[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٤ (ف 1 ، د 6 – تَوْحِيْدُ الأَسْمَاءِ وَالصِّفَاتِ)

thauheedh 4 pic

ތިންވަނަ ބައި: تَوْحِيْدُ الأَسْمَاءِ وَالصِّفَاتِ

تَوْحِيْدُ الأَسْمَاءِ وَالصِّفَاتِ އަކީ: ކީރިތި ޤުރުއާނާއި ޞައްޙަ ޙަދީޘްތަކުގައި ވާރިދުވެފައިވާ ﷲ ތަޢާލާގެ އެންމެހާ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމެވެ. އެއީ ﷲ ތަޢާލާ އެއިލާހުގެ ނަފްސުފުޅު ޞިފަކުރައްވާފައިވާ ގޮތަށް، އަދި އެއިލާހުގެ ރަސޫލާ صلى الله عليه وسلم އެއިލާހު ޞިފަކުރައްވާފައިވާ ޙަޤީޤީ މާނައިގައި އީމާންވުމެވެ. އަދި ހަމަކަށަވަރުން ﷲ އާ އެއްފަދަވެގެންވާ އެއްވެސް ފަރާތެއް ނުވާކަމަށާއި އަދި އެއިލާހީ މޮޅަށް އައްސަވާ ވޮޑިގެންވާ އަދި މޮޅަށް ބައްލަވާ ވޮޑީގެންވާ އިލާހުކަމަށް އިޢުތިޤާދުކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤﴾ [سورة الإخلاص]  [1]

މާނައީ: ” ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲ އެވެ. [1] ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެންމެހާ ޞިފަފުޅުތަކެއް ފުރިހަމަވެވޮޑިގެންވާ އިލާހެވެ. [2] އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެއެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. [3] އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެއެވެ. [4]”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ﴾ [سورة الأعراف ١٨٠] 

މާނައީ: “އެންމެ ރިވެތި ނަންފުޅުތައް މިލްކުވެގެންވަނީ اللّه އަށެވެ. ފަހެ އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ ޙަޟްރަތަށް ދުޢާކުރާށެވެ. އަދި އެކަލާނގެ ނަންފުޅުތަކާމެދު ޙައްޤުމަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ. އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުއްޓެވެ.”

އަދިވެސް އެއިލާހު ވަޙީކުރެއްވިއެވެ.

﴿…لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ﴾  [سورة الشورى ١١]

މާނައީ: “…އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ”.

ދަރުސްގެ އިރުޝާދުތައް

* ﷲގެ އިސްމުފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމަކީ ލާޒިމުކަމެކެވެ.

* ﷲގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް އެނގޭނީ ކީރިތި ޤުރުއާނުންނާއި ޞައްޙަ ޙަދީޘްތަކުގެ ޒަރީޢާ އިންނެވެ. އެއީ އެނައްޞުތައް އިސްވެ ދިޔަ މިއުންމަތުގެ ޞަލަފުއް ޞާލިޙުންގެ ބޭފުޅުންނަށް ވިސްނިވަޑައިގަތް ގޮތަށެވެ.

* ﷲ ތަޢާލާގެ އެންމެހާ އިސްމުފުޅުތައް ރިވެތިވެގެންވެއެވެ. އެ އިސްމުފުޅުތައް ވަރަށް ގިނައެވެ. އެ އިސްމުފުޅުގެ ތެރޭގައި:

الصَّمَدُ: އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެންމެހާ ޞިފަފުޅުތަކެއް ފުރިހަމަވެވޮޑިގެންވާ އިލާހު

