“އަދި ބުނެއުޅެތެވެ. މީހެއްގެ ހެޔޮކަމެއްގެ ވާހަކައެއް މެނުވީ ދެއްކުން އެއީ އަހަރެންގެ އާދައެއް ނޫނެވެ. ދޮގުހެދުމާ ޣީބަބުނުމަކަށް އަހަރެން ލޯތްބެއްނުކުރަމެވެ. ދެންފަހެ މީހެއްގެކަމަކާ ބެހޭގޮތުން އޭނާއަށް ޚަބަރެއްދެވުމުން އޭނާ ބުނެތެވެ. ﷲގަންދީ ބުނަމެވެ. އޭނާއަކީ ވަރަށް ރަނގަޅުމީހެކެވެ. އެހެންމަވެސް އެވެނި މިވެނި ކަންކަމެއް އޭނާގެ ގައިގައި ހުރެއޭކިޔާ ޣީބަބުނެ އުޅެތެވެ. (މިދެންނެވުނު ގޮތަށް އެވެނިމީހަކީ ރަނގަޅުމީހެކޭބުނެ،”ނަމަވެސް” ގެދަށުން އޭނާއަކީ އެވެނި މިވެނި ކަހަލަ މީހެކޭބުނެ ޣީބަބުނުމަކީ ވަރަށް ޢާންމު ކަމެކެވެ.) އަދި ފަހަރެއްގައި އޭނާ (ޣީބަ ބުނުމަށްފަހުގައި) ބުނެފާނެއެވެ. އޭނާއަށާއި އަހަރެމެންނަށް ފާފަ ފުއްސެވުމަށްއެދި އަހަރެން ﷲގެ ޙަޟުރަތުން އެދެމެވެ. އޭނާގެ މަޤްސަދަކީ އޭނާގެ ކައިރީތިބި މީހުން ކުރިމަތީގައި އަނެކާ ނިކަމެތިކޮށްލުމެވެ. މިފަދައިން ދީނީކަމެއްކަމުގައިދެކި އަދި އިޞްލާޙުކުރުންކަމުގައިދެކި ޣީބަބުނެތެވެ. އެބައިމީހުން އެއޮޅުވާލަން މަސައްކަތްކުރަނީ ﷲއަށެވެ. އަދި ހަމައެފަދައިން މީސްތަކުންނަށްވެސް އޮޅުވާލަނީއެވެ. އަދި އަހަރެމެންނަށް އެފަދަމީހުންގެ ފަރާތުން މިފަދަ އެތައް ވައްތަރަކަށް ޣީބަބުނެއުޅޭތަން ފެނެއެވެ.
އަދި ބައެއް މީހުން، އެހެން މީހުންގެ ކުރިމަތީގައި އޭނާގެ އަގު އުފުލި، އޭނާގެ މޮޅުކަން އެހެން މީހުންނަށް ދައްކާ، އޭނާގެ ނަފްސު މަތިވެރިކުރުމަށްޓަކައި ޣީބަބުނެ އުޅެތެވެ. ފަހެ އޭނާ ބުނެއެވެ. އިއްޔެ އަހަރެންނަށް، އަހަރެންގެ ނަމާދުގައި އެވެނިމީހަކަށް ދޫޢާކޮށްދެވުންނަމަ ކިހާރަނގަޅުވީސް ހެއްޔެވެ. އަހަރެންނަށް އޭނާއާ ހަމައަށް ދެވުނުހިނދު އެވެނި އެވެނި ކަންތައްތަކެއް އޭނާގެ ގައިގައި