[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަރާއި ދިރުމާއި އޭގެ ޙިކުމަތް 1

11798431_738216596288478_1704504603_n

الحمد لله حمداً كثيراً طيباً مباركاً فيه ، والصلاة والسلام على محمد وعلى آله وصحبه وسلم وبعد

ﷲތަޢާލާ ވަޙީކުރެއްވިއެވެ.

﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ الْعَزِيزُ الْغَفُورُ‌﴾ [الملك: ٢]

މިއީ ވަރަށްފުޅާ އަދި ތަނަވަސް މާނައެއް އެކުލެވިގެންވާ އާޔަތެކެވެ. މިއާޔަތުގެ ތަފްސީރެއް މިލިޔުމުގައި ކުރުގޮތަކަށް ބަޔާންކޮށްލެވޭތޯ ބަލާނަމެވެ.

މިލިޔުން ބަހާލެވިފައިވާނީ ތިން ބާބެއްގެ މައްޗަށެވެ. އެގޮތުން ފުރަތަމަ ބާބަކީ؛ خَلَقَ الْمَوْتَ وَالْحَيَاةَ (މަރާއި ދިރުން ޚަލްޤު ކުރެއްވުން) މިއެވެ. ދެވަނަ ބާބަކީ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا (ތިޔަބައިމީހުންކުރެ އެންމެ ޢަމަލުތައް ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.) މިއެވެ. އަދި ތިންވަނަ ބާބަކީ؛ وَهُوَ الْعَزِيزُ الْغَفُورُ‌ (އެއިލާހީ ޢަޒީޖުވަންތަ ޣަފޫރުވަންތަ އިލާހެވެ.) މިއެވެ.

ވަކިވަކި ބަސްބަހުގެ މާނަ

الَّذِي: އެއިލާހީ

الْمَوْت: މަރު

لِيَبْلُوَا: އިމްތިޙާނު ކުރެއްވުމަށް ޓަކައި

أَيُّكُمْ: ތިޔަބައި މީހުންގެ ތެރެއިން

عَمَلًا: ޢަމަލު

الْعَزِيزُ: ޢިއްޒަތްވަންތަ

الْحَيَاةَ: ދިރުން

أَحْسَنُ: އެންމެ ހެޔޮ

الْغَفُورُ‌ ފާފަ ފުއްސަވާ

ޖުމްލަ މާނަ:

އެއިލާހީ ތިޔަބައިމީހުންކުރެ ޢަމަލުގައި އެންމެ ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރާއި ދިރުއްވުން، ޚަލްޤުކުރެއްވި އިލާހެވެ. އަދި އެއިލާހީ، ޢިއްޒަތްވަންތަ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.

މި އާޔަތުގެ ކުރީގެ އާޔަތް

ﷲތަޢާލާ މި އާޔަތް ފައްޓަވާފައިވަނީ اسم موصول އަކުންނެވެ. އެ اسم موصولއަކީ، މިއާޔަތުގެ ކުރީ އާޔަތާއި ގުޅުވައި ލުމަށްޓަކައި ގެނެސްފައިވާ އިސްމެކެވެ. މިއާޔަތުގައިވާ އެއްޗެއް ދެނެގަތުމަށްޓަކައި ކުރީއާޔަތް ދެނެގަތުމަކީ މުހިންމު ކަމެކެވެ. އެހެންކަމުން އެއާޔަތަށް އަލި އަޅުވައި ލުމަކީ މުނާސަބު ކަމެއް ކަމުގައި ދެކެމެވެ.

ﷲތަޢާލާ ވަޙީ ކުރެއްވިއެވެ.

﴿تَبَارَ‌كَ الَّذِي بِيَدِهِ الْمُلْكُ وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ‌ ﴾ [الملك: ١]

މާނައީ ” އެންމެހާ ވެރިކަމެއް އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް މަތިވެރިވެ ވޮޑިގެންވެއެވެ. އަދި އެއިލާހީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ.”

