ހެޔޮކަންތައްތަކަށް އަމުރުކޮށް މުންކަރާތްތައް ނަހީކުރާމީހާއަށް އުނދަގޫތައް ފޯރުމަކީ ހިނގާފާނެކަމެކެވެ. ފަހެ އެކަމުގެ މަތީގައި ޤާއިމުވެ ހުންނަ މީހަކު ދަންނައެވެ. އެމަގުން ހިނގާފައި ދިޔުމުގައި ފަސްނުޖެހޭށެވެ. ފަހެ އެއީ އަޅުކަމެކެވެ. އަދި އެކަން އަދާކުރުމަކީ އީމާންކަމުގެ މޭވާތަކުގެ ތެރެއިން މޭވާއެއްވެސް މެއެވެ.
އަދި އެކަމުގައި ކެތްތެރިކަމަކީ ވަރުގަދަ ކިއްލާއެއްކަމުގައި ހަދާށެވެ. އަދި އެކަމަށް ޘަވާބު ލިބޭނެކަން ޔަޤީންކުރާށެވެ. އިބްނު ކަޘީރު ވިދާޅުވިއެވެ.
“ހެޔޮކަންކަމަށް އަމުރުކުރާ އަދި ނުބައިކަންކަން މަނާކުރާ މީހާއަށް މީސްތަކުންގެ ކިބައިން ދަތިއުނދަގޫތަކާއި ތުރާތައް ޖެހޭނެތީ، ފަހެ އެބައިމީހުން ކެތްތެރިވުމަށް އަމުރުކުރެވިގެންވެއެވެ.”
އަދި ލުޤްމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ކުރެއްވި ވަޞިއްޔަތުގައިވެއެވެ.
﴿ يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ ۖإِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ﴾ [سورة لقمان ١٧]
މާނައީ: “އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށްޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެކަންވަނީ، ޢަޒުމުކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ. “
ފަހެ ހެޔޮކަންތަކަށް އަމުރުކޮށް އަދި މުންކަރާތްތައް ނަހީކުރެއްވުމަށް އެކަލޭގެފާނުގެ ދަރިކަލުންނަށް އަމުރުކުރެއްވުމަށްފަހު އެކަމަށް ކެތްތެރިވުމަށް އަމުރުކުރެއްވުމުން، ލިބޭ އިޝާރަތަކީ އެޝިޢާރު ފާޅުކުރާމީހަކަށް އުނދަގޫތައް ފޯރާނެކަމެވެ.
އަދި ނިކަމެތިކުރުވާ މީހުންނާއި ބަލިކަށިވެގަންނަ މީހުންނާމެދު ރައްކާތެރިވާށެވެ. ދިމާވާ އިމްތީޙާނުތަކަށް އީމާންތެރިކަމާއި ﷲ އަށް ވަކީލުކުރާ ޙާލު ކުރިމަތިލާށެވެ. އަދި ކެތްތެރިވެ ޘަވާބަށް އުންމީދުކުރާށެވެ. އަދި މެދުކެނޑުމެއް ނެތި ގަދައަޅާ މަސައްކަތްކުރާށެވެ. އަދި އަންނަނިވި ވަޙީ ބަސްފުޅުގެ އަލީގައި މީސްތަކުންނާ މުޚާޠަބުކުރާށެވެ.
﴿قُلْ هَـٰذِهِ سَبِيلِي أَدْعُو إِلَى اللَّـهِ ۚ عَلَىٰ بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي ۖ وَسُبْحَانَ اللَّـهِ وَمَا أَنَا مِنَ الْمُشْرِكِينَ﴾ [سورة يوسف ١٠٨]
މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބާވި މީހުން، ﷲގެ މަގަށް ގޮވައިލައްވަނީ، އަލިވެގެންވާ ދަލީލުތަކާއެކުގައެވެ. އަދި ﷲގެ ހުސްޠާހިރުވަންތަކަމާއެވެ! އަދި ޝަރީކުކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ.”
____________________________________
މިލިޔުމަކީ މަސްޖިދުއްނަބަވީގެ އިމާމެއްކަމުގައިވާ د.عبدالمحسن القاسم ގެ ރިސާލާއެއްކަމަށްވާ الخطوات إلى السعادة (ބާއްޖަވެރިކަމާ ދިމާއަށް ފިޔަވަޅުތަކެއް)، މިރިސާލާއިން ނަގާފައިވާ ލިޔުމެކެވެ.