[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަމާދުގެ ޤަދަރު މަތިވެރިކުރުން 10

madinah islamic university (1097)އިންސާނާގެ މައްޗަށް ޝައިތާނާގެ ހިތުގައިވާ ޢަދާވާތްތެރިކަމާއި ޙަސަދަވެރިކަން އަދި އިންސާނާ މަގުފުރައްދާލުމަށް ޝައިތާނާގެ ހިތުގައިވާ ވަރުގަދަ ޢަޒުމް ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާތީވެ، އަދި އިންސާނާގެ ބަލިކަށިކަމާއި ނިކަމެތިކަން ﷲ ތަޢާލާ މޮޅަށްދެނެވޮޑިގެންވާ ކަމަށްޓަކައި ޝައިތާނާގެ ނުބައިކަމުން  ރައްކާތެރިކޮށްދެއްވުމަށް އެދި ﷲ ގެ ޙަޟްރަތުގައި ދެންނެވުމަށް އެއިލާހުވަނީ އަންގަވާފައިވެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ “ނަޢަމްސޫފި ގެންގުޅޭމީހަކު އެތަކެތީގެ ޙިމާޔަތަށްޓަކައި ގެންގުޅޭ ކުއްތާއެއްގެ ނުރައްކާ ތިބާއަށް ކުރިމަތިވެއްޖެނަމަ އޭއްޗާއި ހަނގުރާމަކޮށް ފައްސާލަން ނޫޅޭށެވެ. އޭގެ ބަދަލުގައި ބަކަރި ހުއި ހައްޕާ މީހާއަށް ގޮވައި ކުއްތާގެ ކިބައިން ސަލާމަތްކޮށްދިނުމަށް އެދޭށެވެ.” ސަބަބަކީ ކުއްތާއަށް އަމުރުކޮށް އޭގެ ބާރުވެރިފަރާތަކީ އެމީހާކަމުގައިވާތީއެވެ.

ހަމައެފަދައިން ﷲ ތަޢާލާގެ ކިބައިން ޝައިތާނާގެ ވަސްވާހުން ރައްކާތެރިކަމަށް އެދުމުން އެއިލާހު، ޝައިތާނާ އަޅާއާ ދުރުކުރައްވާނެތެވެ. އޭގެ ސަބަބުން ކިޔަވަމުންދާ ޤުރުއާނަށް ހިތް ހުޅުވިގެންދާނެއެވެ. ނަމާދުގައި އަޅާ ޤުރުއާން ކިޔަވަމުންދާ ވަގުތަކީ ﷲއަށް މުޚާތަބުކޮށް މުނާޖާ ދެންނެވުމުގައި ހޭދަކުރެވޭ ވަގުތެވެ. އެހެންކަމުން އެވަތުގައި އެހެންކަމެއްގައި ހިތާއި ގުނަވަން މަޝްޣޫލްވެދާނެ ކޮންމެ ކަމަކުން މަނާވެގަތުން ހުށްޓެވެ. ޤުރުއާން ކިޔަވަމުންދާއިރު ކޮންމެ އާޔަތަކާމެދު ވިސްނާ ތަދައްބުރުކުރަންޖެހެއެވެ.

ފާތިޙާ ސޫރަތް ކިޔަވަމުންދާއިރު ކޮންމެ އާޔަތަކަށް ހުއްޓައި އެއާޔަތަށް ﷲ ތަޢާލާ ދެއްވާ ޖަވާބަށް މަޑުކޮއްލަންޖެހެއެވެ.

