[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޝަފާޢަތަކީ ކޮބާ؟

ބަހުގެ ގޮތުން “އައްޝަފާޢަތް” ނެގިފައިވަނީ “އައްޝަފްޢު” އިންނެވެ. އެއީ ވިތުރީގެ އިދިކޮޅެވެ. ވިތުރިއަކީ އޮނަހިރިއެވެ. އެހެންކަމުން “އައްޝަފްޢު” މާނައަކީ ހިރިވުމެވެ. އެބަހީ، 2، 4، 6…. މިޢަދަދުތަކެވެ.

އިޞްތިލާޙުގައި “އައްޝަފާޢަތަކީ މަންފާއެއް ހޯދައިގަތުމަށް ނުވަތަ ގެއްލުމެއް އެއްކިބާކުރުމަށްޓަކައި އެހެން ފަރާތެއް ބައިވެރިކުރުމެވެ.” އެބަހީ، ޝަފާޢަތްތެރިއަކީ ޝަފާޢަތަށް ބޭނުންޖެހިފައިވާ ފަރާތާއި، ޝަފާޢަތަށް އެދެވޭ ފަރާތާ ދެމެދުގައިވާ މެދުވެރިޔާއެވެ. އެއީ ޝަފާޢަތަށް ބޭނުންޖެހިފައިވާ މީހާއަށް މަންފާއެއް ގެނެސްގަތުމަށް ނުވަތަ އެމީހާގެ ކިބައިން ގެއްލުމެއް ދުރުކޮށްދިނުމަށެވެ.

ޝަފާޢަތުގެ ދެވައްތަރެއްވެއެވެ.

1. ޝަރުޢުން ޘާބިތުވެފައިވާ ޞައްޙަ ޝަފާޢަތެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވާ، ނުވަތަ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ ސުންނަތުގައި ބަޔާންކުރައްވާފައިވާ ވައްތަރުގެ ޝަފާޢަތެވެ. މިވައްތަރުގެ ޝަފާޢަތް ހަމައެކަނި ލިބޭހުށީ ތައުޙީދުގެ އަހުލުވެރިންނަށެވެ. އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ ޙަދީޘްގައިވެއެވެ. ރަސޫލާއަށް ދެންނެވިއެވެ. “ކަލޭގެފާނުގެ ޝަފާޢަތްތެރިކަމުން މީސްތަކުންގެ ތެރެއިން އެންމެ ބާއްޖަވެރިވާނެމީހަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. “އެމީހަކީ، އެމީހެއްގެ ހިތުން އިޚްލާޞްތެރިކަމާއެކު لا إله إلاّ الله ކީ މީހެކެވެ.”

މީގައި 3 ޝަރުޠެއް އެކުލެވިގެންވެއެވެ.

ފުރަތަމައީ: ޝަފާޢަތްތެރިވާމީހާއަށް ﷲގެ ރުއްސެވުން ލިބިގެންވުމެވެ.

ދެވަނައީ: ޝަފާޢަތް ބޭނުންވެގެންވާ މީހާއަށް ﷲގެ ރުއްސެވުން ލިބިގެންވުމެވެ.

ތިންވަނައީ: ޝަފާޢަތްތެރިވާމީހާއަށް ޝަފާޢަތްތެރިވުމުގެ އިޛުނަ ﷲ ދެއްވެވުމެވެ.

