ދެވަނަ ޙުކުމް
އާޔަތުގައި އެވާ أقراء އަކީ ކޮބާ؟
މިއާޔަތުގައިމިވާ “قُرُوء” ގެ ލުޣަވީ މާނައަކީ حيض ނުވަތަ طهر އެވެ. އެހެންކަމުން މިއާޔަތުގައިމިވާ “قُرُوء” ގެ މުރާދާމެދު ޢިލްމުވެރިންގެ މެދުގައިވަނީ ޚިޔާލު ތަފާތުވެފައެވެ. މި މައްސަލައިގައި ޢިލްމުވެރިންގެ ދެ ރަޢުޔެއްވެއެވެ.
ފުރަތަމަ ރަޢުޔު
މިއާޔަތުގައިމިވާ قُرُوء ގެ މުރާދަކީ الطهر އެވެ. މިއީ މާލިކުގެފާނާއި ޝާފީގެފާނުގެ ބަސްފުޅެވެ. އަދި މިއީ އިބުނު ޢުމަރާއި ޢާއިޝަތުގެފާނާއި ޒައިދު ބުން ޘާބިތު (رضي الله عنهم) ގެ އަރިހުން ރިވާވެގެންވާ ގޮތެވެ. އަދި މިއީ އިމާމު އަޙްމަދުގެ ދެ ޤައުލުންކުރެ އެއް ޤައުލެވެ.
މިގޮތުން އިމާމު މާލިކާއި އިމާމު ޝާފިޢީގެ ހުއްޖަތްތަކުގެ ތެރެއިން ފުރަތަމަ ޙުއްޖަތަކީ ޢަރަބި ބަހުގެ ޤަވާއިދުގެ ތެރެއިން ދައްކާ ޙުއްޖަތެކެވެ. އެއީ ޢަރަބި ބަހުގެ ޤަވާޢިދުގެ ތެރޭގައިވާ العدد و المعدود (ޢަދަދާއި ޢަދަދު ކުރެވޭއެތި) މި ޤަވާއިދުގެ ދަށުންނެވެ. މި ޤަވާއިދު ބުނާގޮތުން العدد (ޢަދަދު) مؤنث ވެއްޖެނަމަ المعدود (ޢަދަދު ކުރެވޭ އެތި) مذكر ވާނެއެވެ. އަދި العدد (ޢަދަދު) مذكر ވެއްޖެނަމަ المعدود (ޢަދަދު ކުރެވޭ) އެތި مؤنث ވާނެއެވެ. އެހެންކަމުން މި އާޔަތުގައިމިވާ ثلاثةގެ ތާ މަރުބޫތާ (ة) ރަމުޒުކޮށްދެނީ مؤنث ކަމެވެ. އެހެންކަމުން العدد (ޢަދަދު) އެވަނީ مؤنث ކޮށެވެ. ވީމާ މިތާގައިމިވާ المعدود (ޢަދަދުކުރެވޭ އެތި) ވާނީ مذكر ކަށެވެ. އެހެންކަމުން އާޔަތުގައިވާ ثلاثة قروء ގެ މުރާދަކީ ތިން طهرއެވެ. طهرއަކީ مذكر އެއްޗެކެވެ. އެއާ ޚިލާފަށް ثلاثة قروء ތިން ޙައިޟުގެ މުރާދުގައި އައިސްފައިވާ ނަމަ އަންނަންޖެހޭނީ ثلاث قروء މިފަދައިންނެވެ. އެހެނީ الحيضة އަކީ مؤنث އެއްޗެކެވެ.
އަދި މިބޭކަލުންގެ ދެވަނަ ޙުއްޖަތަކީ، ޢާއިޝަތުގެފާނުގެ އަރިހުން ރިވާވެގެންވާ ރިވާޔެތެވެ. އެކަމަނާ ވިދާޅުވިއެވެ.
“هل تدرون الأقراء؟ الأقراء : الأطهار “[1] މާނައީ: “(މިއާޔަތުގައިވާ) “الأقراء” އެނގޭ ހެއްޔެވެ؟ “الأقراء” އެއީ طهر އެވެ.”
