[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ދަންނާށެވެ. ﷲ ތިބާއަށް ރަޙްމަތް ލައްވާށި! – ތިން އަޞްލުގެ ޝަރަޙަ 6

اِعْلَمْ رَحِمَكَ اللهُ أنَّهُ يَجِبُ عَلَيْنَا تَعَلُّمَ أرْبَعِ مَسَائِلَ

ދަންނާށެވެ. ﷲ ތިބާއަށް ރަޙްމަތް ލައްވާށި! ހަމަކަށަވަރުންވެސް އަހަރެމެންގެ މައްޗަށް ހަތަރު ކަމެއް އުނގެނުން ވާޖިބުވެގެންވެއެވެ.

 މުޞައްނިފު ރަޙިމަހުﷲގެ ބަސްފުޅު اِعْلَمْ رَحِمَكَ اللهُ (ދަންނާށެވެ. ﷲ ތިބާއަށް ރަޙްމަތް ލައްވާށި!) އަކީ މިރިސާލާ ކިޔާ މީހުންނަށް އަމާޒުކުރެވިފައިވާ ދުޢާއެކެވެ. ޝައިޚުގެ ގިނަ ލިޔުންތަކުގައި ފެށުމުގައި މިފަދަ ޢިބާރާތްތައް ބޭނުންކުރައްވާފައިވެއެވެ. މިސާލަކަށް މިފަދަ ޢިބާރާތްތަކެވެ. “ކަރީމްވަންތަ ﷲ، މަތިވެރިވެގެންވާ ޢަރުޝީގެ ރައްބުގެ ޙަޟްރަތުން އަހަރެން މި އެދެނީ ދުނިޔޭގައި އަދި އާޚިރަތުގައި ތިބާ ރައްކާތެރިކުރެއްވުމަށެވެ.” “ދަންނާށެވެ. ﷲ ތިބާއަށް އެއިލާހަށް ކިޔަމަންތެރިވުމުގެ މަގަށް އިރުޝާދުދެއްވާށި!” “ﷲތިބާއަށް ރަޙްމަތް ލައްވާށި!”

 اِعْلَمْ (ދަންނާށެވެ!) މިކަލިމަ ޢާއްމުގޮތެއްގައި ބޭނުންކުރަނީ މުޚާޠަބުކުރެވޭ މީހާ ތަންބީހުކުރުމަށް ނުވަތަ ހުޝިޔާރު ކުރުމުގެ މަޤްޞަދުގައެވެ. ބުނަންއުޅޭ އެއްޗަކާމެދު އަޑުއަހާމީހާގެ ސަމާލުކަން ހޯދައިގަތުމުގެ ބޭނުމުގައެވެ. ވާހަކަދައްކާ މީހާ އަޑުއަހާމީހާގެ ސަމާލުކަން ހޯދުމަށްޓަކައި މިފަދަ ލަފްޒުތައް ބޭނުންކުރުމަކީ ވަރަށް މުހިއްމުކަމެކެވެ. މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވެސް ޞަޙާބީންނާ ވާހަކަފުޅުދެއްކެވުމުގައި މިފަދަ އުޞޫލުތައް ބޭނުންކުރެއްވިއެވެ. ” أَلَا أُنَبِّئُكُمْ بِأَكْبَرِ الْكَبَائِرِ ؟” ބޮޑެތި ފާފަތަކުގެ ތެރެއިން އެންމެބޮޑު ފާފައިގެ ވާހަކަ ތިޔަބައިމީހުންނަށް ބުނެނުދެއްވަންހޭ؟ “أَتَدْرُونَ مَاذَا قَالَ رَبُّكُمْ؟” ތިޔަބައިމީހުންގެ ރައްބު ވަޙީކުރެއްވީ ކީކޭކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ “أَتَدْرُونَ مَا الْغِيْبَة؟” ނެތިމޮށުމަކީ ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭހެއްޔެވެ؟ މިފަދަ އެތައް ޢިބާރާތްތަކެކެވެ. މިއީ ވާހަކަ ދައްކަން ފަށައިގަތުމުގެ ކުރީގައި ވާހަކައާ އެކަށޭނެ މުޤައްދިމާއަކުން މުޚާޠަބު ކުރެވޭ މީހުން އިންތިބާހު ކުރުވުމުގެ އުކުޅެކެވެ.

