الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ، وَالْعَاقِبَةُ لِلْمُتَّقِينَ، وَصَلَّى الله عَلَى مُحَمَّدٍ خَاتَمِ النَّبِيِّينَ، وَعَلَى جَمِيعِ الْأَنْبِيَاءِ وَالْمُرْسَلِينَ.
ނަހީކުރެއްވުން ކަންތަކުން ދުރުވެގަތުމުގައި ސަލަފުންގެ ބޭކަލުން އަވަސްވެގަތުން
ހެޔޮ ޢަމަލުތައް ކުރުމުގައި ސަލަފުންގެ ބޭކަލުން އަވަސްވެ ވަނޑައިގެންނެވި ފަދައިން، ﷲ ތަޢާލާ މަނާކުރެއްވި ކަންތަކުން ނުވަތަ ނުބައި ކަންތަކުން ދުރުވުމުގައި ވެސް އެބޭކަލުން ވަނީ އަޅުގަނޑުމެންނަށް ރިވެތި ވެގެންވާ ނަމޫނާ ދައްކުވައިދީފައެވެ.
މިގޮތުން ޞަޙީޙުލް ބުޚާރީގައި އަދި ޞަޙީޙު މުސްލިމުގައި ޢުމަރު ރަޟިޔަﷲ ޢަންހުގެ ކިބައިން އައިސްފައިވެއެވެ.
އެއްދުވަހަކު ޢުމަރުގެފާނު އެކަލޭގެފާނުގެ ބައްޕަ ގަންދީ ހުވާކުރައްވަނިކޮށް ރަސުލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަޔަށް އަޑުއިވުނެއެވެ. ދެން އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ.
((إِنَّ اللَّهَ يَنْهَاكُمْ أَنْ تَحْلِفُوا بِآبَائِكُمْ . . .))
މާނައީ:” ހަމަކަށަވަރުން ތިޔަބައިމީހުންގެ ބައްޕައިން ގަންދީ ހުވާކުރުން ﷲ ތަޢާލާ ނަހީކުރެއްވިއެވެ.”
ދަންނައެވެ. މިކަމަކީ ޖާހިލިއްޔަ ޒަމާނުގައި އެބައިމީހުންގެ ގައިގައި ހިފައިފައިވާ އާދައެކެއެވެ. އަދި ދޫ އެކަމެއްގެ މައްޗަށް ފަރިތަވެ އާދަވެފައިވާ ކަމެކެވެ. އަދި ދޫ ކަމެއްގެ މައްޗަށް އާދަވެއްޖެނަމަ އެކަމަކުން ދުރުވުމަކީ ވަރަށްވެސް އުނދަގޫ ކަމެކެވެ.
އެހެން ނަމަވެސް ޢުމަރުގެފާނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ މިބަސްފުޅު އަޑު އިވުމަށްފަހު އެކަލޭގެފާނުގެ ނަފްސުގެ މައްޗަށް މިޙަދީޘަށް ޢަމަލުކުރުމަށް ގަދައަޅައި މަސައްކަތްކުރެއްވިއެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން އެކަލޭގެފާނުގެ ނަފްސު ﷲ ފިޔަވައި އެހެން ފަރާތެއް ގަންދެއްވައި ހުވާނުކުރުމަށް ހޭނުނެއެވެ. ދެން އެއަށްފަހު އެކަލޭގެފާނު ވިދާޅުވިއެވެ.
” ﷲ ގަންދީ ބުނަމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ކިބައިން މިހަދީޘް އަޑު އިވުނު ދުވަހުން ފެށިގެން ތިމަން ކަލޭގެފާނުގެ ދެއްކި ވާހަކައެއްގައި ﷲ ފިޔަވައި އެހެން ފަރާތެއް ގަންދީ ހުވާ ނުކުރަމެވެ. އަދި އެހެން މީހަކު ދެއްކި ވާހަކައެއްގައި އޭނަ ﷲ ފިޔަވައި އެހެން ފަރާތެއް ގަންދީ ހުވާކޮށްފައިވާ ކަމުގައި ވީނަމަވެސް ތިމަން ކަލޭގެފާނު އެވާހަކަ އެހެން ބަޔަކަށް ކިޔައި ދިންކަމުގައި ވީނަމަވެސް އޭނަކޮށްފައިވާ ހުވައެއް ނުގެންނަވަމެވެ.”
އަދި ހަމަ މިގޮތުން ޞަޙީޙުލް ބުޚާރީގައި އަދި ޞަޙީޙު މުސްލިމުގައި އިބްނު ޢައްބާސް رضي الله عنهما އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
“ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަޔަށް ފިރިހެން ބޭކަލެއްގެ އަތުގައި ރަނުންވާ އަނގޮޓިއެއް އަޅާފައިވަނިކޮށް ފެނިވަނޑައިގަތެވެ. ދެން އެކަލޭގެފާނު އޭތި ނެންގެވުމަށްފަހު އެއްލަވާލެއްވިއެވެ. އަދި ހަދީޘް ކުރެއްވިއެވެ.”
((يَعْمِدُ أَحَدُكُمْ إِلَى جَمْرَةٍ مِنْ نَارٍ فَيَجْعَلُهَا فِي يَدِهِ))
މާނައީ:“ތިޔަބައިމީހުންގެ ތެރެއިން މީހަކު އަލިފާން އަނގުރުގަނޑެއް ނެގުމަށްފަހު އޭތި އަތުގައި އަޅަނީހެއްޔެވެ.”
ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެތަނުން ދިޔުމުން އެ އަނގޮޓީގެ ޞާޙިބުމީހާޔަށް ބުނެވުނެއެވެ. ތިބާގެ އަނގޮޓި ނަގާށެވެ. އަދި އޭތި ވިއްކައިގެން ފައިދާއެއް ހޯދާށެވެ. ނުވަތަ ތިބާގެ އަންހެނުނަށް އޭތި ދޭށެވެ. ދެން ޞާޙިބުމީހާ ބުންނެވެ.
“ﷲ ގަންދީ ހުވާކުރަމެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ އެއްލަވާލެއްވި އެއަނގޮޓި އަހަރެން ދުވަހަކުވެސް ނުނަގާނަމެވެ.”
މިއީ އެބޭކަލުންގެ ޒުހުދުވެރިކަމުގެ ސަބަބުން މުބާޙު ކަންތަކުންވެސް އެބޭކަލުން ދުރުވެ ވަނޑައިގެންނެވި މިންވަރެވެ. އަދި މިތާގައި މިބަޔާން ކުރެވުނީ ދީނުގައި ނަހީކުރައްވާފައިވާ ކަންތަކުން ސަލަފުންގެ ބޭކަލުން ދުރުވެތިބި މިންވަރު ދައްކުވައިދޭ ބައެއް މިޘާލުތަކެވެ.
=ނުނިމޭ=