ޝާފިޢީގެފާނު ވިދާޅުވެފައިވެއެވެ.
“والنساء بهذا أعلم. لأن هذا إنما يُبتلى به النساء”[2]
މާނައީ: “މިކަމުގެ ޢިލްމު ލިބިގެންވަނީ އަންހެނުންނަށެވެ. އެހެނީ މިކަމުން އިމްތިޙާނުކުރޭ ބަޔަކީ އަންހެނުންނެވެ.”
އަދި މިބޭކަޅުން ތިންވަނަ ޙުއްޖަތް ނަންގަވަނީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅުންނެވެ. އެކަލާނގެ ވަޙީކުރެއްވެއެވެ.
“يَا أَيُّهَا النَّبِيُّ إِذَا طَلَّقْتُمُ النِّسَاءَ فَطَلِّقُوهُنَّ لِعِدَّتِهِنَّ” (الطلاق:1)
މާނައީ: “އޭނަބިއްޔާއެވެ. ތިޔަބައިމީހުންގެ އަނބިން ވަރިކުރާނަމަ ފަހެ އެކަނބަލުން ޢިއްދާގައިވަނިކޮށް ވަރިކުރާހުށިކަމެވެ.”
އެބޭފުޅުން ވިދާޅުވެއެވެ. މިތަނުގައިމިވާ فَطَلِّقُوهُنَّ لِعِدَّتِهِنَّ (އެކަނބަލުން ޢިއްދާގައި ވަނިކޮށް ވަރިކުރާ ހުށިކަމެވެ.) އޭގެ މާނައަކީ އެކަނބަލުން ޠުހުރުގައި ވަނިކޮށް ވަރިކުރާށެވެ. އެހެނީ ޙައިޟުވެފައިވަނިކޮށް ވަރިކުރުމަކީ ޙަރާމްކަމެކެވެ. އެހެންކަމުން އިސްވެދެންނެވުނު އާޔަތުގައިވާ قُرُوء ގެ މުރާދަކީ طهر އެވެ.
ދެވަނަ ރަޢުޔު
މިއާޔަތުގައިމިވާ قُرُوء ގެމުރާދަކީ حيض އެވެ. މިއީ އިމާމު އަބޫޙަނީފާއާއި އަދި އިމާމު އަޙުމަދުގެ ފަހުގެ ރިވާޔަތެއްގައިވާ ގޮތެވެ. އަދި މިއީ ޢުމަރުގެފާނާއި އިބުނު މަސްޢޫދާއި އަބޫ މޫސާއާއި އަބޫ ދަރުދާއާއި އަދިވެސް އިތުރު ބޭކަލުންގެ އަރިހުން ރިވާވެގެންވާ ގޮތެވެ.
މިބޭފުޅުން މިކަމުގެ ޙުއްޖަތެއްކަމުގައި ވިދާޅުވެއެވެ. ޝަރީޢަތުގައި ޢިއްދާ ކަނޑައެޅުމުގެ ސަބަބަކީ، ރަޙިމުގެ ހުސްކަން ދެނެގަތުމެވެ. އެހެންކަމުން ރަހިމުގެ ހުސްކަން ސާބިތުކޮށްދޭ އެއްޗަކީ ޙައިޟެވެ. ޠުހުރެއް ނޫނެވެ.
އިމާމު އަޙްމަދު ވިދާޅުވިއެވެ.
“قد كنت أقول : القروء : الأطهار ، وأنا اليوم أذهب إلى أنها الحيض”[3]
މާނައީ: “ތިމަންކަލޭގެފާނު ބުނެއުޅުއްވީ قروء އަކީ طهر އެވެ. ނަމަވެސް މިއަދު ބުރަވެވެނީ އެއީ ޙައިޟުކަމަށެވެ.”
