[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ނައްޞުތައް މާނަކުރުމާ ގުޅޭ އުޞޫލީ ޤަވާޢިދުތައް 28

30ވަނަ ޤަވާޢިދު (ޖުމްލަ 189): نَفيُ الـمُسَاوَاةِ بَيْـنَ شَيْئَيْـنِ يَقْتَضِي العُمُومَ

މި ޤަވާޢިދުގެ ތަރުޖަމާ: {ދެ އެއްޗެއްގެ މެދުގައި ހަމަހަމަކަން ނަފީކުރުމުން ޢާއްމުވުން ލާޒިމުކުރޭ}

މި ޤަވާޢިދުގެ މުރާދު: ދެ އެއްޗެއްގެ މެދުގައި ހަމަހަމަ ނޫންކަމަށް ބުނެ، އެ ދޭތީގެ މެދުގައި ހަމަހަމަކަން އޮތުން ނަފީކޮށްފިނަމަ، އެއިން ލާޒިމުކުރަނީ އެއްވެސް ގޮތަކުން އެ ދޭތީގެ މެދުގައި ހަމަހަމަކަމެއް ނުވުމަށެވެ. އެހެންކަމުން، އެއިން ޢާއްމުކަމުގެ މާނަ ލިއްބައިދެއެވެ. މިއީ، ޝާފިޢީގެ ރައުޔެވެ. އަދި އެ ބޭފުޅާގެ އިސްދަރިވަރުންނަށް މި ރައުޔު ނިސްބަތްކުރެވިފައިވެއެވެ. އަދި އާމިދީއާއި އިބްނުލްޙާޖިބާއި އަލްމަޖިދު އިބްނު ތައިމިއްޔާއާއި އަބޫ ޔަޢުލާއާއި އިބްނުއްސުބުކީއާއި އަލްއިސްނަވީއާއި އައްޒަރުކަޝީ މި ރައުޔު އިޚްތިޔާރުކުރައްވާފައި ވެއެވެ.

މިއާ ޚިލާފަށް، އަބޫ ޙަނީފާއާއި އެ ބޭފުޅާގެ އިސްދަރިވަރުންގެ ނަޒަރުގައި، ދެ އެއްޗެއްގެ މެދުގައި ހަމަހަމަކަން ނެތްކަމަށް ބުނެފިނަމަ، ހުރިހާ ގޮތަކުން އެ ދޭތީގެ މެދުގައި ހަމަހަމަނުވުން ލާޒިމެއް ނުކުރެތެވެ. އަދި ކިޔެއްތަ! އެ ހާލަތުގައި އެ ދޭތީގެ މެދުގައި ހަމަހަމަނުވާނީ ބައެއް ގޮތްތަކުން އެކަންޏެވެ. އެހެންކަމުން، އެއިން ޢާއްމުކަމުގެ މާނަ ލިއްބައެއް ނުދެއެވެ. އަދި މި ރައުޔު، އަބުލްޙުސައިން އަލްބަޞަރީއާއި އައްރާޒީއާއި ޝައުކާނީ އިޚްތިޔާރުކުރައްވާފައިވެއެވެ.

މި ޤަވާޢިދުގެ މިސާލަކީ، ގިނަ ޢިލްމުވެރިންގެ އަރިހުގައި، މުސްލިމަކު ކާފިރަކު މަރައިލުމުން ބަދަލުގައި އެ މުސްލިމު މީހާ މަރައިނުލެވުމެވެ. ސަބަބަކީ، ޤިޞާޞް ބިނާވަނީ ހަމަހަމަކަމުގެ މައްޗަށް ކަމުގައި ވާއިރު، މުސްލިމަކާއި ކާފިރަކު ހަމަހަމަ ނުވާނެތީއެވެ. އެއީ، ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅާއި ގުޅިގެންނެވެ. (لا يَسْتَوِي أَصْحَابُ النَّارِ وَأَصْحَابُ الْجَنَّةِ) (ސޫރަތުލްޙަޝްރު: 20 ވަނަ އާޔަތުގެ އެއްބައި) މާނައީ: [ނަރަކައިގެ އަހުލުވެރިންނާއި، ސުވަރުގޭގެ އަހުލުވެރިން ހަމަހަމައެއް ނުވާނެތެވެ.] އަދި ކިޔެއްތަ! މަޢުޞޫމްކަމުގައި މުސްލިމު މީހާއަށްވުރެ ކާފިރުމީހާގެ ދަރަޖަ މާ ދަށެވެ. ކާފިރު މީހާގެ މަރައިލުމުން ބަދަލުގައި މުސްލިމު މީހާ މަރައިލެވިއްޖެނަމަ، އެ ދެ މީހުން ހަމަހަމަކަން ސާބިތުވާނެއެވެ. އެހެންނަމަވެސް، އާޔަތުގައި ހަމަހަމަކަން ނަފީކުރެވިފައިވާ ނަފީކުރުމުން ލާޒިމުކުރަނީ ހުރިހާ ގޮތަކުން ވެސް ހަމަހަމަވުން ނަފީކުރުމަށެވެ. މި ޤަވާޢިދުން ވެސް ލާޒިމުކުރަނީ އެ ގޮތެވެ.

{ލިޔުމުގެ އަޞްލު: معلمة زايد للقواعد الفقهية والأصولية}

= ނުނިމޭ =