[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

“އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ” ޙަދީޘުގެ ފައިދާތައް 5

maxresdefault-300x168ރަމަޟާންމަހުގެ ރޯދަ
ރަމަޟާންމަހުގެ ރޯދަހިފުމަކީ ފަރުޟެކެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. “يَاأَيُّهَا الَّذِيْنَ ءَامَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَي الَّذِيْنَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُوْنَ” ( البَقَرَة 185) މާނައީ : “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންގެ ކުރިން އިސްވެދިޔަ މީސްތަކުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ފަދައިން، ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރި ވުމަށްޓަކައެވެ.” މި އާޔަތުން ރޯދައިގެ ޙުކުމަކީ ފަރުޟެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. فَمَنْ شَهِدَ مِنْكُمُ الشَّهْرَ فَلْيَصُمْهُ ( البَقَرَة 185) މާނައީ : “ފަހެ ތިޔަބައިމީހުންކުރެ އެމައްސަރާ ދިމާވެއްޖެމީހާ އެމަހުގައި ރޯދަ ހިފާހުށިކަމެވެ.”
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުންވެސް ރަމަޟާންމަހުގެ ރޯދަހިފުމަކީ ފަރުޟެއްކަން ޘާބިތުވެއެވެ. ރަމަޟާންމަހުގެ ރޯދަހިފުމަކީ އިސްލާމްދީނުގެ ފަސްރުކުނުގެ ތެރެއިން އެއްރުކުން ކަމަށް މުޅި ޢުއްމަތްވަނީ އިޖުމާޢުވެފައެވެ. އެއީ ދީނުގެ ޟަރޫރީ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އެކަމުގެ ޙުކުމަށް އިންކާރުކޮށްފިމީހާކު ކާފިރުވާނޭ ކަމާ މެދަކު ދެމީހަކު ދެބަހެއް ނުވާނެއެވެ.

ރަމަޟާންމަހު ރޯދަހިފުމަށް އިސްލާމްދީން ބާރުއަޅުއްވާފައިވާ މިންވަރު
1- ﷲ ޢައްޒަ ވަޖައްލަގެ ވަޖުހަފުޅު އަދައިގެން (އިޚްލާޞްތެރިކަމާއެކު) މީހަކު ރޯދަހިފައިފިނަމަ އެމީހެއްގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިކަމަށް އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. “مَنْ صَامَ رَمَضَانَ إِيْمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ”(البخاري) މާނައީ:” އީމާންކަމާއެކު ޘަވާބާއި ދަރުމައަށް އެދިގެން ރަމަޟާންމަހުގެ ރޯދަހިފައިފި މީހެއްގެ އިސްވެދިޔަ ފާފަތައް ފުހެވިއްޖެއެވެ”. އަލްބާނީ ރަޙިމަހުﷲ ވިދާޅުވިއެވެ. “އިންސާނާގެ ފާފައެއް ނުވާނަމަ، އެ ރޯދައިގެ ސަބަބުން އޭނާގެ ދަރަޖަ އުފުލިގެންދާނެއެވެ. އެއީ މަޢުޞޫމުވެގެންވާ ނަބީބޭކަލުންނަށް އެކަން ވެގެންދާ ގޮތެވެ.” (صحيح الترغيب للألباني جزء 1 ص 415)
2- އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރެއްވިއެވެ. “‏الصَّلَوَاتُ الْخَمْسُ وَالْجُمُعَةُ إِلَى الْجُمُعَةِ كَفَّارَةٌ لِمَا بَيْنَهُنَّ مَا لَمْ تُغْشَ الْكَبَائِرُ وَرَمَضَانُ إِلَى رَمَضَانَ مُكَفِّرَاتٌ لِمَا بَيْنَهُنَّ إِذَا اجْتَنَبَتِ الْكَبَائِرُ‏”‏ (مختصر مسلم للألباني 1/415) ‏ މާނައީ: “ފަރުޟު ފަސްނަމާދާއި ހުކުރު ނަމާދު އަނެއް ހުކުރާ ހަމައަށް އެއީ ބޮޑެތި ފާފަތަކުން ދުރުވެގެންވާނަމަ އެދެމެދުގައި ކުރެވޭ ކުދިފާފަތަކަށް ވާ ކައްފާރާއެކެވެ. އަދި ބޮޑެތި ފާފަތަކުން ދުރުވެގެން ހުރެއްޖެނަމަ، ދެ ރޯދަމަސް ދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއަކަށް ރޯދަ ވާނެއެވެ”.
3- އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ((أَتَاكُمْ رَمَضَانُ شَهْرٌ مُبَارَكٌ فَرَضَ اللهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ، فِيهِ لَيْلَةٌ هِيَ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ )) [رواه النسائي 4/129 ، وهو في صحيح الترغيب 1/490 .] މާނައީ: “ތިޔަބައިމީހުންގެ ގާތަށް ރަމަޟާން އަތުވައްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ. ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގައި އުޑުގެ ދޮރުކޮޅުތައް ހުޅުއްވެއެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެއެވެ. އަދި މާރިދު ޝައިޠާނުން ކަސްތަޅު އެޅުވެއެވެ. އެމަހުގައި ހާސް މަސްވަރަށްވުރެ ހެޔޮކަންބޮޑުވެގެންވާ ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ މަޙްރޫމުވެއްޖެއެވެ.”
(تُغَلُّ فِيهِ مَرَدَةُ الشَّيَاطِينِ) “އެމަހުގައި މާރިދު ޝައިޠާނުން ކަސްތަޅު އެޅުވެއެވެ.” މި ބަހުގެ މުރާދުގައި އަލްމުންޛިރީ ވިދާޅުވިއެވެ. “އެހެނިހެން މަސްތަކުގައި މީސްތަކުން ފަސާދަކުރާވަރަށް އެމަހުގައި ޝައިޠާނުންނަށް މީސްތަކުން ފަސާދަނުކުރެވެއެވެ. އެއީ މުސްލިމުން ރޯދަ ހިފުމުގެ ސަބަބުންނެވެ. އެހެނީ އެ ރޯދާފައި ވަނީ ޝަހުވަތްތެރިކަން ދަށްކުރުމެވެ. އަދި ކީރިތި ޤުރުއާން ކިޔެވުމާއި އެހެނިހެން އަޅުކަންތައްވެސް މެއެވެ.” (صحيح الترغيب للألباني 1/418)