 اِعْلَمْ (ދަންނާށެވެ!) އޭ މިއޮތް ކަލިމައިގެ މުރާދަކީ އެއްޗެއް އޭތި އޮންނަންވާ ޙަޤީޤީ ގޮތުގައި ލިބިގަތުމެވެ. ޔަޤީން ކަމާއެކު ދެނެގަތުމެވެ. އެއްޗެއް އޮންނަންވާ ޙަޤީޤީ ގޮތާ ޚިލާފަށް ލިބިގަންނަ ލިބިގަތުމަށް ކިޔަނީ ޖަހުލެވެ. ނުވަތަ ޖާހިލުކަމެވެ. އެއީ ޢިލްމުގެ އިދިކޮޅެވެ. އިންސާނާ ލިބިގަންނަ ލިބިގަތުން ހަބަޔަކަށް ޢިލްމުވެރިން ބައްސަވާފައިވެއެވެ. އެއީ

ހ- ޢިލްމު: އެއީ އެއްޗެއް އޭގެ ފުރިހަމަ ގޮތުގައި ޔަޤީންކަމާއެކު ލިބިގަތުމެވެ.

ށ- ޝައްކު: އެއީ އޭގައި ދެއަތަށް ކިރުން ހިމެނޭ، އަދި އޭގައި އެންމެ ރަނގަޅީ ކޮން ގޮތެއްކަން ކަނޑައަޅަން ނޭނގޭ ގޮތަށް ލިބިގަންނަ ލިބިގަތުމެވެ. ދެއެއްޗެއްގެ ދެމެދުގައި ތާށިވާ ތާށިވުމެކެވެ.

ނ- ހީ: (ޡައްނު) – އަކީ އޭގައި ދެއަތަށް ކިރުން ހިމެނޭ، އަދި އޭގައި އެންމެ ރަނގަޅީ ކޮންގޮތެއްކަން ކަނޑައަޅަން އިނގޭ ގޮތަށް ލިބިގަންނަ ލިބިގަތުމެވެ. އެގޮތުން ދެއެއްޗެއްގެ ދެމެދުގައި ތާށިވެ، އެންމެ ރަނގަޅުގޮތް ކަނޑައެޅުމާ ހަމައަށް ވާޞިލްވެވިއްޖެނަމަ އެ ވާޞިލްވެވުނު ރާޖިހު ގޮތަކަށް ކިޔެނީ ހީ ނުވަތަ ޡަންނެވެ. މަރުޖޫޙު ގޮތަށް ކިޔަނީ ވަހުމެވެ.

ރ- ވަހުމް: އަކީ އޭގައި ދެއަތަށް ކިރުން ހިމެނޭ ގޮތުގައި ލިބިގަންނަ ލިބިގަތުމެވެ. އަދި އޭގެ ތެރެއިން މަރުޖޫޙު ގޮތެވެ.

ބ- ކުޑަ ޖަހުލު- (ޖަހްލުލް ބަސީޠު) އެއީ އެއްކޮށް ލިބިގަންނަންޖެހޭ އެއްޗެއްގެ އޭތި ލިބިގަންނަންޖެހޭ ގޮތުގައި ލިބިނުގަތުމެވެ. ނުވަތަ އޭގެން ބައެއް ލިބިގަތުމެވެ.

ޅ- ބޮޑު ޖަހުލު – (ޖަހުލުލް މުރައްކަބު) އެއީ އެއްޗެއް އެއްޗެއް ލިބިގަންނަންޖެހޭ އޭގެ ޙަޤީޤަތާ ދިމާ އިދިކޮޅަށް ލިބިގަތުމެވެ.

