[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިސްލާމީ ތަރުބިއްޔަތުގެ ޢިލްމު 2

ނަބަވީ މި ތަރުބިއްޔަތުގެ ސަބަބުން މުޅި ދުނިޔޭގެ ތާރީޚު ބަދަލުވެގެން ދިޔައެވެ. އިންސާނީ ޙަޔާތް އެފުށް މިފުށަށް ޖެހިގެން ދިޔައެވެ. ހަނގުރާމައާއި ދެކޮޅުވެރިކަމުގެ ތެރޭގައިވި މުޖުތަމަޢު، ޞުލްޙަވެރިކަމާއި އެއްބައިވަންތަ މުޖުތަމަޢަކަށް ވެގެންދިޔައެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަވެވަޑައިގަތުމަށްފަހުގައި ތާބިޢީންގެ ޖީލު ތަރުބިއްޔަތު ކުރެއްވީ އެކަލޭގެފާނުގެ މަތިވެރި ޞަޙާބީންނެވެ. ތާބިޢީން ތެރެއިން ނުކުމެވަޑައިގެންނެވި ބޮޑެތި ބޮޑެތި ޢިލްމުވެރިންގެ އުސްތާޛުންނަކީ ޞަޙާބީންގެ މަސައްކަތުގެ މޭވާއެވެ. ތަރުބިއްޔަތުގެ މައިދާނުގައި އަޅުގަނޑުމެން ނަމޫނާއަކަށް މި ބަލާ ތާބިޢީންނާއި އެބޭކަލުންނަށް ފަހުގައި ވަޑައިގެންނެވި ޖީލުތަކަކީ މި ދެންނެވި މަތިވެރި ތަރުބަވީ މަދަރުސާގެ ދަރިވަރުންނެވެ. ޢިލްމާއި ޢަމަލުގައި، ޙައްޤުގެ މަގުގައި ޘާބިތުވެ ތިއްބެވުމާއި، ކެތްތެރިކަމާއި، ދަޢުވަތުގައިވެސް އެބޭކަލުން ދައްކަވާފައިވާ ރިވެތި ނަމޫނާތަކަކީ އެބޭކަލުންގެ ފަހުގެ އެތައް ޖީލުތަކަކަށްވާ ޢިބުރަތްތެރި ފިލާވަޅުތަކެވެ.

މާތްވެގެންވާ ޤަރުނުތަކަށްފަހުގައިވެސް އިސްލާމްދީނުގެ ޢިލްމުވެރިންނާއި ދާޢީންނާއި މުފައްކިރުން ތަރުބިއްޔަތުގެ މަތިވެރި މަސައްކަތައިގެން ކުރިއަށް ވަޑައިގެންނެވިއެވެ. އެގޮތުން ކީރިތި ޤުރުއާން ހިތުދަސް އެތައް ޤާރީންނާއި، ފިޤުހުވެރިންނާއި، ތަފްސީރު ޢިލްމުވެރިންނާއި، ދުނިޔަވީ އެކިއެކި ދާއިރާތަކުގެ ޢިލްމުވެރިންނާއި މުފައްކިރުން އިސްލާމީ އުންމަތުގައި އުފެދިފައިވެއެވެ.

