[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

كتاب الزكاة (5)

 

 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދަރަނީގެ ޒަކާތް

އަނބުރާ ލިބޭނެ ކަމުގެ އުއްމީދުނެތް ދަރަންޏެއް އަނބުރާ ލިބިއްޖެނަމަ ޒަކާތް ނެރެންޖެހޭނީ އެއް އަހަރަށެވެ. އެއީ އެދަރަނި އަނބުރާނުލިބި ކިތަންމެ ގިނަ އަހަރުތަކެއް ވީނަމަވެސްއެވެ. އަނބުރާ ލިބޭނެ ދަރަންޏެއްވިއްޔާ ކޮންމެ އަހަރަކުވެސް ނެރެން ޖެހޭނެއެވެ. އެފަދަ ދަރަންޏަކީ އަތުގައި ރައްކާކުރެވިފައިވާ ފައިސާއާއި އެއް ޙުކުމެއްގައިވާ އެއްޗެކެވެ.

ރަންރިހީގެ ޒަކާތް:

ރަންރިހިން ޒަކާތް ނެރުމަކީ ވާޖިބެކެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ.

(وَالذِينَ يَكْنِزُونَ الذَهَبَ وَالفِضَّةَ وَلاَ يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُم بِعَذِابٍ أَلِيم)

މާނައީ: “އަދި ރަނާއި ރިހި ޚަޒާނާކޮށް، ﷲގެ މަގުގައި އެތަކެތި ހޭދަނުކޮށް ތިބޭ މީހުން ދަންނާށެވެ! ފަހެ، ވޭންދެނިވި އަޛާބު ހުރިކަމުގެ ޚަބަރު އެބައިމީހުންނަށް ކަލޭގެފާނު ދެއްވާށެވެ.”

ރަންރިހިން ޒަކާތް ނެރެންޖެހޭ މިންވަރު

ރަންރިހިން ޒަކާތް ނެރެންޖެހެނީ ސާޅީސް ބައިކުޅައެއްބައެވެ. ނުވަތަ %2.5 އެވެ.

ރަންރިހިން ޒަކާތް ނެރުން ވާޖިބުވާ ޝަރުޠުތައް:

  1. ނިޞާބު ހަމަވުން: ރަނުގެ ނިޞާބަކީ 85 ގުރާމެވެ. އަދި ރިހީގެ ނިޞާބަކީ 595 ގުރާމެވެ.
  2. ބާކީ ހުރި ޝަރުޠުތަކަކީ ކުރީގައި ބަޔާންކުރެވުނު، ޒަކާތް ވާޖިބުވުމުގެ ޝަރުޠުތަކެވެ. އެއީ މުސްލިމަކު ކަމުގައިވުން، މިނިވަނަކު ކަމުގައި ވުން، މުދަލުގެ ފުރިހަމަ މިލްކުވެރިކަން ލިބިގެންވުން، އަހަރު ހަމަވުން.

ރަންރިހިން ޒަކާތް ނެރޭއިރު، އެކަތިއަނެކައްޗާ އެއްކޮއްގެން ނިޞާބު ހަމަނުކުރެވޭނެއެވެ. ސަބަބަކީ އެދޭއްޗަކީ ތަފާތު ދޭއްޗަށްވާތީއެވެ.

ގަހަނާއިން ޒަކާތް ނެރުން:

ބޭނުން ނުކޮށް ރައްކާކޮއްފައި ބެހެއްޓޭ ގަހަނާއިން ޒަކާތްނެރުން ވާޖިބުވާނެކަމާމެދު، ޢިލްމުވެރިންގެ މެދުގައި އެއްވެސް ޚިލާފެއްނެތެވެ. އަދި ޙާރާމް ގޮތުގައި ބޭނުންކުރެވޭ ގަހަނާވެސް މިފަދައެވެ. މީގެ މިސާލަކީ ފިރިހެނަކު އަޅަން ބޭނުންކުރާ ރަން އަނގޮޓި، އަދި އަންހެނަކު ބޭނުންކުރިޔަސް މަޚްލޫޤެއްގެ ސިފައަށް ހަދާފައިވާ ރަނުގެ ގަހަނާއެވެ.

ނަމަވެސް، ބޭނުންކުރުމަށް ގެންގުޅޭ ހުއްދަ ގަހަނާއިން ޒަކާތް ނެރުމާއިބެހޭގޮތުން ޢިލްމުވެރިން ދެކޮޅަށްވެސް ވާހަކަ ދައްކަވާފައި އެބަހުއްޓެވެ. އެހެންކަމުން އެންމެ ރައްކާތެރި ގޮތަކީ އެއިންވެސް ޒަކާތް ވާޖިބުވުމެވެ. މިގޮތުން ރަންރިހީގެ ޒަކާތުގެ އައިސްފައިވާ ނައްޞުތަކުއައިވަނީ ޢާންމު ލަފްޒުތަކެވެ. އެހެންކަމުން ގަހަނާވެސް މީގައި ހިމެނޭނެކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

=ނުނިމޭ=

____________________________________

مصدر: الفقه الميسر

މިލިޔުމުގެ އެހެންބައިތައް