ލިޔުންތެރިޔާ ރަޙިމަހުﷲ ގެ ބަސްފުޅު رَحِمَكَ اللهُ  ތިބާއަށް ﷲ ރަޙްމަތްލައްވާށި! އަކީ ރިސާލާ ކިޔާމީހާއަށް ކުރައްވާފައިވާ ދުޢާއެކެވެ. އޭގެ މުރާދަކީ ތިބާގެ ފާފަތައް ފުއްސަވައި މުސްތަޤްބަލުގައި ތިބާ ތެދުމަގުގައި ސާބިތުވުމަށް ތައުފީޤު ދެއްވުން އެދި ﷲ އަށް ކުރެވޭ ދުޢާއެކެވެ. ޢިލްމުވެރިން އެބައިމީހުންގެ ދަރިވަރުންނަށް ރަޙްމަތްލެއްވުމަށް އެދި ދުޢާކުރުމުން ދޭހަވަނީ އިސްލާމްދީނުގެ ޢިލްމު އުނގެނުމުގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރަޙްމަތުގެ މުހިއްމުކަމެވެ. މީސްތަކުންނަށްޓަކައި ރަޙްމަތްލެއްވުމަށް އެދި ދެންނެވުމާއި އެބައިމީހުންނަށްޓަކައި ދުޢާކުރުމާއި، ނަޞީޙަތްދިނުމަކީ ޢިލްމުވެރިންގެ މަގެވެ. އެހެނީ އެބޭކަލުންނަކީ ނަބީބޭކަލުންގެ ވާރުތަވެރިންނެވެ. ނަބީބޭކަލުން ވެވަޑައިގެންފައިވަނީ މީސްތަކުންނަށްޓަކައި އެންމެ ބޮޑަށް ނަޞީޙަތްދެއްވި ބޭކަލުން ކަމުގައެވެ. އިމާމު އަޙްމަދު ރަޙިމަހުﷲ ޛިންދީޤުންނަށް ރައްދު ދެއްވަމުން ވިދާޅުވެފައިވެއެވެ.

الحَمْدُ للهِ، الذي جَعلَ في كل زمانٍ فترة مِن الرسلِ بَقَايَا من أهْل العِلم، يَدعُونَ من ضل إلى الهُدى ويَصبرُون مِنهم على الأذى، يُحيونَ بكتَاب الله المَوتَى ويُبَصِّرُون بنور الله أهل العَمى، فكم مِن قتيلٍ لإبليسَ أحيوه وكَم من تَائِه ضَال قد هَدوه، فما أحسَنَ أثرَهُم على الناسِ و مَا أقبَحَ أثرُ الناس عليهم.[1]

“ޢިލްމުގެ އަހުލުވެރިންގެ ތެރެއިން ކޮންމެ ޒަމާނެއްގައި ރިސާލަތު ފޯރުކޮށްދޭމީހުންތަކެއް ލެއްވި ﷲ އަށް ޙަމްދު ހުއްޓެވެ. އެބައިމީހުން، މަގުފުރެދިފައިވާ މީހުންނަށް ތެދުމަގަށް ގޮވާލައެވެ. އަދި އެގޮވާލެވޭ މީހުންގެ ކިބައިން ކުރިމަތިވާ ތުރާތަކަށް ކެތްތެރިވެއެވެ. (ހިތްތަށް) މަރުވެފައިވާ މީހުން ﷲ ގެ ފޮތުގެ ޛަރީއާއިން ދިރުވައެވެ. އަދި (ހިތް) ކަނުވެފައިވާ މީހުން ﷲ ގެ ނޫރުގެ(އިސްލާމްދީނުގެ) ޛަރީއާއިން ފެންނަގޮތް ހަދައެވެ. އެބައެއް (ގެ ހިތް) އިބިލީސް މަރާލާފައިވާ ކިތަންމީހުން އެބައިމީހުން ދިރުވައިފިހެއްޔެވެ! މަގު ގެއްލިގެން މަގުފުރެދިގެން ދިޔަ ކިތައްމީހުންނަށް އެބައިމީހުން ތެދުމަގު ދައްކައިފިހެއްޔެވެ! މީސްތަކުންގެ މައްޗަށް އެބައިމީހުންގެ ސަބަބުން ކުރާ އަޘަރުގެ ހެޔޮކަމާއެވެ! އަދި އެބައިމީހުންގެ މައްޗަށް މީސްތަކުންގެ ސަބަބުން ކުރާ އަޘަރުގެ މުޑުދާރުކަމާއެވެ!”

