17. މިޔުޒިކުގެ ސާމާނު ފާޅުވެ އެކަން (އެބަހީ: މިޔުޒިކު ކުޅުން) ޙަލާލުކޮށްގަތުން.
سَهلُ بن سَعْد ގެ އަރިހުން [ރިވާވެގެން] ވެއެވެ. ﷲގެ ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ((سَيَكُونُ فِي آخِرِ الزَّمَانِ خَسْفٌ، وَقَذْفٌ، وَمَسْخٌ)). قِيلَ: وَمَتَى ذَلِكَ يَا رَسُولَ اللَّهِ؟ قَالَ: ((إِذَا ظَهَرَتِ الْمَعَازِفُ وَالْقَيْنَاتُ))[1] މާނައީ: “ބިންގަނޑު ގަންބަވައި ގަތުމަކާއި ހިލައިގެ ވާރޭ ވެހުމަކާއި ޞޫރަ ބަދަލުކުރެއްވުމެއް ފަހުޒަމާނުގައި ވާނެއެވެ. ދެންނެވުނެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެއީ ކޮންއިރަކުން ތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. މިޔުޒިކުގެ ސާމާނާއި މިޔުޒިކު ކުޅުންތެރިން ފާޅުވުމުންނެވެ.”
ހަމަކަށަވަރުން މިޢަލާމާތުގެ ނުހަނު ބޮޑު މިންވަރެއް އިސްވެދިޔަ ޒަމާންތަކުގައި ވަނީ ހިނގައިގެން ގޮސްފައެވެ. އަދި މިހާރު އެކަން ފެންނަލެއް ގިނައެވެ. ފަހެ މިޒަމާނުގައި މިޔުޒިކުގެ ސަމާނު ފާޅުވެ ވަރަށް ބޮޑަށް ވަނީ އެކަން ފެތުރިފައެވެ. އަދި ލަވަކިޔާ ފިރިހެނުންނާއި އަންހެނުން ވަނީ ގިނަވެފައެވެ. މިޙަދިޘްގައިވާ “الْقَيْنَات” [މިލަފްޒުން] އިޝާރާތްކުރެވިފައި އެވަނީ އެބައިމީހުންނަށެވެ.
އަދި މިއަށްވުރެވެސް ބޮޑުކަމަކީ ގިނަބަޔަކު މިޔުޒިކު ޙަލާލު ކޮށްގަތުމެވެ. އެފަދައިން ކަންކުރާ މީހުންނަށް ޞޫރަބަދަލު ކުރެއްވުމާއި، ހިލައިގެ ވާރޭ ވެއްސެވުމާއި، ބިންގަޑު ގަންބަވައިގަތުމުން އިންޒާރު އައިސްފައި ވެއެވެ. އިސްވެދިއަ ޙަދީޘްގައި ވާގޮތަށެވެ. އަދި صَحِيح البخَاري ގައި ވާފަދައިންނެވެ. އެކަލޭގެފާނު –رحمه الله- ވިދާޅުވިއެވެ. هِشَام بن عَمَّار ވިދާޅުވިއެވެ. صَدَقَة بن خالد ތިމަންމެނަށް ކިޔައިދެއްވިއެވެ. (އެއަށްފަހު ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވަނިކޮށް أَبُو مُوسَى الأشْعَرِي رضي الله عنه އަޑުއެއްސެވި ކަމުގައި ސަނަދުން ގުޅުވިއެވެ.) ((لَيَكُونَنَّ مِنْ أُمَّتِي أَقْوَامٌ يَسْتَحِلُّونَ الحِرَ وَالحَرِيرَ وَالخَمْرَ وَالمَعَازِفَ، وَلَيَنْزِلَنَّ أَقْوَامٌ إِلَى جَنْبِ عَلَمٍ يَرُوحُ عَلَيْهِمْ بِسَارِحَةٍ لَهُمْ، يَأْتِيهِمْ – يَعْنِي: الفَقِيرَ – لِحَاجَةٍ، فَيَقُولُونَ: ارْجِعْ إِلَيْنَا غَدًا، فَيُبَيِّتُهُمُ اللَّهُ، وَيَضَعُ العَلَمَ، وَيَمْسَخُ آخَرِينَ قِرَدَةً وَخَنَازِيرَ إِلَى يَوْمِ القِيَامَةِ))[2] ޙަދީޘްގެ މާނައީ: “ޒިނޭއާއި، ފަށުވިފޭރާމާއި، ރާ އަދި މިޔުޒިކުގެ ސާމާނު ޙަލާލުކުރާނޭ ބަޔަކު ތިމަންކަލޭގެފާނުގެ އުއްމަތުގައި ވާނެތެވެ. އަދި އެބައިމީހުންނާ ކައިރީގައިވާ ފަރުބަދައަކަށް ބަޔަކު މީހުން ފައިބައި އެމީހުންގެ ގާތަށް ދެއެވެ. ކަމަކަށް ބޭނުން ޖެހިފައިވާ ފަޤީރަކު އެމީހުންގެ ގާތަށް އާދެއެވެ. ފަހެ އެމީހުން ބުނެއެވެ. މާދަމާ ތިމަންމެން ގާތަށް އަންނާށެވެ. ދެންފަހެ ﷲ ތަޢާލާ އެބައިމީހުންނަށް ރޭގަނޑުގެ ނިދި ޖައްސަވައެވެ. އަދި ފަރުބަދަ ގަންބަވައި ގެންނަވިއެވެ. އޭގެތެރެއިން އެއްބަޔަކު މަކުނާއި އޫރުގެ ޞިފައަށް ބަދަލުކުރައްވައެވެ. ޤިޔާމަތް ޤާއިމްވެއްޖައުމަށް ދާންދެނެވެ.”
