ތިމާގެ އަނބިމީހާއީ ތިމާއަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ޙަލާލު ކޮށްދެއްވާފައިވާ އަންހެނެކެވެ. އެއަނބިމީހާގެ ކިބައިން ތިމާ ބޭނުންގޮތަކަށް އަރާމު ލިބިގަތުމަކީ ހުއްދަކަމެކެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވަނީ
(نِسَاؤُكُمْ حَرْثٌ لَكُمْ فَأْتُوا حَرْثكُمْ أَنَّى شِئْتُمْ…) (އަލްބަޤަރާ 223)
މާނައީ: “ތިޔަބައިމީހުންގެ އަނބިންނަކީ ތިޔަބައިމީހުންގެ ދަނޑުބިމެވެ. (އެބަހީ: ދަނޑު ބިމެއްފަދަ އެއްޗެކެވެ.) ފަހެ އެދަނޑުބިމުގައި ތިޔަބައިމީހުން ބޭނުންގޮތަކަށް ގޮވާންކޮށް ފައިދާލިބިގަންނާށެވެ.” މިއެވެ.
މިހެން އެންގެވުމާއެކު މަނާކުރައްވާފައިވާ ބައެއް ކަންތައްވެއެވެ. ވީމާ އާޔަތުގައި ދެއްވާފައިވާ ހުއްދަޔާ މިނިވަންކަން މާނަކުރެވޭނީ މަނާކުރެއްވި ކަންތައް ފިޔަވައި ދެންއޮތް ބައިގައެވެ. އަނބީންގެ ކިބައިން ފިރިމީހާ އަރާމު ލިބިގަތުމުގައި ދީން މަނާކުރާކަމަކީ އަނބިމީހާގެ ފުރަގަސްފަރާތުގެ ދޮރުބޭނުންކުރުމެވެ. އަދި އަނބިމީހާ ޙައިޟުވެފައި އިންދާ ޖިމާޢުވުމެވެ. މިދެކަމީ ޔަޢުނީ އަނބިމީހާގެ ފުރަގަސްފަރާތްބޭނުންކުރުމާއި އަދި ކުރިމަތި ފަރާތާ ނަމަވެސް ޙައިޟުވެފައި އިންދާ ޖިމާޢުވުމެވެ. ނިފާސްވެރިޔާވެސް ވަނީ ޙައިޟުވެރިޔާގެ ޙުކުމްގައެވެ. މިކަންކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަންކަމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވަނީ މިފަދައިންނެވެ.
“لاَ يَنْظُرُ اللَّهُ عَزَّ وَجَلَّ إِلَى رَجُلٍ جَامَعَ امْرَأَتَهُ فِي دُبُرِهَا” (މުސްލިމް އަދި އިބްނު މާޖާ 1923)
މާނައީ: ” އަނބިމީހާގެ ފުރަގަސްފަރާތް އިސްތިޢުމާލުކޮށްފި މީހާއަށް ﷲ ރަޙުމަތުގެ ބެއްލެވުމަކުން ނުބައްލަވާނެއެވެ.”
އަނެއް ޙަދީޘެއްގައި ވަނީ “مَنْ أَتَى حَائِضًا أَوْ امْرَأَةً فِي دُبُرِهَا أَوْ كَاهِنًا فَصَدَّقَهُ بِمَا يَقُولُ فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ – ( އިބްނު މާޖާ 636) – މާނައީ: “ޙައިޟުވެފައި އިންއަންހެނަކާއި ރޭކޮށްފިމީހާ ނުވަތަ އަންހެނެއްގެ ފުރަގަސްފަރާތް އިސްތިޢުމާލު ކޮށްފިމީހާ ނުވަތަ ކާހިނަކު ގާތަށްގޮސް އޭނާ ދައްކާވާހަކަ ތެދުކޮށްފިމީހާ ހަމަކަށަވަރުން މުޙައްމަދުގެފާނަށް ބާވައިލެއްވި އިސްލާމްދީނަށް އެމީހަކު ކާފިރު ވެއްޖެއެވެ. މިއެވެ.”
އަދި މިނޫންވެސް މި މައުޟޫޢުގައި އައިސްފައިހުރި ޙަދީޘްތައް ވަރަށްވެސް ބިރުވެރިވެފައި ނުރައްކަލެވެ.
އިސްވެދިޔަ ދެ ޙަދީޘުންނާއި އަދިވެސް މި މައުޟޫޢުގައި ހުރި ޙަދީޘްތަކުން ޘާބިތުވެ އެނގެނީ އަނބިމީހާގެ ކިބައިން ފިރިމީހާ އަރާމު ލިބިގަތުމުގައި ހުރިހާ ކަމެއްވެސް ހުއްދަކަމާއި، ހަމައެކަނި މަނާވެފައިވަނީ އަނބިމީހާގެ ފުރަގަސްފަރާތު ދޮރުން އަރާމު ލިބިގަތުމާއި ޙައިޟުވެރިޔާގެ ފުރަގަސް ފަރާތާއި އަދި ކުރިމަތިފަރާތު ދޮރުންވެސް އަރާމު ލިބިގަތުންކަމެވެ.
ވީމާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދައްކާވާފައިވާ ރަނގަޅު މޮޅުގޮތް ދަސްކޮށް، އަދި ކޮންމެކަމެއް ކުރުމުގައިވެސް އެ އިރުޝާދުގައިވާ ގޮތަށް ކުރުމެވެ. ޤިޔާމަތް ދުވަހުން ކާމިޔާބު ވެ ނަޞީބު ލިބޭނީ އޭރުންނެވެ.