އިސްލާމީ ތަރުބިއްޔަތު ތަދުވީނުކުރެވި ފޮތްތައް ލިޔެވި ވަކި ފަންނެއްގެ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޒަމާނުގައި ވަކިވެގެން އައިސްފައިނުވި ނަމަވެސް އިސްލާމީ ތަރުބިއްޔަތުގެ އަސާސުތަކާއި މަންހަޖު ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވިދާޅުވި ބަސްފުޅުތަކާއި ކުރެއްވި ކަންތައްތަކާއި އިޤުރާރުވެވަޑައިގެންނެވި ކަންތައްތަކުގައި ވަރަށް ރަނގަޅަށް އަހަރެމެންނަށް ދައްކަވާފައިވެއެވެ. އެހެންކަމުން އިސްލާމީ ތަރުބިއްޔަތުގެ އަސާސީ މަރުޖިޢަކީ ކީރިތި ޤުރުއާނާއި ސުންނަތެވެ. ކީރިތި ޤުރުއާނަށް ބަލާލާއިރު ކީރިތި ޤުރުއާނުގައި އަހަރެމެންގެ ނަފުސުތަކާއި އަހުލުވެރިން ތަރުބިއްޔަތު ކުރަންވީ މަންހަޖު ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا اسْتَجِيبُوا لِلَّهِ وَلِلرَّسُولِ إِذَا دَعَاكُمْ لِمَا يُحْيِيكُمْ وَاعْلَمُوا أَنَّ اللَّهَ يَحُولُ بَيْنَ الْمَرْءِ وَقَلْبِهِ وَأَنَّهُ إِلَيْهِ تُحْشَرُونَ (الأنفال 24) “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް ދިރުންދޭ ކަމަކަށް ރަސޫލާ ތިޔަބައިމީހުންނަށް ގޮވައިލައްވާހިނދު، ﷲ އަށާއި ރަސޫލާއަށް ތިޔަބައިމީހުން އިޖާބަ ދޭހުށިކަމެވެ! އަދި ތިޔަބައިމީހުން ދަންނާށެވެ! ހަމަކަށަވަރުން، ﷲ، އިންސާނާއާއި، އޭނާގެ ހިތުގެ އެދުންތަކާ ދެމެދު ހުރަސްއަޅުއްވަތެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުން (ޤިޔާމަތްދުވަހުން) އެއްކުރައްވާހުށީ، އެކަލާނގެ ޙަޟްރަތަށެވެ.”

މިއީ ﷲ ތަޢާލާ، ކީރިތި ޤުރުއާނާއި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަށް އަހަރެމެން އިޖާބަދޭން ޖެހޭގޮތް އަމުރުކުރައްވާފައިވާ އާޔަތެކެވެ. އެ ދެއެތީގައި އިންސާނާގެ ޙަޔާތާއި ދުނިޔެއާއި އާޚިރަތުގައި އުފާވެރިކަން ލިބިގަންނާނީ ކިހިނެއްކަން ސާފުކޮށް ބަޔާންވެގެންވެއެވެ. އަދި ތަރުބިއްޔަތުގެ ޢިލްމުގައި އަހަރެމެންނަށް އެ ނަމޫނާތަކަކަށް ބަރޯސާވެއްޖެނަމަ ކާމިޔާބު ޙާޞިލުކުރެވޭނެ އެތައް ތަރުބަވީ އުސްލޫބުތަކެއް ކީރިތި ޤުރުއާން އަހަރެމެންނަށް ދަސްކޮށްދެއެވެ. މިސާލަކަށް ވާހަކަ ކިޔައިދިނުމާއި، ވަޢުޡު ނަޞީޙަތްދިނުމާއި، ދޭދޭ މީހުންގެ ދެމެދުގައި ދެކެވިފައިވާ ވާހަކަތަކާއި، ޢިބުރަތްތަކާއި ނަމޫނާތަކެވެ. އަދި ހަމައެގޮތަށް އިންސާނާއަށް ތާއަބަދުގެ އުފާވެރިކަން ލިއްބައިދޭނެ ކަންކަމާއި، މެދުކެނޑުމެއް ނެތް ނިޢުމަތް ލިބޭނެގޮތެވެ. އަދި ހަމައެގޮތަށް އިންސާނާގެ ދިރިއުޅުން ބާއްޖަވެރިކުރާނޭގޮތާއި އާޚިރަތުގެ ގޮވާން ލިބިގަންނާނެގޮތްވެސް ސާފުކޮށް ކިޔާދީފައިވެއެވެ.

މިއީ أ.د. خالد بن حامد الحازميލިޔުއްވާފައިވާ أصول التربية الإسلاميةއަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.