التَّمْهِيْدُ (ފެށުން)
ރާވީގެ ރިވާޔަތް ޤަބޫލުކުރުމަށްޓަކައި ދެ ޝަރުޠެއް އޭނާގެ ކިބައިގައިހުރުން މުޙައްދިޘުން ޝަރުޠުކުރައްވައެވެ. އޭގެ ތެރެއިން ފުރަތަމަ ޝަރުޠަކީ: އެ ރާވީއަކީ ޢަދުލުވެރި ރާވީއަކުކަމުގައި ވުމެވެ. އަދި ދެވަނަ ޝަރުޠަކީ: އެ ރާވީއަކީ ضَبْطُ ހުރި ރާވީއަކުކަމުގައި ވުމެވެ.
ރާވީގެ ޢަދުލުވެރިކަމާއި ضَبْطُ އާ ގުޅޭގޮތުން ހޯދާބެލުމަށް އިޞްޠިލާޙީ ގޮތުން ކިޔައިއުޅެނީ الجَرْحُ وَالتَّعْدِيْلُ އެވެ. އަލްޖަރްޙު އަކީ، ރާވީގެ ޢަދުލުވެރިކަމާއި ضَبْطُ ގައި، ނުވަތަ އެއިން ކޮންމެވެސް އެއް ކަމެއްގައި އުނިކަމެއްވާކަން ބަޔާންކުރުމެވެ. އައްތަޢުދީލު އަކީ، އަލްޖަރްޙުގެ އިދިކޮޅެވެ. އެބަހީ، އެއީ، ރާވީގެ ކިބާގައި އެ ދެ ޝަރުޠު ފުރިހަމަވާކަމަށް ނިންމުމެވެ. ދެން ފަހެ، ތަޢުދީލު (ޢަދުލުވެރިކުރުން) އަޞްލު ގުޅިފައިވަނީ ހަމައެކަނި ޢަދުލުވެރިކަމާ ކަމުގައިވީނަމަވެސް، އިޞްޠިލާޙީ މާނަ އެވަނީ، އޭގެ ތެރޭގައި ضَبْطُ ވެސް ޝާމިލުވާނޭހެންނެވެ.
އަދި عِلمُ الجَرْحِ وَالتَّعْدِيْل (ޖަރްޙާއި ތަޢުދީލުގެ ޢިލްމު) އަކީ، ނަބަވީ ސުންނަތް ނަޤުދުކުރުމާގުޅޭ ޢިލްމުތަކުގެ ތެރެއިން ޢިލްމެކެވެ. އެ ޢިލްމަށް، قَوَاعِدُ ތަކަކާއި ضَوَابِطُ ތަކަކާއި އަދި فِقْهُ އެއް ލިބިގެން ވެއެވެ. އަދި އެއާގުޅޭ އެންމެހާ ކަންތައްތަކެއްގެ ވާހަކަ، މި ފޮތުގެ މި ބައިގައިވާ فَصْلُ ތަކާއި مَبْحَثُ ތަކުގައި تَنْظِيْمُ ކުރެވިގެންދާނެ އެވެ. ފަހެ، ސަނަދުގައިވާ ރާވީންކުރެ ރާވީއަކާ ގުޅޭގޮތުން ކަވި ޙުކުމަކާ (އެބަހީ، ނިންމުމަކާ) ހަމައަށް ވާސިލުވެވުމީ ފަސޭހަކަމެއް ނޫންކަން ބާޙިޘަށް އެނގުމީ ވަރަށް މުހިއްމު ކަމެކެވެ. ޚާއްޞަކޮށް މިފަދަ ފަހު ޒަމާނެއްގައެވެ. الجَرْحُ وَالتَّعْدِيْلُ އާގުޅޭގޮތުން ވާހަކަދައްކަވާފައިވާ އަދި އެއާގުޅޭ ފޮތްތައް ލިޔުއްވާފައިވާ ބޭފުޅުން، އެތަކެއް ބައިވަރު މަޢުލޫމާތެއް އަޅުގަނޑުމެންނަށް ދޫކުރައްވާފައިވާހިނދުގައެވެ. އެއީ، قَوَاعِدُ ތަކާއި ضَوَابِطُ ތަކާގުޅޭ މަޢުލޫމާތުތަކެއް ކަމުގައިވީނަމަ ވެސް، ނުވަތަ ވަކިވަކި ރާވީންނާގުޅޭ މަޢުލޫމާތުތަކެއް ކަމުގައިވީނަމަ ވެސް މެއެވެ.
