[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކުޑަކުދިންގެ ވާހަކަ: ދިރޭތަކެއްޗަށް ގެއްލުން ނުދޭނަމެވެ.

islam

“މަންމާ! އަޅުގަނޑުގެ ލޯ. ބައްޕާ! އަޅުގަނޑުގެ ލޯ” ދިހަ އަހަރުގެ އަނިލް ބާރަށް ރޯންފެށުމުން ސިޓިންރޫމްގައި ތިބި މަންމަޔާއި ބައްޕަ އެއްފަހަރާ ދުވެފައި ކަހަލަގޮތަކަށް އަނިލް ކައިރިއަށް އައެވެ.

“ދަރިފުޅާ! ކިހިނެއްވީ؟ ލޮލަށް ކިހިނެއްވީ؟ ދައްކަބަލަ މަންމަ ބަލާލަން” މިހެންބުނެ މަންމަޔާއިބައްޕަ ފަރުވާތެރިކަމާއެކު އަނިލްގެ ލޮލަށް ބަލާލިއެވެ.

“އަސްތާ! މިއޮތީ ހިންޏެއް. ކުޑަކުޑަ ހިންޏެއް. އެކަމަކު މިކުޑަކުޑަ ހިނި ދަރިފުޅަށް ވަރަށް ތަދުކޮށްލައިފިދޯ” ހިނި ނަގާ އަނިލްއަށް ދައްކާލަމުން މަންމަ ބުންޏެވެ.

“އާނ. ވަރަށް ތަދުވެއްޖެ. ނުވެސްއެނގޭ ހިންޏެއް ކަމެއްވެސް. ގިފިއްޔަށް މިވަނީ ޖަނބުރޯލުގަހުން ޖަނބުރޯލެއް ބިންނަންވެގެން. ކުއްލިއަކަށް މަތިބަލާލިތަނާ ތަދުވީ” ވީގޮތް ކިޔާދެމުން އަނިލް ބުންޏެވެ.

“ދަރިފުޅާ. ދެން މީގެފަހުން ދަރިފުޅު ދިރޭތަކެއްޗަށް ގެއްލުން ނުދޭނަން ދޯ. ދަރިފުޅަށް އެނގޭތަ ދަރިފުޅަށް ހިނިތަކަށްވެސް އެއްވެސް ރަޙްމެއްނެތި އަނިޔާ ކުރެވޭކަން” އަނިލް ދިރޭތަކެއްޗަށް ކުރާއަނިޔާ ހުއްޓުވުމުގެ ގޮތުންދައްކާ ވާހަކަ ތަކުރާރުކޮށްލިއެވެ.

އަނިލްއަކީ އޭނައަށް ފެންނަ މެހި،ހޯނު،ކޮކާ،ހިނި ފަދަ ތަކެތީގެ ގުނަންތައް ވަކިކޮށް ފުޅިފުޅިއަށް އަޅައިގެން އުޅޭ ކުއްޖެކެވެ. ބުޅަލެއް ފެނުނަސް އެހާ އަނިޔާ ކުރެއެވެ. އަނިލްއަށް ވިސްނައިދިނުމުގެ ގޮތުން މަންމަޔާއި ބައްޕަ ބުނެއެވެ. “ދަރިފުޅާ! އަނިލް. ދިރޭއެއްޗިއްސަށް ލޯބިކުރަންވާނެ. ދިރޭއެއްޗެހީގެތެރެއިންވެސް އިންސާނުންނަށް ގެއްލުންދޭ އެއްޗެހިވެސް މަރަންވާނީ ތިގޮތަށް ކުދި އަނިޔާ ނުދީ.”

މިވާހަކަ ތަކުރާރުކޮށް ދައްކާއިރުވެސް އަނިލް ދިރޭތަކެއްޗަށް ކުރާއަނިޔާ ހުއްޓާނުލައެވެ. އެކަމަކު ލޮލަށް ހިނި ވެއްޓުނު ދުވަހު ބުންޏެވެ. “ދެންދުވަހަކުވެސް ދިރޭއެއްޗިއްސަށް އަނިޔާ ނުކުރާނަން.” މިއަޑު އިވުމުން އަނިލްގެ މަންމައާއިބައްޕަ އުފަލުން ހީނލިއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

“إِنَّ اللهَ كَتَبَ الإِحْسَانَ عَلَى كُلِّ شَيْءٍ، فَإِذَا قَتَلْتُمْ فَأَحْسِنُوا الْقِتْلَةَ، وَإِذَا ذَبَحْتُمْ فَأَحْسِنُوا الذَّبْحَ.”  (رَوَاهُ مُسْلِمٌ) މާނައީ: “ހަމަކަށަވަރުން ﷲ ކޮންމެ އެއްޗަކަށްވެސް އިޙްސާންތެރިވުން ލިޔުއްވިއެވެ. (އެބަހީ: ފަރުޟުކުރެއްވިއެވެ.) ފަހެ، ތިޔަބައިމީހުން ޤަތުލުކުރާނަމަ ރިވެތިކޮށް ޤަތުލުކުރާށެވެ. އަދި ތިޔަބައިމީހުން ޛަބަޙަކުރާނަމަ ރިވެތިކޮށް ޛަބަޙަކުރާށެވެ.”