[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިފްކުގެ ޙާދިޘާ 4

Ifku ge haadhisaa

 

އެކަމަނާގެ މޫނުފުޅު ނިވާކުރައްވައިގެން އިންނެވުމުން ޞޮފްވާނު ބުނުލް މުޢައްޠިލް رضي الله عنه އެކަލޭގެފާނުގެ ސާވާރީ އެކަމަނާއާ ކައިރިކުރައްވައި އެކަމަނާއަށް އޭގެ މައްޗަށް އެރޭނޭހެން އޭތި ތިރިކުރައްވައި އެންމެހާ މުއުމިނުތަކުންގެ މަންމަ ކަމުގައިވާ ޢާއިޝާ رضي الله عنها އަރައިވަޑައިގަންނަވަންދެން އެކަމަނާއަށް ފުރަގަސްދެއްވައި އިޙްތިރާމާއެކު އިސްދަށަށް ޖައްސަވައިގެން ޖަމަލުގެ ކުރީ ފައިގެ ކަކޫ މައްޗަށް ފައިން އަރައިވަޑައިގެން އެސޮރު ކިޔަމަންކުރައްވައި އެއްވެސް ބަސްފުޅެއް ވިދާޅުނުވެ ހުންނެވިއެވެ.

އެހިނދު ކުރިމަތިވެފައިމިވާ ކަންތަކުގެ ބޮޑުކަން ހިތަށް އަރައިވަޑައިގެން އެކަމުން ވީހާވެސް އަވަހަކަށް މިންޖުވުން އެދޭޙާލު ލަސްނުކުރައްވައި ﷲ ތަޢާލާއަށް ވަކީލު ކުރައްވައި “حسبي الله ونعم الوكيل”  މިހެން ވިދާޅުވެ އުއްމުލްމުއުމިނީން ސަވާރީއަށް އަރައިވަޑައިގެންނެވިއެވެ. އަދި ޞޮފްވާނު ބުނުލް މުޢައްޠިލް رضي الله عنه ވެސް ސަވާރީގެ ލަގަނުގައި ހިއްޕަވައިވަޑައިގެން އެކަމަނާގެ ލޮބުވެރި ފިރިކަލުން ރަސޫލާ صلى الله عليه  وسلم ގެ އަރިހަށް ފޯރާތޯ އަވަސްފިޔަވަޅުގައި ކުރިއަށް ވަޑަގެންނެވިއެވެ. ޢާއިޝާ رضي الله عنها ވިދާޅުވިއެވެ: “ﷲ ގަންދީ ބުނަމެވެ. އެކަލޭގެފާނު ތިމަންކަމަނާއާ މުޚާތަބުކޮށް އެންމެ ކަލިމައެއްހާހިސާބުވެސް ވިދާޅެއް ނުވެއެވެ”.

ދުވަހުގެ ވަގުތުތައް ހިނގަމުން ގޮސް އެންމެފަހުން އިރުއޮއްސެން ގާތްވުމުން ގާފިލާ މަރުކަޒުކުރުމައްޓަކައި އަޅަން މަޑުކުރަން ނަބިއްޔާ صلى الله عليه  وسلم ގެ އަމުރުފުޅު އައުމުން އެހެނެކޭވެސް އެއްފަދައިން އެންމެހާ މީސްތަކުން އެބައިމީހުންގެ ޖަމަލުތަކުގެ މަތިން ޙައުދަޖުތަކާއި ސާމާނުތައް ތިރިކޮށް އެމަންޒިލަށް ފައިބަން މަސައްކަތް ފެށިއެވެ. ނަމަވެސް ކުއްލިއަކަށް ގާފިލާގެ ބައެއް މީހުންނަށް ފެނިގެން ދިޔައީ މާދުރުނޫން ހިސާބަކުން ޖަމަލެއްގެ މައްޗަށް އަންހެނަކު އަރުވައިގެން އޭގެ ލަގަނުގައި ހިފައިގެން ހިނގާފަ އަންނަ ފިރިހެނެކެވެ. އަދި ގާފިލާތެރެއަށް ވަދެގޮސް ޢާއިޝާ رضي الله عنها ގެ ހައުދަޖަށް އޭގައި އިން އަންހެން މީހާ ވަތް ތަނެވެ. އިސާހިތަކު މަންޒަރު ދުށް މީހުންގެ ތެރޭގައި ތިބި ބައެއް މުނާފިޤުން ދަނޑިވަޅުގެ ބޭނުންހިފައި ﷲ ތަޢާލާ ރުއްސުންލެއްވި މުއުމިނުތަކުންގެ މަންމާފުޅު ޢާއިޝާ رضي الله عنها އާ މެދު ވާހަކަ ހަދައި އެމީހުންގެ މެދުގައި ދައްކަން ފެށިއެވެ.

ގާފިލާ ގޮސް އޭގެ މަންޒިލު ކަމުގައިވާ މަދީނާއަށް ފޯރައި ދަތުރު ޚަލާޞްކުރުމުން އޭގައި ތިބި އެހެން ދަތުރުވެރިންނެކޭ އެއްފަދައިން ޢާއިޝާ رضي الله عنها ވެސް އެކަމަނާގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އަދި ސަހަރާތެރޭގައި ކުރެއްވި ބުރަ ދަތުރުގެ ވަރުބަލިކަމާއި އާލާސްކަންފުޅުގައި ދުވަސްތައް ވޭތުކުރައްވަން ޖެހިވަޑައިގަތުމުގެ ސަބަބުން ގެކޮޅުން ނިކުމެވަޑައިނުގެން ދުވަސްތައް ވޭތުކުރައްވަމުން ގެންދެވިއެވެ. އެހެންކަމުން އެކަމަނާއާ ބެހޭގޮތުން މުނާފިޤުން އަޑީގައި ތިބެ ރަށުތެރޭގައި ތުންތުންމަތިން ފަތުރަމުން ދިޔަ ވާހަކައިގެ ހިލަމެއްވެސް އެކަމަނާއަށް ނުވެއެވެ.

 

(ނުނިމޭ)

ގުޅޭ އިހުގެ ލިޔުންތައް:

އިފްކުގެ ޙާދިޘާ 1

އިފްކުގެ ޙާދިޘާ 2

އިފްކުގެ ޙާދިޘާ 3