[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޢާރުޟާއި ތަރުޖީޙާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 30

30ވަނަ ޤަވާޢިދު (ޖުމްލަ 60): الـخَبَرُ الذِّي مَعَهُ تَفْسِيْرُ الرَّاوِيِّ مُقَدَّمٌ عَلَى مَتْرُوكِ التَّفْسِيْرِ

މި ޤަވާޢިދުގެ ތަރުޖަމާ: {ރާވީގެ ތަފްސީރާއެކު އޮންނަ ޚަބަރު، ތަފްސީރު ނެތް ޚަބަރުގެ މައްޗަށް އިސްކުރެވިގެންވޭ}

މި ޤަވާޢިދުގެ މުރާދު: ދެ ޚަބަރެއް ތަޢާރުޟުވެފައިވާއިރު، އެ ތަނުން އެއް ޚަބަރު ރިވާކުރި ރާވީ އެ ރާވީގެ ޢަމަލުން ނުވަތަ ބަހުން އެ ޚަބަރުގައިވާ ވާހަކަ އިތުރަށް ތަފްސީލުކޮށްދީފައިވާނަމަ (އެބަހީ، ތަފްސީރުކޮށްދީފައިވާނަމަ)، އަދި އަނެއް ޚަބަރުގައި އެފަދައިން ކަންތައްވެފައިނުވާނަމަ، ރާވީ އިތުރަށް ތަފްސީލުކޮށްދީފައިވާ ޚަބަރު އިސްކުރެވޭނެއެވެ. ސަބަބަކީ، އެއިން އިތުރު ފައިދާއެއް ލިބިދޭތީއެވެ. އިތުރު ފައިދާއެއް ލިބޭ އެތި އިސްކުރެވޭނެއެވެ.

ބައެއް ޢިލްމުވެރިން މި ޤަވާޢިދާއި އަދި މިފަދަ އެހެން ބައެއް ޤަވާޢިދުތައް ބައެއް ރާވީންނަށް ޚާއްޞަކުރެތެވެ. އެގޮތުން، އެ ބޭފުޅުންގެ ނަޒަރުގައި މި ޤަވާޢިދު ބޭނުންކުރެވޭނީ، ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަގެ ފަރާތްޕުޅުން މެދުވެރިއެއްނެތި ދިމާސީދާކޮށް ނަޤުލުކުރާ ރާވީއަށެވެ. (އެބަހީ، ޞަޙާބީއަށެވެ.) މިއާ ޚިލާފަށް، އެހެން ބައެއް ޢިލްމުވެރިން މީގެ ތެރެއަށް ތާބިޢީން ވެސް އިތުރުކުރައްވަތެވެ. އަދި ޖަމާޢަތެއްގެ ބޭފުޅުން މީގެ ތެރެއަށް އިމާމުވެރި ބޭފުޅުން ވެސް އިތުރުކުރައްވަތެވެ.

މި ޤަވާޢިދުގައިވާ ގޮތާ ޚިލާފަށް ޝީޢީންކުރެ ބައެއް ފަރާތްތަކުން ބުނެފައިވަނީ، ރާވީގެ ތަފްސީރުކުރުމަކީ މުޠުލަޤުކޮށް އެއްވެސް ހާލަތެއްގައި ޙުއްޖަތެއް ނޫންކަމުގައެވެ. އެހެންކަމުން، އެއީ އެއަށް ބިނާކޮށް ތަރުޖީޙުދެވޭނޭ އެއްޗެއް ނޫންކަމުގައެވެ. އެހެންކަމުން، ރާވީގެ ތަފްސީރުކުރުމެއް އޮތް ޚަބަރާއި ތަފްސީރުކުރުމެއް ނެތް ޚަބަރު އެ ފަރާތްތަކުގެ ނަޒަރުގައި ހަމަހަމަވެގެންވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، الـمُخَـابَـرَة އާ ގުޅޭގޮތުން (މުޚާބަރާއަކީ، ދަނޑުވެރިކަން ކުރުމަށް ބިމެއް ކުއްޔަށްދިނުމެވެ. އެއީ، ކުލީގެ ގޮތުގައި އެ ދަނޑުން ލިބޭ ގޮވާމުން ވަކި އިންސައްތައެއް ދިނުމަށް ޝަރުޠުކޮށެވެ.) ތަފްސީރުކުރެވިގެން ވާރިދުވެފައިވާ އިބްނު ޢައްބާސްގެ ޚަބަރެވެ. އެ ޚަބަރުގައިވަނީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އެކަން ނަހީ ނުކުރައްވާކަމަށާއި، އެހެނެއްކަމަކު، އެ ކަލޭގެފާނު ޙަދީޘްކުރައްވާފައިވަނީ [ތިޔަބައިމީހުންކުރެ މީހަކު އެއިން ކަނޑައެޅިގެންވާ ކުއްޔެއް ނެގުމަށްވުރެ، އޭނާގެ އަޚާއަށް އެ ކަމުގެ ފުރުސަތުދިނުން މާ ހެޔޮކަން ބޮޑުވެގެން ވެއެވެ.] މިފަދައިން ކަމުގައެވެ. މި ޚަބަރު، ޖާބިރު ބްނު ޢަބްދިﷲ ގެ އަންނަނިވި ޚަބަރުގެ މައްޗަށް އިސްކުރެވިގެންވެއެވެ. ޖާބިރު ބްނު ޢަބްދިﷲ ގެ ޚަބަރުގައިވަނީ، ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ [މުޚާބަރާ ނަހީކުރެއްވި] ކަމުގައެވެ. އިބްނު ޢައްބާސްގެ ޚަބަރު އިސްކުރެވުނު ސަބަބަކީ، އޭގައި އެ ހާދިސާ ތަފްސީރުކޮށް އިތުރަށް ބަޔާންކޮށްދީ ތަފްސީލުކޮށްދީފައިވާތީއެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =