[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖިބުރީލް ޢަލައިހިއްސަލާމްގެ ހަދީޘް (ދެވަނަބައި)

ފުރަތަމަބައި ކިޔުއްވުމަށް…

وَتُقِيْمَ الصَّلاَةَ ” ނަމާދު ޤާއިމު ކުރުމާއި” މާނައަކީ ނަމާދު ފުރިހަމަކަމާއިއެކު ރަގަޅަށް ޤާއިމްކުރާށެވެ. އަދި މިތަނުގައި ނަމާދުގެ މާނައިގައި ފަރުޟާއި ސުންނަތްވެސް ހިމެނެއެވެ.

وَتُؤْتِيَ الزَّكَاةَ ” ޒަކާތްދިނުމާޢި” ޒަކާތަކީ މާތް ﷲ އަށްޓަކައި ކުރެވޭ އަޅުކަމެއްގެ ގޮތުން، ޒަކާތުގެ ޙައްޤުވެރިންނަށް ތިމާގެ މުދަލުން ދޭން ވާޖިބުވާ މިންވަރެކެވެ.

وَتَصُومَ رَمَضَانَ ރޯދައަކީ މާތް ﷲ އައްޓަކައި ކުރެވޭ އަޅުކަމެއްގެ ގޮތުން، ފަޖުރުގެ އަލިކަން ފާޅުވެއްޖެއީއްސުރެ އިރު އޮއްސިއްޖައުމަށްދާންދެން ކެއުމާއި ބުއިމާއި އަދި ރޯދައިގައި ހަރާމްވެގެންވައި އެންމެހައި ކަންކަމުން ދުރެވެ ހުރުމެވެ.

صيام ގެ އަސްލު މާނައަކީ ހިފޭއްޓުމެވެ.

وَتَحُجَّ البَيْتَ ޙައްޖަކީ ﷲ ތަޢާލާގެ ގެފުޅަށް ގަސްދުކޮއްގެން ގޮސް ޙައްޖުގެ މަނާސިކުތައް އޭގެ ވަގުތުގައި ﷲ ތަޢާލާއަށް ކުރެވޭ އަޅުކަމެއްގެ ގޮތުގައި އަދާކުރުމެވެ.

صَدَقْتَ މިހެން ވިދާޅުވީ ޖިބުރީލް ޢަލައިހިއްސަލާމްއެވެ. ސާހާބީން ހައިރާންވެ ވަޑައިގަތީ ސުވާލު ކުރުމަށްފަހު އަދި އެ ތެދު ކުރާތީއެވެ. އެހެނީ އަސްލަކީ ސުވާލުކުރާ މީހާއަށް އެކަމުގެ ޢިލްމެއް ލިބިފައި ނެތުމެވެ. އެހެނަސް ދެވޭ ޖަވާބު ތެދުކުރާ ކަމުގައިވަނީ ނަމަ އޭގެ މާނައަކީ އެ ތެދުކުރާ މީހަކަށް އެކަމުގެ އިލްމު ލިބިފައިވާކަމެވެ.

މި ފަސް ރުކުނުގެ ޝަރަހަ:

ސުވާލު: أَنْ تَشْهَدَ أَن لاَ إِلَهَ إِلاَّ اللهُ، وَأَنَّ مُحَمَّدًا رَسُولُ اللهِ “މާތް ﷲ މެނުވީ ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނެތްކަމަށާއި، ހަމަކަށަވަރުން މުޙައްމަދުގެފާނީ މާތްﷲގެ ރަސޫލާކަމަށް ހެކިވުމާއި” މިތަނުގައި މި ދެކަން ދެ ރުކުނެއް ކަމުގައި ނުލައްވައި އެއް ރުކުނެއްކަމުގައި ލައްވާފައިވަނީ ކީއްވެ ހެއްޔެވެ؟

ޖަވާބު: އެއީ އެންމެހާ ޢަމަލުތައް ޞައްޙަވުން ބިނާވެގެންވަނީ މިދެކަމުގެ މައްޗަށްކަމުންނެވެ. އެހެނީ ﷲ ފިޔަވައި އެހެން އިލާހަކު ނުވާކަމަށް ހެކިވުމުން އިޚްލާސްތެރިކަން ލާޒިމްކުރެއެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ ރަސޫލާކަމަށް ހެކިވުމުން އެކަލޭގެފާނަށް ތަބާވުން ލާޒިމްކުރެއެވެ. އަދި ކޮންމެ އަޅުކަމެއްވެސް ޤަބޫލުވެވެން އަންނަނީ މިދެ ޝަރުތުފުރިހަމަ ވެގެންނެވެ. އެއީ އިޚްލާސްތެރިކަމާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެންނެވި ގޮތަށް އެކަމެއް ކުރުމެވެ.