البَارِئُ: ނެތުމުގެތެރެއިން ތަކެތި ހައްދަވާ އުފައްދަވާ އިލާހު

السَّمِيْعُ: މޮޅަށް އައްސަވާ ވޮޑިގެންވާ އިލާޙު

البَصِيْرُ: މޮޅަށް ބައްލަވާ ވޮޑިގެންވާ އިލާހު

الرَّحْمٰنُ: ރަޙްމާނުވަންތަ އިލާހު

الرَّحِيْمُ: ރަޙީމްވަންތަ އިލާހު

އަދި އެކަލާނގެ ޞިފަފުޅުތައްވެސް ވަރަށް ގިނައެވެ. އެ ޞިފަފުޅުތަކުގެ ތެރޭގައި:
الرَّحْمَةُ: ރަޙްމަތްވަންތަކަން

القُوَّةُ: ބާރުވެރިވޮޑިގަތުން

الحِكْمَةُ: ޙިކްމަތްވަންތަކަން

الحَيَاةُ: ދިރިދެމިވޮޑިގަތުން

العِزَّةُ: ޢިއްޒަތްވަންތަކަން

العِلْمُ: އެނގިވޮޑިގެންވުން

* ﷲ ތަޢާލާގެ ޞިފަފުޅުތައް މަޚްލޫޤުންގެ ޞިފަފުޅުތަކާއި ވައްތަރުކުރުމަކީ ހުއްދަވެގެންވާ ކަމެއްނޫނެވެ. ފަހެ ﷲ ތަޢާލާ އެއަށްވުރެ މާ މަތިވެރިވެ މާތްވޮޑިގެންވެއެވެ.

﴿…لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ﴾  [سورة الشورى ١١]

މާނައީ: “…އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެތެވެ. އަދި އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ”.

* ﷲ ތަޢާލާގެ ރިވެތި އިސްމުފުޅުތައް ބޭނުންކޮށްގެން ދުޢާކުރަންވާނެއެވެ. ފަހެ އެގޮތުން މިޘާލަކަށް:

يَا رَحْمٰنُ : އޭ ރަޙްމާނުވަންތަ އިލާހު!

يَا تَوَّابُ : އޭ ތައުބާ ލައްވާ އަދި ތައުބާ ޤަބޫލުކުރައްވާ އިލާހު!

يَا غَفُوْرُ اِغْفِرْ  ذَنْبِيْ : އޭ ގިނަގަނައިން ފާފަފުއްސަވާ އިލާހު! މިއަޅާގެ ފާފަ ފުއްސަވާނދޭވެ!

يَا رَحْمٰنُ اِرْحَمْنِيْ: އޭ ރަޙްމާނުވަންތަ އިލާހު! މިއަޅާއަށް ރަޙުމުކުރައްވާނދޭވެ.

يَا عَلِيْمُ عَلِّمْنِيْ: އޭ ހުރިކާމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހު! މިއަޅާއަށް އުނގަންނަވައިދެއްވާނދޭވެ.

ސުވާލުތައް

1 ﷲ ތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟

2 ﷲ ތަޢާލާގެ އިސްމުޅުތަކުގެ ތެރެއިން ތިބާއަށް އެނގޭ އިސްމުފުޅުތައް ލިޔާށެވެ.

3 ﷲ ތަޢާލާގެ ޞިފަފުޅުތަކުގެ ތެރެއިން ތިބާއަށް އެނގޭ ޞިފަފުޅުތައް ލިޔާށެވެ.

4 ޚާލިޤުވަންތަ ﷲ އާ މަޚްލޫޤެއް ވައްތަރުކުރުން ހުއްދަވެގެންވޭ ހެއްޔެވެ؟ އެކަމުގެ ދަލީލަކީ ކޮބާ ހެއްޔެވެ؟

5 ﷲ ތަޢާލާއަށް ދުޢާކުރާނީ ކިހިނެއް ހެއްޔެވެ؟

 ____________________________

[1] الصَّمَدُ އަކީ : އެއީ އެންމެހާ މަޚްލޫޤުން އެފަރާތަކަށް ބަރޯސާވާ އިޢުތިމާދުކުރާ އަދި ޙާޖަތްތަކަށް އެދޭ السَّيِّدُ އެވެ.

مادة التوحيدގެ އެހެނިހެން ފިލާވަޅުތައް ބައްލަވާލައްވާ