[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޖަރްޙާއި ތަޢްދީލު (5)

އަދި أَبُو زَيْدُ النَّحْوِيّ ވިދާޅުވެފައި ވެއެވެ. ((أتينا شعبة يوم مطر، فقال: ليس هذا يوم حديث، اليوم يوم غيبة، تعالوا نغتاب الكذابين))[1] {މާނައީ: [ވާރޭވެހެމުންދިޔަ ދުވަހެއްގައި އަޅުގަނޑުމެން ޝުޢުބާގެ އަރިހަށް ދިޔައީމެވެ. (ޝުޢުބާ) ވިދާޅުވިއެވެ: މިއަދު ޙަދީޘް ކިޔަވައިދިނުމެއް ނެތެވެ. މިއަދަކީ ޣީބައިގެ ދުވަހެވެ. ދޮގު ޙަދީޘް ހަދާމީހުންނަށް ޣީބަބުނުމަށް އަންނާށެވެ!]}

އަދި ރާވީން ޖަރްޙުކުރުމަށް، “الغيبة في الله {ﷲ ގެ މަގުގައި ޣީބަބުނުން}” ގެ ނަން ޝުޢުބާ ދެއްވާކަމުގައި ވިއެވެ.[2]

އަދި الحَسَنُ بنُ الرّبيع ވިދާޅުވެފައި ވެއެވެ. ((قال ابن المبارك: المعلى بن هلال هو…، إلا أنه إذا جاء الحديث يكذب، فقال له بعض الصوفية: يا أبا عبد الرحمن تغتاب؟ فقال: اسكت، إذا لم نبين كيف يعرف الحق من الباطل -أو نحو هذا من الكلام-))[3] {މާނައީ: [އިބްނުލްމުބާރަކު ވިދާޅުވިއެވެ: مُعَلَّى بنُ هِلَال އަކީ…، (އޭނާ) ޙަދީޘްއާ ޖެހުމުން ދޮގުހަދައެވެ. ދެން، (މިގޮތަށް އިބްނުލްމުބާރަކު ވިދާޅުވުމުން) ޞޫފީންކުރެ ބައެއް މީހުން (އިބްނުލްމުބާރަކުއަށް) ބުންޏެވެ: އޭ އަބޫ ޢަބްދިއްރަޙްމާނެވެ! ޣީބަބުނަނީ ހެއްޔެވެ؟، އިބްނުލްމުބާރަކު ޖަވާބުގައި ވިދާޅުވިއެވެ: ހަނުހުންނާށެވެ!، އަހުރެމެން ބަޔާންނުކުރާނަމަ، ޙައްޤާއި ބާޠިލު ވަކިކުރަން އެނގޭނީ ކިހިނަކުން ހެއްޔެވެ!]}

އަދި عَفَّانُ ވިދާޅުވެފައި ވެއެވެ. ((كنا عند إسماعيل بن علية جلوسا، قال: فحدث رجل عن رجل، فقلت: إن هذا ليس بثبت، فقال الرجل: اغتبته، فقال إسماعيل: ما اغتابه، ولكنه حكم أنه ليس بثبت))[4] {މާނައީ: އިސްމާޢީލު ބްނު ޢުލައްޔާގެ އަރިހުގައި އިށީނދެ އަޅުގަނޑުމެން ތިބީމުއެވެ. ދެން، މީހެއްގެ ފުށުން މީހަކު ޙަދީޘެއް ގެނެސްފިއެވެ. އަޅުގަނޑު ދެންނެވީމެވެ: [އޭނާއީ ثَبَتُ އެއް ނޫނެވެ.] އެހިނދު، އެ {ޙަދީޘް ކިޔައިދިން} މީހާ ބުންޏެވެ: [ތިބާ ތިބުނީ ޣީބައެކެވެ.] އެހިނދު، އިސްމާޢީލު ބްނު ޢުލައްޔާ ވިދާޅުވި އެވެ: [އެ ޣީބައަކަށް ނުވާނެ އެވެ. އެހެނެއްކަމަކު، އެ ވާނީ އޭނާއީ ثَبَتُ އެއް ނޫންކަމަށް ޙުކުމްކުރުމަށެވެ.]}