މިއީ އަހަރެމެންނަށް ފެންނަ ކަމެކެވެ. ރަމަޟާންމަސް އައުމުގެ ކުރީގައި ދީނީ ކަންތައްތަކުގައި ވަރަށް ފަރުވާކުޑަމީހުންވެސް ރަމަޟާންމަސް އައުމާއެކު އަޅުކަމައިގެން މަޝްޣޫލުވާތަން އަހަރެމެންނަށް ފެނެއެވެ. ކުރިން މިސްކިތުން ނުފެންނަ އެތައް ބަޔަކު މިސްކިތުން ފެނެއެވެ. އަދި ވަރަށް ގިނަ މީހުން ފާފަކުރުންވެސް ދޫކޮށްލައެވެ.
4- މިމަހުގެ ކޮންމެ ރެއަކު ނަރައިން އެތައް ބަޔަކު މާތް ﷲ މިންޖުކުރައްވާ ސަލާމަތްކުރައްވައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރަހުށި ހުސްޠާހިރުވަންތަ މާތްﷲ ގެ މި ރަޙްމަތުގެ ވާހަކަ ބަޔާންކޮށްދެއްވަމުން ޙަދީޡްފުޅުކުރެއްވިއެވެ. إِنَّ لِلَّهِ عِنْدَ كُلِّ فِطْرٍ عُتَقَاءُ وذَلِكَ فِي كُلِّ لَيْلَةٍ (رواه ابن ماجة وقال الألباني حسن صحيح) މާނައީ: “ﷲ ސުބްޙާނަހޫ ވަތަޢާލާ، ރަމަޟާންމަހުގެ ރޯދަ މީސްތަކުން ވީއްލާ ކޮންމެ ފަހަރަކު އަދި ހަމައެގޮތަށް ކޮންމެ ރެއަކު ނަރަކައިން މީހުން މުއްތިކުރައްވައެވެ”.
ރޯދަ ދޫކޮށްލުން:
ޝަރުޢީ ޢުޛުރެއްނެތި ރޯދަ ދޫކޮށްލުމަކީ ބޮޑު ފާފައެކެވެ. ނުވަތަ ރޯދަ ނުހިފާ ހުރުމަކީ ބޮޑު ފާފައެކެވެ. މުސްލިމު އަޅާ އޭނާގެ ނަފުސު ނަރަކައިން ސަލާމަތްކުރުމުގެ މައްޗަށް ބިރުވެތިވާން ޖެހެއެވެ. އަދި އޭނާގެ އަހުލުވެރިންވެސް މެއެވެ. ﷲ ތަޢާލާ ކިރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا قُوا أَنْفُسَكُمْ وَأَهْلِيكُمْ نَارًا وَقُودُهَا النَّاسُ وَالْحِجَارَةُ عَلَيْهَا مَلَائِكَةٌ غِلَاظٌ شِدَادٌ لَا يَعْصُونَ اللَّهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ (التحريم 6) “އޭ އީމާންވީ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާކަންތައް އެބޭކަލުން ކުރައްވާނެތެވެ.”