އަދި މިބޭފުޅުން ދެވަނަ ޙުއްޖަތެއްގައި ދައްކަވާފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިވަސައްލަމަ، فاطمة بنت حُبيش އަށް ޙަދީޘްކުރެއްވި ޙަދީޘެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“دعي الصلاة أيام أقرائك”[4]
މަނާއީ: أقرائ ގައިވާ ދުވަސްތަކުގައި ނަމާދު ދޫކޮށްލާށެވެ.”
މި ޙަދީޘްގައިމިވާ أيام أقرائك ގެ މުރާދަކީ أيام حيضك (ކަމަނާ ޙައިޟުގެ ދުވަސްވަރު) އެވެ.
މިބޭފުޅުންގެ ތިންވަނަ ޙުއްޖަތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.
“لا توطأ حامل حتى تضع ، ولا حائل حتى تستبرأ بحيضة”[5]
މާނައީ: “މާބަނޑު އަންހެނާ އޭނާ ވިހެއްޖެއުމަށްދާނދެން ޖިމާޢުނުވާށެވެ. (އެބަހީ: ވަރިކުރެވިފައިވާ އަންހެނުން ވިހެއްޖެއުމަށް ދާނދެން އެހެން ފިރިހެނަކާ ނުއިނދެވޭނެއެވެ.) އަދި ޙައިޟުވެރިޔާ، ޙައިޟުން ބަރީއަވެއްޖައުމަށް ދާނދެން އޭނާއާ ޖިމާޢުނުވާށެވެ.”
ފަހެ، އެވަނީ ޙައިޟުގެ ދުވަސްތަކުގައި ޖިމާޢުވުމުން ބަރީއަވުމަށް އަމުރުކުރައްވާފައެވެ. އަދި ހަމަކަށަވަރުން އަޅުއަންހެނުން ގަތުމުގައި، އެމީހުން الاستبراء (އެބަހީ: މާބަނޑުވެފައިތޯ ނުވަތަ ނޫންތޯ) ބަލަންޖެހެނީ ޙައިޟުންކަމާމެދު ޢިލްމުވެރިން އިޖުމާޢުވެލައްވައެވެ. އެހެންކަމުން، ހަމައެފަދައިން ޢިއްދަވެސް ބިނާވެފައިވަނީ ޙައިޟުގެ މައްޗަށެވެ. އެހެނީ އެ ދެކަމުގެ ސަބަބަކީ އެއް ސަބަބެކެވެ. އެއީ ރަޙިމުގެ ހުސްކަން ސާބިތުކުރުމެވެ.
އަދި މިބޭފުޅުން ހަތަރުވަނައަށް ޙުއްޖަތެއްގެ ގޮތުގައި ނަންގަވީ، ޢިއްދާއިން ކެނޑިފައިވާ އަންހެނުންނާ މެދު ﷲ ތަޢާލަ ވަޙީކުރައްވާފައިވާ ބަސްފުޅެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.
“واللائي يَئِسْنَ مِنَ المحيض مِن نِّسَآئِكُمْ إِنِ ارتبتم فَعِدَّتُهُنَّ ثَلاَثَةُ أَشْهُرٍ واللائي لَمْ يَحِضْنَ” (الطلاق:4)
މާނައީ: “އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ حيض ން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: عدّة އިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އާ އަދި حيض ނުވާ މީހުންގެ عدّة އަކީވެސް ތިންމަސް ދުވަހެވެ.”
މިއާޔަތުންވެސް އެނގިގެންދަނީ ޢިއްދަ ކަނޑައެޅުމުމުގައި ބަލާ އެއްޗަކީ ޙައިޟުކަމެވެ. ޠުހުރެއްނޫނެވެ.