ابنُ حَزَم[3] ޤަބޫލުކުރައްވާ ގޮތުގައި މިޙަދީޘްގެ [ސަނަދުގައި] މެދުކެނޑުމެއް ވެއެވެ. ބުޚާރީ އާއި صَدَقَة بن خالد[4] ދެމެދުގައި ގުޅުމެއް ނެތެވެ. އިބްނު ޙަޒަމްގެ މިބަސްފުޅަށް ރައްދު ދެއްވާ އެބޭފުޅާގެ ބަސްފުޅަކީ ބާޠިލު ބަސްފުޅެއް ކަމުގައި ވިދާޅުވެ ހަ ނުކުތާއެއްގެ މައްޗަށް، العَلاَمَة ابن القَيِّم ރައްދު ދެއްވާފައި ވެއެވެ:[5]
- [އަލްއިމާމު] ބުޚާރީ هِشَام بن عَمَّار އާ ބައްދަލުވެ ވަޑައިގެންކަން ކަށަވަރެވެ. އަދި އެކަލޭގެފާނުގެ އަރިހުން [ޙަދީޘް] އަޑުއެއްސެވިއެވެ. ފަހެ އެކަލޭގެފާނުގެ ކިބައިން ޢަންޢަނާކޮށް (އެބަހީ އެކަކުގެ ކިބައިން އަނެކަކުގެ ކިބައިން) ރިވާކޮށްފައިވާނަމަ އެއީ ގުޅިފައިވާ [ސަނަދެއްކަމުގައި] އިއްތިފާޤު ވެވިފައިވެއެވެ. އެއީ އެއްޒަމާނެއްގައި އުޅެފައި އަދި އަޑުއައްސަވައިފައި ވުމުންނެވެ. ފަހެ އެކަލޭގެފާނު: “ހިޝާމް ދެންނެވި” ކަމުގައި ވިދާޅުވުމުން، އެބަސްފުޅާއި “ހިޝާމުގެ އަރިހުން” ނެވެ ވިދާޅުވުމާ އަޞްލު އެއްވެސް ތަފާތެއް ނުވެއެވެ.
- ވިސްނުންތޫނު ޘިޤާތުންގެ ބޭކަލުން ހިޝާމްގެ އަރިހުން ގުޅިގެންވާ [ސަނަދުން] އެ [ޙަދީޘް] ރިވާކުރައްވާފައި ވެއެވެ. الإسْمَاعِيْلِي އެކަލޭގެފާނުގެ ޞަޙީޙުގައި އޭގެ ސަނަދާއި މަތަނާއެކު ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “ތިމަންނާއަށް ޙަސަނު ޚަބަރު ދެއްވިއެވެ: هِشَام بن عَمَّار ތިމަންކަލޭގެފާނަށް ކިޔައިދެއްވިއެވެ.”
- ހިޝާމްގެ ޙަދީޘް ނޫން ގޮތަކަށްވެސް (އެބަހީ އެނޫން މަގަކުން) ވެސް ޞައްޙަ ވެދާނެއެވެ. ފަހެ الإسْمَاعِيْلِي އާއި عُثْمَان بن أَبِي شَيْبة އެހެން ދެސަނަދަކުން أَبُو أَبُو مُوسَى الأشْعَرِي رضي الله عنه ގެ އަރިހުން އެޙަދީޘް ރިވާކުރައްވާފައި ވެއެވެ.
