މި އަހަރުގެ ކިޔަވައިދިނުމާއި ކިޔެވުން އަޅުގަނޑުމެންނާ ވަކިވެގެންދަނީ އެވެ. އަހަރުގެ ބޮޑުޗުއްޓީ ފެށުމާއިއެކު ބެލެނިވެރިން އެންމެ ޚާއްސަ އިސްކަމެއް ދޭންފަށަނީ ޖެހިގެންއަންނައަހަރު ކުދިން ސްކޫލަށް ފޮނުވުމަށް ބޭނުންވާ ތައްޔާރީތައް ކުރުމުގައެވެ. އޭގެތެރެގައި ޔުނިފޯމް ފަހަން ދިނުމާއި ފޮތްހަމަކުރުމާއި ފޮތުގެ ބޭރުގަނޑުގައި އިތުރުކަރުދާހެއްލާ ނުވަތަ އިތުރު ޑިޒައިނެއް ހަދައިގެން ނަމަވެސް ފޮތް ރީތިކުރުމާއި ފޮތުގައި ނަންކަރުދާސްކޮޅު ތަތްކޮށް ސެލޯފިންލުމަށް ސަމާލުކަން ދެއެވެ.
ސްކޫލަށް ދިޔުމަށް ތަފާތު ތައްޔާރީތައް ކޮންމެ އަހަރަކުވެސް ވަމުންދާއިރު އަޅުގަނޑުމެންގެ ވިސްނުމުގެ މިސްރާބު މީގެތެރެއިން ކޮންމެވެސް އެއްކަމަކަށް އަމާޒު ކޮށްލަމާ ހިނގާށެވެ.
އާދޭހެވެ. ފޮތުގެ ބޭރުގަނޑުގައި ކޮންކުއްޖެއްގެ ފޮތެއްކަން އަންގައިދޭ ގޮތަށް ތަތްކުރެވޭ ނަންކަރުދާސްކޮޅާ މެދު ފުންކޮށް ވިސްނާލަމާ ހިނގާށެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބެލެނިވެރިން ނަންކަރުދާސްކޮޅު ތައްޔާރުކޮށްދޭ ތަންތަނަށް ގޮސް ނަންކަރުދާސްކޮޅެއް ހަދައިދޭން އެދޭއިރު ބުނާނީ، އެހެންކުދިންނަހަދާ، ކޮންމެވެސް ތަފާތު ގޮތަކަށް ތައްޔާރުކޮށް ދިނުމަށެވެ. އަނެއްބައި ބެލެނިވެރިން ބުނާނީ ފެންނަ ގޮތަކަށް ތައްޔާރުކޮށްލާށެވެ. އަމިއްލައަށް ނަންކަރުދާސްކޮޅު ހަދަން އެނގޭ ކުދިން ބަލާނީ އެހެންކުދިން ޢާއްމުކޮށް ބޭނުންނުކުރާ ފޮންޓަކާއި ކުލައާއި މަންޒަރު ބޭނުންކުރެވޭތޯއެވެ.
މިހާތަނަށް ސްކޫލްތަކުން ފެނިފައިވާ ނަންކަރުދާސްކޮޅުތަކަށް ބަލާލާއިރު ފެނިގެންދަނީ އެހެނިހެން އެއްޗިއްސަށް ވެސް ފިލްމާއި ކާޓޫނުގެ ނުފޫޒް ވަންނަހެން މިކަމަށްވެސް ކާޓޫނާއި ފިލްމުގެ ނުފޫޒް ވަދެފައިވާ މަންޒަރެވެ. ގޭގައި އަމިއްލައަށް ކުރިއަސް ނުވަތަ މީހަކު ލައްވާ ކުރުވިއަސް މިކަމަށް ބައެއް ބެލެނިވެރިން އަޅާނުލާތީ ފެންނަނީ ދެކެން ބޭނުންނުވާ މަންޒަރެވެ.