އަދި أَبُو زُرْعَةُ الدِّمَشْقِيّ ވިދާޅުވެފައި ވެއެވެ. ((سمعت أبا مسهر يسأل عن الرجل يغلط ويهم ويصحف، فقال: بين أمره، فقلت لأبي مسهر: أترى ذلك من الغيبة؟ قال: لا))[5] {މާނައީ: އޮޅުންބޮޅުންއަރާ ވަހުމްއުފެދޭ ކަލިމައަށް ބަދަލުގެންނަ މީހާއާ ގުޅޭގޮތުން {އެބަހީ، އެފަދަ މީހުންގެ ޙަޤީޤަތް ހާމަކުރުމާ ގުޅޭގޮތުން} أَبُو مُسْهِر އާ ސުއާލުވެވޭ އަޑު އަޅުގަނޑު އެހީމެވެ. ވިދާޅުވި އެވެ: [އޭނާގެ ކަންކަން ބަޔާންކުރާށެވެ!]، ދެން އަޅުގަނޑު (أَبُو مُسْهِر އާ) ސުއާލުކުރީމެވެ: [އެ ގޮތަށް ބަޔާންކުރުން ޣީބައިގެ ތެރެއަށް ވަންނާނެކަމަށް ދެކެވަޑައިގަންނަވަންތޯއެވެ؟]، ވިދާޅުވި އެވެ: [ނޫނެކެވެ.]}

އަދި محمد بنُ بنْدَار الجِرْجَانِيُّ ވިދާޅުވެފައި ވެއެވެ. ((قلت لأحمد بن حنبل: إنه ليشتد عليّ أن أقول: فلان ضعيف، فلان كذاب، فقال أحمد: إذا سكت أنت، وسكت أنا، فمتى يعرف الجاهل الصحيح من السقيم؟))[6] {މާނައީ: އަޅުގަނޑު އަޙްމަދު ބްނު ޙަންބަލުއަށް ދެންނެވީމެވެ: [މިވެނި މީހަކީ ޟަޢީފު މީހެކޭ، މިވެނި މީހަކީ ދޮގުވެރިޔެކޭ ބުނަން އަޅުގަނޑުގެ ނަފްސަށް ވަރަށް އުނދަގޫވެއެވެ.] އަޙްމަދު ވިދާޅުވި އެވެ: [ތިބާ ހަނުހުރެފައި، އަހުރެން ހަނުހުރެއްޖެނަމަ {މުތަރުޖިމު: އެބަހީ، އެކަކު ވެސް ރާވީންނާ ގުޅޭގޮތުން ވާހަކަނުދައްކާނަމަ}، ޖާހިލުމީހާއަށް ޞައްޙަ ޙަދީޘާއި ޞައްޙަ ނޫން ޙަދީޘް އެނގޭނީ ކޮން ދުވަހަކުން ހެއްޔެވެ.]}

މި ކަމާގުޅޭ ގޮތުން ވާރިދުވެގެންވާ ބަސްފުޅުތަކުގެ ތެރެއިން، އެންމެ ހަރުދަނާ އެއް ބަސްފުޅަކީ، يَحْيَى بنُ سَعِيْد القَطَّانُ ގެ އަންނަނިވި ބަސްފުޅެކެވެ. އެ ބޭފުޅާއަށް އެ ބޭފުޅާގެ ދަރިވަރެއް ކަމުގައިވާ أَبُو بَكْر بنُ خَلَّادُ ދެންނެވިއެވެ: [ތިބާ އެ ބަޔެއްގެ ޙަދީޘްތައް ދޫކޮށްލި މީހުން، މާތް ﷲ ގެ ޙަޟްރަތުގައި ތިބާއާ ދެކޮޅަށް ދަޢުވާކޮށްފާނެކަމަށްޓަކައި ބިރުވެއްޗެއް ނުވަމުތޯއެވެ؟]، އެހިނދު ޔަޙްޔާ ވިދާޅުވިއެވެ. ((لأن يكون هؤلاء خصمائي أحب إلي من أن يكون خصمي رسول الله صلى الله عليه وسلم، يقول: لم حدثت عني حديثاً ترى أنه كذب؟))[7] {މާނައީ: [އެބައިމީހުން ތިމަންނައާ ދެކޮޅަށް ދަޢުވާކުރުމަށްވުރެ، ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހުރެންނާ ދެކޮޅަށް ދަޢުވާ ނުކުރުމަށް އަހުރެން މާ ލޯބިކުރަމެވެ. {އެހެނީ} ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދަޢުވާކުރައްވައިފާނެއެވެ: ތިމަން ނަބިއްޔާގެ ފުށުން އައިސްފައިވާ ޙަދީޘެއް، އެއީ ދޮގެއްކަމަށް ދެކިހުރެ ރިވާކުރީ ކީއްވެގެން ހެއްޔެވެ؟]}

