[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٤ (ف 2 ، د 2 – ޙައްޤު އީމާންކަން)

thauheedh 4 pic

ﷲއަށް އީމާންވުމުގެ މާނަ:

އެއީ ހަމަކަށަވަރުން ﷲއަކީ ޙައްޤުގޮތުގައި އަޅުކަންވެވޭ ހަމައެކަނި އިލާހުކަމަށާއި، އަދި އެއިލާހު ފިޔަވާ އަޅުކަންވެވޭ ފަރާތްތަކަކީ ބާޠިލުގޮތުގައި އަޅުކަންވެވޭ ފަރާތްތަކެއްކަމުގައި އިޢުތިޤާދުކުރުމެވެ. އަދި އަޅުކަމުގެ އެންމެހާ ވައްތަރުތަކެއް އިޚްލާޞްތެރިކަމާއެކު އެއިލާހަށް އަދާކުރުމެވެ. އަދި އެއިލާހު ފިޔަވާ އެހެން ފަރާތަކަށް އަދާކުރެވޭ އަޅުކަންތައް ނަފީކުރުމެވެ. އަދި ﷲއަށްޓަކައި ލޯބިވުމާއި އަދި އެއިލާހަށްޓަކައި ރުޅިއައުމެވެ.

އިބްރާހީމުގެފާނު – عليه السلام – ގެ މިއްލަތަކީ މިއީއެވެ. [1] މިމިއްލަތުން ފުރަގަސްދީފި މީހަކީ ތަންދޮރުނުފިލާ ޖާހިލެކެވެ. އަދި މިމިއްލަތަށް ތަބާވުމަކީ ރިވެތި ނަމޫނާއެއްކަމުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ:

﴿قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّـهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّىٰ تُؤْمِنُوا بِاللَّـهِ وَحْدَهُ…﴾ [ سورة الممتحنة ٤]

މާނައީ: “އިބްރާހީމުގެފާނާއި އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެބައިމީހުން އެބައިމީހުންގެ ޤައުމަށް ބުނިހިނދެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނާއި، ﷲ ފިޔަވައި ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެންވަމުއެވެ. ތިޔަބައިމީހުންގެ ދީނަށް ތިމަންމެން ކާފަރުވަމެވެ. ތިމަންމެންނާއި ތިޔަބައިމީހުންނާ ދެމެދުގައި ޢަދާވާތްތެރިކަމާއި ރުޅިވެރިކަންވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ ﷲ އަށް ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާނދެނެވެ…”

ދަރުސްގެ އިރުޝާދުތައް

* އީމާންކަމަކީ އިންސާނާ އޭނާގެ ދުލުން ހަމައެކަނި ބުނެލާ ކަލިމައެއްނޫނެވެ. ނަމަވެސް އެއީ ބަހާއި ޢަމަލާއި އިޢުތިޤާދުތަކެކެވެ.

* ހައްޤު އީމާންކަމަކީ:

– ހަމަކަށަވަރުން ﷲ އީ އެއްކައުވަންތަ، އެއިލާހަށް އެއްވެސް ޝަރީކަކު ނުވާ ފަރާތްކަމުގައި އިޢުތިޤާދުކުރުން. އަދި އެއިލާހު ފިޔަވާ އަޅުކަންކުރުން ޙައްޤުވެގެންވާ ފަރާތެއް ނުވާކަމަށް އިޢުތިޤާދުކުރުން.

– އިޚްލާޞްތެރިކަމާއެކު ﷲއަށް އަޅުކަން އަދާކުރުން.

– މުއުމިނުންދެކެ ލޯބިވެ އެބައިމީހުންނަށް ނަޞްރުދިނުން.

– މުސްލިމުންނާ ޢަދާވާތްރިވާ ކާފަރުންދެކެ ރުޅިއައުން.

* މިދީން ދޫކޮށް އަދި އިބްރާހީމުގެފާނު – عليه السلام – ގެ މިއްލަތަށް ފުރަގަސްދީފި މީހަކު އޭނާގެ ނަފްސަށް އިހާނާތްތެރިވެ، ފަސާދަކޮށް ހަލާކުކޮށްފިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

﴿وَمَن يَرْغَبُ عَن مِّلَّةِ إِبْرَاهِيمَ إِلَّا مَن سَفِهَ نَفْسَهُ…﴾ [سورة البقر ة ١٣٠]

މާނައީ: “އެމީހެއްގެ ނަފްސުއިހާނެތި ކޮށްލައިފި މީހަކު މެނުވީ، އިބްރާހީމުގެފާނުގެ މިއްލަތަށް ނުރުހުންވެ، އެ މިއްލަތުން ދުރުވެގަންނާނީ ކާކުހެއްޔެވެ…”