- ބުޚާރީ، ހިޝާމް އާ ބައްދަލުވެ ވަޑައިގެންފައި ނުވާނަމަ އަދި އެކަލޭގެފާނުގެ އަރިހުން އަޑު އައްސަވާފައިވެސް ނުވާނަމަ، ފަހެ އެކަލޭގެފާނުގެ ޞަޙީޙަށް މިޙަދީޘް ލައްވަވައި ޞައްޙަކަމުގައި ޔަޤީން ކުރައްވާފައި ވުމުން ދަލީލުކޮށްދެނީ ހިޝާމުގެ ފަރާތުން އެކަލޭގެފާނުގެ އަރިހުގައި އެޙަދީޘް ޘާބިތުވެފައިވާ ކަމެވެ. އަދި ހިޝާމްއާއި އެކަލޭގެފާނާ ދެމެދުގައިވާ މެދުވެރިން ޛިކުރު ކުރައްވާފައި ނުވާ އެއްގޮތަކީ އެބައެއްގެ މަޝްހޫރުކަމުން ނުވަތަ އަނެއްގޮތަކީ އެބައިމީހުންގެ ޢަދަދު ގިނަވުމެވެ. ފަހެ ހިޝާމްގެ އަރިހުން އެބައިމީހުންނީ އެންމެނަށް އެނގޭ މަޝްހޫރު ބައެކެވެ.
- ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި “މިވެނި މީހަކު ވިދާޅުވިއެވެ” ނަންގަނެފައި ވާނަމަ ފަހެ އޭގެ މުރާދަކީ އެކަލޭގެފާނުގެ އަރިހުގައި އެޞައްޙަކަމެވެ.
- ބުޚާރީ މިޙަދީޘް ޛިކުރު ކުރައްވާފައިވަނީ މިއިން ޙުއްޖަތް ޤާއިމް ކުރެއްވުމަށެވެ. އެއިން އެކަލޭގެފާނުގެ ޞަޙީޙަށް އަޞްލެއް ވެއްދެވުމަށްޓަކައެވެ. އެއިން ހެކި ޤާއިމްކުރެއްވުމަށްޓަކައެއް ނޫނެވެ.
ދެންފަހެއް ޙަދީޘްގެ ޞައްޙަކަމާމެދު އެއްވެސް ޝައްކެއް ނުވެއެވެ.
ابن الصَّلاح[6] ވިދާޅުވެފައި ވެއެވެ. [އެބަސްފުޅުގެ މާނައީ:] “أَبُوْ عَامِر ނުވަތަ أَبُوْ مَالِك ގެ އަރިހުން ބުޚާރީ ގެންނަވާފައިވާ ޙަދީޘް (އަދި ޙަދީޘް ޛިކުރު ކުރެއްވިއެވެ.) ރައްދު ކުރުމަށް أَبْو مُحَمد بن حَزَم الظَّاهِرِي الحَافِظ ގެ ބަސްފުޅަށް ބެލުމެއް ނުވެއެވެ.”
އެއަށްފަހު ވިދާޅުވިއެވެ. [ބަސްފުޅުގެ މާނައީ:] “މިޙަދީޘް ޞައްޙައެވެ. އަދި ޞަޙީޙުގެ ޝަރުޠުތަކުން [ސަނަދުގެ] ގުޅުން ބަޔާންވެގެން ވެއެވެ. އަދި ބުޚާރީ –رحمه الله- އެފަދައިން ކަންކުރައްވާފައި ވަނީ އެޙަދީޘްގައި އުނިވެފައިވާ ފަރާތް ޘިޤާތުންގެ ފަރާތުން އެނގި ބަޔާންވެގެންވާތީއެވެ. އަދި އެކަލޭގެފާނުގެ ފޮތުގެ އެހެން ތަނެއްގައި އެޙަދީޘްގެ ސަނަދު ގުޅިގެންވާ ގޮތަށް ޛިކުރު ކުރެއްވުމަށްޓަކައި ވެސް އެގޮތަށް ކަންތައް ކުރައްވާފަނެއެވެ. އަދި މެދުކެނޑުމުގެ ހުސްކަމެއް އެކުލެވިގެން ނުވާނެފަދަ މިނޫން އެހެން ސަބަބަކާ ހުރެވެސް އެފަދައިން ކަންތައް ކުރައްވަފާނެތެވެ. والله أعلم.”
