[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

އިޖުތިހާދާއި ތަޤުލީދާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 5

الـمُجْتَهِدُ مُكَلَّفٌ بِمَا أّدَّاهُ إِلَيْهِ اِجْتِهَادُه

މި ޤަވާޢިދުގެ ތަރުޖަމާ: {މުޖުތަހިދު ޢިލްމުވެރިޔާގެ އިޖުތިހާދުން ވާޞިލުވެވުނު ގޮތް އޭނާއަށް ތަކުލީފުޖެއްސެވިގެންވޭ}

މި ޤަވާޢިދުގެ މުރާދު: އިޖުތިހާދުގެ ޝަރުޠުތައް ފުރިހަމަވެ، އިޖުތިހާދުކުރުމުގެ އަހުލުވެރިޔަކަށްވެފައިވާ މުޖުތަހިދު ޢިލްމުވެރިޔާ ކުރެއްވި އިޖުތިހާދުން އެ ބޭފުޅާއަށް ވާޞިލުވެވުނު ރައުޔަށް ޢަމަލުކުރުން އެ ބޭފުޅާއަށް ލާޒިމުވެގެންވެއެވެ. އެ ބޭފުޅާގެ އިޖުތިހާދުން ނިންމެވުނު ގޮތް ނޫން އެހެން ގޮތަކަށް ޙުކުމްކުރުން އެ ބޭފުޅާއަށް އެއްވެސް ހާލަތެއްގައި ހުއްދަވެގެން ނުވެއެވެ. އަދި ތިމާގެ ރައުޔު ދޫކޮށް، އެހެން މުޖުތަހިދަކަށް ތަބާވެ، އެ މުޖުތަހިދުގެ ރައުޔަށް ޙުކުމްކުރުން މުޖުތަހިދު ޢިލްމުވެރިޔާގެ މައްޗަށް ޙަރާމްވެގެންވެއެވެ. އެހެންނަމަވެސް، މުޖުތަހިދު ޢިލްމުވެރިޔަކު އެ ބޭފުޅާފަދަ އެހެން މުޖުތަހިދު ޢިލްމުވެރިޔަކަށް ތަޤުލީދުކުރުމުގެ މައްސަލައިގައި އިތުރު ތަފްޞީލުތަކެއް ވެއެވެ. އަދި މި ކަމާ ގުޅޭ ބައެއް ތަފްޞީލުތައް މީގެ ކުރިން ޛިކުރުކުރެވުނު ޤަވާޢިދުގައި ބަޔާންވެފައިވާނެއެވެ.

ދެން ފަހެ، ޢިރާޤުގެ ބައެއް ޢިލްމުވެރިންގެ އަރިހުގައި، އެހެން މުޖުތަހިދު ޢިލްމުވެރިޔަކަށް ޚާއްޞަވެގެންވާ ކަމެއްގައި އެ ބޭފުޅާގެ އިޖުތިހާދުގެ މައްޗަށް ބިނާކޮށް މުޖުތަހިދު ޢިލްމުވެރިޔަކު ޙުކުމްކުރުން ހުއްދަވެގެންވެއެވެ.

އަދި އެ ކަމަކަށް ކަނޑައެޅިފައިވާ ވަޤުތު ފާއިތުވަމުންދިޔުމުގެ ސަބަބުން، އަމިއްލައަށް އިޖުތިހާދުކުރަން ވަޤުތުނެތިއްޖެނަމަ، އެހެން މުޖުތަހިދު ޢިލްމުވެރިޔެއްގެ ރައުޔުގައި މުޖުތަހިދު ޢިލްމުވެރިޔާއަށް ހިފިދާނެއެވެ. މިއީ، އިބްނު ސުރައިޖުއާއި އަލްޚަޠީބުލް ބަޣުދާދީއާއި އިބްނުލްޢަރަބީފަދަ ބައެއް ބޭފުޅުން އިޚްތިޔާރުކުރައްވާފައިވާ ރައުޔެކެވެ.

އަދި މުޙައްމަދު ބްނުލް ޙަސަން އައްޝައިބާނީގެ ނަޒަރުގައި، މުޖުތަހިދު ޢިލްމުވެރިޔާއަށް އެ ބޭފުޅާއަށްވުރެ ޢިލްމީގޮތުން މޮޅު މުޖުތަހިދު ޢިލްމުވެރިޔަކަށް ތަޤުލީދުކުރެވިދާނެއެވެ. އެ ބޭފުޅާއާ ޢިލްމީގޮތުން އެއްވަރު ނުވަތަ ދަށް ބޭފުޅަކަށް ތަޤުލީދެއް ނުކުރެވޭނެއެވެ.

އަދި ޞަޙާބީއެއްގެ ރައުޔަށް ތަޤުލީދުކުރުން ޝަރުޠަކާއެކު މުޖުތަހިދު ޢިލްމުވެރިޔާއަށް ހުއްދަވެގެންވެއެވެ. އެ ޝަރުޠަކީ، ޞަޙާބީންގެ ރައުޔަކީ އެހެން މީހުންގެ ރައުޔަށްވުރެ މާ ބާރުގަދަ ރައުޔެއްކަމަށް އެ ބޭފުޅާއަށް ޤަބޫލުކުރެވޭނަމައެވެ. އެ ގޮތަށް ޤަބޫލުނުކުރެވޭނަމަ، ޞަޙާބީއެއްގެ ރައުޔަށް ތަޤުލީދުކުރުން އެ ބޭފުޅާއަށް ހުއްދަވެގެން ނުވެއެވެ. މިއީ، އިމާމު އައްޝާފިޢީގެ ކުރީގެ ރައުޔުގެ ގޮތުގައި ނިސްބަތްކުރެވިފައިވެއެވެ. އަދި ހަމައެހެންމެ، މުޢުތަޒިލާއިންކުރެ އަބޫ ޢަލީ އަލްޖުއްބާއީއަށް ނިސްބަތްކުރެވިފައިވެއެވެ.

އަދި ހަމައެގޮތަށް، ތާބިޢީންގެ ރައުޔަށް ތަޤުލީދުކުރުން ވެސް މުޖުތަހިދު ޢިލްމުވެރިޔާއަށް ހުއްދަވެގެންވެޔޭ ޖަމާޢަތެއްގެ ބަޔަކު ވިދާޅުވާކަމަށް އަލްޣަޒާލީ ވިދާޅުވެފައިވެއެވެ. އަދި ބައެއް މީހުން އެ ގޮތަށް ދެކޭކަމަށް އަލްއާމިދީ ވެސް ވިދާޅުވެފައިވެއެވެ.

އަދި އިޖުތިހާދުކުރުމަށް އުޒުރުވެރިވާފަދަ ދަނޑިވަޅެއްގައި ތިމާއަށްވުރެ މޮޅު މުޖުތަހިދު ޢިލްމުވެރިޔަކަށް ތަޤުލީދުކުރުން މުޖުތަހިދު ޢިލްމުވެރިޔާއަށް ހުއްދަވެގެންވެޔޭ ޖަމާޢަތެއްގެ ބަޔަކަށް ނިސްބަތްކޮށް އިބްނު ސުރައިޖު ވިދާޅުވެފައިވެއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =

މިލިޔުމުގެ އެހެނިހެން ބައިތައް