ސުވާލުތައް

އިބްރާހީމުގެފާނު عليه الصلاة والسلام އަކީ ނަބީބޭކަލުންގެ ބައްޕާފުޅެވެ. ﷲ ތަޢާލާ އެކަލޭގެފާނު ފޮނުއްވީ އެކަލޭގެފާނުގެ ޤައުމުގެ މީހުންގެ ގާތަށެވެ. އެއީ ހަމައެކަނި ﷲ އަށް އަޅުކަންކުރުމަށް އެބައިމީހުންނަށް ދަޢުވަތުދިނުމަށެވެ. ﷲ ފިޔަވާ ބުދުތައް ފަދަ ތަކެއްޗަށް އަޅުކަންކުރި ބަޔަކުކަމުގައި އެބައިމީހުންވިއެވެ. ފަހެ ހަމައެކަނި ﷲއަށް އަޅުކަންކުރުމަށް އިބްރާހީމުގެފާނު عليه السلام އެބައިމީހުންށް ދަޢުވަތުދެއްވިއެވެ. ނަމަވެސް ދެކޮޅުވެރިވެ، ބޮޑާވެ، ބުދުތަކަށް އަޅުކަންކުރުމުގެ މަތީގައި އެބައިމީހުން ދެމިތިއްބެވެ.

ޢީދުގެ އުފަލުގައި ޙަފްލާ ބޭއްވުމަށް އެބައިމީހުން ނުކުތުމުން، އިބްރާހީމުގެފާނު عليه السلام އެބައިމީހުންގެ ބުދުތައް ތަޅުއްވާލިއެވެ. އެކަން އެބައިމީހުންނަށް އެނގުމުން ބޮޑު އަލިފާންގަނޑެއް ރޯކޮށްފައި އިބްރާހީމުގެފާނު عليه السلام އެތަނަށް އެއްލާލިއެވެ. ދެން އިބްރާހީމުގެފާނު عليه السلام އަށް ވީގޮތް އެނގޭ ހެއްޔެވެ؟ އެއަލިފާންގަނޑު އެކަލޭގެފާނު އަންދާ ނުލިއެވެ. ނަމަވެސް ﷲ ތަޢާލާ އެއަލިފާންގަނޑު ލެއްވީ އެކަލޭގެފާނަށްހުރި ފިނި ސަލާމަތްކަންހުރި ތަނެއްގެ ގޮތުގައެވެ.

1 އީމާންކަމާ ގުޅުންހުރި މާނަތަކެއް އިބްރާހީމުގެފާނު عليه السلام ގެ ވާހަކަގައި ހިމެނިގެންވެއެވެ. އެމާނަތައް ބަޔާންކުރާށެވެ.

2 ޙައްޤުއީމާންކަން ޙާޞިލުވާނީ ކޮންކަންތައްތަކަކުން ހެއްޔެވެ؟

3 އިބްރާހީމުގެފާނު عليه الصلاة والسلام ގެ މިއްލަތަށް ފުރަގަސްދީފިމީހަކަށް ކިޔާނީ ކީކޭ ހެއްޔެވެ؟

4 އިބްރާހީމުގެފާނު عليه السلام ގެ މިއްލަތު ދޫކޮށްލައިފި މީހަކަށް ޙާޞިލުވާނެ ގެއްލުމަކީ ކޮބާ ހެއްޔެވެ؟

5 އަންނަނަވި ޙާލަތްތަކުގައި ޙަޤީޤީ އީމާންކަން ޙާޞިލުވާނެ ހެއްޔެވެ:

(أ) މީހަކު ނަމާދުކުރެއެވެ. ނަމަވެސް ޞާލިޙުމީހުންދެކެ އޭނާ ރުޅިއާދެއެވެ.

(ب) މީހަކު ޝަހާދަތުގެ ދެކަލިމަ ކިޔައެވެ. ނަމަވެސް އޭނާ ކާފަރުންދެކެ ލޯބިވެއެވެ.

(ج) މީހަކު ހަމައެކަނި ﷲ އަށް އަޅުކަންއަދާކުރެއެވެ. އަދި މުއިމިނުންދެކެ އޭނާ ލޯބިވެއެވެ.

___________________________________________

[1] މިއްލަތުގެ މާނައަކީ ދީނެވެ. އިބްރާހީމުގެފާނު – عليه السلام – ގެ މިއްލަތަކީ އެއީ ތައުޙީދުގެ ދީނެވެ.

 

مادة التوحيدގެ އެހެނިހެން ފިލާވަޅުތައް ބައްލަވާލައްވާ