[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މަޖަލަކަށް ދޮގުހެދުން

lie1

އަލް ޢައްލާމާ ޢުޘައިމީން ރަޙިމަހުﷲ އާއި ސުވާލުވެވުނެވެ. ބައެއް މީހުން އެކުވެރިންނާއި ވާހަކަ ދެއްކުމުގައި މަޖާކޮށް އެމީހުން ހެއްވާލުމުގެ ގޮތުން، ދައްކަމުންދާ ވާހަކައިގެ ތެރެއަށް ދޮގު ވައްދައެވެ. މިއީ ދީނުގައި ޙަރާމް ކަމެއްތޯއެވެ؟

ޖަވާބުގައި ވިދާޅުވިއެވެ. “އާދޭހެވެ. މިއީ ދީނުގައި ޙަރާމް ވެގެންވާ ކަމެކެވެ. ސަބަބަކީ ދޮގުހެދުމަކީ އެއާ ދުރުވެގަންނަންޖެހޭ ޙަރާމް ކަމެކެވެ. މާތް ނަބިއްޔާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ.

((عَلَيْكُمْ بِالصِّدْقِ، فَإِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَمَا يَزَالُ الرَّجُلُ يَصْدُقُ وَيَتَحَرَّى الصِّدْقَ حَتَّى يُكْتَبَ عِنْدَ اللهِ صِدِّيقًا، وَإِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا)) [رواه مسلم]

މާނައީ: “ތިޔަބައިމީހުން ތެދު ބުނާހުށިކަމެވެ. ހަމަކަށަވަރުން ތެދުވެރިކަން މަގުދައްކަނީ ހެޔޮ ކަންތައްތަކަށެވެ. އަދި ހެޔޮ ކަންތައްތައް މަގުދައްކަނީ ސުވަރުގެއަށެވެ. ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ. ދޮގު ނެހެދުމަށް ތިޔަބައިމީހުން ސަމާލުވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައިކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެންދެން ދޮގުހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.”

އަދިވެސް އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.

((وَيْلٌ لِلَّذِي يُحَدِّثُ فَيَكْذِبُ لِيُضْحِكَ بِهِ الْقَوْمَ وَيْلٌ لَهُ وَيْلٌ لَهُ)) [رواه أبو داود وحسنه الألباني]

މާނައީ: “ވާހަކަދައްކާއިރު މީހުން ހެއްވާލުމަށްޓަކައި ދޮގު ހަދާމީހާއަށް ހަލާކު ހުއްޓެވެ. އެމީހަކަށް ހަލާކު ހުއްޓެވެ. އަދި އެމީހަކަށް ހަލާކު ހުއްޓެވެ.”

އެހެންކަމުން ދޮގުހެދުމާމެދު ސަމާލުވުން ހުއްޓެވެ. އެއީ މީހުން ހެއްވާލުމަށްޓަކައި ކަމުގައި ވިޔަސް، މަޖަލަކަށް ވިޔަސް ނުވަތަ އެނޫން ގޮތަކަށް ކަމުގައިވިޔަސްމެއެވެ.

ތެދުބުނުމަށް އާދަވެފައިވާ މީހެއްނަމަ އެމީހަކު އެތެރެފުށުންނާއި ބޭރުފުށުންވެސް ވާހުށީ ތެދުވެރިޔަކަށެވެ. “ﷲގެ ޙަޟްރަތުގައި ތެދުވެރިއެއްކަމުގައި ލިޔެވެންދެން ތެދުބުނުމާއި ތެދުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.” މިފަދައިން ޙަދީޘް ކުރައްވާފައިވަނީ އެހެންކަމުންނެވެ. ތެދުބުނުމުގެ ނަތީޖާއާއި ދޮގުހެދުމުގެ ނަތީޖާ އަހަރެމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާ ވެގެން ނުވެއެވެ.”