އިމާމުން القَدَحُ فِي الرُّوَاةُ {ރާވީންގެ އުނިސިފަ ބަޔާންކުރުން} ހުއްދަކުރެއްވި ސަބަބު ބަޔާންވެ ހިނގައްޖެއެވެ. އަދި އެ ވަންނަނީ، بَابُ دَرْءُ إِحْدَى المَفْسَدَتَيْن بِارْتِكَابِ أَخَفّهما ގެ {އެބަހީ، ދެ ފަސާދައަކުންކުރެ އެއް ފަސާދައަށް އަރައިގަތުން މަޖުބޫރުވެއްޖެހިނދު، އެ ދެ ފަސާދައިގެ ތެރެއިން ކުޑަ ފަސާދައަށް އަރައިގަނެ، ބޮޑު ފަސާދައާ ދުރުހެލިވުމުގެ} ދަށަށެވެ. ދެން ފަހެ، ޞައްޙަ ޙަދީޘާއި ޞައްޙަނޫން ޙަދީޘް އެއްވުމަށްވުރެ، އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުން ވިދާޅުނުވާ ވާހަކައެއް އެ ބޭފުޅުންނަށް ނިސްބަތްކުރުމަށްވުރެ، ރާވީންގެ އުނިސިފަ ބަޔާންކުރުން މާ ބޮޑުތަން ލުއިވެގެން ވެއެވެ.

އަދި މި މަޞްލަޙަތު ރައްކާތެރިކުރުމުގައި، މި ދެންނެވި ރާވީންގެ ޙައްޤުތަކަށް ވެސް ރައްކާތެރިވާން ވާނެއެވެ. އެހެނީ، އޭގެ ތެރޭގައި، ފިޤުހުވެރިންނާއި، ޤާޟީންނާއި، ޤާރީވެރިންނާއި އަދި އަޅުވެރިން ހިމެނެއެވެ. އެބައިމީހުންގެ އެންމެ މުހިއްމު ޙައްޤުތަކުގެ ތެރޭގައި، އެބައިމީހުންނާގުޅޭ ގޮތުން ވާހަކަދައްކާ މީހާއާއި އެބައިމީހުންނާގުޅޭ ވާހަކަ ނަޤުލުކުރާމީހާ ނިޔަތް ރަނގަޅުކުރުމާއި، ވަކި މަޛްހަބަކާ ނުވަތަ މައްސަލައަކާ ޚިލާފުވާތީ ކުރާ ކަމެއްގެ ގޮތުގައި ނުކުރުމާއި، މަޤްޞަދު ޙާޞިލުވާ މިންވަރަށް އެކަނި ވާހަކަދެއްކުމާއި، އެބައިމީހުންގެ ކިބައިން ޘާބިތުނުވާ ކަންކަން އެބައިމީހުންނާ ދުރުކުރުމާއި، އެބައިމީހުންނާ ގުޅޭގޮތުން ވާހަކަދެއްކެވި ބޭފުޅަކު ދެއްކެވިކަމަށް ޘާބިތުނުވާ ވާހަކަތަކުން އެބައިމީހުން އެއްކިބާކުރުމާއި، އަދި އެބައިމީހުން ތަޢުދީލުކޮށް ދެކެވިފައިވާ ވާހަކަތަކާމެދު ހަނުހުރެފައި ޖަރްޙުކޮށް ދެކެވިފައިވާ ވާހަކަތައް އެކަނި ނުގެނައުން ހިމެނެއެވެ.

މިފަދަ ހުރިހާ މައްސަލަތަކަކާ މެދުގައި ވެސް ފަހުން ވާހަކަދެކެވޭނެއެވެ. އެއީ ކަންފަސޭހަކޮށްލެވޭވަރުގެ ކަމެއް ނޫނެވެ. ކަން އޮތީ اِبْنُ دَقِيْقُ العِيْدُ ވިދާޅުވެފައިވާ ފަދައިންނެވެ. ((أعراض المسلمين: حفرة من حفر النار، وقف على شفيرها طائفتان من الناس: المحدثون والحكام))[8] {މާނައީ: [މުސްލިމުންގެ އަބުރަކީ، ނަރަކައިގެ ވަޅުގަނޑުތަކުންކުރެ ވަޅުގަނޑެކެވެ. އޭގެ ތުންފަތްމަތީގައި ދެ ޖަމާޢަތެއްގެ ބަޔަކު ވެއެވެ. (އެއީ) މުޙައްދިޘުންނާއި ވެރިންނެވެ.]}

=ނުނިމޭ=

ތަރުޖަމާކުރި އަޞްލު: الجرح والتعديل للأستاذ الدكتور إبراهيم اللاحم (جامعة القصيم)


[1]  ((الكفاية)) ص45.

[2]  ((الكفاية)) ص45.

[3]  ((الكفاية)) ص45، وانظر: ((المعرفة والتاريخ)) 137:3.

[4]  ((الكفاية)) ص43.

[5]  ((الكفاية)) ص45.

[6]  ((الكفاية)) ص46.

[7]  ((الكفاية)) ص44.

[8]  ((الاقتراح)) 144:1.