އަދިވެސް މިބޭފުޅުން ވިދާޅުވެއެވެ. ޢިއްދަ ބިނާވެފައިވަނީ ޙައިޟަށްކަމަށް އަހަރެމެން ބުނަނީ، އެގޮތަށް ބަލާކަމުގައިވާނަމަ ތިން قراء ފުރިހަމަވާނެއެވެ. އޭރުން ޢިއްދަ ނިމޭއިރު ތިން ޙައިޟުއިންނާނީ ނިމިފައެވެ. އެހެނެއްކަމަކު ޠުހުރަށް ބަލައިފިނަމަ އެކަން ތަފާތުވާނެއެވެ. މީހަކު އޭނާގެ އަނބިމީހާ ޠާހިރުކަމުގެ ފަހު ދުވަސްތަކުގައި ވަރިކޮށްފިކަމުގައިވާނަމަ، ދެން އެއަށްފަހު އޭނާ ކަޑައްތުކުރާނީ ދެ ޠުހުރެވެ. އަދި އޭގެ ބައެއްވަނީ ތިންވަނަ ޠުހުރުގައެވެ.
ރާޖިޙުވެގެންވާ ގޮތް
ރާޖިޙުވެގެންވަނީ ދެވަނަ ޤައުލެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅުން ސާބިތުވާގޮތެވެ. އަދި ޢިއްދާގެ ހަޤީގީ މަޤުޞަދަކީ، ރަޙިމުގެ ހުސްކަން ދެނެގަތުމެވެ. އެކަން އަންގައިދޭ އެއްޗަކީ ޙައިޟެވެ. ޠުހުރެއްނޫނެވެ.
މިއީ ابن القيم ވެސް ރާޖިޙުކުރައްވާފައިވާ ގޮތެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
“ހަމަކަށަވަރުން القرء މިލަފުޒު، ޙައިޟުގެ ގޮތުގައި މެނުވީ ޝަރުޢުކުރެއްވި ފަރާތުން ބޭނުންކުރައްވާފައެއް ނެތެވެ. އަދި އެލަފުޒު ޠުހުރުގެ ގޮތުގައި، އެއްވެސްގޮތަކަށް އައިސްފައެއްނެތެވެ. ފުރަތަމަކަމެއްގެ ގޮތުން، ޝަރީޢަތް ބާވާލެއްވި ފަރާތުން އެލަފްޒު ބޭނުންކުރެއްވި ގޮތް ބަލަންޖެހެއެވެ. ފަހެ، ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙައިޟުވެރިންނަށް ޙަދީޘްކުރެއްވިއެވެ.
“دعي الصلاة أيام أقرائك”[6]
މަނާއީ: “أقرائ ގައިވާ ދުވަސްތަކުގައި ނަމާދު ދޫކޮށްލާށެވެ.” (އެބަހީ ޙައިޟުގައިވާ ދުވަސްތަކުގައެވެ.)
އެ ޙަދީޘްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް އެވަނީ ﷲ ގެ ޙަޟްރަތުން އަހަރެމެންނަށް އޭގެމާނަ ބަޔާންކޮށްދީފައެވެ. އަދި އެއީ ޤުރުއާން ބާވާލެއްވިފައިވާ ބަލާޣާތްތެރިކަމެވެ. ފަހެ، ޤުރުއާނުގައިވާ ބަސްފުޅަކާއި ގުޅޭގޮތުން އެބަސްފުޅުގެ މާނަ ދޭހަވާގޮތަށް ޙަދީޘް ބަސްފުޅެއް ވާރިދުވެފައިވާނަމަ، އެހެން ރިވާޔަތަކުން އެހެންގޮތަކަށް ސާބިތު ނުވާހާހިނދަކު، އެ ޙަދީޘް ބަސްފުޅެއްގައިވާގޮތަށް އޭގެ މާނަ ބައިލިގަތުން ވާޖިބުވެގެންވެއެވެ. އަދި އެއީ އެކަމުގައި ކީރިތި ޤުރުރުއާނުގައި ޚިޠާބުކުރެވިފައިވާ ގޮތެވެ. ޤުރުއާނުގައި މިބަހުގެމާނަ އެފަދައިން ދޭހަވާގޮތަށް އެހެން ބަސްފުޅުތައްވެސް އައިއްސައިވެއެވެ. އަދި ޝަރީޢަތް ބާވާލެއްވިފަރާތުން أقرائގެ މާނަ ޙައިޟުގެ ގޮތުގައިބޭނުން ކުރައްވާފައިވުމުން އެއިން އެނގެނީ އެއީ ބަހުގައި އެއައް ބޭނުން ކުރެވޭގޮތްކަމެވެ. ވީމާ އެގޮތަށް ބަލައިގަތުން ވާޖިބުވެގެންވެއެވެ. އަދި އަންނަނިވި އާޔަތުން އެކަން އެނގިގެން ދާނެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެވެ.
