އ. އިސްވެދިއަ އުއްމަތްތަކުގެ ގޮތްތަކަށް ތަބާވުން:
ބޮޑެތި ފިތުނަ ތަކުގެ ތެރޭގައި، ޔަހޫދީންނާއި ނަޞާރާއިންގެ ގޮތްތަކަށް ތަބާވެ އެބައިމީހުންނަށް ލެނބުން ހިމެނެއެވެ. ފަހެ މުސްލިމުންގެ ބަޔަކު ކާފަރުންނަށް ތަބާވެ އެބައިމީހުންނާ ވައްތަރުވެގަނެއެވެ. އަދި އެބައިމީހުންގެ އަޚްލާޤުން އަޚްލާޤު ލިބިގަނެ އެބައިމީހުންނާ ރުހެއެވެ. ދެންފަހެ މިއީ ނަބިއްޔާ صلى الله عليه وسلم ޚަބަރު ދެއްވާފައިވާ ކަންކަމުގެ ތެދުކަމެވެ. ފަހެ ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން އަބޫ ހުރައިރާ رضي الله عنه ރިވާކުރައްވާފައި ވެއެވެ. ((لَا تَقُومُ السَّاعَةُ حَتَّى تَأْخُذَ أُمَّتِي بِأَخْذِ الْقُرُونِ قَبْلَهَا شِبْرًا بِشِبْرٍ، وَذِرَاعًا بِذِرَاعٍ)) فَقِيلَ: يَا رَسُولَ اللَّهِ! كَفَارِسَ وَالرُّومِ؟ فَقَالَ: ((وَمَنِ النَّاسُ إِلَّا أُولَئِكَ)) (رواه البخاري)[1] މާނައީ: “‘ތިމަންކަލޭގެފާނުގެ އުއްމަތުގެ މީސްތަކުން، އިސްވެދިއަ އުއްމަތްތަކުގެ [ގޮތްތަކުގައި] ހިފައްޖައުމަށް ދާންދެން ޤިޔާމަތް ޤާއިމް ނުވާހުއްޓެވެ! [އެބައިމީހުން އެކަންކަމަށް ތަބާވަނީ] ކައިވަތަކަށްފަހު ކައިވަތެކެވެ. މުށަކަށްފަހު މުށެކެވެ.’ ދެންނެވުނެވެ. އޭ ﷲގެ ރަސޫލާއެވެ. ފާރިސީންނާއި ރޯމަނުން ފަދައިން ވާނީތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ‘އެނޫން ދެން ކޮންބައެއް ހެއްޔެވެ.'”
އަދި އެހެން ރިވާޔަތެއްގައި، އަބޫ ސަޢީދުގެ އަރިހުން ވެއެވެ: قُلْنَا: يَا رَسُولَ اللَّهِ! اليَهُوْدُ والنَّصَارَى؟ قَالَ: ((فَمَن؟!)) (رواه البخاري ومسلم)[2] “ތިމަންމެން ދެންނެވީމެވެ. އޭ ﷲގެ ރަސޫލާއެވެ. ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ ޙަދީޘް ކުރެއްވިއެވެ. ‘ދެން ކޮންބައެއް ހެއްޔެވެ.'”
އިބްނު ބައްޠާލު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ކުރީގެ އުއްމަތްތަކަށް ވީގޮތަށް މިއުއްމަތްވެސް ބިދުޢަތަކާއި އަލަށްއުފެދޭ ކަންކަމަށާއި އަމިއްލަ އެދުންތަކަށް ތަބާވާނެކަން ސަލާމާއި ޞަލަވާތްލެއްވި އިތުރުއެކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. އަދި ހަމަކަށަވަރުން ފަހުކޮޅުގައި ނުބައިކަން ވާކަމުގައި އިންޒާރު ދެއްވާފައިވެއެވެ. އަދި އެންމެ ނުބައިމީސްތަކުންގެ މައްޗަށް މެނުވީ ޤިޔާމަތް ނުވާނެއެވެ. އަދި ދީން ޤާއިމްވެ ދެމިއޮންނަނީ ހަމައެކަނި މީސްތަކުންގެ ތެރޭގައި ޚާއްޞަ ބައެއްގެ ގާތުގައިކަން ކަށަރެވެ.”
އިބްނު ޙަޖަރު ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “ނަބިއްޔާ صلى الله عليه وسلم އިންޒާރު ދެއްވާފައިވާ ބޮޑެތި ކަންތައްތައް ހިނގައިގޮސްފައިވާކަން ކަށަވަރެވެ. އަދި ބާކީހުރިކަންކަން ލައިގަންނާނެތެވެ.”
