[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނަސްޚުވުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 7

ޤަވާޢިދު: النَّسْخُ يُعْرَفُ بِتَنْصِيْصِ الشَّارِعِ عَلَيْهِ وَبِالتَّارِيْخِ

މި ޤަވާޢިދުގެ ތަރުޖަމާ: {ނަސްޚުވެފައިވާކަން އެނގެނީ ޝަރުޢުކުރައްވާ ފަރާތުން އެކަން ނައްޞުކުރެއްވުމުން ނުވަތަ ތާރީޚުން}

މި ޤަވާޢިދުގެ މުރާދު: މި ޤަވާޢިދުގައި ވާހަކަ މިދެކެވެނީ ނާސިޚު (ނަސްޚުކުރާ ދަލީލު) އާއި މަންސޫޚު (ނަސްޚުވެގެންދާ ދަލީލު) ދެނެގަނެވޭ ގޮތްތަކާ ގުޅޭ ގޮތުންނެވެ. ދަންނައެވެ! އުޞޫލީ ޢިލްމުވެރިން ނަސްޚުވެފައިވާކަމަށް ދަޢުވާކުރެވިފައިވާ ޝަރުޢީ ނައްޞުތައް ދިރާސާކޮށް، ނާސިޚުއާއި މަންސޫޚު ދެނެގަނެވިދާނޭ މަގުތަކަކާއި މިންގަނޑުތަކެއް ބަޔާންކޮށްދެއްވާފައިވެއެވެ. އެ ހުރިހާ މަގުތަކަކާއި މިންގަނޑުތަކެއް ވެސް ރުޖޫޢަވަނީ މައިގަނޑު ދެ ކަމަކަށެވެ. އެއީ، ނާސިޚުއާއި މަންސޫޚުއަކީ ކޮބައިކަން ޝަރުޢުކުރައްވާ ފަރާތުން ނައްޞުކުރެއްވުމަށާއި އަދި ތާރީޚު އެނގުމަށެވެ.

އެހެންނަމަވެސް، އެ މަގުތަކާއި މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ކަމަކީ ޢިލްމުވެރިންގެ ތެރޭގައި އިއްތިފާޤުވެވިފައިވާ ކަންކަމެއް ނޫނެވެ. ވީމާ، އޭގެ ތެރެއިން ބައެއް މަގުތަކާއި މިންގަނޑުތައް މި ތަނުގައި ހާމަކޮށްލާނަމެވެ.