“وَلاَ يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ الله في أَرْحَامِهِنَّ”(سورة البقرة:228)
މާނައީ: “އަދި، އެކަނބަލުންގެ رَحِم ތަކުގައި ﷲ އުފައްދަވާފައިވާ އެއްޗެއް ވަންހަނާކުރުން އެކަނބަލުންނަށް ޙަލާލުވެގެން ނުވެނެއެވެ.”
އުންމަތުގެ މުފައްސިރުންގެ އަރިހުގައި އެ އާޔަތުގައި އެވާ ވަންހަނާކުރާ އެއްޗަކީ މާބަނޑުވުމާއި ޙައިޟެވެ. އަދިވެސް އެކަލާނގެ ވަޙިކުރައްވާފައިވެއެވެ.
“واللائي يَئِسْنَ مِنَ المحيض مِن نِّسَآئِكُمْ إِنِ ارتبتم فَعِدَّتُهُنَّ ثَلاَثَةُ أَشْهُرٍ”(الطلاق:4)
މާނައީ: “އަދި ތިޔަބައިމީހުންގެ އަންހެނުންކުރެ حيض ން އުންމީދު ކެނޑިފައިވާ މީހުންނާމެދު (އެބަހީ: عدّة އިން ކެނޑިފައިވާ އަންހެނުންނާމެދު) ތިޔަބައިމީހުން ޝައްކުކުރާނަމަ، ފަހެ، އެކަނބަލުންގެ عدّة އަކީ، އަދި حيض ނުވާ މީހުންގެ عدّة އަކީވެސް ތިންމަސް ދުވަހެވެ.”
މިތަނުގައި އެވާ ކޮންމެ މަސްދުވަހެއްވެސް ކަނޑައެޅިފައި އެވަނީ ޙައިޟުގެ މައްޗަށް ބިނާކޮށެވެ. އަދި އެކަމުގެ ޚުކުމް ބިނާވެފައިވަނީ ޙައިޟަށެވެ. ޠުހުރަކަށް ނޫނެނެވެ. އަދި ވެސް އެހެން އާޔަތެއްގައި ވެއެވެ.
“فَطَلِّقُوهُنَّ لِعِدَّتِهِنَّ” (الطلاق:1)
މާނައީ: “އެކަނބަލުން ޢިއްދާއަށް އިސްތިޤުބާލު ކުރާހިނދު ވަރިކުރާށެވެ.” އަދި އެއީ ޢިއްދާގެ ތެރޭގައި ވަރިކުރާށެކޭނޫނެވެ. އެހެނީ އެއިރުން ޢިއްދާވާނީ ވަރިކުރުމަށްފަހު މުސްތަޤުބަލަށެވެ. ފަހެ މުސްތަޤުބަލަކަށް ވާހުށީ ޙައިޟެވެ. ފަހެ ޠުހުރުކަމުގައިވާނަމަ، ޠުހުރަކަށް އިސްތިޤުބާލެއް ނުކުރާނެއެވެ. ސަބަބަކީ އެއަންހެނާ އެހާލަތުގައިވަނީ ޠުހުރެއްގެ މަތީއެވެ. އެހެންކަމުން ދެން އެނާ އެހާލަތުން ކުރިމަތިލާނީ ޙައިޟަށެވެ.”[7]
=ނުނިމޭ=
____________________________
[1] تفسير الفخر الرازي ج 6 صفحة 94.
[2] مفاتيح الغيب ـ ترقيم الشاملة موافق للمطبوع
[3] زاد المسير في علم التفسير
[4] صحيح أبي داود
[5] سنن أبي داود و تحقيق الألباني:صحيح
[6] صحيح أبي داود
[7] زاد المعاد لابن القيم