ދެންފަހެ އިރާއި ހުޅަނގުގެ ކާފަރުންނާ މުސްލިމުން ވައްތަރުވެގަތުން މިޒަމާނުގައި މިވަނީ އިތުރުވެފައެވެ. ފަހެ އަޅުގަނޑުމެންގެ ފިރިހެނުން، އެމީހުންގެ ފިރިހެނުންނާ ވައްތަރުވެގެންފިއެވެ. އަދި އަންހެނުން އެބައިމީހުންގެ އަންހެނުންނާ ވައްތަރުވެގަންފިއެވެ. ބައެއް މީހުން އެބައިމީހުންގެ ކަންކަމުގައި އިސްލާމްކަމުން ބޭރުވާ ދަރަޖައަށް އެބައިމީހުންގެ ފިތުނަތަކުގައި ޖެހިއްޖެއެވެ. ﷲގެ ފޮތާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުން ކަންފަސޭހަކޮށްލައިގެން މެނުވީ ކުރިއެރުމަކާއި ޙަޟާރަތް ފުރިހަމަނުވާނެކަމުގައި އެބައިމީހުން ޤަބޫލުކުރެއެވެ.
ޞައްޙަ އިސްލާމްކަމެއް އެނގޭ މީހަކަށްނަމަ ފަހުގެ ޤަރުނު ތަކުގައި މުސްލިމުން ފޯރާފައިވާ ހިސާބު އެނގިގެންދެއެވެ. އިސްލާމީ ތަޢުލީމުން ދުރުވެ، އެދީނުގެ ޢަޤީދާއިން ފެޔަށްޖެހި އަދި ބައެއް މީހުންގެ ކިބައިގައި އިސްލާމީ ނަން ނޫން ދީނުގެ ކަންފުޅެއް ނުވެއެވެ. ފަހެ ﷲ ގެ ޝަރީޢަތުން ދުރުވެގަނެ، އެބައިމީހުން ޙުކުމް ކުރަނީ ކާފަރުންގެ ޤާނޫނު ތަކުންކަން ކަށަވަރެވެ. ކާފަރުންގެ ގޮތްތަކަށް މުސްލިމުން ތަބާވެ ނަކަލުކުރުމުގައި ނަބިއްޔާ صلى الله عليه وسلم ޞިފަކޮށްދެއްވާފައިވާ ގޮތާ އެއްވެސް ތަފާތެއް ނެތެވެ. ޙަދީޘް ކުރެއްވިއެވެ. ((شِبْرًا بِشِبْرٍ، وَذِرَاعًا بِذِرَاعٍ، حَتَّى لَوْ دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُ))[3] ” ކައިވަތަކަށްފަހު ކައިވަތެކެވެ. މުށަކަށްފަހު މުށެކެވެ. އެބައިމީހުން ޟައްބެއްގެ ހޮރަށް ވަދުނު ކަމުގައި ވިޔަސް ތިޔަބައިމީހުން އެކަމަށް ތަބާވާހުށީމުއެވެ.”
އަލްއިމާމު ނަވަވީ ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] “ކައިވަތާއި މުށުން އަދި ޟައްބުގެ ހަރުން މިޘާލުޖެއްސެވުމުން މުރާދުކޮށްދެނީ އެބައިމީހުންނާ އެއްގޮތްވެގަތުމުގެ ބޮޑުކަމެވެ. އަދި އެއީ ފާފަތަކާއި ދީނާ ޚިލާފު ކަންކަމުގައި އެއްގޮތްވެގަތުމެވެ. ކާފިރުކަމުގައި އެއްގޮތްވުމެއް ނޫނެވެ. މިއީ ނަބިއްޔާ صلى الله عليه وسلم އަށް ދެއްވާފައިވާ ފާޅުވެހުރި މުޢުޖިޒާތެކެވެ. އެކަލޭގެފާނު صلى الله عليه وسلم ޚަބަރުދެއްވާފައިވާ ގޮތަށް އެކަން ހިނގައިފައި ވެއެވެ.”[4]
މިހެންކަމާއެކު ފިތުނަތަކުގައި ވަކި ހައްދެއް ނެތެވެ. ފަހެ އަންހެނުންގެ ފިތުނައާއި މުދަލުގެ ފިތުނައާއި ޝަހުވަތަށް ލޯބިކުރުމާއި އަދި ވެރިކަމާއި ބޮޑުކަމާއި ޒަޢާމަތަށް ލޯބިކުރުމީ ހައްތާވެސް ފިތުނައެވެ. ފަހަރުގައި އިންސާނާ ހަލާކުކޮށްލަފާނެތެވެ. ގަދަވައިގެ ސަބަބުން ދަނޑުގޮވާން ހަލާކުވެގެން ދާފަދައިންނެވެ. މާތް ﷲ އަޅަމެންނަށް ސަލާމަތާއި ޢާފިޔަތުގެ ނިޢުމަތް މިންވަރު ކުރައްވާށިއެވެ.
__________________________________________
[1] ((صحيح البخاري))، كتاب الاعتصام بالكتاب والسنة، باب: قول النبي صلى الله عليه وسلم: ((لتتبعن سنن من كان قبلكم)) (13 / 300 – مع الفتح).
[2] ((صحيح البخاري))، (13 / 300 – مع القتح)، و ((صحيح مسلم))، كتاب العلم، باب الألد الخصم، (16 / 219 – 220 – مع شرح النووي).
[3] ((صحيح البخاري))، كتاب الاعتصام بالكتاب والسنة، باب: قول النبي صلى الله عليه وسلم: ((لتتبعن سنن من كان قبلكم)) (13 / 300 – مع الفتح).
[4] [ބައްލަވާ:] ((شرح النووي لمسلم)) (16 / 219-220).