މި އާޔަތުގައި ﷲތަޢާލާ އެއިލާހުގެ އަމިއްލަ ޒާތުފުޅަށް ތަޢުރީފު ކުރައްވާ، އެއިލާހީ މަތިވެރިވެ ވޮޑިގެންވާ ފަރާތެއްކަމަށް އެއިލާހުގެ އަޅުތަކުންނަށް އެވަނީ އިޢުލާނު ކުރައްވާފައެވެ. އަޅުތަކުން އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ތަޢުރީފު ކުރުންއެއީ ޢައިބެއްކަމުގައި ވެދާނެއެވެ. އެހެންމަވެސް ކައިނާތުގެ ވެރިއިލާހަކަށް އެއީ ޢައިބެއް ނޫނެވެ. ސަބަބަކީ ބަޔަކު ތަޢުރީފު ކުރިޔަސް އަދި ތަޢުރީފު ނުކުރިޔަސް ތަޢުރީފު ޙައްޤުވެގެންވަނީ އެއިލާހަށް ކަމުގައި ވާތީއެވެ. އެއިލާހީ އެންމެ މަތިވެރި އިލާހުކަމުގައި ވާތީއެވެ.

އަދި އެންމެހާ ވެރިކަމެއް އެއިލާހުގެ އަތްޕުޅުގައި ވާކަންވެސް މި އާޔަތުގައި އެއިލާހުވަނީ އެއިލާހުގެ އަޅުތަކުންނަށް އިޢުލާނު ކުރައްވާފައެވެ. އުޑުތަކާއި ބިމާއި އެދެމެދުގައި ވާހާ ތަކެއްޗަކާއި ދުނިޔެއާއި އާޚިރަތުގެ ވެރިކަން ވަނީ އެއިލާހަށެވެ. އެއިލާހުގެ އަތްޕުޅުގައި އެވާ ވެރިކަން ސިފަ ކުރައްވާ އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.

“يَعِزُّ من يشاءَ وَيَذِلُّ من يشاءَ ويُحيِي وَيُمِيتُ، وَيُغْنِي وَيفقرُ، وَيُعْطِي وَيُمْنَعُ”[1]

މާނައީ: “އެއިލާހު އިރާދަ ކުރައްވާ އަޅަކަށް ޢިއްޒަތް ދެއްވައެވެ. އަދި އިރާދަ ކުރައްވާ އަޅަކު ދައްކުރައްވައެވެ. އަދި އެއިލާހީ ދިރުއްވާ މަރުގެންދަވާ އިލާހެވެ. އަދި އެއިލާހީ މުއްސަނދި ކުރައްވާ އަދި ފަޤީރު ކުރައްވާ އިލާހެވެ. އަދި އެއިލާހީ ރިޒްޤު ދެއްވާ އެރިޒުޤު މަނާކުރައްވާ އިލާހެވެ.”

ދެން އެއަށްފަހުގައި ވަޙީ ކުރައްވާފައިވަނީ (وَهُوَ عَلَىٰ كُلِّ شَيْءٍ قَدِيرٌ‌) މާނައީ: “އަދި އެއިލާހީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ އިލާހެވެ”

އެންމެހާ ވެރިކަމެއް އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތަކީ ﷲ ކަމާއި، އެންމެ މަތިވެރިވެގެންވާ ފަރާތަކީ އެފަރާތްކަމާއި އަދި ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަވެ ވޮޑިގެންވާ އިލާހުކަން އެންގެފުމަށް ފަހުގައި ދެން ވަޙީ ކުރައްވާފައި އެވަނީ، ﴿الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلًا وَهُوَ الْعَزِيزُ الْغَفُورُ‌﴾ [الملك: ٢] މާނައީ: “އެއިލާހީ ތިޔަބައިމީހުންކުރެ ޢަމަލުގައި އެންމެ ރަނގަޅީ ކާކުތޯ އިމްތިޙާނު ކުރެއްވުމަށްޓަކައި، މަރާއި، ދިރުން، ޚަލްޤުކުރެއްވި އިލާހެވެ. އަދި އެއިލާހީ، ޢިއްޒަތްވަންތަ، ގިނަގިނައިން ފާފަފުއްސަވާ އިލާހެވެ.”

(ނުނިމޭ)


 

[1] الجامع لأحكام القرآن )تفسنً القرطبي( / خزء 18 / صفحة 206 , و تفسنً اللباب في علوم الكتاب/ خزء 15 / صفحة 370