ހަމައެފަދައިން ޞަޙާބީންގެ ތެރެއިން އަންހެން ބޭކަނބަލުންގެ ޢާދައަކަށްވެފައިވަނީ ދެމަފިރިންނާ ގުޅުންހުރި ކަންކަމުގެ ސުވާލު ނަބިއްޔާ صلى الله عليه وسلم ގެ އަނބިއަނބިކަނބަލުންނާ ކުރެއްވުމެވެ. އެކަނބަލުންނަކީ އެކަން އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާނެ ބޭކަނބަލުންނެވެ.
އަދި ދީނުގެ ކަންކަން އޮޅުންފިލުއްވުމަށްވެސް އެކަނބަލުންގެ އަރިހަށް ޞަޙާބީންގެ ތެރެއިން އަންހެން ބޭކަނބަލުން ވަޑައިގަންނަވައެވެ. ބައެއް ފަހަރު އެ ބޭކަނބަލުން ސީދާ، ﷲގެ ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި އެކަނބަލުންގެ ކަންކަމާ ގުޅޭގޮތުން ސުވާލު ދަންނަވައެވެ. ފަހެ، އެކަމުގެ ޝަރުޢީ ޙުކުމް ޞަރީޙަކޮށް ބަޔާންކުރެއްވުމުގައި ނަބިއްޔާ صلى الله عليه وسلم އަށް ހުރަހެއްވާނަމަ އެކަލޭގެފާނުގެ އަނބިކަނބަލުންކުރެ ބޭކަނބަލެއްގެ އަރިހުގައި އެކަން ބަޔާންކޮށްދެއްވުމަށް އަމުރުކުރައްވައެވެ. އެއީ ޙައިޟުން ޠާރިހުވުމާ ބެހޭގޮތުން ޢާއިޝާ – رضي الله عنها- ގެ އަރިހުން އައިސްފައިވާ ޙަދީޘްފަދައިންނެވެ. [1]
އެންމެ ހެޔޮ ޤަރުނުގައި ނަބިއްޔާ صلى الله عليه وسلم ގެ ދުވަސްވަރުގައި ސުންނަތަށް އަހަންމިއްޔަތު ދެވިފައިވަނީ މިފަދައިންނެވެ. އެގޮތުން އެކަލޭގެފާނުގެ ފުށުން ފުރިހަމައަށް ނަމޫނާ ލިބިގަތުމާއި އަމުރުފުޅުކުރައްވާ ނަހީކުރެވޭ ގޮތަށް ކުރިޔަށް ވަޑައިގަތުމާއި އެކަލޭގެފާނު ޙުކުމްފުޅަށް ފުރިހަމައަށް ބޯލެނބުމާއި އެކަލޭގެފާނުގެ ހިދާޔަތުގައި ގަދަޔަށް ހިފެހެއްޓުމާ އަދި އެކަލޭގެފާނުގެ ސުންނަތް އުނގެނުމުގައި ނުހަނު ޝައުޤުވެރިކަން ފެނިފައިވެއެވެ.
ނަބިއްޔާ صلى الله عليه وسلم އަވަހާރަވުމަށްފަހު ދަންނައެވެ. އިސްވެ ބަޔާންވެ ދިޔަ ކަންތައްތަކުގެ އިތުރަށް އެބޭކަލުންވަނީ އެހެން ގޮތްގޮތުންވެސް އެކަލޭގެފާނުގެ ސުންނަތަށް އަހަންމިއްޔަތުކަންދެއްވައި، ރައްކާތެރިކުރެއްވުމަށް މަސައްކަތްކުރައްވާފައެވެ. އެގޮތުން އެ ދަސްކުރެއްވުމާއި އެޘާބިތުކުރެއްވުމުގައި ސުވާލުކުރެއްވުން ހިމެނެއެވެ. އެގޮތުން ރައްކާކުރެވިފައިވާ އެންމެ ޙަދީޘްއަކީ ޘާބިތު ޙަދީޘްއެއްތޯ ޔަޤީންކުރެއްވުމަށްޓަކާ އެއްމަސް ދުވަހުގެ ރާސްތާ އެބޭކަލުން ދަތުރުކުރައްވާފައިވެއެވެ. އަދި ފަތްފުށްތަކުގައި ޙަދީޘްތައް ލިޔެ އެބޭކަލުންވަނީ މީސްތަކުންގެ މެދުގައި އެ ފަތުރާފައެވެ. އަދި ސުންނަތް ރައްކާތެރިކުރެއްވުމަށްޓަކައި މިނޫންކަންކަންވެސް ކުރައްވާފައިވެއެވެ.
= ނުނިމޭ =
______________________
[1] رواه البخاري في كتاب الحيض – باب دلك المرأة نفسها إذا تطهَّرت من الحيض فتح ۱ / ٤۱٤ ح ۳۱٤.