ދެން ވަޙީކުރެއްވިއެވެ.
﴿ أَرَأَيْتَ الَّذِى يَنْهَى * عَبْداً إِذَا صَلَّى ﴾
މާނައީ: “އަޅަކު ނަމާދުކޮށްފި ހިނދު، އެކަން ނަހީކޮށް، މަނާކުރާ މީހާ ތިބާ ދުށީމުހެއްޔެވެ.”
އެބަހީ: އެފަދަ މީހެއްގެ ޙާލުފެނި ކަލޭގެފާނު އަޖައިބުވެވަޑައިނުގަންނަވާތޯއެވެ. މިއާޔަތުގައި ނަހީކުރާފަރާތަކާ ނަހީކުރެވޭ ފަރާތެއްވެއެވެ. ފަހެ ނަހީކުރަނީ ޤުރައިޝުންގެ ޠާޣޫތުކަމުގައިވާ އަބޫ ޖަހުލެވެ. ޤުރައިޝުން އޭނާއަށް ކިޔައި އުޅުނީ އަބުލް ޙަކަމްއެވެ. އެހެނީ މައްސަލަތަކުގައި ޙުކުމްކުރަން އޭނާގެ ގާތަށް އެމީހުން ދާތީއެވެ. އޭނާގެ ގާތަށް އެފަދައިން މީސްތަކުން ދާތީވެ އޭނާގެ އަމިއްލަ ނަފްސު އޭނާއަށް ފެނުނީއެވެ. އަދި އިސްލާމްދީނާ ދެކޮޅުވެރިވެ މަރުވެގެން ދިޔައީވެސް އެގޮތުގައެވެ. މިއީ އެންމެންވެސް ރަނގަޅަށް ދަންނަ ކަމެކެވެ. މިމީހާއަށް ނަބިއްޔާ صلى الله عليه وسلم ދެއްވި ނަމަކީ އަބޫ ޖަހުލެވެ. އެއީ އޭނާގެ ޤައުމުގެ މީހުން އޭނާއަށް ކިޔައިއުޅުނު ނަމުގެ އިދިކޮޅު ނަމެވެ. [1]
އަދި ނަހީކުރެވުނު ފަރާތާމެދު ދަންނައެވެ. އެއީ صلى الله عليه وعلى آله وسلم މުޙައްމަދު އެވެ. އަދި މިއާޔަތުގައިވާ “އަޅަކު” ގެ މުރާދަކީ އެއީއެވެ.
އަބޫ ޖަހުލުގާތު ބުނެވުނެވެ. ހަމަކަށަވަރުން މުޙައްމަދު ކަޢުބާގެ ކައިރީގައި މީސްތަކުންގެ ކުރިމަތީގައި ނަމާދު އެބަ ކުރެއެވެ. އެކަލޭގެފާނު މީސްތަކުން ފިތުނަވެރިކޮށް އެމީހުންގެ އިލާހުންތަކާއި ބުދުތަކާ ދުރުކޮށް ހުރަސްއަޅަނީއެވެ. ފަހެ އެކަލޭގެފާނު ސަޖިދައިގައި އޮންނަވަނިކޮށް އެކަލޭގެފާނު ހުރަސްކޮށްފައި އޭނާ ދިޔައެވެ. އަދި އެފަދައިން ޢަމަލުކުރުން އެކަލޭގެފާނަށް ނަހީކުރަމުން ބުންޏެވެ. މިކަން ނުކުރާށޭ ކަލޭގެފާނުގެ ގާތުގައި ބުނުމުންވެސް މިކަން ތިކުރަނީ ކީއްވެ ހެއްޔެވެ؟ ފަހެ އޭނާއަށް އިންކާރުކުރުމަށްފަހު ނަބިއްޔާ صلى الله عليه وسلم އެނބުރި ވަޑައިގަތެވެ.
އަނެއްކާވެސް މުޙައްމަދު صلى الله عليه وسلم ނަމާދުކުރައްވާ ކަމުގައި އަބޫ ޖަހުލުގެ ކައިރި ބުނެވިއްޖެއެވެ. ފަހެ، އޭނާ ބުންޏެވެ. ﷲ ގަންދީ ބުނަމެވެ. އަހަންނަށް އެކަލޭގެފާނު ފެނިއްޖެއްޔާ އެކަލޭގެފާނުގެ ކަރަށް ފައިން އަރާނަމެވެ. އަދި އެކަލޭގެފާނުގެ މޫނުފުޅަށް ފެލި ޖަހާނަމެވެ. ދެންފަހެ އެއްދުވަހެއްގައި ކަޢުބާގެ ކައިރީގައި އެކަލޭގެފާނު ސަޖިދައިގައި އޮންނަވަނިކޮށް ފެނިގެން އޭނާ އަތުވެއްޖެއެވެ. އަދި އޭނާކޮށްފައިވާ ހުވަޔާ އެއްގޮތަށް ކަންތައް ކުރަން ބޭނުންވެއްޖެއެވެ. އެކަލޭގެފާނުގެ އަރިހަށް އައިއިރު އޭނާއަށް ފެނުނީ އޭނާއާ އެކަލޭގެފާނުގެ ދެމެދުގައި އަލިފާނުގެ ވަޅުގަނޑެކެވެ. އަދި ބިރުވެރި މަންޒަރުތަކެއް އޭނާއަށް ފެނުނެވެ. ފަހެ، އެނބުރި ފަސްދީފާ އޭނާ ދިޔައީއެވެ. އަދި ﷲ ގެ ރަސޫލާ صلى الله عليه وسلم އަށް އެއްވެސް ގޯނާއެއް ކުރުމަށް އޭނާ ނުކުޅެދުނެވެ.[2]
މީހަކު ނަމާދުކުރަނިކޮށް އޭނާ ހުއްޓުވާ މީހެއްގެ ޙާލާމެދު ޙައިރާންވެއެވެ. އޭނާ އެހެން އެހަދަނީ ކީއްވެ ހެއްޔެވެ؟ އެހެންކަމުން މިއާޔަތްތަކުގެ އެންމެ ފަހު އާޔަތުގައި އައިސްފައިވެއެވެ.
﴿ أَلَمْ يَعْلَم بِأَنَّ اللَّهَ يَرَى ﴾
މާނައީ: “ހަމަކަށަވަރުން، ﷲ ދެކެވޮޑިގެންވާކަން އޭނާ ނުދަންނަނީ ހެއްޔެވެ.”
ހަމަކަށަވަރުން އެފަދަ މީހަކަށް އެއިލާހު ޖަޒާދެއްވާނެއެވެ.
= ނުނިމޭ =
______________________________
މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން رحمه الله ލިޔުއްވާފައިވާ سورة العلق ގެ ތަފްސީރުގެ ތަރުޖަމާއެވެ.
މިލިޔުމުގެ އެހެނިހެން ބައިތައް
[1] أخرجه البخاري كتاب المغازي باب قتل أبي جهل (3962) ومسلم كتاب الجهاد باب قتل ابي جهل (1800) (18)
[2] أخرجه مسلم كتاب صفات المنافقين باب قوله:) إِنَّ الْأِنْسَانَ لَيَطْغَى* أَنْ رَآهُ اسْتَغْنَى) (2797) (38) .