عَنْ أَبِيْ أُمَامَةَ الْبَاهِلِي رَضِيَ اللهُ عَنْهُ قَالَ : سَمِعْتُ رَسُولَ اللَّهِ – صَلَّى اللَّهُ عَلَيْهِ وَسَلَّمَ – يَقُولُ : ” بَيْنَا أَنَا نَائِمٌ ، أَتَانِي رَجُلَانِ ، فَأَخَذَا بِضَبْعَيَّ ، فَأَتَيَا بِي جَبَلًا وَعْرًا ، فَقَالَا : اصْعَدْ ، فَقُلْتُ : إِنِّي لَا أُطِيقُهُ ، فَقَالَا : إِنَّا سَنُسَهِّلُهُ لَكَ ، فَصَعِدْتُ حَتَّى إِذَا كُنْتُ فِي سَوَاءِ الْجَبَلِ إِذَا بِأَصْوَاتٍ شَدِيدَةٍ ، قُلْتُ : مَا هَذِهِ الْأَصْوَاتُ ؟ قَالُوا : هَذَا عُوَاءُ أَهْلِ النَّارِ ، ثُمَّ انْطُلِقَ بِي ، فَإِذَا أَنَا بِقَوْمٍ مُعَلَّقِينَ بِعَرَاقِيبِهِمْ ، مُشَقَّقَةٍ أَشْدَاقُهُمْ ، تَسِيلُ أَشْدَاقُهُمْ دَمًا قَالَ : قُلْتُ : مَنْ هَؤُلَاءِ ؟ قَالَ : هَؤُلَاءِ الَّذِينَ يُفْطِرُونَ قَبْلَ تَحِلَّةِ صَوْمِهِمْ أخرجه ابن حبان والحاكم (1/290،210) ، وصححه الألباني في الصحيحة (3951) .

އަބޫ އުމާމާ އަލްބާހިލީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވަނިކޮށް ތިމަން އަޑުއެހީމެވެ. “އަހުރެން ނިދިކުރައްވަނިކޮށް ދެ ފިރިހެނަކު ވަޑައިގެން އަހުރެންގެ ދެއަތުގައި ހިއްޕެވިއެވެ. އަދި އެދެމީހުން އަހުރެން، ފަރުބަދައެއްގެ ކައިރިއަށް ގެންނެވިއެވެ. އަދި އެދެމީހުން ވިދާޅުވިއެވެ. ” (ފަރުބަދައަށް) އަރުއްވާށެވެ!” އަހުރެން ދެންނެވީމެވެ. “ހަމަކަށަވަރުން ތިޔަކަން އަހުރެންނަށް ކުޅަދާނަވެގެން ނުވެއެވެ.” ދެން އެދެމީހުން ދެންނެވިއެވެ. “ހަމަކަށަވަރުން އަހަރެމެން ތިބާއަށް އެކަން ފަސޭހަކޮށްދޭނަމެވެ.” ދެން އަހުރެން އެ ފަރުބަދައަށް އަރައިފީމެވެ. އެފަރުބަދައިގެ އެންމެ މައްޗަށް ފޯރައި، ގަދަފަދަ އަޑުތަކެއް އިވިއްޖެއުމަށް ދާންދެނެވެ. އަހުރެން ދެންނެވީމެވެ. “މިއީ ކޮން އަޑުތަކެއް ތޯއެވެ؟” އެމީހުން ބުންޏެވެ. “މިއީ ނަރަކައިގެ އަހުލުވެރިންގެ ރުއިމުގެ އަޑެވެ.” ދެން އެމީހުން އަހުރެންނައިގެން ވަޑައިގަތެވެ. އެހިނދުގައި އެބައެއްގެ ފުންނާބުން އެލުވިފައިވާ ބަޔަކު އަހުރެން ދުށީމެވެ. އެބައިމީހުންގެ އަނގަތަކުގެ ދެފަރާތް ވީދިފައިވެއެވެ. އަދި އެ ވީދިފައިވާ ތަންތަނުން ލޭ އޮހޮރި އޮހޮރި ވެއެވެ. އަހުރެން ދެންނެވީމެވެ. “އެއީ ކޮން ބައެއްތޯއެވެ؟” އެމީހާ ދެންނެވިއެވެ. “އެއީ އެބައިމީހުންނަށް ރޯދަ ދޫކޮށްލުން ހުއްދަވުމުގެ ކުރީގައި ރޯދަ ދޫކޮށްލި މީހުންނެވެ.”

މި ޙަދީޘުގައި ގެ މުރާދަކީ ރޯދަ ދޫކޮށްލުމުގެ ވަގުތު ޖެހުމުގެ ކުރީގައި ރޯދަ ދޫކޮށްލުމެވެ. ނުވަތަ އެއީ ޝައްވާލުމަހުގެ ހަނދު ފެނުމުގެ ކުރީގައި ރޯދަހިފުން ހުއްޓާލުމެވެ.

އަދި މި ޙަދީޘުގައި ޢުޛުރެއްނެތި ރޯދަ މަހު ރޯދަ ދޫކޮށްލާ މީހާއަށް ވަޢީދުގެ ބަސްފުޅު އައިސްފައިވެއެވެ.
(މި ޙަދީޘުގެ ފައިދާތައް ނިމުނީ)

*********************************
1- قواعد وفوائد من الأربعين النووية -ناظم سلطان
2- الفوائد المستنبطة من الأربعين النووية من أمالي فضيلة الشيخ عبد الرحمن بن ناصر البراك حفظه الله على تلميذه عبد المحسن بن عبدالعزيز العسكر – دار التوحيد للنشر – الرياض
3- رؤى تربوية وفوائد تعليمية حاشية علي متن الأربعين النووية – أبو حمزة محمود داود دسوقي خطابي