[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ފަރުވާއެއްގެ ގޮތުގައި އައި ވީ އެފް ބޭނުންކުރުމުގެ ޙުކުމް 2

މިކަމުގެ ޝަރުޢީ ޙުކުމާމެދު ދަންނައެވެ. އެންމެ ރައްކާތެރި ގޮތަކީ އެކަން މަނާވެގެންވުމެވެ. މިއީ ޝައިޚް ޢަބްދުﷲ އަލްޖިބްރީން حفظه الله ގެ ބަސްފުޅެވެ. އަދި ބައެއް ޢިލްމުވެރިން ޝަރުޠުތަކަކާއެކު އެކަން ހުއްދަކުރައްވައެވެ. އެ ޝަރުޠުތަކުގެ ތެރޭގައި:

1. އެކަމަށް މުހިންމު ޙާޖަތެއް އޮތުން. ފަހެ، ދަރިއަކު ނުލިބި އަހަރެއް ނުވަތަ ދެއަހަރު ލަސްވުން އެއީ ދެމަފިރިން މިފަދަމަގުތައް ޚިޔާރުކުރަން އޮތް އުޒުރެއް ނޫނެވެ. އެހެނެއްކަމަކު އެމީހުންނަށް އޮތީ ކެތްތެރިވުމެވެ. އެއީ އެފަދަ މަގެއް އިޚްތިޔާރު ނުކުރިއަސް ކައިރި މުސްތަޤުބަލެއްގައި ﷲ ތަޢާލާ އެމީހުންނަށް ދަރިއަކު މިންވަރު ކުރައްވަފާނެއެވެ.
2. އަންހެން ޑޮކްޓަރުންނާއި ނަރުހުން ތިއްބާ ފިރިހެނުންނަށް އަންހެނާގެ ޢައުރަ ކަޝްފުނުކުރުން.
3. ފިރިމީހާ އަމިއްލައަށް އެދުން ނުފުއްދުން. އެކަމުގައި އަނބިމީހާގެ އެހީ އޭނާއަށް ހޯދިދާނެއެވެ.
4. އަންހެނާގެ ބިހާއި އޭނާގެ ފިރިމީހާގެ މަނި، ފަހުން ބޭނުންކުރުމަށްޓަކައި ފިނިކޮށްފައި ނުބެހެއްޓުމާއި އަންހެނާގެ ރަހިމަށް އެތަކެތި ލުން ލަސްނުކޮށް ވަގުތުން އެކަން ކުރުން. އެއީ އެހެން މީހެއްގެ ބިހާއި މަނި އޮޅި، އެހެންމީހަކަށް ބޭނުންކުރެވިދާނެ ކަމަށްޓަކައެވެ.
5. ފިރިމީހާގެ ދަރި ފަންޏާއި އަނބިމީހާގެ ބިސް އަނބިމީހާގެ ރަހިމަށް ލުން. މިނޫން ގޮތަކަށް މިކަން ހުއްދަވެގެންނުވެއެވެ.
6. މިކަން ކުރާ ޑޮކްޓަރުންނަށް ފުރިހަމަ އިތުބާރު އޮތުން.
އަންހެނާގެ ބިސް ޓެސްޓްޓިއުބަށް ލާ، ފިރިމީހާގެ މަނިން ފާޓިލައިޒް ކުރުމަށްފަހު އެ އަނބުރާ އަނބިމީހާގެ ރަހިމަށް ލުމުގެ ޙުކުމާ ބެހޭގޮތުން ޝައިޚް މުޙައްމަދު ބިން ޞާލިޙު އަލްޢުޘައިމީން رحمه الله އާ ސުވާލު ކުރެވުނެވެ.
ފަހެ، ޖަވާބުގައި ވިދާޅުވިއެވެ.

“ހ. މިކަމަށް ޙާޖަތެއް ނެތްނަމަ، ފަހެ އެއީ ހުއްދަކަމެއް ކަމުގައި ނުދެކެމެވެ. އެހެނީ ސުވާލުގައި ބުނިފަދައިން އެކަންކުރުމަށްޓަކައި ފުރަތަމަ ޖެހެނީ އަންހެނާގެ ބިސް ނެގުމަށްޓަކައި ސާޖަރީއެއް ހަދާށެވެ. މިކަމަށްޓަކައި ޙާޖަތެއް ނެތި އަންހެނާގެ އައުރަ ކަޝްފުކުރަން ޖެހެއެވެ. އެއަށްފަހު (އަލުން އަނބުރާ އަންހެނާގެ ރަހިމަށް ލުމަށްޓަކައި) ސާޖަރީ ހަދައެވެ. މިކަމުގެ ސަބަބުން ދުރު މުސްތަޤުބަލެއްގައި ނަމަވެސް ގެއްލުމެއްވެދާނެކަމުގެ ބިރު އެބައޮތެވެ. އެއީ ބިސް ދަތުރުކުރާ ހޮޅިއަށް ގެއްލުންވުން ނުވަތަ އިންފެކްޝަނެއް އުފެދުން ކަމުގައިވިޔަސްމެއެވެ.
ރަޙްމަތްލައްވާ އެންމެ ރަޙްމަތްވަންތަ އިލާހު އެކަން ޚަލްޤުކުރައްވާފައިވާ ޠަބީޢަތާ އެއްގޮތަށްވާން ދޫކޮށްލުމަކީ ﷲ އަށް އަދަބުވެރިވެވޭނެ އަދި މަޚްލޫޤުން ހޯދައިފައިވާ މަގުތަކަށްވުރެ ފުރިހަމަ ގޮތެވެ. އިންސާނުން ހޯދާފައިވާ މަގުތަކަކީ ރަނގަޅު ގޮތްތަކެއް ކަމަށް ފުރަތަމަ ހީވިކަމުގައިވިޔަސް ފަހުން އެކަން ކާމިޔާބު ނުވެދާނެއެވެ.