ހުއްޓެވެ. މިފަދައިން ކިޔައި މީހުން ނެތްތަނުގައި ނެތިމޮށިހަދަނީ، އޭނާގެ ވާހަކަ ޤަބޫލުކުރާމީހުންގެ ކުރިމަތީގައި އޭނާގެ އަމިއްލަނަފްސު މަތިވެރިކޮށް އަނެކާ ދެރަކޮށްލާ ނިކަމެތިކޮށް ދަށްކޮށްލުމުގެ ގޮތުންނެވެ. ނުވަތަ ބުނެފާނެތެވެ. އެއީ ވަރަށް ވިސްނުންކޮށި ފަހުމްވުމުގައިވެސް ވަރަށް ދަށް މީހެކެވެ. (މިފަދައިން ބުނުމުން އަނެކުންނަށް ދޭހަވަނީ އޭނާއަކީ މިއީ ވަރަށް ވިސްނުންތޫނު ފަހުމްވުމުގައި ވަރަށް ކުރީގައި އުޅޭމީހެއްކަމެވެ.) މިފަދައިން ޣީބަ ބުނުމުގައި އޭނާގެ މަޤްޞަދަކަށްވަނީ އޭނާގެ އަމިއްލަ ނަފްސަށް މަދަޙަކިޔައި ޘަނާކިޔުމާއި އަދި އޭނާގެ މޮޅުކަން މީސްތަކުންނަށް ޘާބިތުކޮށްދީ އަދި އޭނާއަކީ އަނެކާއަށްވުރެ މަތިވެރި މޮޅުމީހެއްކަން އެންގުމެވެ.
އަދި ބައެއް މީހުން ޙަސަދަލައިގަތުމުގެ ސަބަބުން ޣީބަބުނެއުޅެތެވެ. ފަހެ އޭނާ ނުބައިވެގެންބާ ދެކަންތައް ޖަމަޢަކޮށްފިއެވެ. އެއީ ޙަސަދައާއި ޣީބައެވެ. އަދި އޭނާ މީހަކަށް ތަޢުރީފުކޮށްފައި، އޭނާއަށް ވީވަރަކުން އެކަން ފިލުވާލެވޭތޯ ބަލާނެއެވެ. އެއީ ދީނީ ނުވަތަ ހެޔޮފޭރާމެއް އެކަމުގައި އަޅުވައިގެން ނުވަތަ ޙަސަދވެރި ފާޖިރުގޮތެއްގައި ޢައިބުކިޔައި އެކަން ނައްތާލެވޭތޯ މަސައްކަތްކޮށްގެންނެވެ.
އަދި ބައެއްމީހުން އެހެންމީހުން ހެއްވާލުމަށްޓަކައި މަލާމާތްކޮށް މަޖާކުރުމުގެގޮތުން ޣީބަބުނެ އުޅެތެވެ. ދެން އޭނާ އެމީހަކަށް ފުރައްސާރަކޮށް އޭނާއަށް މަލާމާތްކުރުމުގެ ގޮތުން ވައްތަރުޖައްސައި އޭނާ ކުޑަކޮށްލައެވެ. (މިދެންނެވި ފަދައިން އޭނާގެ ކުރިމަތީ ތިބޭމީހުންހެއްވާލާ މުނިފޫހި ފިލުވާދިނުމަށްޓަކައި އެނެކުންގެ އަޢިބުކިޔާ މަޖާކޮށް ހީހެދުމަކީ ވަރަށްގިނަމީހުން ނޭނގިނަމަވެސް ކުރަމުން އަންނަ ކަމެކެވެ.)
