عَنْ أَبِيْ هُرَيْرَةَ رَضِيَ الله عَنْهُ قَالَ : قَالَ رَسُولُ الله صَلَّى الله عَلَيْهِ وَسَلَّمَ : (( يُسَلِّمُ الصَّغِيْرُ عَلَى الكَبِيْرِ، وَالمَارُّ عَلَى القَاعِدِ، وَالقَلِيْلُ عَلى الكَثِيْرِ)).[مُتَّفَقٌ عَلَيْهِ]
މިޙަދީޘްގެ މާނަ:
ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
“ކުޑަކުދިން ބޮޑެތިމީހުނަށް ސަލާމްގޮވާށެވެ. އަދި [ތަނެއްގައި] އިށީންދެއިން މީހަކަށް ހިނގާފައިދާމީހާ ސަލާމްގޮވާށެވެ. އަދި މަދުމީސްކޮޅު ގިނަމީހުންނަށް ސަލާމް ގޮވާށެވެ.”
މިޙަދީޘް ރިވާކުރެއްވީ އިމާމް ބުޚާރީއާއި މުސްލިމެވެ.
މިޙަދީޘުންލިބޭ ބައެއް ފައިދާ :
* މުޖުތަމަޢުގައި ސަލާމްފެތުރުމަށް އިސްލާމްދީން ބާރުއަޅާމިންވަރު މިޙަދީޘުން ދޭހަވެއެވެ.
* ސަލާމްކުރުމާއި ބަލައިގަތުމުގައިވެސް އިސްލާމްދީނުގައި އަދަބުތަކެއް ކަނޑައަޅާފައި އޮތްކަން މިޙަދީޘުން އިންގެއެވެ.
ނޯޓް : މިޙަދީޘްގައި މިގޮތަށް ބަޔާންވެގެންވިޔަސް ބޮޑުމީހަކު ކުޑަކުއްޖަކަށް ނުވަތަ އިށީންދެތިބި ބަޔަކު ހިނގާފައިދާ މީހަކަށް ނުވަތަ ގިނަބަޔަކު މަދުބަޔަކަށް ސަލާމްގޮވުމަކީ މައްސަލައެއްނޫނެވެ. އެހެން ނަމަވެސް އެންމެ އެދެވިގެންވާގޮތަކީ މިޙަދީޘްގައިވާގޮތަށް އަމަލުކުރުމެވެ. އެއީ ސަލާމްކުރުމުގެ އަދަބުތަކުގެ ތެރެއިންވާ ކަމެކެވެ.