ށ. މިކަމަށް ޙާޖަތެއްވާނަމަ ފަހެ، އަންނަނިވި ޝަރުޠުތަކާއެކު އެކަން ކުރުމުގައި މައްސަލައެއް އޮތްކަމަށް ނުދެކެމެވެ.
ފުރަތަމައީ: ބިސް ފާޓިލައިޒް ކުރުމަށްޓަކައި ފިރިމީހާގެ މަނި ބޭނުންކުރުން. ފިރިމީހާ ނޫން އެހެން މީހެއްގެ މަނި ބޭނުންކުރުން ހުއްދައެއް ނޫނެވެ. އެއީ ﷲ ތަޢާލާގެ އަންނަނިވި ވަޙީ ބަސްފުޅުގައިވާފަދައިންނެވެ.
﴿وَاللَّـهُ جَعَلَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا وَجَعَلَ لَكُم مِّنْ أَزْوَاجِكُم بَنِينَ وَحَفَدَةً وَرَزَقَكُم مِّنَ الطَّيِّبَاتِ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَتِ اللَّـهِ هُمْ يَكْفُرُونَ﴾ [سورة النحل ٧٢]
މާނައީ: “އަދި ﷲ ތިޔަބައިމީހުންގެ ތެރެއިން، ތިޔަބައިމީހުންނަށްޓަކައި، އަނބިންލައްވާ އަދި ތިޔަބައިމީހުންގެ އަނބިންގެ ކިބައިން ދަރިންނާއި، ދަރިންގެދަރިން ލައްވާ އަދި ރަނގަޅު ޙަލާލު ތަކެތިން ތިޔަބައިމީހުންނަށް ރިޒުޤު ދެއްވިއެވެ. ފަހެ، އެއުރެން އީމާންވަނީ ބާޠިލަށް ހެއްޔެވެ. އަދި އެއުރެން ކާފިރުވަނީ ﷲގެ ނިޢުމަތަށް ހެއްޔެވެ.”
ފަހެ، އެކަމުގައި ދެމަފިރިން އެވަނީ ޚާއްޞަކުރައްވާފައެވެ.
ދެވަނައީ: ހުއްދަ މަގަކުން ފިރިމީހާގެ މަނި ބޭރުކުރުން. އަނބިމީހާއެކު އުފާޙާޞިލުކުރުމަށްފަހު ފިރިމީހާގެ މަނި ނެގިދާނެއެވެ. އަދި އެއަށްފަހު ބިސް ފާޓިލައިޒްކުރުމަށް އެ ބޭނުންކުރެވޭނެއެވެ.

ތިންވަނައީ: ބިސް ފާޓިލައިޒް ކުރުމަށްފަހު އަނބިމީހާގެ ރަހިމަށް ލުން. އެއްވެސް ޙާލެއްގައި އަނބިމީހާ ނޫން އަންހެނެއްގެ ރަހިމަށް އެބިސް ލުން ހުއްދަވެގެން ނުވެއެވެ. އެހެނީ އޭރުން ފިރިމީހާގެ މަނި އެލެވީ ހުއްދަ ނޫން އަންހެނެއްގެ ރަހިމަށެވެ. ފަހެ، ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿نِسَاؤُكُمْ حَرْثٌ لَّكُمْ فَأْتُوا حَرْثَكُمْ أَنَّىٰ شِئْتُمْ ۖ وَقَدِّمُوا لِأَنفُسِكُمْ ۚ وَاتَّقُوا اللَّـهَ وَاعْلَمُوا أَنَّكُم مُّلَاقُوهُ ۗ وَبَشِّرِ الْمُؤْمِنِينَ﴾ [سورة البقرة ٢٢٣]
މާނައީ: ” ތިޔަބައިމީހުންގެ އަނބިންނަކީ ތިޔަބައިމީހުންނަށްވާ ދަނޑުބިމެކެވެ. ފަހެ، ތިޔަބައިމީހުން ބޭނުންފަދައަކުން ތިޔަބައިމީހުންގެ ދަނޑުބިމަށް އަންނާށެވެ! (އެބަހީ: ނަސްލު އުފެދުމުގެ މަގު ޚިޔާރުކުރާށެވެ.) އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށްޓަކައި (ހެޔޮކަންތައް) އިސްކުރާށެވެ! އަދި ތިޔަބައިމީހުން ﷲއަށް ތަޤުވާވެރިވާށެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުންނީ އެކަލާނގެއާ ބައްދަލުވާނޭ ބަޔަކުކަން ތިޔަބައިމީހުން ދަންނާށެވެ! އަދި މުއުމިންތަކުންނަށް ކަލޭގެފާނު އުފާވެރިކަމުގެ ޚަބަރު ދެއްވާށެވެ.”
ފަހެ، ދަނޑުބިމޭ ވަޙީކުރައްވާފައި ވަނީ ފިރިހެންމީހާގެ އަނބިމީހާއަށް ނިސްބަތްކޮށެވެ. އެހެންކަމުން އޭނާގެ އަނބިމީހާ ނޫން މީހަކު އޭނާގެ ދަނޑުބިމަކަށް ނުވާނެއެވެ.”
[ مجموع فتاوى الشيخ العثيمين ١۷ / ص ٢۷، ٢٨]

ނުނިމޭ

_____________________________

މަޞްދަރު: އިނގިރޭސި ބަހުން / ޢަރަބި ބަހުން

މިލިޔުމުގެ އެހެންބައިތައް