މިޙަދީޘްގައި ވާހަކަ ދިގުކުރަން މިޖެހުނީ މީސްތަކުންކުރެ ބަޔަކު އިބްނު ޙަޒަމްގެ މިބަހަށް ބަރޯސާވާތީއެވެ. އަދި މިޔުޒިކުގެ ސާމާނު ހުއްދަ ކަމުގައި އެއިން ޙުއްޖަތް ދައްކައެވެ. ދެންފަހެ އެކަމުގައި ހުރި ނަހީގެ ޞައްޙަކަން މިކަމާބެހޭގޮތުން ވާރިދުވެފައިވާ ޙަދީޘްތަކުން އެނގި ބަޔާންވެގެން ދެއެވެ. އަދި ހަމަކަށަވަރުން މިޔުޒިކުގެ ސާމާނު ފާޅުވެ ފާފަތަކަށް އަރައިގަންނަ ހަމައިން އުއްމަތަށް ޢުޤޫބާތުގެ ބިރުވެރިކަން ހުއްޓެވެ.
=ނުނިމޭ=
__________________________________________
[1] روى ابن ماجه في ((سننه)) طرفا من أوله (2 / 1350)، تحقيق محمد فؤاد عبد الباقي.
وقال الهيثمي: ((رواه الطبراني، وفيه عبد الله بن أبي الزناد، وفيه ضعف، وبقية رجال إحدى الطريقين رجال الصحيحين)). ((مجمع الزوائد)) (8 / 10).
وقال الألباني: ((صحيح)) ބައްލަވާ: ((صحيح الجامع الصغير)) (3 / 216) (ح 3559).
[2] ((صحيح البخاري))، كتاب الأشربة، باب ماجاء فيمن يستحل الخمر ويسميه بغير اسمه، (10 / 51 – مع الفتح).
[3] އެއީ العَلاَمة الحَافِظ أَبُو مُحَمّد عَلِي بن أَحْمَد بن سَعِيد بن حَزَم الأَنْدلُسِي القرطُبي އެވެ. ހިމެނިވަޑައިގަންނަވަނީ ޡާހިޜި މަޛްހަބުގެ ބޭކަލުންގެ ތެރޭގައެވެ. އަދި އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ އުޞޫލާއި ޞިފަފުޅުތަކުގެ އާޔަތްތަކާއި އެކަމާބެހޭ ޙަދިޘްތައް ގަދަޔަށް ތައުވީލުކުރައްވާ މީހުންގެ ތެރެއިންނެވެ. މަޛްހަބުތަކާއި މިއްލަތްތަކާއި ޢަޤީދާ އަދި ފިޤުހާއި އޭގެ ޤަވާއިދުތަކާއި އަދި ސިޔަރަތާއި ޚަބަރުތަކާ ބެހޭ ގިނަ ފޮތްތަކެއް ލިޔުއްވާފައި ވެއެވެ. އަވަހާރަވެ ވަޑައިގެންނެވީ ހިޖުރައިން 456 ގައެވެ. މާތް ﷲ އެކަލޭގެފާނަށް ރަޙްމަތް ލައްވާށިއެވެ.
ބައްލަވާ: ترجمة في: ((البداية والنهاية)) (12 / 91 ، 92) لابن كثير، و ((شذرات الذهب في أخبار من ذهب)) (3 / 229 ، 300).
[4] ބައްލަވާ: ((المحلى)) لابن حزم (9 / 59) بتحقيق أحمد شاكر، منشورات المكتب التجاري للطباعة والنشر، بيروت.
[5] ބައްލަވާ: ((تهذيب السنن)) (5 / 270 – 272).
[6] އެއީ الإِمَامُ المُحَدِّث الحَافِظ أَبُوْ عَمْرُو عُثْمَان بن عَبْد الرَّحمن الشهرزوري އެވެ. ދަނެއުޅެނީ ابن الصَّلاح ގެ ނަމުންނެވެ. ސަލަފުއްޞާލިޙުންގެ މަގުގައި ހުންނެވި ދީންވެރި ޒުހުދުވެރި ވަރަޢަވެރި އަޅުވެރި ބޭކަލެއްކަމުގައި އެކަލޭގެފާނު ވިއެވެ. ޙަދީޘް ޢިލްމުގައާއި ފިޤްހު ޢިލްމުގައި އެކަލޭގެފާނު އެތައް ފޮތެއް ލިޔުއްވާފައި ވެއެވެ. ދިމިޝްޤުގެ ދާރުލް ޙަދީޘްގައި އުނގަންނައި ދެއްވުމަށް އެކަލޭގެފާނު އުޅުވިމެއެވެ. އަވަހާރަވެ ވަޑައިގެންނެވީ ހިޖުރީ ސަނަތުން 643 ގައެވެ. މާތް ﷲ އެކަލޭގެފާނަށް ރަޙުމަތް ލައްވާށިއެވެ.
ބައްލަވާ: ((البداية والنهاية)) (13 / 168) و ((شذرات الذهب)) (5 / 221 ، 222).