ޒަކާތް ވާޖިބުވުމުގައި ބުއްދިސަލާމަތުންހުރުމާއި، ބާލިޣުވުން ޝަރުޠުވެގެންވޭ ހެއްޔެވެ؟
ޒަކާތް ވާޖިބުވުމުގައި ބުއްދިސަލާމަތުންހުރުމާއި، ބާލިޣުވުން ޝަރުޠުވެގެން ނުވެއެވެ. މިއީ މާލިކީ،(1) އަދި ޝާފިޢީ،(2) އަދި ޙަންބަލީ(3) މަޛްހަބުގެ ޢިލްމުވެރިންކުރެ ގިނަ ޢިލްމުވެރިންގެ ރައުޔެވެ. އަދި އިބްނު ޙަޒްމުވެސް(4) އިޚްތިޔާރުކުރައްވާފައި ވަނީ މިގޮތެވެ.
ދަލީލުތައް
ފުރަތަމައީ؛ ޤުރުއާނުން
ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِم بِهَا)) (التوبة: 103) މާނައީ: “އޭގެސަބަބުން ކަލޭގެފާނު އެބައިމީހުން ޠާހިރުކުރައްވާނޭ، އަދި އެބައިމީހުންގެ ހެޔޮކަން އިތުރުކޮށްދެއްވާނޭ ޞަދަޤާތެއް، އެބައިމީހުންގެ މުދަލުން ކަލޭގެފާނު ނަންގަވާށެވެ!”
ދަލީލުނެގޭ ގޮތް:
ވަޙީގައިވާ ((أَمْوَالِهِمْ)) އެބަހީ؛ “އެބައިމީހުންގެ މުދަލުން” މި ކަލިމާގައި މިވާ ބަދަލުނަމުގެ ތެރޭގައި ކުޑަކުދިންނާއި، ބޮޑެތިމީހުންނާއި، މޮޔައިންނާއި، ބުއްދިހަމަޖެހޭމީހުން ޝާމިލުވެގެންވެއެވެ.
ދެވަނައީ؛ ސުންނަތުން
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ ކިބައިން ރިވާވެފައިވެއެވެ. މުޢާޛު ބުން ޖަބަލް ރަޟިޔަﷲ ޢަންހު ޔަމަނަށް ފޮނުއްވަވަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((فَأَعْلِمْهُمْ أَنَّ اللَّهَ افْتَرَضَ عَلَيْهِمْ صَدَقَةً فِي أَمْوَالِهِمْ تُؤْخَذُ مِنْ أَغْنِيَائِهِمْ فَتُرَدُّ عَلَى فُقَرَائِهِمْ))(5) މާނައީ: “ފަހެ، އެބައިމީހުންގެ މައްޗަށް ﷲ ޒަކާތް ފަރުޟު ކުރެއްވިކަން އަންގަވާށެވެ. އެ ޒަކާތް ނެގޭނީ އެބައިމީހުންގެ ތެރެއިން މުއްސަނދިންގެ އަތުންނެވެ. އަދި އެ ޒަކާތް ދެވޭނީ އެބައިމީހުންގެ ތެރެއިންވާ ފަޤީރުންނަށެވެ.”
ދަލީލުނެގޭ ގޮތް:
ޙަދީޘްގައިވާ ((أَمْوَالِهِمْ)) އެބަހީ؛ “އެބައިމީހުންގެ މުދަލުން” އަދި ((أَغْنِيَائِهِمْ)) އެބަހީ؛ “އެބައިމީހުންގެ ތެރެއިން މުއްސަނދިން” މި ކަލިމަތަކުގައިވާ މިވާ ބަދަލުނަމުގެ ތެރެއަށް ކުޑަކުދިންނާއި، ބޮޑެތިމީހުންނާއި، ބުއްދިހަމަޖެހޭމީހުންނާއި، މޮޔައިން ވަންނާނެއެވެ.
ތިންވަނައީ؛ ޞަޙާބީބޭކަލުންގެ އަޘަރުން
އަލްޤާސިމު ބުން މުޙައްމަދު ވިދާޅުވިއެވެ. ((كَانَتْ عَائِشَةُ تَلِينِي أَنَا وَأَخًا لِي يَتِيمَيْنِ فِي حِجْرِهَا، فَكَانَتْ تُخْرِجُ مِنْ أَمْوَالِنَا الزَّكَاةَ))(6) މާނައީ: “ތިމަންނައާއި ތިމަންގެ އަޚަކަށް ޢާއިޝަތުގެފާނު، އެކަމަނާގެ ގެކޮޅުގައި ހެޔޮކޮށް ހިތްތެވިއެވެ. އޭރު ތިމަންމެންނަކީ ޔަތީމުންނެވެ. ފަހެ، އެކަމަނާ ތިމަންމެންގެ މުދާތަކުން ޒަކާތް ނެރުއްވާކަމުގައިވިއެވެ.”