  1. މިވެނި ޙުކުމަކީ ނަސްޚުވެފައިވާ ޙުކުމެއް ކަމުގައި ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވުމެވެ.
  2. މިވެނި ޙުކުމަކީ ނަސްޚުވެފައިވާ ޙުކުމެއްކަން ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ޢަމަލުފުޅުން ދަލީލުލިބުމެވެ.
  3. ދަލީލުގައިވާ ލަފްޒުން މިވެނި ޙުކުމެއް ނަސްޚުވެފައިވުން ލާޒިމުކުރުމެވެ. އެގޮތުން، ފުށުއަރާ ދެ ޙުކުމެއް ބާވައިލެއްވުމުގައި އިސްފަސްވެފައިވާކަން އެނގުމެވެ. އެހެންކަމުން، ކުރިން ބާވައިލެއްވުނު ޙުކުމް ވާހުށީ މަންސޫޚުއަށެވެ. ފަހުން ބާވައިލެއްވުނު ޙުކުމް ވާހުށީ ނާސިޚުއަށެވެ.
  4. މިވެނި ޙުކުމެއް ނަސްޚުވެފައިވާކަމާމެދު ޞަޙާބީން އިޖުމާޢުވެވަޑައިގެންފައިވުމެވެ.
  5. ފުށުއަރާ ދެ ޙުކުމެއްގެ ތެރެއިން އެއް ޙުކުމް އެއީ ކުރީގެ ޙުކުމްކަމުގައި ޞަޙާބީންގެ ތެރެއިން އެ ކަމާގުޅޭ ޚަބަރެއް ފޯރުކޮށްދެއްވި ރާވީ ބަޔާންކުރެއްވުމެވެ. މި ޙާލަތުގައި، އެ ތަނުން ކުރީގެ ޙުކުމަކީ މަންސޫޚުކަމުގައި، އަދި ފަހުގެ ޙުކުމަކީ ނާސިޚުކަމުގައި ބެލެވޭނެއެވެ. ސަބަބަކީ، މިއީ އިޖުތިހާދުކުރުމުގެ ފުރުޞަތުނެތް ކަމެއްކަމުގައި ވާތީއެވެ. އައްޒަރުކަޝީ ވިދާޅުވެފައިވަނީ، އެ ދެ ޙުކުމާ ގުޅޭ އެ ދެ ޚަބަރަކީ މުތަވާތިރު ޚަބަރުތަކެއްނަމަ، މި ގޮތަށް ބެލެވިދާނެކަން ސާފުކޮށް އެނގޭކަމުގައެވެ. އެހެންނަމަވެސް، އެ ތަނުން އެއް ޚަބަރަކީ މުތަވާތިރު ޚަބަރަކަށްވެފައި، އަނެއް ޚަބަރަކީ އާޙާދު ޚަބަރަކަށްވާނަމަ، އަދި އެ ތަނުން ފަހުގެ ޚަބަރަކީ (އެބަހީ، ފަހުގެ ޙުކުމްފުޅަކީ މިއީކަމަށް ބަޔާންވެފައިވާ ޚަބަރަކީ) އާޙާދު ޚަބަރަކަށްވާނަމަ، ޢިލްމުވެރިންގެ ތެރޭގައި ރައުޔުތަފާތުވުން އުފެދިފައިވާކަމުގައެވެ. އެގޮތުން، އެ ވަނީ ނަސްޚުވެފައިކަމަކަށް އެއްބައި ބޭފުޅުން ޤަބޫލެއް ނުކުރައްވާ ކަމުގައެވެ. އަދި އަނެއްބައި ބޭފުޅުން، އެއީ ނަސްޚުވުން ކަމުގައި ޤަބޫލުކުރައްވާ ކަމުގައެވެ. އަލްބާޤިއްލާނީ ވިދާޅުވެފައިވަނީ، ގިނަ ޢިލްމުވެރިންގެ ނަޒަރުގައި އެއަކުން ނަސްޚުވުން ސާބިތެއް ނުވާނެކަމުގައެވެ. އެ ރާވީ އެ ކަމުގެ ދަލީލު ބަޔާންކުރިނަމަވެސް މެއެވެ. އެހެންނަމަވެސް، އެއަށް ނަޒަރުހިންގޭނެކަމުގައެވެ. ނަސްޚުވުން ލާޒިމުކުރާނަމަ، އެއާ އެއްގޮތަށް ޢަމަލުކުރެވޭނެކަމުގައެވެ. އެގޮތަށް ލާޒިމުނުކުރާނަމަ، އެފަދައިން ޢަމަލުނުކުރެވޭނެކަމުގައެވެ.
  6. ދެ ހާދިސާ ހިނގި ތާރީޚު ދެނެގަތުމެވެ. ދެ ހާދިސާއަކުން ފުށުއަރާ ދެ ޙުކުމެއް ލިއްބައިދޭއިރު، އެ ތަނުން ކުރިން ހިނގީ ކޮން ހާދިސާއެއްކަން އަދި ފަހުން ހިނގީ ކޮން ހާދިސާއެއްކަން އެނގޭނަމަ، ކުރީގެ ހާދިސާގައިވާ ޙުކުމަކީ މަންސޫޚުކަމުގައި އަދި ފަހުގެ ހާދިސާގައިވާ ޙުކުމަކީ ނާސިޚުކަމުގައި ނިންމޭނެތެވެ.
  7. ފުށުއަރާ ދެ ޙުކުމެއްގެ ތެރެއިން އެއް ޙުކުމަކީ ޝަރުޢީ ޙުކުމަކަށްވެފައި، އަނެއް ޙުކުމަކީ އާދަކާދައަށް ބިނާވާ ޙުކުމަކަށްވާނަމަ، އާދަކާދައަށް ބިނާވާ ޙުކުމް ޝަރުޢީ ޙުކުމުން ނަސްޚުވެފައިވާ ކަމުގައި ބެލެވޭނެއެވެ. މިއީ، ޖަމާޢަތެއްގެ ޢިލްމުވެރިން ވިދާޅުވާ ގޮތެވެ. އެހެންނަމަވެސް، މި ގޮތަށް ބިނާކޮށް ނަސްޚުވެފައިވާކަމަށް ނިންމުން އެހެން ބޭފުޅުން މަނާކުރައްވަތެވެ.

ދެން ފަހެ، ނާސިޚުއާއި މަންސޫޚު ދެނެގަނެވޭ މި ގޮތްތަކުގެ ތެރެއިން އެއްގޮތް އަނެއްގޮތުގެ މައްޗަށް އިސްކުރެވޭނެކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވެފައިވެއެވެ. އެގޮތުން، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅެއް، އެ ނަބިއްޔާގެ ޢަމަލުފުޅެއްގެ މައްޗަށް އިސްކުރެވޭނެއެވެ. މިފަދައިންނެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =