މިފޮތުގެ ސުރުޙީކަމުގައިވާ تَدْوِيْنُ السُّنَّةِ النَّبَوِيَّةِ: نَشْأَتُه وتَطَوُّره ގެ މުރާދު ކުރުގޮތަކަށް ބަޔާންވެއްޖެކަމުގައި އެންމީދުކުރަމެވެ.
އަދި ދަންނައެވެ. ފަހެ މިއީ އަޅުގަނޑުމެންގެ ކުރިން ވަޑައިގަތް ސަލަފުއްޞާލިޙުންގެ ބޭކަލުން އެކި ދުވަސްވަރުގައި ޢާންމުގޮތެއްގައި އިސްލާމްދީނަށް ޚިދްމަތްކުރައްވުމުގައްޔާއި، ޚާއްޞަގޮތެއްގައި ޠާހިރު ސުންނަތަށް ޚިދުމަތްކުރެއްވުމުގައި ކުރައްވާފައިވާ އަގުހުރި ބަރަކާތްތެރި މަސައްކަތްތަކުގެ ޚުލާޞާއެކެވެ.
މިވާހަކަކޮޅު ނިންމާލަމުން ސަމާލުކަމަށް އަންނަނިވި ނުކުތާތައް ގެނައުމަށް އަޅުގަނޑު ޤަޞްދުކުރަމެވެ:
1 ހަމައެކަނި ފުރަތަމަ ނުވަ ޤަރުނު އަޅުގަނޑު ޛިކުރުކޮށްފައިވާ ސަބަބު: އެއީ ހަމަކަށަވަރުން ދެން އައި ދުވަސްވަރުގައި އާލާކުރުމެއް ނުވަތަ މުޅިން އާ މަސައްކަތްތަކެއް ނުވާތީއެވެ. އޭގެ ފަހުން ސުންނަތަށް ކުރެވިފައިވާ ޚިދުމަތްތައް ހިމަނާލެވެނީ އިސްވެ ވަޑައިގެން ބޭކަލުންކުރައްވާފައިވާ މަސައްކަތްޕުޅު ތަކުރާރުވުމުގެ ގޮތުގައެވެ. ނުވަތަ އެ މަސައްކަތްޕުޅުތައް ޝަރަޙަކުރެއްވުމާއި ޚުލާޞާކުރެއްވުމާއި އެއާ ގުޅޭ ބައެއް ނުކުތާތައް ފާހަގަކުރެއްވުންފަދަ ކަންތައްތަކުގެ ގޮތުގައެވެ.
2 ނުވަވަނަ ޤަރުނަށްފަހު އިންޑިއާގެ ޢިލްމުވެރިން އިޚްލާޞްތެރި ބަރަކާތްތެރި މަސައްކަތްތަކެއް ސުންނަތަށް ޚިދުމަތްކުރެއްވުމުގައި ކުރައްވާފައިވެއެވެ. އެއީ ސަލަފުންގެ މަސައްކަތްޕުޅުތަކަށް އެބޭފުޅުން ދެއްވާފައިވާ އަހައްމިއްޔަތުގެ ތެރެއިން ހިމެނޭ ކަމެކެވެ. އެއީ (ޙަދީޘް) ރިވާކުރެއްވުމާއި އަޑުއެހުމާއި ޝަރަޙަކުރެއްވުމާއި މުހިންމު ނުކުތާތައް ފާހަގަކުރެއްވުންފަދަ ކަންތައްތަކެވެ. އެކަމުގެ އެންމެ މަތީ ފަންތީގައި ހިމެނޭ ފޮތްތަކުގެ ތެރޭގައި ކުތުބުއްސިއްތާއަށް ޚިދުމަށްކުރައްވާފައިވާ ފޮތްތައް ހިމެނެއެވެ. އަދި ހަމައެފަދައިން ޙަދީޘްގެ އެކި ޢިލްމުތަކަށް ސަމާލުކަންދެއްވާ ލިޔުއްވާފައިވާ ފޮތްތަކާއި، އަދި މިތާގައި ތަފްޞީލުކޮށް ޛިކުރުނުކުރިނަމަވެސް ވަރަށް ގިނަ އެނޫން ދާއިރާތައްވެސް ހިމެނެއެވެ.
= ނުނިމޭ =