ނިފާޤުގެ ވައްތަރުތައް
ނިފާޤްކަން ދެބަޔަކަށް ބެހިގެންވެއެވެ. އެއީ ބޮޑު ނިފާޤުކަމާއި ކުޑަ ނިފާޤުކަމެވެ.
އިބުން ތައިމިއްޔާ ވިދާޅުވެފައިވެއެވެ. ” އަދި ނިފާޤުކަމަކީ ކުފުރު ފަދައިން ދެބަޔަކަށް ބެހިގެންވާ އެއްޗެކެވެ. އެއީ ދީނުން ބޭރުވާ ނިފާޤުކަމާއި ދީނުން ބޭރުނުވާ ނިފާޤުކަމެވެ. އެހެނީ ވަރަށް ގިނައިން ބުނެވެއެވެ. މިއްލަތުން ބޭރުވާ ކުފުރާއި މިއްލަތުން ބޭރު ނުވާ ކުފުރު ވެއެވެ. ހަމައެހެންމެ ނިފާޤުކަމުގައިވެސް ބޮޑު ނިފާޤު އަދި ކުޑަ ނިފާޤު ވެއެވެ.”
1. އިޢްތިޤާދުގައި ނިފާޤުވުން (ބޮޑު ނިފާޤުކަން)
އެއީ މީހަކު އޭނާގެ އީމާންކަމާއި އިސްލާމުކަން ބޭރުފުށުން ދައްކާ ހިތުގެ ތެރޭގައި ކުފުރު ފޮރުވުމެވެ. އަދި މިއީ ނަބިއްޔާ (صلى الله عليه وسلم) ގެ ޒަމާނުގައި ޤުރުއާން ބާވައިލައްވާ މަލާމާތުގެ ބަސް އެބަޔަކަށް ވަޙީކުރައްވާ އެބައިމީހުންގެ ކުފުރުވެރިކަން ބާޔާންކުރެވިފައިވާ ނިފާޤުކަމެވެ. އަދި ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައިވަނީވެސް އެނިފާޤުގެ އަހުލުވެރިން ކަމުގެ ޚަބަރުދެވިފައިވެއެވެ.
އިބުން ރަޖަބު ވިދާޅުވެފައިވެއެވެ. “ބޮޑު ނިފާޤުކަމަކީ މީހަކު އޭނާ ﷲ އަށާއި މަލާއިކަތުންނަށާއި ފޮތްތަކަށާއި ރަސޫލުންނަށާއި ޤިޔާމަތްދުވަހަށާއި އީމާންވާކަމުގައި ބޭރުފުށުން ދެއްކުމެވެ. އަދި އެހުރިހާކަމެއް ނުވަތަ އެއިން ބައެއް ނަފީކުރާފަދަކަންކަން ހިތުތެރޭގައި ފޮރުވުމެވެ.”
ހަމައެހެންމެ ފިޤުހުވެރިން “ޒިންދީޤް” މި ލަފްޒު މުނާފިޤުންނަށް ބޭނުންކުރެއެވެ.
އިބުނު ޤައްޔިމް ވިދާޅުވެފައިވެއެވެ. “ޒިންދީޤުންނަކީ އެއީ އިސްލާމްކަން ފާޅުކޮށް ރަސޫލާ (صلى الله عليه وسلم) އަށް ތަބާވެގެން އުޅޭކަމަށް ދައްކާ އެހެން ނަމަވެސް ހިތުތެރޭގައި ކުފުރު ފޮރުވާ ﷲއާއި އެއިލާޙުގެ ރަސޫލާ (صلى الله عليه وسلم) އާއި ޢަދާވަތްތެރިވެ އުޅޭ ބައިގަނޑެކެވެ. މުނާފިޤުންނަކީ ހަމަ އެމީހުންނެވެ. އަދި އެމީހުންވަނީ ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ.”
=ނުނިމޭ=