ﷲ ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް ހެކިވުމަކީ އިންސާނާ އޭނާގެ ދުލުންނާއި ހިތުން އެކަން ޤަބޫލުކުރުމެވެ. ހެކިވުމަކީ: ހިތުން ތެދުކޮށް ދުލުން ކިޔުމެވެ. ހެކިވުމަކީ ހިތުގައިވާ އެއްޗެއް ޚަބަރުކޮށްދިނުމެވެ. އެހެންކަމުން ދުލުން އެކަނި ކިޔުމަކުން ޝަހާދަތް ފުރިހަމައެއް ނުވާނެއެވެ. އެހެނީ މުނާފިޤުންވެސް ﷲ ތަޢާލާގެ އެއްކައުވަންތަކަމަށް ދުލުން ހެކިވިއެވެ. އެބައިމީހުން ބުނަމުން ދިޔައީ އެބައިމީހުންގެ ހިތުގައިވާއެއްޗެއް ނޫނެވެ. އެހެންކަމުން އެ އަމަލު އެބައިމީހުންނަށް މަންފާކުރަނިވި އަމަލެއްކަމުގައި ވެގެނެއްނުދިޔައެވެ. އެބައިމީހުން ރަސޫލާ ގާތަށްގޮސް އެއީ ﷲގެ ރަސޫލާކަމަށް ދުލުން ހެކިވިއެވެ. ﷲ ތަޢާލާ އެކަލޭގެފާނަކީ އެކަލާނގެ ރަސޫލާކަން މޮޅަށް ދެނެވޮޑިގެންވެއެވެ. އަދި އެކަލާނގެ މުނާފިޤުންނަކީ ދޮގުވެރީންތަކެއްކަމުގައި ހެކިވެވޮޑިގަންނަވައެވެ.

لاَ إِلَهَ إِلاَّ اللهُ ސީދާ މާނައަކީ ﷲ ފިޔަވައި އިލާހަކު ނުވެއެވެ. އަސްލު ފުރިހަމަ މާނައަކީ ﷲ ފިޔަވައި ހައްޤުވެގެން އަޅުކަންކުރެވޭ އިލާހެއް ނުވެއެވެ. އެހެނީ ﷲ ފިޔަވައި މީސްތަކުން އަޅުކަންކުރާ އެހެނިހެން އިލާހުންތައް ވެއެވެ. އަދި ﷲ ތަޢާލާވެސް އެބައިމީހުން އަޅުކަންކުރާ ތަކެއްޗަށް އެއީ އިލާހުންތަކެއް ކަމުގައި ވަޙީކުރައްވާފައިވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

فَمَا أَغْنَتْ عَنْهُمْ آَلِهَتُهُمُ الَّتِي يَدْعُونَ مِنْ دُونِ اللَّهِ مِنْ شَيْءٍ

“اللَّه ފިޔަވައި، އެއުރެން އަޅުކަންކޮށްއުޅުނު އެއުރެންގެ إله ންތައް، އެއްވެސްކަމެއް އެއުރެންނަކަށް ފުއްދައެއް ނުދެތެވެ. [هود: 101]

އަދިވެސް ވަޙީކުރެއްވިއެވެ.

أَمْ لَهُمْ آَلِهَةٌ تَمْنَعُهُمْ مِنْ دُونِنَا لَا يَسْتَطِيعُونَ نَصْرَ أَنْفُسِهِمْ وَلَا هُمْ مِنَّا يُصْحَبُونَ

“ނުވަތަ ތިމަންރަސްކަލާނގެ عذاب އެއުރެންގެ ކިބައިން ދުރުކޮށްދޭނެ إله ން ތަކެއް، އެއުރެންނަށް ވޭހެއްޔެވެ؟ އެ ތަކެއްޗަށް އޭގެ އަމިއްލަ نفس އަށް نصر ދިނުމަކަށް ކުޅަދާނަވެގެނެއްނުވެތެވެ. އަދި ތިމަންރަސްކަލާނގެ عذاب ން މިންޖުކޮށްދޭނޭ ބަޔަކުވެސް އެ ތަކެއްޗާއެކުގައި ނުމެވާހުށިމެއެވެ.” [الأنبياء: 43]

އަދިވެސް ވަޙީކުރެއްވިއެވެ.