ކޮންމެއަކަސް، މި ބައި ފެށުމުގެ ކުރިން، މި ބަޔާއިގެން ކުރިއަށްދާއިރު ބާޙިޘަށް ފަސޭހައަކަށް އެނގިފައިއޮތުން ރަނގަޅުކަމަށް ފެންނަ ތިން ކަމެއް ވެއެވެ. އެއީ:
ފުރަތަމަ ކަންތައް:
މި ދެ ޝަރުޠަށް (އެބަހީ، ޢަދުލުވެރިކަމާއި ضَبْطُ) ޤުރުއާނާއި ސުންނަތުގެ ނައްޞުތަކުން اِسْتِدْلَالُ ކުރެވިދާނެ އެވެ. މިޘާލަކަށް، މާތް ﷲ ގެ އަންނަނިވި ވަޙީބަސްފުޅުންނެވެ. يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ ﴿٦﴾ {ސޫރަތުލްޙުޖަރާތު: 6} މާނައީ: [އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކާއިގެން އަތުވެއްޖެނަމަ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އޭގެ ތެދުދޮގު ބަލާށެވެ! އެއީ، ނޭނގިހުރެ ބަޔަކަށް ގެއްލުމެއް ދެވި، އޭގެ ސަބަބުން ހިތާމަކުރާ ބަޔަކުކަމުގައި ތިޔަބައިމީހުން ވެދާނޭތީ އެވެ.]
އަދި ހަމައެހެންމެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަންނަނިވި ބަސްފުޅުންނެވެ. ((نَضَّرَ اللهُ امْرَأً سَمِعَ مِنَّا حَدِيْثًا فَحَفظَهُ حَتَّى يُبَلِّغَهُ، فَرُبَّ حَامِلِ فِقْهٍ إِلَى مَنْ هُوَ أَفْقَهُ مِنْهُ…))([1]) މާނައީ: [ތިމަން ނަބިއްޔާގެ އަރިހުން ޙަދީޘެއް އަޑުއަހައި، އެ ދަސްކޮށް، އެހެން މީހަކަށް އެ ބަސް ފޯރުކޮށްދީފި މީހެއްގެ މޫނު، ﷲ އަލިކުރައްވާ ހުއްޓެވެ. ފަހެ، ފިޤްހެއް (އެބަހީ: ޢިލްމެއް) އެނގިފައިވާ މީހާ، އޭނާއަށްވުރެ ފިޤުހުވެރިކަންބޮޑު (އެބަހީ: ޢިލްމުވެރިކަންބޮޑު) މީހަކަށް ވެސް އެކަން އެންގުން ހުއްޓެވެ.]
އަދި ހަމަ އެފަދައިން، ދޮގުވެރިންނާއި ކުށްކުރާމީހުންގެ ފަރާތުން ވާހަކަތައް ނަޤުލުކުރުމާ ދުރުހެލިވެ ރައްކާތެރިވުން ލާޒިމުކުރާ، އަދި އެ ސިފަތަކުން ދުރުހެލިވެގެންވާ މީހުންގެ ފުށުން ޚަބަރުތައް ނެގުން ލާޒިމުކުރާ، ޝަރީޢަތުގެ އާންމު ނައްޞުތަކުން ވެސް މެއެވެ. محمد بنُ سِيْرِيْن ވިދާޅުވެފައިވާ ފަދައިންނެވެ: ((إن هذا العلم دين، فانظروا عمن تأخذوا دينكم))([2]) މާނައީ: [މި ޢިލްމު ވަނީ ދީނުގެ ތެރެއިންނެވެ. ފަހެ، ތިޔަބައިމީހުން ތިޔަބައިމީހުންގެ ދީން ލިބިގަންނަނީ ކޮން ބަޔެއްގެ ފަރާތުންތޯ ބަލާހުށިކަމެވެ.]
