ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މި ބަސްފުޅު (( ولَوْ يعْلَمُون مَا فِي العَتَمَةِ والصُّبْحِ لأتوهمُا ولَوْ حبوًا )) މާނަ: (( އަދި ޢިޝާ ނަމާދާއި ފަތިސްނަމާދުގައިވާ ހެޔޮކަން އެނގޭ ނަމަ އެމީހުން އެ ދެނަމާދަށް، ފިރުކިފައިވެސް އަންނާނެތެވެ. ))
((العَتَمَةِ )) އަކީ ޢިޝާ ނަމާދެވެ.
އެކަލޭގެފާނުގެ މި ބަސްފުޅަށް ބަލާލާއިރު ޢިޝާ ނަމާދާއި ފަތިސްނަމާދުގެ ޖަމާޢަތަށް ހާޟިރުވުމަށް އެކަލޭގެފާނު ބާރު އަޅުއްވާފައިވާ މިންވަރު ހާމަވެގެން އެބަދެއެވެ. އަދި މި ދެނަމާދުގައިވާ މާތްކަމާއި މަތިވެރިކަންވެސް ހާމަވެގެން ދެއެވެ. އެހެނީ ނިދީގެ ސަބަބުންނާއި ކަންކަމުގައި މަޝްޣޫލު ވުމުގެ ސަބަބުން މި ދެ ނަމާދަށް މީސްތަކުންނަށް ހާޟިރުވާން ދަތިވެެ އުނދަގޫވެފައި ވެއެވެ. އަދި މިއީ މުނާފިޤުންނަށް އެންމެ ބުރަ ދެ ނަމާދެވެ.
ޢިޝާ ނަމާދާއި ފަތިސްނަމާދު ޖަމާޢަތުގައި ކުރުމުގެ މާތްކަން:
1 – ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައި ވެއެވެ. (( ޢިޝާ ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ، ރޭގަނޑުގެ އެއްބައި ރޭއަޅުކަން ކުރި ފަދައެވެ. އަދި ފަތިސް ނަމާދު ޖަމާޢަތުގައި ކޮށްފި މީހާ މުޅި ރޭގަނޑޫ ރޭ އަޅުކަން ކުރި ފަދައެވެ. )) – رواه مسلم –
2 – އެކަލޭގެފާނު އެހެން ބަސްފުޅެއްގައި ޙަދީސް ކުރައްވާފައި ވެއެވެ. (( ފަތިސްނަމާދު އަދާކޮށްފި މީހާ އެވަނީ ﷲ ތައާލާގެ ޒިންމާގެ ދަށުގައެވެ. ( އެބަހީ އެއިލާހުގެ ރައްކާތެރި ކަމުގެ ދަށުގައެވެ.) )) – رواه مسلم – (الطبراني ރިވާކުރައްވާފައިވާ ރިވާޔަތެއްގައި ވާގޮތުން ފަތިސް ނަމާދު ޖަމާޢަތުގައި އަދާކޮށްފި މީހާ އެވަނީ ﷲ ތައާލާގެ ޒިންމާގެ ދަށުގައެވެ. ) – قال الألباني : صحيح لغيره . انظر : صحيح الترغيب –
3 – އަދިވެސް އެކަލޭގެފާނު ޙަދީސް ކުރެއްވިއެވެ. (( البردين ( ފަތިސް ނަމާދާއި ޢަސުރު ނަމާދު) ޖަމާޢަތުގައި އަދާކޮށްފި މީހާ ސުވަރުގެ ވަންނަ ހުއްޓެވެ. )) – متفق عليه –
އަދިވެސް ޖަމާޢަތުގެ ނަމާދަށް ހާޟިރުވުގެ މަތިވެރިކަމާއި ބެހޭގޮތުން އެތައް ބައިވަރު ޙަދީސްތަކެއް އައިސްފައި އެބަހުއްޓެވެ.
އަޅުގަނޑުމެނ ކޮންމެ މީހެއްގެވެސް މަޤްޞަދަދަކީ ﷲ ތަޢާލާގެ ރުހުން ލިބި ސުވަރުގެ ހާސިލްވާ ބައެއްކަމުގައި ވުމެވެ. ﷲ ތަޢާލާ އެއިލާހުގެ ޞާލިޙް އަޅުންނަށް ތައްޔާރު ކުރައްވާފައިވާ ސުވަރުގެ އަކީ އެއްވެސް ލޮލަކަށް އެ ނިޢުމަތްތައް ފެނިފައިނުވާ، އޭގެ ވާހަކަ އެއްވެސް ކަނަފަތެއް އަޑުއަހާފައި ނުވާ އަދި އެއްވެސް މީހެއްގެ ހިތަށްވެސް އަރާފައިނުވާފަދަ މަތިވެރި ނިޢުމަތްތަކެއް ލައްވާފައިވާ ގޯއްޗެކެވެ. އެ މަތިވެރި ނިޢުމަތްތައް ހޯދުމަށް އެކަކު އަނެކަކާއި ވާދަކުރަމާ ހިނގާށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. ((وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ﴿٢٦﴾ )) سورة المطففين މާނަ: (( ވާދަކޮށް ކުރިއަރައިދާ މީހުން އެކަމާއި މެދުގައި ( އެބަހީ އެނިޢުމަތްތައް ހޯދުމަށްޓަަކއި ކިޔަމަންތެރިވުމުގައި) ވާދަކޮށް ކުރިއަރައިދާ ހުށިކަމެވެ! ))
والحمد لله
- ނިމުނީ –