وَلَا تَدْعُ مَعَ اللَّهِ إِلَهًا آَخَرَ

“އަދި اللَّه އާ އެކުގައި އެހެން إله އަކަށް ތިބާ دعاء ކޮށް އަޅުކަން ނުކުރާށެވެ!”[القصص: 88]

އެހެންކަމުން މީސްތަކުން ﷲ ފިޔަވައި އަޅުކަންކުރާ ފަރާތްތަކަކީވެސް އިލާހުންތަކެކެވެ. އެހެނަސް އެއީ ބާތިލު އިލާހުންތަކެކެވެ. ޙައްޤުވެގެން އަޅުކަންވެވޭ އިލާހުންތަކެއް ނޫނެވެ. لاَ إِلَهَ إِلاَّ اللهُ މާނައިގައި “ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަން ކުރެވޭ އިލާހަކު ނުވެއެވެ” މިގޮތަށް މާނަކުރެވެނީ މިސަބަބަށްޓަކައެވެ. އަދި ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅު މިކަމަށް ހެކިދެއެވެ.

ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ هُوَ الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ

“އެހެނީ، ހަމަކަށަވަރުން، اللَّه އީ، حق ވަންތަ ރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ ފިޔަވައި، އެއުރެން އަޅުކަންކުރާ ތަކެއްޗަކީ، އެއީ باطل ތަކެއްޗެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އެންމެމަތިވެރި، އެންމެعظمة ތެރި ރަސްކަލާނގެއެވެ.” [الحج: 62]

ސުވާލު: ޝަހާދަތްކިޔުމުން އެކިޔާމީހާ އިސްލާމެއްކަމުގައި ބެލެވޭނެހެއްޔެވެ؟

ޖަވާބު: އާނއެކެވެ. އެނާ އިސްލާމެއްކަމުގައިވާނެއެވެ. އެއީ އޭނާ އެހެން ކިއީ ބިރުން، ކަމަކުން ސަލާމަތްވުމަށްޓަކައި ކަމުގައި ހީވިކަމުގައިވީނަމަވެސްއެވެ. އަދި އެމީހެއްގެ ލެޔާއި މުދާ ރައްކާތެރިކުރަންޖެހޭނެއެވެ. އެއީ ދޮގެއްކަމުގައި ހީވިއަހެވެ. އޭގެ ދަލީލަކީ މުޝްރިކުން ފިލަން ދުއްވައިގަތް ދަނޑިވަޅު އުސާމަތު ބުން ޒައިދުއާއި ބައްދަލުވި މުޝްރިކުމީހާގެ ވާހަކައެވެ. އުސާމާ ރަޞިޔަﷲ ޢަންހު ކަނޑި ހިއްޕަވައިގެން ހުންނަވަނިކޮށް އެމީހާއާ ދިމާވުމުން އެމީހާ ” لاَ إِلَهَ إِلاَّ اللهُ ” ކިޔެވެ. އެހެނަސް އުސާމާ ރަޟިޔަﷲ ޢަންހު އޭނާ އެހެން ކިއީ ޤަތުލުކޮށްފާނެތީ އެކަމާއި ބިރުންކަމަށް ހީފުޅުކުރައްވައި އެމީހާ ޤަތުލުކުރެއްވީއެވެ. އެ ޚަބަރު ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ލިބިވަޑައިގަތުމުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “އޭނާ لاَ إِلَهَ إِلاَّ اللهُ އޭ ބުނުމަށްފަހު ކަލޭގެފާނު އޭނާ ޤަތުލުކުރީހެއްޔެވެ؟” ދެން އުސާމާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. “އޭ ރަސޫލުﷲ ގެފާނެއެވެ! އޭނާ އެހެން ބުނީ މަރުން ސަލާމަތްވުމަށްޓަކައެވެ.” އެހެނަސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރިން ޙަދީޡްކުރެއްވިފަދައިން ތަކުރާރުކުރައްވަން ފެއްޓެވިއެވެ. އުސާމާ ރަޟިޔަﷲ ޢަންހު ކުރެއްވި އަސަރެއްގެ ބޮޑުކަމުން ވިދާޅުވިއެވެ. އެދުވަހުގެ ކުރިން އިސްލާމު ނުވިނަމައޭވެސް ހިތަށްއެރިއެވެ.

އެހެންކަމުން ބޭރުފުށަށް ނޫނީ ޙުކުމްކުރުމެއްނެތެވެ. އެއީ ކިތަންމެ ބޮޑަށް އެމީހަކު ޝަހާދަތްކިއީ ކަމަކުން ރައްކާތެރިވުމަށްޓަކައި ކަމުގައި ހީވިޔަސްވެއެވެ. އެހެނެއްކަމަކު އެޔަށްފަހު އޭނާ ކާފަރުވެއްޖެ ކަމުގައިވަނީނަމަ ދެން އެމީހަކު މަރާލެވޭނެއެވެ. އަދި ދުލުންވެސް އެފަދަ ކަމަކަށްޓަކައިނަމަވެސް ޝަހާދަތްކިޔައިފިނަމަ އިސްލާމަކަށްވީތީ އަންނަ ހުރިހާ ޙުކުމްތަކެއް އެމީހެއްގެ މައްޗަށް އަންނާނެއެވެ.

(ނުނިމޭ)