މިތިން ޝަރުޠުގެ ދަލީލަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީ ބަސްފުޅެވެ. ((وَكَمْ مِنْ مَلَكٍ فِي السَّمَوَاتِ لا تُغْنِي شَفَاعَتُهُمْ شَيْئاً إِلاَّ مِنْ بَعْدِ أَنْ يَأْذَنَ اللَّهُ لِمَنْ يَشَاءُ وَيَرْضَى)) النجم: 26 މާނައީ: “އަދި ﷲ އިރާދަކުރައްވާ މީހަކަށް އެކަލާނގެ އިޛުނަދެއްވައި ރުހިވޮޑިގަތުމަށްފަހުގައި މެނުވީ، އެބައިމީހުންގެ ޝަފާޢަތުން އެއްވެސްކަމެއް ފުއްދައިނުދޭ ކިތައްކިތައް މަލާއިކަތުން އުޑުތަކުގައި ވޭހެއްޔެވެ؟” މިއާޔަތުގައި ﷲ އެވަނީ އެ ތިން ޝަރުޠު ޖަމަޢަކުރައްވާފައެވެ. އަދި ވަކިވަކިން މި ޝަރުޠުތަކަށް ދަލީލުލިބޭ ދަލީލުތަކެއްވެއެވެ. އެގޮތުން ﷲ ވަޙީ ކުރައްވާފައިވެއެވެ. ((مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ)) البقرة: 255 މާނައީ: “އެކަލާނގެ އިޛުނަފުޅާ ނުލައި އެކަލާނގެ ޙަޟްރަތުގައި ޝަފާޢަތް ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟” ((يَوْمَئِذٍ لا تَنفَعُ الشَّفَاعَةُ إِلاَّ مَنْ أَذِنَ لَهُ الرَّحْمَنُ وَرَضِيَ لَهُ قَوْلاً)) طه: 109 މާނައީ: “ރަޙްމާންވަންތަ ރަސްކަލާނގެ އެމީހަކަށް އިޛުނަދެއްވައި، އަދި އެމީހަކުގެ ބަހަށް ރުހިވޮޑިގެންފިމީހަކަށް މެނުވީ، އެދުވަހުން ޝަފާޢަތްތެރިވުމުގެ މަންފާއެއް ނުކުރާނެއެވެ.” ((وَلا يَشْفَعُونَ إِلاَّ لِمَنْ ارْتَضَى)) الأنبياء: 28 މާނައީ: “އަދި އެކަލާނގެ ރުހިވޮޑިގެންވާ އަޅަކަށް މެނުވީ، އެބޭކަލުން ޝަފާޢަތްތެރިއެއް ނުވާނެއެވެ.” އެހެންކަމުން، ޝަފާޢަތްލިބޭހުށީ މި 3 ޝަރުޠު ފުރިހަމަވުމުންނެވެ.

ޤުރުއާނާއި ސުންނަތުން ޘާބިތުވާ ޝަފާޢަތް ޢިލްމުވެރިން ދެބަޔަކަށް ބައްސަވާލައްވައެވެ.

ފުރަތަމަ ބަޔަކީ: ޢާއްމު ޝަފާޢަތެވެ. ޝަފާޢަތް ޢާއްމުވުމޭބުނެވޭ ބަހުގެ މާނައަކީ، ﷲ ސުބުޙާނަހޫ ވަތަޢާލާ، އެއިލާހުގެ ޞާލިޙު އަޅުތަކުންކުރެ ބަޔަކަށް، އެބައިމީހުންގެ ތެރެއިން އެއިލާހު އިޛުނަދެއްވާ ބަޔަކަށް ޝަފާޢަތްތެރިވުމުގެ އިޛުނަދެއްވުމެވެ. މި ޝަފާޢަތަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށާއި، އެކަލޭގެފާނު ނޫން ނަބިއްޔުންނަށާއި ޞިއްދީޤުންނަށާއި، ޝަހީދުންނަށާއި، ޞާލިޙުންނަށް ޘާބިތުވެގެންވާ ޝަފާޢަތެކެވެ. މި ޝަފާޢަތަކީ ނަރަކާގައިވާ މީހުންގެ ތެރެއިން ފާފަވެރި މުއުމިނުން ނަރަކައިން ނެރެދެއްވުމަށް ވެވޭ ޝަފާޢަތެކެވެ.

