އިސްލާމްދީނުގައި އެންމެ ބޮޑު އިސްކަމެއް ދެވިފައިވަނީ ޝަރުޢީ ޢިލްމަށެވެ. ޝަރުޢީ ޢިލްމުގެ ތެރެއިން ކޮންމެހެން އެނގެން ޖެޙޭ މިންވަރު ދެނެގެތުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް ވާޖިބެކެވެ. ދުނިޔަވީ ގޮތުން ފައިދާހުރި އެހެނިހެން ޢިލްމުތައް އުގެނިގަތުމަކީ ވެސް އިސްލާމްދީން ނުހަނު ހިތްވަރުދޭ ކަމެކެވެ. މިދުވަސްކޮޅަކީ ދީންދެކެ ލޯބިވާ ކުދީން ދުނިޔަވީ ޢިލްމު އުނގެނިގަތުމަށް ގޮވައިލެވޭ ގޮވައިލުންތަކުގެ ނަޢުރާގެ އަޑު ގަދަވެފައިވާ ދުވަސްކޮޅެކެވެ. މިގޮވައިލުމުގައި ހިތާއި ރޫޙުން އަޅުގަނޑުވެސް ބައިވެރިވަމެވެ. އެހެނީ މުސްލިމުންނަކީ އެބައިމީހުންގެ ރަންޒަމާނުގައި ހުރިހައި ރޮނގަކުންވެސް ކުރިއަރާފައި އޮތް ޙަޟާރާތެއްގެ ވެރިބަޔެކެވެ. ހުޅަނގުގެ ޤައުމުތައް މިއަދު ފަޚުރުވެރިވާ ތަރައްޤީގެ ބިންގަލަކީ ވެސް އެބައިމީހުން އަހަރެމެން މުސްލިމުންގެ ކިބައިން ލިބިގަތް ޢިލްމެވެ.
އެހެން ނަމަވެސް މިއަދު އަހަރެމެން މުސްލިމުން، ދީނަށް ފުރަގަސްދިނުމުގެ ސަބަބުން އަހަރެމެން މިވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފައެވެ. މުސްލިމުންގެ އަތުން ލިބިގަތް ޢިލްމު ހުޅަނގުގެ ޤައުމުތައް މިއަދު އެވަނީ އާ ހަރުފަތަކަށް ގެންގޮސްފައެވެ. އެބައިމީހުންގެ ގާތުން ފައިދާހުރި ޢިލްމު ލިބިގަތުން ދީން މަނާ ނުކުރާ ހިނދު ހުޅަނގުގެ ކާފަރު ޤައުމުތަކަށް މުސްލިމުން ކިޔަވަން ދިޔުމަކީ ކޮން ކަހަލަ ކަމެއްތޯ ބަލައިލަމާތޯ އެވެ. ދީނުގެ ޢިލްމުވެރިން މިކަމުގައި ޝަރުތުތަކެއް ކަނޑައަޅުއްވާފައިވެއެވެ. އެއީ :
1 . ކިޔަވަންދާ ކުއްޖާ އަކީ އިސްލާމްދީނުގެ މައިގަނޑު އަސާސްތައް ރަނގަޅަށް ރޯފިލާފައި ހުރި ކުއްޖެއް ކަމުގައި ވާން ޖެހެއެވެ. އެނޫންކަމުގައި ވާނަމަ ދީނާއި މެދު ޝައްކާއި ވަހުމް އުފައްދަން މަސައްކަތް ކުރާ މީހުންގެ ޝިކާރަޔަކަށް އެކުއްޖާ ވުމަކީ އެކަށީގެންވާ ކަމެކެވެ.
2. އެކުއްޖަކީ ނުގުޑާ ފަދަ އަޤީދާއެއްގެ ވެރި އީމާންކަން ހަރުދަނާ ކުއްޖަކަށް ވާންޖެހެއެވެ. އެނޫން ކަމުގައި ވެއްޖެނަމަ ހަވާނަފްސުގެ އެދުންތަކަށް ދީލާލެވުމުކީ އެފަދަ ފާޙިޝް ކަންތައްތައް ފެތުރިފައިވާ މުޖުތަމަޢުތަކުގައި ގާތް ކަމެކެވެ.
3. މުސްލިމް އެއްވެސް ޤައުމަކުން އެފަދަ ޢިލްމެއް ހާސިލް ކުރެވެން ނެތުމެވެ. މުސްލިމް ޤައުމެއްގައި އެދާއިރާއިން ތަޢުލީމް ހާސިލް ކުރެވެން އޮއްވާ ކާފަރު ޤައުމަކަށް އިސްކަންދީގެން ނުވާނެއެވެ .
މަތީގައި މިދެންނެވި ޝަރުތުތައް ފުރިހަމަ ނުވާނަމަ ކާފަރު ޤައުމުތަކަށް ކިޔަވަން ދިޔުން ހުއްދަ ނުވާނެ ކަމުގައި ޢިލްމުވެރިން ވިދާޅުވެއެވެ .އެހެނީ މުސްލިމަކަށް އެންމެ މުހިއްމު ކަމެއްކަމުގައި ވާން ޖެހޭނީ އޭނާގެ ދީން ރައްކާތެރިކުރުމެވެ. ( އިތުރު ތަފްސީލު ބޭނުންފުޅުވާ ބޭފުޅުން ޝައިޚް އިބްނު ޢުޘައިމީންގެ މަޖްމޫޢުލް ފަތާވާ (28/3) ބައްލަވާ )
{މިލިޔުމަކީ ޝައިޚް މުޙައްމަދު އިބްނު ޢުޘައިމީން ލިޔުއްވާފައިވާ “ކިތާބުލް ޢިލްމު” ގެ 144 ޞަފުޙާ އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.}