އަދި بَهْزُ بنُ أَسَد ވިދާޅުވެފައި ވެއެވެ. ((لو أن لرجل على رجل عشرة دراهم لم يستطع أخذها منه إلا بشاهدين عدلين، فدين الله أحق أن يؤخذ من العدول))([3]) މާނައީ: [މީހަކު މީހަކަށް ދިހަ ދިރުހަމް ދޭންޖެހިފައިއޮވެމެ (ދޭންޖެހިފައިވުމާމެދު އިންކާރުކުރާ ޙާލަތުގައި)، ޢަދުލުވެރި ދެ ހެކިންގެ ހެކިބަހުން މެނުވީ އޭނާގެ އަތުން އެ އަތުލެވެން ނެތްއިރު (ދަންނާށެވެ!) ފަހެ، ﷲ ގެ ދީން ޢަދުލުވެރިންގެ ފަރާތުން ނެގުން މާ ޙައްޤުކަން ބޮޑުވެގެން ވެއެވެ.] {މުތަރުޖިމު: އެބަހީ، އެ މަދު ފައިސާ ކޮޅަކީ ތިމާގެ އެއްޗެއްކަން ސާބިތުކުރުމަށްޓަކައި ޢަދުލުވެރިން ބޭނުންވާއިރު، ﷲ ގެ ދީނުގެ ތެރޭގައި ކަމެއް ހިމެނޭކަން ސާބިތުކުރުމަށްޓަކައި ޢަދުލުވެރިން ބޭނުންވުން މާ އައުލާކަން ބޮޑެވެ.}
އަދި أَبُو نُعَيْم الفَضْلُ بنُ دُكَيْن ވިދާޅުވެފައި ވެއެވެ. ((إنما هي شهادات، وهذا الذي نحن فيه -يعني: الحديث- من أعظم الشهادات))([4]) {މާނައީ: [ހަމަކަށަވަރުން، އެއީ ހެކިބަސްތަކެކެވެ. އަދި އަޅުގަނޑުމެން މި ވާހަކަދައްކާ ކަންތައް، އެބަހީ: ޙަދީޘް (ރިވާކުރުމާއި ޤަބޫލުކުރުން)، ހިމެނެނީ އެންމެ މުހިއްމު ހެކިބަހުގެ ތެރޭގައެވެ.]}
އަދި الخَطِيْبُ البَغْدَادِي ވިދާޅުވެފައި ވެއެވެ. ((وقد أخبر النبي صلى الله عليه وسلم بأن في أمته ممن يجيء بعده كذابين، فحذر منهم، ونهى عن قبول رواياتهم، وأعلمنا أن الكذب عليه ليس كالكذب على غيره، فوجب بذلك النظر في أحوال المحدثين، والتفتيش عن أمور الناقلين، احتياطا للدين، وحفظا للشريعة من تلبيس الملحدين))([5]) {މާނައީ: [އަދި ހަމަކަށަވަރުން، ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ، އެ ނަބިއްޔާގެ އުއްމަތުން ފަހުން އަންނަ މީހުންގެ ތެރެއިން ދޮގުވެރިންތަކެއް ފާޅުވާނެކަމުގެ ޚަބަރުދެއްވާފައެވެ. އަދި އެބައިމީހުންގެ ދުރުހެލިވެ ތިބުމަށް އިންޒާރުކުރައްވާފައެވެ. އަދި އެބައިމީހުން ގެންނަ ރިވާޔަތްތައް ޤަބޫލުކުރުން ނަހީކުރައްވާފައެވެ. އަދި އެ ނަބިއްޔާގެ މައްޗަށް ދޮގުހެދުމީ އެހެން މީހުންގެ މައްޗަށް ދޮގުހެދުންފަދަ ކަމެއް ނޫންކަން (މުތަރުޖިމު: އެބަހީ، އެއަށްވުރެ ނުބައިކަމާއި ގެއްލުން ބޮޑު ކަމެއްކަން) އަޅުގަނޑުމެންނަށް އުނގަންނަވައިދެއްވާފައެވެ. އެހެންކަމުން، މުޙައްދިޘުންގެ ހާލަތަށް ނަޒަރުހިންގުމަށާއި، ރިވާޔަތްތައް ނަޤުލުކުރާ ފަރާތްތަކުގެ ކަންކަމަށް ފާރަވެރިވުމަށް މިއިން ލާޒިމުކުރެއެވެ. ދީނަށް ސަމާލުވުމުގެ ގޮތުންނާއި، މުލްޙިދުންގެ ނުބައި މަޅިތަކުން އިސްލާމީ ޝަރީޢަތް ރައްކާތެރިކުރުމުގެ ގޮތުންނެވެ.]}
=ނުނިމޭ=
ތަރުޖަމާކުރި އަޞްލު: الجرح والتعديل للأستاذ الدكتور إبراهيم اللاحم (جامعة القصيم)
[1] أخرجه أبو داود حديث 3660، والترمذي حديث 2656، وأحمد 5:183، عن زيد بن ثابت، وهو حديث مشهور، ورد عن جماعة من الصحابة، انظر: ((دراسة حديث: نضر الله امرءا سمع مقالتي)) لعبد المحسن العباد.
[2] ((صحيح مسلم)) 14:1، و((الجامع لأخلاق الراوي)) 129:1.
[3] ((الكفاية)) ص77، و((الجامع لأخلاق الراوي)) 127:1، وفي النسخة سقط.
[4] ((الكفاية)) ص77.
[5] ((الكفاية)) ص35.