ދެވަނަ ބަޔަކީ: ޚާއްޞަ ޝަފާޢަތެވެ. އެއީ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޚާއްޞަވެގެންވާ ޝަފާޢަތެވެ. އެ ޝަފާޢަތްތަކުގެ ތެރެއިން އެންމެ މަތިވެރިވެގެންވަނީ “އައްޝަފާޢަތުލް ޢުޡްމާ” (އެންމެ މަތިވެރިވެގެންވާ ޝަފާޢަތް) އެވެ. މި ޝަފާޢަތަކީ ޤިޔާމަތްދުވަހު، (މަޙްޝަރުގެ މައިދާނުގައި) މީސްތަކުންނަށް ކުޅަދާނަވެގެންނުވާފަދަ ހިތްދަތިކަމާއި ވޭނާ ބައްދަލުކުރާހިނދުވެވޭ ޝަފާޢަތެވެ. މި މައިދާނުން ސަލާމަތްކުރެއްވުމަށް އެބައިމީހުންގެ ފަރާތުން ﷲއަށް ޝަފާޢަތެރިވާނޭ ފަރާތަކަށް އެދިގެން އެކިއެކި ބޭކަލުންގެ ކައިރިއަށް އެމީހުންދާނެއެވެ. އެބައިމީހުން އާދަމުގެފާނުގެ އަރިހަށް ދާނެއެވެ. ދެން ނޫޙުގެފާނު، ދެން އިބްރާހީމްގެފާނު، ދެން މޫސާގެފާނު، ދެން ޢީސާގެފާނުގެ އަރިހަށް ދާނެއެވެ. މީގެ ތެރެއިން އެއްވެސް ބޭކަލަކު ޝަފާޢަތްތެރިނުވުމުން، އެންމެފަހުން އެބައިމީހުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ އަރިހަށް އަންނާނެއެވެ. ފަހެ، އެކަލޭގެފާނު ވަޑައިގެން، މި އުނދަގޫ މައިދާނުން ﷲގެ އަޅުތަކުން މިންޖުކޮށްދެއްވުމަށް ﷲގެ ޙަޟްރަތުގައި ޝަފާޢަތަށް އެދިވަޑައިގަންނަވާނެއެވެ. އެކަލޭގެފާނުގެ ދުޢާ ﷲ ތަޢާލާ އިޖާބަކުރައްވާނެއެވެ. އަދި އެކަލޭގެފާނުގެ ޝަފާޢަތް ޤަބޫލުކުރައްވާނެއެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލޭގެފާނަށް ވަޢުދުވެވޮޑިގެންނެވި “އަލްމަޤާމުލް މަޙްމޫދު” (ޙަމްދުލިބިގެންވާ މަޤާމު) އެވެ. ((وَمِنْ اللَّيْلِ فَتَهَجَّدْ بِهِ نَافِلَةً لَكَ عَسَى أَنْ يَبْعَثَكَ رَبُّكَ مَقَاماً مَحْمُوداً)) الإسراء: 79 މާނައީ: “އަދި (ފަރުޟުފަސްނަމާދުގެ އިތުރަށް) ކަލޭގެފާނު ރޭގަނޑުގެ ބައެއްގައި ތަހައްޖުދުނަމާދު ކުރައްވާށެވެ! އެކަމުން، ކަލޭގެފާނުގެ ވެރިރަސްކަލާނގެ، ޙަމްދުލިބިގެންވާ މަޤާމަކަށް ކަލޭގެފާނު ފޮނުއްވައިފާހުށްޓެވެ!”

އަދި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ޚާއްޞަވެގެންވާ ޝަފާޢަތްތަކުގެ ތެރޭގައި، ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވެއްދެވުމަށްއެދި ޝަފާޢަތްތެރިވެވަޑައިގަންނަވާ ޝަފާޢަތްވެއެވެ. ފަހެ، އެހެނީ ސުވަރުގޭގެ އަހުލުވެރިން ޞިރާޠުގެ މަގު ހުރަސްކުރުމަށްފަހުގައި، ސުވަރުގެއާއި ނަރަކައާދެމެދުގައިވާ “ޤަންޠަރާއެއް” (މަގެއް) ގައި ކޮޅަށްތިބޭނެއެވެ. އެތަނުގައި ސުވަރުގެގޭ އަހުލުވެރިން ދުނިޔެމަތީގައި އެކަކު އަނެކަކަށް ވެފައިވާ އަނިޔާވެރިކަމުގެ ބަދަލު ދެވޭނެއެވެ. އެ ބަދަލު ލިބުމަށްފަހުގައި އެބައިމީހުން އެކަކު އަނެކަކާމެދުގައި އެއްވެސްކަހަލަ ނުރުހުންތެރިވުމެއް ނުވާނެއެވެ. ދެން އޭގެފަހުގައި ސުވަރުގެއަށްވަނުމުގެ އިޛުނަ އެބައިމީހުންނަށް ދެވޭނެއެވެ. އަދި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޝަފާޢަތުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދާނެއެވެ.