އަޅާ ﴿الْحَمْدُ لِلَّـهِ رَ‌بِّ الْعَالَمِينَ﴾ [الفاتحة2] މިއާޔަތް ކިޔުމުން ﷲ ތަޢާލާގެ ޖަވާބަކީ ((حَمِدَنِي عَبْدِي)) މާނައީ:” ތިމަން އިލާހުގެ އަޅާ ތިމަންއިލާހަށް ޙަމްދު ކޮށްފިއެވެ.” الْحَمْدُ لِلَّـهِ ފަހެ މިކަލިމައިގައިވަނީ ﷲ ތަޢާލާއަށް އެންމެހައި ފުރިހަމަކެއް ޘާބިތުކުރުމެވެ. އެއީ އެއިލާހުގެ އިސްމުފުޅުތަކުގެ ފުރިހަމަކަމާއި ސިފަފުޅުތަކުގެ ފުރިހަމަކަމާއި ޢަމަލްތަކުގެ ފުރިހަމަކަން ޘާބިތުކުރުމެވެ. އަދި އެންމެހައި ޢައިބުތަކާއި ނުކުޅެދުމުގެ ސިފަތަކާއި ނަންތަކާއި ޢަމަލްތަކުން އެއިލާހު ހުސްޠާހިރުވަންތަކަން މިއާޔަތުން ޘާބިތުކޮށްދެއެވެ. އެއިލާހުގެ ކޮންމެ ޢަމަލަކީ އުންމަތަށްޓަކައިވާ ޙިކްމަތެކެވެ، ރަޙްމަތެކެވެ، މަޞްލަޙަތެކެވެ ނުވަތަ ޢަދުލުވެރި ނިޔާއެކެވެ. އަދި އެއިލާހުގެ ކޮންމެ އިސްމުފުޅަކީ ރިވެތިވެގެންވާ އިސްމުފުޅެކެވެ.

ﷲ ތަޢާލާއަށް ޙަމްދުކުރުމުގެ ފުރުސަތު ލިބުމަކީ ޙަމްދުކުރަންޖެހޭ ފަދަ ނިޢްމަތެކެވެ. އަޅާއަށް ﷲ ތަޢާލާ ދެއްވާފައިވާ ނިޢްމަތްތަކަށް ޙަމްދުކުރުމުގައި މުޅި އުމުރު ހޭދަކުރިކަމުގައިވިޔަސް އެއިލާހަށް އަދާކުރަންޖެހޭ ޙަމްދު ދެންނެވުމުގެ ވާޖިބު އަދާނުކުރެވުނީހެވެ. ޙަމްދުކުރަންޖެހެނީ ހަމައެކަނި ނިޢުމަތްތަކަށް އެކަންޏެއްނޫނެވެ. ދުރުކުރައްވާ މުޞީބާތްތަކަށްވެސް ޙަމްދުކުރަންޖެހެއެވެ. މިޙަމްދުގެ އަޅުކަމުގައި އަޅާ އޭނާގެ ނުކުޅެދުންތެރިކަމަށް ހެކިވާންޖެހެއެވެ. ސަބަބަކީ ﷲ ތަޢާލާގެ ތައުފީޤު އަޅާގެ ދުލަށާއި ހިތަށް އިލްހާމުނުވިނަމަ އެތައުފީޤު އަޅާއަށް ނުލިބުނީހެވެ. رَ‌بِّ الْعَالَمِينَ ކާއިނާތުގެ ހަމައެކަނި ވެރި އިލާހަކީ ﷲ ތަޢާލާކަމުގައި ހެކިވުމަކީ އަޅުކަމުގެ ތެރެއިންވާ ކަމެކެވެ. ކާއިނާތު ޚަލްޤުކުރައްވައި، ކާއިނާތުގެ އެންމެހައި ކަންކަން ތަދުބީރުކޮށް ރާވައި ހިންގެވުމުގައި އެއިލާހަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ.

އަދި (الرَّ‌حْمَـٰنِ الرَّ‌حِيمِ) [الفاتحة 3] މިއާޔަތް ކިޔުމުން ﷲ ތަޢާލާގެ ޖަވާބަކީ ((أَثْنَى عَلَيَّ عَبْدِي)) މާނައީ:”ތިމަން އިލާހުގެ އަޅާ ތިމަންއިލާހަށް ޘަނާކިޔައިފިއެވެ.” މިއާޔަތުގައިވަނީ އަޅާ ﷲ ތަޢާލާގެ ހުރިހާ މަޚްލޫޤާތުތަކެއްގެ މައްޗަށް ޢާންމުވެ ޝާމިލުވެގެންވާ ރަޙްމަތަށް ހެކިވުމާއި، އެއިލާހަށް އީމާންވާ އަޅުތަކުންގެ މައްޗަށްވާ ޚާއްޞަ ރަޙްމަތަށް ހެކިވުމެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ: (رَ‌بَّنَا وَسِعْتَ كُلَّ شَيْءٍ رَّ‌حْمَةً وَعِلْمًا) [غافر 7] މާނައީ: “އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ ރަޙްމަތާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ.”