ބޮޑެތިކުދިންގެ ނަންކަރުދާސްކޮޅުތަކުން ނިވާކަންކުޑަ ހެދުންއަޅައިގެން އުޅޭ ފިލްމީ ތަރިންގެ ފޮޓޯލައިފާ ވާއިރު ކުޑަކުދިން ބާބީ ފަދަ ކާޓޫނުގެ ފޮޓޯ ލައިފައި ހުންނަތަން ފެނެއެވެ. މިފަދަ ނަންކަރުދާސްކޮޅުތައް ފެނުމުން ބައެއްކުދިން އެހެންކަންތައް ހުއްޓާލާފަދަ އެފަދަ ނަންކަރުދާސްތަކަށް ބަލަހައްޓައިގެން ތިބޭ މަންޒަރު ފެނެއެވެ. އަދި އެހެންކުދިންނަށް އެމަންޒަރު ދައްކާ ސިއްރުވާހަކަތައް ދައްކާ މަންޒަރު ފެނިފައި ވެއެވެ. މިއީ ވިސްނާލަން ޖެހޭ ކަމެއް ނޫންތޯއެވެ.
މިކަމުގެ ސަބަބުންވެސް ކުދިންގެ އަޚްލާޤަށް ނޭދޭވޭ އަސަރު ކުރާނެކަން ގައިމެވެ.
އަދި ހަމަ މިއާއެކު ނަންކަރުދާސްކޮޅުގެ ފޮންޓުކުލައަށް ވުރެ އެހެން ކުލަތައް ގަދަ ވުމުން ނަންކިޔަން އުނދަގޫ ގޮތަށް ތައްޔާރު ކުރެވިފައިވެސް އެބަހުއްޓެވެ. ނޫނީ ލިޔެފައި ހުރި ފޮންޓުގެ ގޮތުން ނުވަތަ ފޮންޓުގެ ކުޑަކަމުން ނަން ވަކިކުރަން އުނދަގޫ ގޮތްގޮތަށް ނަންކަރުދާސްކޮޅު ތައްޔާރު ކޮށްފައިވާތީ ފެނެއެވެ.
ކޮންމެއަކަސް ނަންކަރުދާސްކޮޅު ވާން ޖެހޭނީ ފަސޭހައިން ކިޔަން އެނގޭފަދަ ސާފު ގޮތަކަށް ތައްޔާރުކޮށްފައިވާ އެއްޗަކަށް ނޫންތޯއެވެ. ފާޑުފާޑުގެ ފިލްމީ ތަރިންނާއި ކާޓޫނު ކެރެކްޓަރސްތައް ޕްރޮމޯޓް ކުރާ އެއްޗަކަށް ވެގެން ނުވާނެއެވެ.
އަޅުގަނޑުމެންގެ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރަން އެދޭނަމަ ހުރިހާ ގޮތަކުންވެސް އިސްލާމީ ސިފަތައް ޕްރޮމޯޓް ކުރާ ކުދި ބަޔަކަށް ހަދަން އެބަ ޖެހެއެވެ.
ކާޓޫނާއި ފިލްމީ ތަރިންނާއި ނުލާވެސް ރީތި ކުރެވިދާނެއެވެ. ގުދުރަތުގެ އެތައް ހާސް މަންޒަރެއް ވެއެވެ.ރީތި ކާރުތަކާއި މަތިންދާ ބޯޓުތަކަކީވެސް ހަމަ އަޅުގަނޑުމެންގެ ކުދިން ނުހަނު ގަޔާވާ އެއްޗިއްސެވެ.
ވީމާ އަންނަ އަހަރު އަޅުގަނޑުމެން ފޮތުގައި ތަތްކުރާ ނަންކަރުދާސްކޮޅުތަކަކީ ކާޓޫނާއި ފިލްމުގެ މަންޒަރު ތަކުން އެއްކިބާ ވެފައިވާ ނަންކަރުދާސްކޮޅުތަކަކަށް ހަދަމާތޯއެވެ. އަދި އަވަދިނެތި އުޅުއްވާ މުދައްރިސުންނަށް ފަސޭހައިން ކިޔާލެވޭ ގޮތަށް ތައްޔާރުކުރެވިފައިވާ ނަންކަރުދާސް ކޮޅުތަކަކަށް ހަދަމާތޯއެވެ.
ނަންކަރުދާސްކޮޅުތައް ތައްޔާރުކުރުމުގައި ތިބާގެ ބެލެހެއްޓުމުގެދަށުން ކުދިންނަށް ވިސްނައިދީގެން އިސްލާމްދީނާއި ރައްޓެހި ނަންކަރުދާސްކޮޅެއް ތައްޔާރު ކުރެއްވުމުގައި ފަސްޖެހިވަޑައި ނުގަންނަވާށެވެ.