މާނައަކީ، މީސްތަކުންނާމެދު އެބައިމީހުން ހެޔޮކޮށް ކަންތައްކުރާ ޙާލުވެސް ގިނަ މީސްތަކުން އެބައިމީހުންނާމެދު ކަންތައްކުރަނީ ގޯސްކޮށެވެ.

 ލިޔުންތެރިޔާ ރަޙިމަހުﷲ ގެ ބަސްފުޅު أنَّهُ يَجِبُ عَلَيْنَا تَعَلُّمَ أرْبَعِ مَسَائِلَ ހަމަކަށަވަރުންވެސް އަހަރެމެންގެ މައްޗަށް ހަތަރު ކަމެއް އުނގެނުން ވާޖިބުވެގެންވެއެވެ. ގެ މުރާދަކީ ކޮންމެ މުކައްލަފެއްގެ މައްޗަށް ދެނެގަތުން ކޮންމެހެން ވާޖިބުވެގެންވާ ކަންތައްތަކެއްގެ ވާހަކަ ބަޔާންކުރުމެވެ. ޢައިނީ ވާޖިބުތަކެވެ. އަދި ހަމަ އެހެންމެ ކިފާއީ ވާޖިބުތައްވެސް މީގައި ޝާމިލުވެއެވެ. މިއީ ހުރިހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވާ ވާޖިބުވުމެކެވެ. އަންހެނުންނާއި ފިރިހެނުންގެ މައްޗަށެވެ. މިނިވަނުންނާއި އަޅުންގެ މައްޗަށްވެސް މެއެވެ.

 ވާޖިބަކީ އިޞްޠިލާޙީގޮތުން ބަލާއިރު އެއީ އެކަން ކުރާމީހާއަށް ޘަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލާމީހާއަށް ޢަޛާބު ލިބޭ ކަންތައްތަކެވެ. މިތާނގައި މުރާދަކީ މި ހަތަރު މައްސަލާ ތިބާ ދަސްކޮށްފިނަމަ ތިބާއަށް ޘާވާބު ލިބޭނެއެވެ. އަދި ތިބާ މި ހަތަރު މައްސަލަ ދަސްނުކޮށް ދޫކޮށްލައިފި ނަމަ ތިބާއަށް ޢަޛާބު ލިބޭނެއެވެ. އޭގެ މާނައަކީ ދަސްކުރަން މިއުޅޭ ކަންތައްތަކަކީ އިސްލާމްދީނަށް ޢަމަލުކުރުމަށްޓަކައި ކޮންމެހެން އެނގެންޖެހޭ އެދީނުގެ ޟަރޫރީ ޢިލްމުގެ ތެރެއިން މިންވަރެކެވެ. ޢަމަލުކުރުމަށްޓަކައި ފުރަތަމަ ވަނީ ޢިލްމު އުނގެނުމެވެ. އެހެނީ ޢަމަލު ބިނާވާނީ ޢިލްމުގެ މައްޗަށެވެ. ޢިލްމާނުލާ ޢަމަލުކުރާންވީ ޞައްޙަގޮތެއް ނޭނގޭނެއެވެ.

(ނުނިމޭ)

“الرد علي الزنادقة والجهمية” للإمام أحمد ص  6-7 [1]