(مَالِكِ يَوْمِ الدِّينِ)[الفاتحة 4] މިއާޔަތް ކިޔުމުން ﷲ ތަޢާލާގެ ޖަވާބަކީ ((مَجَّدَنِي عَبْدِي)) މާނައީ: “ތިމަން އިލާހުގެ އަޅާ ތިމަންއިލާހު ތަމްޖީދުކޮށްފިއެވެ.(އެބަހީ އެއިލާހުގެ މާތްވެ ޝަރަފްވެރިވެގެންވާ ޞިފަފުޅުތަކުން ޘަނާދަންނަވައިފިއެވެ)” ފަހެ މިއާޔަތަކީ އަޅުކަމުގެތެރެއިން ހިމެނިގެންވާ ﷲތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަމަށް އިޢުތިރާފްވުމެވެ. އަދި ހަމައެއާއެކު ޤިޔާމަތްދުވަހަށް އީމާންވުމާއި އެދުވަހުގެ ޙުކުމްކުރައްވާނެ ޢަދުލުވެރި އިލާހަކީ ހަމައެކަނި އެއިލާހުކަމާއި، އެދުވަހުން އަޅުތަކުންގެ ކުދި ބޮޑު ހެވާއި ނުބައިކަމުގެ ޢަމަލުތަކުގެ ޙިސާބުބެއްލެވޭނެކަމަށް އީމާންވުމެވެ.

(إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ) [الفاتحة 5] މިއާޔަތް ކިޔުމުން ﷲ ތަޢާލާގެ ޖަވާބަކީ ((هَذَا بَيْنِي وَبَيْنَ عَبْدِي)) މާނައީ:” މިއީ ތިމަންއިލާހާ ތިމަން އިލާހުގެ އަޅާއާ ދެމެދު ވާ ކަލިމަތަކެކެވެ” މިއާޔަތުގެ މާނައީ:”އަޅަމެން އަޅުކަންކުރަނީ، އިބަރަސްކަލާނގެއަށެވެ. އަދި އަޅަމެން ވާގިއެދެނީ، އިބަރަސްކަލާނގެ ޙަޟްރަތުންނެވެ.”

((اهْدِنَا الصِّرَاطَ الْمُسْتَقِيمَ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ)) [الفاتحة 6-7] މިއާޔަތް ކިޔުމުން ﷲ ތަޢާލާގެ ޖަވާބަކީ ((هَذَا لِعَبْدِي وَلِعَبْدِي مَا سَأَلَ)) މާނައީ:” މިއީ ތިމަން އިލާހުގެ އަޅާއަށެވެ. އަދި ތިމަންއިލާހުގެ އަޅާ އެދޭކަމެއް އަޅާއަށް ހުއްޓެވެ.” އަޅާ މިއާޔަތުގައި ﷲ ތަޢާލާގެ ޙަޟްރަތުން އެދެނީ ތެދުމަގަށް މަގުދެއްކެވުމަށެވެ. އޭގެ ތެރޭގައި ޙައްޤަކީ ކޮބައިކަން ދެނެގަތުމާއި، ޙައްޤުމަގު ހޯދަން އެދުންވެރިވުމާއި، ޙައްޤަށް ޢަމަލުކުރުމާއި، ޙައްޤުގެ މަގުގައި ސާބިތުވުމާއި، ޙައްޤަށް ގޮވާލުމާއި، ޙައްޤުގެ މަގުގައި ކެތްތެރިވުން ހިމެނެއެވެ. މިހުރިހާ ދަރަޖައެއް ފުރިހަމަވެއްޖެ އަޅަކު އެވަނީ ތެދުމަގުމަތީގައެވެ. ދަރަޖައެއް މަދުވެއްޖެނަމަ އެއަޅަކަށް އަދި ހިދާޔަތުގެ ތެދުމަގަށް ފުރިހަމައަށް އަދި ވާސިލެއްނުވެއެވެ. (ނުނިމޭ)