ހަތަރުވަނައީ؛ ޒަކާތަކީ ފަޤީރުންނަށް ޒަކާތްދީ، އެބައިމީހުންނަށް އެހީތެރިވެދޭމީހުންނަށް ޘަވާބުލިބޭކަމެކެވެ. ކުޑަކުދިންނާއި، މޮޔައިންނަކީ ޘަވާބު ލިބޭ އަދި އެހީތެރިކަންވެދެވޭނެމީހުންގެ ތެރެއިންވާ ބައެކެވެ. މި ސަބަބާހުރެ، (މާލީގޮތުން ކުޅަދާނަކަންހުރިނަމަ) އެ ދެބައިމީހުންގެ މައްޗަށް ގާތްތިމާގެ މީހުންނަށް ޚަރަދުކުރުން ވާޖިބުވެގެންވެއެވެ. އަދި އެ ދެބައިމީހުންގެ ބައްޕައެއް އަޅަކު ކަމުގައިވެއްޖެނަމަ މިނިވަންކުރުން ވާޖިބުވެގެންވެއެވެ. ފަހެ، (މި މޭރުމުން) އެ ދެބައިމީހުންގެ މުދަލުން ޒަކާތް ވާޖިބުވެގެންވެއެވެ.(7)
ފަސްވަނައީ؛ އެ ދެބައިމީހުންގެ މުދަލުން ޚަރަދުބަރަދުކުރުމާއި، ޖޫރިމަނާ ދެއްކުމާ ޤިޔާސްކުރެވެއެވެ.(8)
ހަވަނައީ؛ ޒަކާތަކީ މުއްސަދިންގެ މުދާތަކުގެ ތެރޭގައިވާ ފަޤީރުންގެ ޙައްޤެކެވެ. އެހެންކަމުން، އެ ޒަކާތް އަދާކުރުން ވާޖިބުވުމުގައި މުކައްލިފުންނާއި، މުކައްލިފު ނޫންމީހުން ހަމަހަމަވެގެންވެއެވެ.(9)
ޒަކާތްވާޖިބުވާ މުދަލުގެ ބާވަތްތައް
ޒަކާތްނެރުން ވާޖިބުވެގެންވަނީ ފަސް ބާވަތެއްގެ މުދަލުންނެވެ. އެއީ؛
* ރަންރިހި
* މަޢުދަނާއި ރިކާޒު
* ވިޔަފާރިމުދާ
* ދަނޑުގޮވާން
* ނަޢަމްސޫފި
މި މުދާތަކުން ޒަކާތްދިނުމުގެ ތަފްޞީލު އަދިފަހުން އަންނަހުއްޓެވެ.
_____________________
(1) ((الكافي في فقه أهل المدينة)) لابن عبد البر (1/284)، ((حاشية الصاوي على الشرح الصغير)) لأحمد بن محمد الخلوتي (1/589).
(2) ((تحفة المحتاج في شرح المنهاج)) لابن حجر الهيتمي (3/330)، ((نهاية المحتاج إلى شرح المنهاج)) للرملي (3/128).
(3) ((المغني)) لابن قدامة (2/464، 465)، ((شرح الزركشي على مختصر الخرقي)) للزركشي (2/412).
(4) އިބްނު ޙަޒްމު ވިދާޅުވިއެވެ. “އަދި ޒަކާތަކީ ފިރިހެނުންނާއި، އަންހެނުންނާއި، އެބައިމީހުންގެ ތެރެއިންވާ މިނިވަނުންނާއި، މިނިވަންވެފައިވާ މީހުންނާއި، އަޅުން ފިރިހެނުންނާއި، އަޅު އަންހެނުންނާއި، ބޮޑެތިމީހުންނާއި، ކުޑަކުދިންނާއި، ބުއްދިސަލާމަތުންހުރިމީހުންނާއި، މުސްލިމުންގެ ތެރެއިންވާ މޮޔައިންގެ މައްޗަށްވާ ފަރުޟެކެވެ. އަދި ކާފަރެއްގެ އަތުން (ޒަކާތެއް) ނުނެގޭނެއެވެ. ((المحلى)) (4/3) رقم (638).
(5) رواه البخاري (1395)، ومسلم (19).
(6) رواه مالك في ((الموطأ)) (2/353)، والبيهقي (4/108) (7595). قال ابن حجر في ((التلخيص)) (735): رُوي من طرق عن عليِّ بن أبي طالب، وهو مشهور عنه.
(7) ((المجموع)) للنووي (5/329)، ((نهاية المحتاج)) للرملي (3/128).
(8) ((نهاية المحتاج)) للرملي (3/128)، ((المجموع)) للنووي (5/330).
(9) ((الشرح الممتع)) لابن عثيمين (6/23)، ((نهاية المحتاج)) للرملي (3/128)، ((مغني المحتاج)) للشربيني (1/409).
________________________