أَمْ حَسِبْتَ أَنَّ أَصْحَابَ الْكَهْفِ وَالرَّقِيمِ كَانُوا مِنْ آيَاتِنَا عَجَبًا ﴿٩﴾
ހަމަކަށަވަރުން ކަހްފު (ހޮހޮޅަ) ބާގައިމީހުންނާއި ، އެއުރެންގެ ނަންތަކާއި އެއުރެންގެ ޚަބަރުތައް ލިޔެވިފައިވާ ފިލާގެ ވާހަކައަކީ ، ތިމަންރަސްކަލާނގެ އާޔަތްތަކުގެ ތެރެއިންވާ ޢަޖައިބެއް ކަމުގައި، ކަލޭގެފާނު ހީފުޅު ކުރައްވަނީ ހެއްޔެވެ؟
(އެބަހީ: اللّه ތަޢާލާގެ އާޔަތްތަކުގެ ތެރޭގައި އެއަށްވުރެ މާ ޢަޖައިބުކުރަނިވި ކަންތައްތައްވެސް ވެއެވެ).
إِذْ أَوَى الْفِتْيَةُ إِلَى الْكَهْفِ فَقَالُوا رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا ﴿١٠﴾
އެ ޒުވާނުން ، އެ ހޮހަޅައިގެ ތެރެއަށް ވަދެ އެތަނުން ރައްކާތެރިކަން ހޯދި ހިނދު ، ހަނދުމަފުޅުކުރާށެވެ! ފަހެ ، އެ ޒުވާނުން ދެންނެވިއެވެ: “އަޅަމެންގެ ރައްބު! އިބަރަސްކަލާނގެ ޙަޟްރަތުން އަޅަމެންނަށް ރަޙްމަތެއް ދެއްވާނދޭވެ! އަދި އަޅަމެންގެ މިކަންތަކުގައި އަޅަމެންނަށް ސީދާގޮތެއް ފަހިކޮށްދެއްވާންދޭވެ!”
فَضَرَبْنَا عَلَىٰ آذَانِهِمْ فِي الْكَهْفِ سِنِينَ عَدَدًا ﴿١١﴾
ފަހެ ، ގިނަ އަހަރުތަކެއް ވަންދެން ، އެހޮހަޅައިގައި ތިމަންރަސްކަލާނގެ އެއުރެންގެ ކަންފަތްތަކަށް އަޑުނީވޭނެހެން، (ގަދަ ނިންޖެއްގައި) އެއުރެން ބައިތިއްބެވީމެވެ.
ثُمَّ بَعَثْنَاهُمْ لِنَعْلَمَ أَيُّ الْحِزْبَيْنِ أَحْصَىٰ لِمَا لَبِثُوا أَمَدًا ﴿١٢﴾
ދެން ތިމަންރަސްކަލާނގެ އެއުރެން ނިދީން ހޭލައްވައި (އަލުން މީހުން އުޅޭ ހިސާބަށް) ފޮނުއްވީމެވެ. އެއީ އެއުރެން ނިދާފައި ތިބި މުއްދަތު އެންމެ ރަނގަޅަށް ހިމަނަނީ ، ދެބައިމީހުންކުރެ ކޮންބަޔެއްކަން ތިމަންރަސްކަލާނގެ ބައްލަވައިވޮޑިގަތުމަށެވެ.
…