عَنْ أبي خالدٍ حَكِيمِ بْنِ حِزَامٍ -رضي الله عنه-، قَالَ: قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((الْبَيِّعَانِ بِالْخِيَارِ مَا لَمْ يَتَفَرَّقَا، فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِي بَيْعِهِمَا، وَإِنْ كَذَبَا وَكَتَمَا مُحِقَتْ بَرَكَةُ بَيْعِهِمَا)) [متفق عليه]
މާނައީ: އަބޫ ޚާލިދު ޙަކީމު ބުން ޙިޒާމް رضي الله عنه ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ:
“ދެ ވިޔަފާރިވެރިން (އެބަހީ: ގަންނަމީހާއާއި ވިއްކާމީހާ) ވަކިވެގެން ނުދާހާ ހިނދަކު އެދެމީހުންނަށް އިޚްތިޔާރު ލިބިގެންވެއެވެ. ފަހެ އެދެމީހުންވެސް ތެދުވެރިވެ، ބަޔާންކޮށްދީފިނަމަ އެދެމީހުންގެ ވިޔަފާރީގައި ބަރަކާތް ލެއްވެއެވެ. އަދި އެދެމީހުންވެސް ދޮގުހަދާ ވަންހަނާކޮށްފިނަމަ އެދެމީހުންގެ ވިޔަފާރީގެ ބަރަކާތް ކެނޑެއެވެ.”
* البَيِّعَانِ(ދެވިޔަފާރިވެރިން): އެބަހީ: ގަންނަމީހާއާއި ވިއްކާމީހާއެވެ.
* އަދި އެދެމީހުންނަށް البَيْعُ(ވިއްކުން) މި ނަމުން ނަން ދެވިފައިވަނީ التَّغْلِيْبُގެ ދަށުންނެވެ.
[އެއީ އެކުއެކީ ބޫނުންކުރާ ދެލަފްޒެއް ބޭނުންކުރުމުގައި، އެއް ލަފުޒުގެ މައްޗަށް އަނެއްލަފްޒަށް އިސްކަންދީ އެދެލަފްޒަށް އެއްލަފްޒުން ނަން ދިނުމެވެ.]
* މިގޮތުން الشَّمْسُ (އިރު)އާއި القَمَرُ(ހަނދު)އަށް القَمَرَانِ އޭ ކިޔައެވެ.
އަދި އަބޫ ބަކުރާއި ޢުމަރަށް العُمَرَانِ ބޭނުންކުރެއެވެ.
ފަހެ البَيِّعَانِ (ދެވިޔަފާރިވެރިން ނުވަތަ ގަންނަ ދެމީހުން): އެބަހީ: ގަންނަމީހާއާއި ވިއްކާމީހާއެވެ.
* ޙަދީޘްބަސްފުޅުގައިވާ: (بِالْخِيَارِ)
އެބަހީ: އެދެމީހުން ވަކިވުމުގެ ކުރިން އެދެމީހުންކުރެ ކޮންމެ މީހަކުވެސް އޭނާ ޚިޔާރުކުރާގޮތެއް ނިންމާނީއެވެ.
ވިޔަފާރީގެ ޢަޤްދުކުރެވުނު ތަނުގައި އެދެމީހުން ވަކިނުވެ ތިބިނަމަ، ފަހެ ހަމަކަށަވަރުން އެދެމީހުންނަށްވެސް (ބޭނުންވާގޮތެއް) ޚިޔާރުކުރެވިދާނެއެވެ.
އޭގެ މިޘާލަކީ:
ދިހަހާސް ދީފައި ކާރެއް ވިއްކި މީހެކެވެ. ފަހެ އެދެމީހުންވެސް (ވިޔަފާރީގެ) ޢަޤްދުކުރެވުނު ތަނުގައި ވަކިނުވެ ތިބިހާހިނދަކު ފަހެ އެދެމީހުންނަށްވެސް ޚިޔާރުލިބިގެންވެއެވެ. ވިއްކިމީހާ ފަސްޚުކުރަން އެދޭނަމަ އޭނާ ފަސްޚުކުރާނީއެވެ. އަދި ގަތްމީހާ ފަސްޚުކުރަން އެދޭނަމަ އޭނާ ފަސްޚުކުރާނީއެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އަޅުތަކުންނަށްވާ ނިޢުމަތަކާ ތަނަވަސްކޮށްދެއްވުމެކެވެ.
އެހެނީ މީހެއްގެ ކިބައިގައި، އެހެން މީހެއްގެ މުދަލަކަށް ޚާއްޞަ ޤަދަރެއްދެވިއްޖެނަމަ ކޮންމެ ގޮތެއް ހަދާފަވެސް އެ ހޯދުމަށް އޭނާ ލޯބިކުރާނެއެވެ. ފަހެ އޭނާއަށް އެއެއްޗެއް ޙާޞިލުވުމުން ފަހަރުގައި އޭނާ އެއަށް އޮތް ޝައުޤުވެރިކަން ފިލައި ހިނގާދާނެއެވެ. ފަހެ ޝަރުޢުކުރެއްވި ފަރާތުން އޭނާއަށް ޚިޔާރުލައްވާފައިވަނީ މަޑުމައިތިރިކަމާއެކު އެކަމުގައި ފުންކޮށް ވިސްނާ ފިކުރުކުރުމުގެ ފުރުޞަތު ދެއްވުމަށެވެ.
= ނުނިމޭ =
_____________________________________
މިލިޔުމަކީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން رحمه اللهގެ ފޮތެއްކަމުގައިވާ شرح رياض الصالحين / مجلد: 1 / ص: 319 – 323 އިން ތަރުޖަމާކޮށްފައިވާ ލިޔުމެކެވެ.