އަދި ބައެއްމީހުން އަޖައިބުވުމުގެ ގޮތުންވެސް ޣީބަބުނެއުޅެތެވެ. ފަހެ އޭނާ ބުނެތެވެ. އެވެނި މީހަކާމެދު އަހަރެން އަޖައިބުކުރުވައިފިއެވެ. އޭނާ އެވެނި މިވެނި ކަމެއް ނުކުރީ ކީއްވެ ހެއްޔެވެ. އަދި އެވެނި މީހަކު އެވެނި އެވެނި ކަމެއްގެ ތެރެއަށް ވަދެގަތީ ކިހިނަކުން ހެއްޔެވެ. އަދި އެވެނި މީހަކު އެވެނި މިވެނި ކަމެއްކުރީ ކިހިނަކުން ހެއްޔެވެ. ދެން ފަހެ އޭނާ އަޖައިބުވާޙާލު ޣީބަ ބުނެވޭ މީހާގެ ނަންގަނެ ޣީބަބުނެއުޅެތެވެ. (މިދެންނެވި ފަދައިން ޣީބަބުނެއުޅެނީ ވަރަށް އަންތަރީސްވާކަމަށް ހެދިގެންނެވެ. މީހެއްގެ ކޮންމެވެސް ޢައިބެއް ނުވަތަ މީހެއްގެ ނުބައިވާހަކައެއްދައްކާފައި އެއީ ވަރަށް ހައިރާންކުރަނިވިކަމެއް ކަމުގައި ހަދައެވެ.)
އަދި ބައެއް މީހުން ޣީބަބުނެއުޅެނީ އަނެކާގެމައްޗަށް އޭނާ ދެރަވާކަމަށްދައްދާ އެފަދަ ވާހަކައެއް ދައްކައިގެންނެވެ. ފަހެ އޭނާ ޣީބަބުނުމަށްޓަކައި ބުނެއުޅެތެވެ. އެވެނި އެވެނި މީހަކަށް އެދިމާވި ކަންތަކާއި މެދު އަހަރެން ވަރަށް ދެރަވެއްޖައީމެވެ. ދެން އަޑުއަހާމީހުން ހީކުރާނީ އޭނާ އަނެކާގެ މައްޗަށް ހަމްދަރުދީވެ ހިތާމަކުރާކަމަށެވެ. އަދި އޭނާގެ ހިތްވަނީ އެވާހަކަ ދެކެވޭމީހާގެ މައްޗަށް ޙަމްދަރުދީވެގެންކަމަށް އަޑުއަހާމީހުން ހީކުރާނެއެވެ. އަދި އޭނާއަށް ކުޅަދާނަވެގެންވާނަމަ ވާހަކަދެކެވޭ މީހާގެ ގައިގައި ހުރިވަރަށްވުރެ އިތުރަށް އިތުރުކޮށްގެން ވާހަކަދައްކާނެއެވެ. (މިވެސް ޣީބަ ބުނުމުގައި ވަރަށް ޢާންމު ވައްތަރެކެވެ. އެފަދަމީހުން މާބޮޑަށް ހަމްދަރުދީވާކަމުގައިހެދި އަނެކާގެގައިގައި ހުންނަ އުނިކަންކަމުގެ ވާހަކަދައްކައި އަނެކާ ބޭޒާރުކޮށްލަނީއެވެ.)
މިފަދަ ކަންކަމަކީ އަދި މިނޫންވެސް މިފަދައެހެންކަންކަމަކީ ހިތުގެ އެންމެ ބޮޑެތި ބަލިމަޑުކަމުގެ ތެރެއިންވާ ބަލިމަޑުކަމެވެ. އަދި މިއީ ﷲއަށާއި އެއިލާހުގެ އަޅުތަކުންނަށް އޮޅުވާލުމެވެ.
އަދި ބައެއްމީހުން ޣީބަބުނެއުޅެނީ ރުޅިއަންނަކަމުގައި ހަދައި، މުންކަރާތްތަކަށް އިންކާރުކުރުމުގެ ގޮތުންނެވެ. މިފަދައިން ކަންތައްކުރަނީ އެމީހުންގެ ބަސްމަގު އޮމާންކޮށް ރީތިކުރުމުގެ ގޮތުންނެވެ. އެމީހުންގެ މަޤްޞަދަކަށްވެފައިވަނީ އެނެކުންގެ ކުރިމަތީ އެހެން މީހުންގެ ޢައިބުތައް ހާމަކުރުމެވެ.
وَاللَّهُ الْمُسْتَعَانُ”
[مجموع الفتاوى 28/ص: 236-238]
-ނިމުނީ-