ތިންވަނަ ޙުކުމް
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. “وَلاَ يَحِلُّ لَهُنَّ أَن يَكْتُمْنَ مَا خَلَقَ الله في أَرْحَامِهِنَّ “ (سورة البقرة:228) މާނައީ: “އަދި، އެކަނބަލުންގެ رَحِم ތަކުގައި اللَّه ޚަލްޤުކުރައްވާފައިވާ އެއްޗެއް ވަންހަނާކުރުން އެކަނބަލުންނަށް ޙަލާލުވެގެން ނުވެއެވެ.” މި އާޔަތުގައި ބަޔާންކުރައްވާފައިވާ رَحِم ތަކުގައި اللَّه ޚަލްޤުކުރައްވާފައިވާ އެއްޗަކީ ކޮބާ؟
މި އާޔަތުގައި އެވާ ﷲ ޚަލްޤު ކުރައްވާފައިވާ އެއްޗަކާމެދު މުފައްސިރުންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ.
އެގޮތުން ބައެއް މުފައްސިރުން ވިދާޅުވެއެވެ. މި އާޔަތުގައި މިވާ ﷲ ޚަލްޤު ކުރައްވާފައިވާ އެއްޗަކީ ބަނޑުގައިވާ ދަރިފުޅެވެ. ނުވަތަ މާބަނޑުވުމެވެ. އެއީ ޢުމަރުގެފާނާއި، އިބްނު ޢައްބާސްއާއި މުޖާހިދުގެ ބަހެވެ.
އަނެއްބައި ބޭފުޅުން ވިދާޅުވަނީ އޭގެ މުރާދަކީ ޙައިޟުކަމަށެވެ. އެއީ ޢިކުރަމާއާއި النخعيއާއި الزهري ގެ ބަހެވެ.
އަދި އެހެން ބޭފުޅުން ވިދާޅުވެއެވެ. އޭގެ މުރާދަކީ މާބަނޑުވުމާއި އަދި ޙައިޟުވުމެވެ. މިއީ އިބުނު ޢުމަރުގެ ބަހެވެ. އަދި އިބްނު ޢަރަބީ އިޚްތިޔާރު ކުރައްވާފައިވާ ބަހެވެ.
އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.
“އެންމެ ޞައްޙަވެގެންވަނީ މާބަނޑުވުމާއި އަދި ޙައިޟުކަމަށް ބުނާ ބަހެވެ. އެހެނީ ހަމަކަށަވަރުން ﷲ ތަޢާލާ އެކަނބަލުންނަށް، އެކަނބަލުންގެ ރަޙިމުގެ މައްޗަށް ތެދުވެރިވެ އަމާނާތްތެރިވުން ލައްވާފައިވެއެވެ. އެކަމުގައި ޤަބޫލުކުރެވިގެންވަނީ އެކަނބުލޭގެ ބަހެވެ. އެކަމުގައި އެކަނބުލޭގެ ޚަބަރުދެއްވައިފިނަމަ މެނުވީ އެކަމެއް ނޭނގޭނެއެވެ. އަދި އެކަނބަލުންގެ ބަހުގެ މައްޗަށް ރަޙިމުގެ ހުސްކަން ސާބިތުކުރުމާމެދު އުންމަތުގެ މެދަކު ޚިލާފެއްނެތެވެ. އަދި އެނޫންގޮތަކަށް އެކަމެއް ސާބިތެއްނުވާނެއެވެ.”[1]
=ނުނިމޭ=
____________________________
[1] أحكام القرآن لابن العربي