2. ޝަފާޢަތުގެ ދެވަނަ ވައްތަރަކީ ޝަފާޢަތަށް ބޭނުންޖެހިގެންވާމީހާއަށް މަންފާނުކުރާ ބާޠިލު ޝަފާޢަތެވެ. އެއީ މުޝްރިކުން ދަޢުވާކުރާގޮތުން، އެބައިމީހުންގެ އިލާހުންތައް ﷲގެ ޙަޟްރަތުގައި ވާ ޝަފާޢަތެވެ. ﷲ ވަޙީ ކުރައްވާފައިވާފަދައިން، މިފަދަ ޝަފާޢަތެއްގެ މަންފާއެއް އެބައިމީހުންނަކަށް ނުކުރާނެއެވެ. ((فَمَا تَنْفَعُهُمْ شَفَاعَةُ الشَّافِعِينَ)) المدثر: 48 މާނައީ: “ފަހެ، ޝަފާޢަތްތެރިވާމީހުންގެ ޝަފާޢަތުން، އެބައިމީހުންނަކަށް މަންފާއެއް ނުކުރާނެއެވެ.” އެބައިމީހުންގެ ޝަފާޢަތުން މަންފާނުކުރާ ސަބަބަކީ، މުޝްރިކުންގެ ޝިރުކަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ރުއްސަވާވޮޑިގެންނުވުމެވެ. އަދި އެބައިމީހުންނަށް ޝަފާޢަތްތެރިވުމަށް ﷲ އިޛުނަނުދެއްވާނެއެވެ. އެހެނީ، ﷲ ރުއްސަވާމީހަކަށް މެނުވީ ޝަފާޢަތްތެރިކަމެއް ނުލިބޭނެއެވެ. އަޅުތަކުން ވާ ކުފުރަށް ﷲ ރުއްސަވާވޮޑިގެންނުވާނެއެވެ. އަދި ފަސާދައަށްވެސް ﷲ ރުއްސަވާވޮޑިގެންނުވާނެއެވެ. މުޝްރިކުން އެބައިމީހުންގެ އިލާހުންތަކަށް އަޅުކަންކޮށް ބުނަމުންދެއެވެ. ((هَؤُلاءِ شُفَعَاؤُنَا عِنْدَ اللَّهِ)) يونس: 18 މާނައީ: “މި ތަކެއްޗަކީ، ﷲގެ ޙަޟްރަތުގައި ތިމަންމެންނަށް ޝަފާޢަތްތެރިވާނޭ ތަކެއްޗެވެ.” މިއީ ބާޠިލު، މިބުނުމުން މަންފާނުކުރާނެ ބުނުމެކެވެ. އަދި މިބުނުމުގެ ސަބަބުން ﷲއާ އެބައިމީހުންނާ ދެމެދުގައި ދުރުވެގެންދިޔުން މެނުވީ އިތުރުނުވާނެއެވެ. މުޝްރިކުން އެއެދެނީ، ބުދުތަކަށް އަޅުކަންކޮށްގެން އެބައިމީހުންނަށް ޝަފާޢަތްލިބުމަށެވެ. މިއީ ބާޠިލުކަމެކެވެ. މިއީ އެބައިމީހުންނަށް މޮޔަކަމާހުރެ ﷲއަށް ކުއްތަންވުމަށްޓަކައި ބޭނުންކުރާކަމެކެވެ. ނަމަވެސް މިކަމުގެ ސަބަބުން ﷲއާ ދުރުވުން ފިޔަވައި އެހެންކަމެއް އިތުރުނުވެއެވެ.

ހަމައެފަދައިން، ޒިޔާރަތްތަކާއި، ޤަބުރުތަކުގައިވާ ޞާލިޙުމީހުންނަށް ޝަފާޢަތަށްއެދި ދެންނެވުމަކީވެސް ހުއްދަވެގެންވާކަމެއްނޫނެވެ. ޝަފާޢަތް ދެއްވާ ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެހެން ފަރާތަކަށް ޝަފާޢަތަށްއެދި ދެންނެވުމަކީ ﷲއަށް ކުރަންޖެހޭ އަޅުކަންތައް އެހެން ފަރާތަކަށް ކުރެވޭނެކަމެކެވެ. މިއީ ބޮޑު ޝިރުކުގެ ތެރެއަށް މީހާ ވެއްޓިގެންދާނޭކަމެކެވެ. މިކަމުގެ ސަބަބުން ﷲގެ ނުރުހުން ލިބޭ މީހެއްކަމުގައި އެމީހާވެ، ޝަފާޢަތުން މީހާ މަޙްރޫމުވެގެންދާނެއެވެ. އަހަރެމެން ޝަފާޢަތަށް، މަދަދަށް، އެހީތެރިކަމަށް، ވާތްގަށްއެދެންޖެހޭ ފަރާތަކީ އެއްކައުވަންތަ، އެންމެހާ ދުޢާތަކެއް މޮޅަށް އައްސަވާވޮޑިގެންވާ ޢާލަމްތަކުގެ ވެރި ﷲ އެވެ.

ﷲ އަޅަމެންނަށް ހިދާޔަތް ދައްކަވައި، އެ ހިދާޔަތުގައި އަޅަމެން ޘާބިކުރައްވާނދޭވެ. އަދި ތައުޙީދުގެ މަތީގައި އަޅަމެން ޘާބިތުކުރައްވާނދޭވެ. އަދި އިބައިލާހަށް ޙައްޤުގޮތުގައި އަޅުކަންކުރާނެގޮތުގެ ޢިލްމު އަޅަމެންނަށް އުގަންނަވައި ދެއްވާނދޭވެ! އާމީން.

________________________

މަރުޖިޢު:

* مجموع فتاوى و رسائل الشيخ محمد صالح العثيمين المجلد الحادي عشر – باب اليوم الآخر.