަންނައިދިނުމަށެވެ. އެހެންކަމުން އެދެމީހުންގެ ދެމެދުގައިވާ ތަފާތު ވަރަށްވެސް ބޮޑެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

مَن طَلَبَ عِلما وهو مِمَّا يُريدُ إلا أن يَنالَ عَرَضَا مِن الدنيا لم يَرحْ رائحةَ الجنةِ” [رواه الإمام أحمد عن أبي هريرة، حديث رقم (8438). بلفظ (من تعلم علما مما يبتغى به وجه الله لا يتعلمه إلا ليصيب به عرضا من الدنيا لم يجد عرف الجنة) وابن ماجه: كتاب العلم، باب الانتفاع بالعلم والعمل به، حديث(252). وأبو داود – كتاب: العلم، باب: في طلب العلم لغير الله تعالى، (3664).]

(ﷲ ތަޢާލާ) އަށްޓަކައި އުނގެނެވޭ ޢިލްމެއް ދުނިޔޭގެ ބޭނުމަށްޓަކައި އުނގެނިއްޖެމީހާ ދަންނާށެވެ! އޭނާ ސުވަރުގޭގެ ވަސްވެސް ނުދެކޭހުއްޓެވެ!

އެހެންކަމުން ތިބާ، ތިބާގެ ނިޔަތް ﷲ އަށްޓަކައި ޢިޚްލާސްތެރި ކުރާށެވެ.

فمنْ كَانَتْ هِجْرَتُهُ(ފަހެ އެމީހެއްގެ ހިޖުރަވާމީހާ ދަންނާށެވެ!) ޢަރަބި ބަހުގައި ހިޖުރައަކީ ދޫކޮއްލުމެވެ. ޝަރުޢުގައި ހިޖުރައަކީ: ކާފަރު ޤައުމަކުން އިސްލާމީ ޤައުމަކަށް ދަތުރުކޮށް އެތަނުގައި ވަޒަންވެރިވުމެވެ.

(ނުނިމޭ)

ނޯޓް:

މި ހަދީޘްގެ ޝަރަޙަ ނަގާފައިމިވަނީ އިމާމް ނަވަވީގެ ޢަލް-އަރުބަޢޫން އައް-ނަވަވިއްޔާއަށް އައް-ޝައިޚު މުޙައްމަދު އިބުން ޞާލިޙް އަލް-ޢުޘައިމީން (އިބުން ޢުޘައިމީހުން) ރަޙިމަހުﷲ ލިޔުއްވާފައިވާ ޝަރަހައިންނެވެ. މި ތަރުޖަމާކުރުމުގައި އެކަލޭގެފާނުގެ ޝަރަހަ އެއްކޮށް ތަރުޖަމާކުރަން އުޅެފައެއް ނުވާނެއެވެ. އަދި ބޮޑަށްބަލާފައިވާނީ މުޙިއްމު ނުކުތާތަށް ތަރުޖަމާކުރެވޭތޯއެވެ. ދުޢާއަކީ ﷲ ތަޢާލާ މިކަމުގައި ޢިޚްލާސްތެރިކަންދެއްވައި، ކިޔާމީހުންނަށް ފައިދާ ދެއްވުމެވެ.