މިމައުޟޫޢުގައި ދެން ބަލާލަން ބޭނުންވަނީ ޝަރުޢީ ބައްޕައެއްނެތް ކުދިންނާ ކައިވެނިކުރުމަށެވެ. މިމައްސަލައަށް ބަލާއިރު އިތުބާރުހުރި އެއްވެސް ޢިލްމުވެރިއަކު އަދި ފިޤުހުވެރި ބޭކަލަކުވެސް މިއީ ހުއްދަނޫން ކަމެއްކަމުގައި ވިދާޅުވެފައެއްނެތެވެ. ހަމައެކަނި އައިސްފައިވާ މައްސަލައަކީ ޙަންބަލީ މަޛްހަބުގެ ޢިލްމުވެރިންގެ މެދުގައި، ޝަރުޢީ ބައްޕައެއްނެތް ދަރިއަކު ރަނގަޅު ނަސަބަކުން އައިސްފައިވާ މީހަކާ ކައިވެނިކުރުމަށް ހަމަވޭތޯ ނުވަތަ ނޫންތޯ މިކަމުގައި ކުރެވިފައިވާ ބަޙުޘެކެވެ. ބައެއް ބޭކަލުން ވިދާޅުވެފައިވަނީ އެފަދަ މީހަކު ކުފުއު ހަމަނުވާނޭ ކަމުގައެވެ. އެހެނީ ، އެކަމުގެ ސަބަބުން ކައިވެނިކުރާ ކުއްޖާއަށް އެހެންމީހުންގެ ފަރާތުން މަލާމާތް ރައްދުވާނޭތީއެވެ. އަދި މިމަލާމާތް އެދެމީހުންނަށް ލިބޭ ދަރިންނާ ހަމައަށްވެސް ދެމިގެންދާނެތީއެވެ.
މީހަކު އޭނާގެ އަންހެންކުއްޖެއްގެ ކައިވެނި ކޮށްދިންފަހުން އެފިރިހެން ކުއްޖާއަކީ ޝަރުޢީ ބައްޕައެއްނެތް ކުއްޖެއްކަން ސާބިތުވެގެން ، އެކައިވެނި ޞައްޙަވާނެތޯ އިބްނު ބާޒު ރަޙިމަހު ﷲ އާ ސުވާލުކުރުމުން ވިދާޅުވިއެވެ. ” އެފިރިހެން ކުއްޖާއަކީ މުސްލިމެއްނަމަ އެދެމީހުންގެ ކައިވެނި ޞައްޙަވާނެއެވެ. އެހެނީ ، އޭނާގެ މަންމައާއި މަންމައާއި ޒިނޭކުރި މީހާއާ ދެމީހުންގެ ކުށުގެ އެއްވެސް ފާފައެއް އެކުއްޖާއަށް ނުވާތީއެވެ. މީގެ ދަލީލަކީ { وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ } [1] މިއާޔަތެވެ. އަދި ރިވެތި އަޚްލާޤުން ޒީނަތްތެރިވެގެންވާނަމަ ، އެދެމީހުން ކުޅަކަމުގެ ސަބަބުން އޭނާއަށް އެއްވެސް އުނި ނުވަތަ ޢައިބުކަމެއް ލިބިގެނެއް ނުވެއެވެ. ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ. يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنْثَىٰ وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا ۚ إِنَّ أَكْرَمَكُمْ عِنْدَ اللَّهِ أَتْقَاكُمْ ۚ إِنَّ اللَّهَ عَلِيمٌ خَبِيرٌ [2] މާނައީ : ” އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަންއިލާހު ތިޔަބައިމީހުން ޚަލްޤުކުރައްވާފައިވަނީ ފިރިހެނަކާ އަންހެނެއްގެ މެދުންނެވެ. އަދި ޖަމާޢަތްތަކަކަށާއި ޤަބީލާތަކަކަށް ތިޔަބައިމީހުން ލެއްވީ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ މާތްމީހަކީ ތިޔަބައިމީހުންކުރެ އެންމެ ތަޤްވާވެރި މީހާއެވެ. ހަމަކަށަވަރުން ﷲ އީ ޢަލީމުވަންތަ ޚަބީރުވަންތަ އިލާހެވެ. “ މީސްތަކުންކުރެ އެންމެ މާތް މީހަކީ ކޮބައިތޯ ރަސޫލާއާ ސުވާލު ކުރެވުނު ހިނދު، ޙަދީޘް ކުރެއްވިއެވެ. ” އެމީހަކީ އެބައިމީހުންކުރެ ﷲ އަށް އެންމެ ބިރުވެތިވާމީހާއެވެ. “
މިހުރިހާ ކަމަކުންވެސް އެނގިގެންދަނީ ޝަރުޢީ ބައްޕައެއް ނެތް ކުދިންނާމެދު މީސްތަކުން ދައްކާ ވާހަކަތަކަކީ އެއްވެސް ތާކުން ތާކުޖެހޭ ވާހަކަ ތަކެއް ނޫން ކަމެވެ. ހުރިހާ ކަމެއްގެ އެންމެ ފުރިހަމަ ޢިލްމުވަނީ ﷲ އަށް ކަން ކަށަވަރެވެ.
– ނިމުނީ –